19 Oct 2020

By: Ahmed Nadym

ކޯވިޑްގައި އެންމެ ވެސް މިތިބީ ވަރަށް ބޮޑަށް "ފިތިފަ" އެވެ. އަޅުގަނޑުމެންގެ "ޖޭމްޑް" ސެގްމަންޓަކީ އެގޮތަށް ފިތިފައި ތިބި އާޓިސްޓުންގެ ކަންބޮޑުވުމާއި އިހުސާސްތައް އަދި ކޯވިޑްގެ މި ހާލަތާ އެ މީހުން ކުރިމަތިލާ ގޮތް ކިޔައިދޭ ސިލްސިލާ އެޕިސޯޑްތަކެކެވެ. އެގޮތުން މިފަހަރުގެ އެޕިސޯޑުގައި މި ގެނެސްދެނީ ރިސޯޓް މިއުޒިކުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "ސްކައިރޮކް" ބޭންޑްގެ މުހިންމު ދެ މެމްބަރުން ކަމުގައިވާ، ގިޓަރިސްޓް ޒަޔާން ފައިސަލް އާއި އޭނާގެ އެކުވެރި އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ އަބްދުﷲ ފަރުހާން (ފައްފު) އެވެ.

ޒަޔާން އަކީ މަލްޓިމީޑިއާގެ ދާއިރާ އިން ކިޔެވުމަށް ފަހު މިއުޒިކްގެ ދުނިޔެ އަށް ވަދެ އޭގެ ޖާދޫގައި ޖެހިފައިވާ ޒުވާނެކެވެ. ހުނަރުން ފުރިގެންވާ މި ޒުވާނާ އާއި ފައްފު އެންމެ ފުރަތަމަ ދިމާވީ ވެސް ރިސޯޓް މިއުޒިކްގެ ތެރެއިންނެވެ. އާމްދަނީ ހޯދުމަށް ކޮންމެ ހަފުތާއަކު ވެސް މީގެ ކުރިން އަބަދުވެސް ގޮސް މިއުޒިކް ކުޅޭ ޒަޔާން އާއި ފައްފު "ސްކައިރޮކް" ބޭންޑާ އެކު ފެނިގެން ދިއުމުގެ ކުރިން އުޅުނީ އެމީހުންގެ އަމިއްލަ ބޭންޑެއް ކަމުގައިވާ "ސޯލްބެރީ" ގައެވެ. "ސޯލްބެރީ" މި ވަގުތަށް ހުއްޓިފައި އޮތަސް ފައްފު އަދި ޒަޔާން ވެސް ބުނަނީ ބޭންޑް އުވުނީކީ ނޫން ކަމަށެވެ. "ސްކައިރޮކް" އާ އެކު އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނައިރު މި ދެ އާޓިސްޓުންނަކީ އެމީހުންގެ ސޯލޯ ކެރިއަރަށް ވެސް ބޮޑު ސަމާލުކަމެއް ދޭ ދެ އާޓިސްޓުންނެވެ. އެގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ހުރި ކަމަށް ބުނެއެވެ.

ފައްފު އާއި ޒަޔާންގެ "ޖޭމްޑް" ސެޝަން. --ވިޑިއޯ އަދި އެޑިޓިން: އަބްދުﷲ އައުރަފް

އެކަމަކު އެ ހުރިހާ ވާހަކަ އަކާއި އާޓިސްޓުންގެ ޕްރޮފައިލް ލިޔުމުން ގެނެސްދޭ ސެގްމަންޓަކަށް "ޖޭމްޑް" ނުވާތީ މިވަރުގެ އިންޓްރޯއަކުން ނިންމާލާފައި ވީޑިއޯ ޕްލޭކޮށްލަމާ ހިނގާށެވެ. މިފަހަރުގެ އެޕިސޯޑް ވެސް ޝޫޓްކޮށް އެޑިޓްކުރީ އަބްދުﷲ އައުރަފެވެ.

ވަރަށް ސަލާމެވެ!

Popular