12 May 2021

By: Ifraz Ali

ތުއްތު ދަރިފުޅު މަސަލަސްކުރަން ނުވަތަ ނިންދަވަން މިހާރު ގިނަ މައިންބަފައިން އިނގިރޭސި ލަވަ ނުވަތަ ރައިމްސް ބޭނުންކުރި ނަމަވެސް، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އެކަން އެގޮތަށް ކުރާކަށް ބޭނުމެއްނުވި އެވެ. އޭގެ ބަދަލުގައި ކިޑީ ބޭނުންވީ މުޅިން ވެސް ދިވެހި ލަވަތައް، އޭނާގެ އަލަތު ދަރިފުޅަށް ކިޔައިދޭށެވެ. އެ ހިޔާލުގެ ތެރެއިން އުފަންވީ ކުޑަކުދިންގެ ޚާއްސަ ލަވަތަކެއް ހިމެނޭ ނާނާ އަލްބަމެއް ކަމަށްވާ "އުދުހިލާ" އެވެ.

ދަރިފުޅުގެ އުފަންދުވަހާ ދިމާކޮށް މި އަލްބަމް މިއަދު ވަނީ ރިލީޒްކޮށްފަ އެވެ. މި އަލްބަމް ރިލީޒްކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

މި އޯޑިއޯ އަލްބަމްގައި 8 ލަވައެއް ހިމެނެ އެވެ. އޭގެ ތެރެއިން ހަ ލަވައަކީ ނާނާ އެވެ. ދެން ހިމެނެނީ ކަވަ ލަވައަކާއި އިންސްޓްރޫމެންޓަލް ލަވައެކެވެ.

"އުދުހިލާ" ގެ ޓްރެއިލާ.

ކަވަ ލަވައެއްގެ ގޮތުގައި ގެނެސްދީފައިވާ "ނާނާ" ކިޔާފައި ވަނީ ކިޑީއާ އެކު އޭނާގެ މަންމަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ޝަފީގާ އެވެ. އެއީ ރަންޒަމާނުގެ ލަވަކިޔުންތެރިޔާ ޖޭމް ދޮންކަމަނަގެ "ނާނާ" ގެ ކަވާ އެކެވެ. މި ލަވަ ވަނީ އަލްބަމް ނެރުމުގެ ކުރިން މިދިޔަ އަހަރު ރިލީޒްކޮށްފަ އެވެ.

ކިޑީގެ ފިރިމީހާ އަދި އޭނާގެ މެނޭޖަރު އިބްރާހިމް ހަމީޝް ބުނީ މި ނާނާ އަލްބަމަކީ ވަރަށް ޚާއްސަ މަސައްކަތެއް ކަމަށާއި އަދި އަންނަ އޮތް ޖީލުތަކަށް މި ރީތި ނާނާތައް ވާސިލުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ދިވެހި ބަހުން ހުންނަ ނާނާތައް މަދު ކަމަށާއި އެހެންވެ މި މަސައްކަތަކީ ދިވެހި ސަގާފަތައް ވެސް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

Unoosha · "Naanaa" (Jeymu Dhonkamana Cover) - Unoosha & Barchie feat Shafeega
"އުދުހިލާ" އަލްބަމްގެ ފުރަތަމަ ލަވަ "ނާނާ".

"މިއީ ކިޑީގެ ވަރަށް ޕާސަނަލް އަލްބަމެއް އެހެންވެ ކިޑީ ބޭނުންވަނީ އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން އެހެން އާއިލާތަކަށް ދޭ ލޯބި ހަދިޔާއަކަށް މި އަލްބަމް ވުން،" ހަމީޝް ބުންޏެވެ.

ކިޑީ މި އަލްބަމްގެ މަސައްކަތް ފެށީ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު، މިއުޒީޝަން ބާޗީގެ ވެސް އެހީތެރިކަމާ އެކު އެވެ. މިއީ ކިޑީ އާދި ބާޗިގެ ފުރަތަމަ ލަވަ އަލްބަމް ވެސް މެ އެވެ.

"ބަނޑުބޮޑުއިރު ކިޑީ އާއި ބާޗި ބޭނުންވީ ތަފާތު އަދި ހާއްސަ މަސައްކަތެއް ކުރަން. އެގޮތުން އުފެއްދި އަލްބަމެއް މިއީ. ވިހެއުމުގެ ކުރިން ލަވަތައް ރިކޯޑުކޮށް ހުރިހާ ކަމެއް ކުރީ،" ދޯ އަށް ކުރިން ދިން އިންޓަވިއުއެއްގައި ހަމީޝް ބުނެފައިވެ އެވެ.

ދިވެހި އާޓިސްޓުންނާއި ގްރެފިކް ޑިޒައިނަރުންނާ ގުޅިގެން މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ކިޑީ އާއި ހަމީޝްގެ އަލަތު ދަރިފުޅަށް ހާއްސަކޮށްގެން ލަވަ އަލްބަމެއް ނެރުނުއިރު، މި ދެމަފިރިން ފާހަގަކުރަމުން އަންނަނީ އެމީހުންގެ ކައިވެނީގެ 11 ވަނަ އަހަރެވެ. ކިޑީ އާއި ހަމީ ކައިވެނިކޮށްފައި ވަނީ 7 ޑިސެމްބަރު 2008ގަ އެވެ. އޭގެފަހުން ހަމީ ވެފައި ވަނީ ކިޑީގެ ހަޔާތުގެ ބައިވެރިޔަކަށް އެކަންޏެއް ނޫނެވެ. އޭނާ އަކީ ލަވައިގެ ދުނިޔޭގައި ކިޑީގެ މެޖޭނަރުގެ އިތުރުން އެންމެ ބޮޑު ސަޕޯޓަރު ވެސް މެ އެވެ.

މި ލަވަތައް ވަރަށް އަވަހަށް އެކި ޕްލެޓްފޯމުތަކުން އަޑުއަހާލަން ލިބޭނެ އެވެ.

ކުޑަކުދިން މަރިޔަމް އުނޫޝާ (ކިޑީ) އިބްރާހިމް ހަމީޝް (ހަމީ)

Popular