18 May 2020

By: Ifraz Ali

ރިލްވާން މުހައްމަދު ޝަރީފް (ރިލޭ) ގިނަ މީހުނަށް އެނގޭނީ ބޭސިސްޓެއްގެ ގޮތުގަ އެވެ. އެކަމަކު މި ދުވަސްވަރު ރިލޭ އެންމެ މަގުބޫލީ ވަޔޮލިނިސްޓެއްގެ ގޮތުގަ އެވެ. އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓު ކުރި، މަޝްހޫރު ގައުމީ ލަވައެއް ކަމަށްވާ "އިލާހީ މި ބިން" ގެ އެކްސްޓެންޑެޑް ވަޔޮލިން ވާޝަން ވަރަށް ހާއްސަވި އެވެ. އަދި ލޮކްޑައުންގެ ތެރޭގައި އޭނާ ފޭސްބުކްގައި ޕޯސްޓުކުރަމުން އަންނަ އެކި ލަވަތަކުގެ ވަޔޮލިން ވާޝަންތަކުގެ ތެރެއިން ގިނަ މީހުނަށް އެންމެ ކަމުދިޔައީ ވެސް މި އެވެ.

ރިލޭގެ "އިލާހީ މި ބިން" އެކްސްޓެންޑެޑް ވަޔޮލިން ވާޝަން.

ބޭސިސްޓެއް އަދި ވަޔޮލިނިސްޓްގެ އިތުރުން ރިލޭ އަކީ އޭނާގެ އަމިއްލަ ބޭންޑް "ޓޯން ކްރޫ" ގެ ވޯކަލިސްޓެއް ވެސް މެ އެވެ. ފަސް މެމްބަރުންގެ މި ބޭންޑް ކުޅެނީ ރިސޯޓުތަކުގަ އެވެ. އެމީހުން މިއުޒިކް ކުޅޭ ރިސޯޓްތަކުގެ ތެރޭގައި ޝެރެޓަން މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް ހިމެނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް މި ބޭންޑުން ޕާފޯމްކުރި އެވެ.

ރިލޭ ރިސޯޓްގައި އޭނާގެ ބޭންޑް "ޓޯން ކްރޫ" އާއެކު ގިޓާ ކުޅެނީ: މި ބޭންޑް ކުޅެނީ ޝެރެޓަން މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް ރިސޯޓްގައި.

ދެހާހުގެ ކުރީކޮޅުން ފަށައިގެން މިއުޒިކް ކުޅެމުން އަންނަ ރިލޭގެ "ޓޯން ކްރޫ" ބޭންޑް އުފެއްދީ 2014 ގަ އެވެ. އެކަމަކު ވަޔޮލިން ކުޅެން ފެށީ އޭގެ ދެ އަހަރު ފަހުންނެވެ. އަދި އެ ބޭންޑުގެ ކުރިން ވެސް، އެހެން ބޭންޑުތަކާ އެކު ރިސޯޓްތަކުގައި އޭނާ މިއުޒިކް ކުޅުނެވެ.

ރިލޭ އޭނާގެ ބޭންޑް "ޓޯން ކްރޫ" ގެ ބައެއް މެމްބަރުންނާއި އަދި ރިސޯޓްގެ ބައެއް މީހުންނާއެކު.

"ރާއްޖޭގައި މި [ވަޔޮލިން] ކުޅޭ މީހުން މަދުވީމަ، އަމިއްލަ އަށް ވަން އިޔާ އަށް މިކަން ކުރަން ފުރަތަމަ ޗެލެންޖުކޮށްލީ. އެއީ މިކަން ފެށުނު ގޮތަކީ،" ވަޔޮލިން ކުޅެން ފެށީ އަމިއްލަ އަށް އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް ރިލޭ ބުންޏެވެ.

ވަޔޮލިން ކުޅެން ރިލޭ ދަސްކުރީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެންނެވެ.

ސްޕެނިޝް ޑްރާމާ "މަނީ ހައިސްޓް" އިން މަޝްހޫރުވި ސްޕެނިޝް ލަވަ "ބެލާ ޗާއޯ" ގެ ވަޔޮލިން ވާޝަން.

"ފުރަތަމަ ފެށިއިރު ވަރަށް ޗެލެންޖިން. ދަސްކޮށްދޭނެ މީހެއް ވެސް ނެތީމަ،" މިހާތަނަށް ދަސްވި ހުރިހާ އެއްޗެއް އެނގިފައި ހުރީ ޔޫޓިއުބުން ކަމަށް ރިލޭ ބުންޏެވެ.

މިހާރު ރިލޭ ރިސޯޓްތަކުގައި ވެސް ވަޔޮލިން ކުޅެ އެވެ. އަދި މިދިޔަ އަހަރުން ފެށިގެން އޭނާގެ ވަޔޮލިން ވީޑިއޯތައް ފޭސްބުކަށް ވެސް އަޅަ އެވެ. އާންމުންނަށް އޭނާގެ ހުނަރު ފެންނަން ފެށި އެހިސާބުންނެވެ.

ރިލޭގެ ބޭންޑް "ޓޯން ކްރޫ" ރިސޯޓްގައި ޕާފޯމްކުރަނީ.

ރިލޭގެ ފަހުގެ އެންމެ ހާއްސަ ވަޔޮލިން ވާޝަންތަކުގެ ތެރޭގައި އެމެރިކާގެ ބޭންޑް ކޯލްޑް ޕްލޭގެ "އެވަ ގުލޫ" އާއި އިމޭޖިން ޑްރެގަންސްގެ "ބިލީވާ" އާއި މަނީ ހައިސްޓްގެ "ބެލާ ޗާއޯ" ހިމެނެ އެވެ. އަދި ރިލޭގެ ފުރަތަމަ "އިލާހީ މި ބިން" ގެ ވާޝަނާ އެކު އެހެން ދިވެހި ލަވަތައް ކަމަށްވާ "އޯ ވަޒަން" އާއި ޒީރޯ ޑިގްރީގެ "އެން ވަގުވީ" ވެސް ވަރަށް ގިނަ މީހުނަށް ކަމުދިޔަ އެވެ.

ޒީރޯ ޑިގްރީގެ "އެންވަގު" ގެ ވަޔޮލިން ވާޝަން.

"ބޭރުގެ ލަވައެއް ނަމަ ބެކިން ޓްރެކް ލިބޭނެ ވަރަށް ފަސޭހައިން. އެކަމަކު ދިވެހި ލަވައެއްގެ އެހާ ފަސޭހައިން ނުލިބޭނެ،" އެހެންވެ ދިވެހި ލަވަތަކުގެ ވަޔޮލިން ވާޝަން ހަދަން ވަރަށް އުނދަގޫވާ ކަމަށް ރިލޭ ބުންޏެވެ.

އަޑު އަހައިލާށެވެ. ވަރަށް ހިތްގައިމެވެ.

ސޯޝަލް މީޑިއާ

Popular