28 Jul 2020

އޯ ވަޒަންގެ އޮކެސްޓްރާއެއް؛ 20 ގައުމަކުން 44 މިއުޒީޝަނުންނާ އެކު

އޯ ވަޒަންގެ އޮކެސްޓްރާއެއް؛ 20 ގައުމަކުން 44 މިއުޒީޝަނުންނާ އެކު

By: Ifraz Ali

މިއީ ދިވެހިންގެ ހިތުގައި ބިންވަޅުނެގިފައި އޮތް، އަބަދަށް ފެހި ލަވައެއްގެ ކަމަށްވާ "އޯ ވަޒަން" ގެ އޮކެސްޓްރާ ވާޝަންއެކެވެ. އެކި ކަންކޮޅުތަކުން 20 ގައުމެއްގެ 44 މިއުޒީޝަނުންނާ އެކު، އެކި ހިސާބުތަކުގައި ތިބި މިއުޒީޝަނުންނާ އެކު އޮކެސްޓްރާތައް ބާއްވާ އިނގިރޭސިވިލާތުގެ ބައެއް ކަމަށްވާ "ވަން އޮކެސްޓްރާ" އާއި ދިވެހި ވަޔޮލިނިސްޓް އަދި ބޭސިސްޓެއް ކަމަށްވާ މުހައްމަދު ޝަރީފް (ރިލޭ)، ގުޅިގެން ކުރި މި މަސައްކަތް ވަރަށް ފުރިހަމަ އެވެ.

މިނިވަން ދުވަހާ ދިމާކޮށް ނެރުނު މި އޮކެސްޓްރާ އަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބިއްޖެ އެވެ.

ރިލޭ އާއި ވަން އޮކެސްޓްރާ ގުޅިގެން ގެނެސްދިން "އޯ ވަޒަން" ގެ އޮކެސްޓްރާ ވާޝަން.

ރިލޭ މި ލަވައިގެ އޮކެސްޓްރާ ވާޝަންއެއް ހަދަން ބޭނުންވެގެން "ވަން އޮކެސްޓްރާ" ގެ ފައުންޑާ އަދި ކޮމްޕޯޒާ މައިކަލް އަމާޑީއާ އެކު މަޝްވަރާ ކުރަން ފެށީ މި އަހަރު މާޗު މަހުގެ ތެރޭގަ އެވެ. މި އޮކެސްޓްރާ ވާޝަން ކޮމްޕޯޒްކުރީ ވެސް، މިއުޒިކީ ދާއިރާ އިން އެވޯޑްތައް ކާމިޔާބުކޮށްފައިވާ މައިކަލް އަމާޑީ އެވެ.

ވަން އޮކެސްޓްރާގެ ބައެއް މެމްބަރުން.

"ވަރަށް އެނާޖެޓިކް ވާނެ އެމީހުންގެ ޕްރެޒެންޓޭޝަން. ހީވެސް ނުކުރާހާ ސަޅިކޮށް އެމީހުން ގެނެސްދީފައި އެ ހުރީ. ފުރަތަމަ ހީކުރީ ހަމައެކަނި މިއުޒިކް ކަމަށް ކުޅޭނީ. އެކަމަކު މެދު ތެރެއިން އެމީހުން ލަވަކިޔަން ވެސް ކީ،" މި އޮކެސްޓްރާ ތައްޔާރު ކުރުމަށް އެމީހުން އަމިއްލައަށް، މި ލަވަ ވަރަށް ބޮޑަށް ރިސާޗްކޮށްފައި ވެސް ވާ ކަމަށް ރިލޭ ބުންޏެވެ.

"މިއީ ރާއްޖެ އަށް ވެސް ލިބުނު ވަރަށް ބޮޑު އެކްސްޕޯޒާއެއް. އަސްލަށް ބުނަންޏާއި މީގެ ފިނިޝްޑް ވޯކް ފެނުމުން ފެންކަޅިވި. އެހާ ވެސް ސަޅިކޮށް ގެނެސްދީފައި އިނީ. އަދި މި އޮކެސްޓްރާ އަށް ލިބުނު ސަޕޯޓާ އެކު އެމީހުން ވެސް ތިބީ ވަރަށް އުފަލުން،" ރިލޭ ބުންޏެވެ.

ވަން އޮކެސްޓްރާގެ ފައުންޑާ އަދި ކޮމްޕޯޒާ މައިކަލް އަމާޑީ.

"ހަމަ ފުރަތަމަ ވެސް ބޭނުންވި ގޮތަށް މިނިވަން ދުވަހަށް މި އޮކެސްޓްރާ ނިންމާލެވުނީ."

"ރިލޭ އަހަންނަށް ގުޅި ހިސާބުން ވަރަށް ބޮޑަށް އިންސްޕަޔާވި. މި ޕްރޮޖެކްޓްގެ މަގުސަދަކަށްވީ މިއުޒިކް މެދުވެރިކޮށް އެންމެން އެއް ތަނަކަށް ގެނެސް އަދި މިފަދަ ދިވެހި ގައުމީ ލަވައަކާ އެކު ރާއްޖޭގެ ސަގާފަތް ދިރުވުން،" މި އޮކެސްޓްރާއާ ބެހޭގޮތުން އަމާޑީ ބުންޏެވެ.

ވަން އޮކެސްޓްރާ.

ރިލޭ އާއި "ވަންއޮކެސްޓްރާ" އިން މި ލަވަ ގެނެސްދިނީ "ވިޒިޓް މޯލްޑިވްސް" ގެ ޕާޓްލީ ސްޕޮންސާޝިޕާ އެކު އެވެ.

Popular