11 Oct 2020

ވާތީ މަ ކައިރީގައި: ކޮޕީކުރަމުން ގޮސް އަސްލު އޮޅިއްޖެ

މި ލަވައިގެ އަސްލު ރާގަކީ ހިންދީ އަދި އިނގިރޭސި ރާގެއް ވެސް ނޫން

މި ލަވައިގެ އަސްލު ރާގަކީ ހިންދީ އަދި އިނގިރޭސި ރާގެއް ވެސް ނޫން

By: Ifraz Ali

"ވާތީ މަ ކައިރީގައި" އަށް ލިބުނު މަޝްހޫރުކަން ގުޅިފައި އޮތީ، ކުރީގެ ކުޅަދާނަ ލަވަކިޔުންތެރިން ކަމަށްވާ، އަލީ ރަމީޒާއި ފަޒީލާ އާމިރާ ކަމަށް ވެސް ވެދާނެ އެވެ. އަދި ދިވެހިންގެ މެދުގައި މި ލަވަ މަޝްހޫރުވީ ވެސް ވަރަށް ރީތި ހިންދީ ރާގަކަށް ހެދި ލަވައެއްގެ ގޮތުގަ އެވެ. ބައެއް މީހުންނަށް ހީވެފައި އޮތީ އަމިއްލަ ރާގެއް ކަމަށެވެ. ލަވައިގެ ޅެމަށް ލިބުނު ލޯބި ވެސް އެހާ ބޮޑުވި އެވެ. -- އޭގެ އަހަރުތަކެއް ފަހުން، އަނެއްކާ ވެސް މި ލަވައިގެ ވާހަކަ އެބަ ވަރަށް ގަދައަށް ދެކެވެ އެވެ. ދެކެވޭ ވާހަކަ އަކީ މިއީ އިނގިރޭސި ލަވައެއްގެ ކޮޕީއެއް ކަމަށެވެ. އެއީ އިނގިރޭސި ލަވަކިޔުންތެރިޔާ މާޓީ ރޮބިންސްގެ "ލަވް އިޒް ބްލޫ" ކިޔާ ލަވައެކެވެ.

އެކަމަކު އަހަރެމެން ބެލިބެލުމުން އެނގުނީ އަދިވެސް މި އުޅެނީ "އޮޅުމެއް" ކަމެވެ.

ކުރީގެ ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އާއި މޫސާ ޒަކަރިއްޔާ ފެންނަ "ވާތީ މަ ކައިރީގައި" ލަވައިގެ މަންޒަރެއް.

ދިވެހި ލަވައިގެ ވީޑިއޯ އިން ފެންނަނީ ކުރީގެ ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އާއި މޫސާ ޒަކަރިއްޔާ އެވެ. މި ލަވަ ހިމެނުނީ މި ދެ ތަރިން ލީޑު ކުޅުނު، 1997 ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "ލައިލާ" ގަ އެވެ. އެއީ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް، އާފަތިސް ނޫހުން ޕްރޮޑިއުސްކުރި ފިލްމެކެވެ. އަދި ނަހުލާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެ ފިލްމަކީ އޭނާގެ އަލަތު ފިލްމީ މަސައްކަތެވެ.

p-Parker · Vaathee Ma Kaireega - Ali Rameez & Fazeela

މީގެ ހިންދީ ރާގަކީ 1990 ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "އާޖް ކޭ ޝެހެންޝާ" ގެ ލަވައެކެވެ. ޗަންކީ ޕާންޑޭ އާއި ސޯނަމް ވީޑިއޯ އިން ފެންނަ "ހަމް ދޯނޯ އަކޭލޭ ހޯން" ކިޔާ މި ލަވަ ކިޔާފައި ވަނީ ބައްޕީ ލަހްރީ އާއި އަނޫރާދާ ޕޮދުވާލް އެވެ. ދިވެހި ލަވައިގެ ރާގު ބޮޑަށް ވައްތަރު ވަނީ ވެސް މި ހިންދީ ރާގަށެވެ. އެހެންވެ، ބެލެވެނީ ދިވެހިން މި ލަވަ އުފެއްދީ ހިންދީ ރާގަށް ބަލައިގެން ކަމަށެވެ. އަދި ކުރީގެ ގިނަ ދިވެހި ލަވަތައް، ހިންދީ ރާގުތަކަށް ހަދާފައި ވާތީ މިކަމާ ދެބަސްވެވޭކަށް ވެސް ނެތެވެ.

މިއީ އަސްލު ފްރެންޗް ރާގެއް!

"ލަމޫ އެ ބްލާ" -- މިއީ އޮރިޖިނަލް ލަވައިގެ ނަމެވެ. ފްރެންޗް ރާގެކެވެ. ފްރާންސްގެ މިއުޒިކް ކޮމްޕޯޒާ އެންޑްރޭ ޕޮޕް، 1967 ވަނަ އަހަރު އުފެއްދި ރާގެކެވެ. ނުލާއި އަޅިކުލައިން ލޯބީގެ އުފަލާއި އަރާމު ސިފަކޮށްދޭ މި ލަވައިގެ ލިރިކްސް ލިޔުނީ ފްރާންސްގެ ޅެންވެރިޔާ ޕިއާ ކޯރް އެވެ. ފްރެންޗް ބަހުން ފުރަތަމަ މި ލަވަ ކިޔާފައި ވަނީ ގްރީކުގެ ލަވަކިޔުންތެރިޔާ ވިކީ ލީންޑްރޯސް އެވެ.

ވިކީ ލީންޑްރޯސް ކިޔާފައިވާ "ލަވް އިޒް ބްލޫ" ގެ ފްރެންޗް ލަވަ.

ވިކީ ލެންޑްރޯސް ވަނީ ޔޫރޯވިޝަން ސޯންގް ކޮންޓެސްޓްގެ ނަމުގައި 1967 ވަަނަ އަހަރު އޮސްޓްރިއާގައި ބޭއްވި ޔޫރަޕްގެ ގައުމުތަކަށް ހާއްސަ ލަވަ މުބާރާތެއްގައި ވެސް މި ލަވަ ކިޔައިފަ އެވެ. އެކަމަކު އެ މުބާރާތުގައި އޭނާ މި ލަވަ ކިޔާފައި ވަނީ އިނގިރޭސި ބަހުންނެވެ. "ލަވް އިޒް ބުލޫ" ގެ ނަމުން މި ލަވަ މަޝްހޫރުވީ ވެސް އެހާ ހިސާބުންނެވެ. އެ މުބާރާތުގައި ވިކީ މި ލަވަ ހުށަހަޅައިދިނީ ލަކްސަމްބާގްގެ ފަރާތުންނެވެ.

ވިކީ ލީންޑްރޯސް ކިޔާފައިވާ "ލަވް އިޒް ބްލޫ" ގެ އިނގެރޭސި ލަވަ.

ފްރެންޗް ލަވަ އާއި އިނގިރޭސި ލަވައިގެ ލިރިކްސް ވެސް ތަފާތެވެ. އިނގިރޭސި ލަވައިގައި ނޫ، އަޅި، ރަތް، ފެހި އަދި ކަޅު، މި ފަސް ކުލަ ބޭނުންކޮށްގެން ސިފަކޮށްދެނީ މީހަކަށް ގެއްލުނު ލޯތްބެކެވެ.

އޭގެ ފަހުން ވަރަށް ގިނަ މިއުޒީޝަނުން ވަނީ މި ލަވަ ރިކޯޑްކޮށްފަ އެވެ. އަދި ކަވަ ލަވަތައް ވެސް ވަނީ ނެރެފަ އެވެ. މީގެ ތެރެއިން އެންމެ މަޝްހޫރުވީ ފްރާންސްގެ އޮކެސްޓްރާ ލީޑަރެއް ކަމަށްވާ ޕޯލް މޯރިޓް ހަމަ 1967 ވަނަ އަހަރު ނެރުނު އޭނާގެ ވާޝަނެކެވެ. މި ރާގަށް ކަވާ ލަވަތައް ހެދި އިތުރު އާޓިސްޓުންގެ ތެރޭގައި އިނގޭރިސި ލަވަކިޔުންތެރިޔާ އަލް މާޓީނޯ، އިނގެރޭސި ގިޓަރިސްޓް ޖެފް ބެކް، ފްރެންޗް ލަވަކިޔުންތެރިޔާ ކްލޯޑިން ލޯންގެޓް އަދި އެމެރިކާގެ އާރްބީ ގްރޫޕް "ދި ޑެލްސް" ވެސް ހިމެނެ އެވެ.

މާޓީ ރޮބިންސްގެ ކިޔާފައިވާ މި ލަވައިގެ ކަވާ ނިކުތީ 1968 ވަނަ އަހަރު އެވެ. މިދިޔަ ޖުލައި މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި، އެމީހުންގެ އޮރިޖިނަލް ސީރީޒް "ދި އަންބްރެއްލާ އެކަޑެމީ" ގެ ދެ ވަނަ ސީޒަންގެ ސައުންޑްޓްރެކްގައި ވެސް މާޓީ ރޮބިންސްގެ މި ލަވަ ވަނީ ހިމަނައިފަ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ދިވެހި ފިލްމް އައިޝަތު ޝިރާނީ

Popular