23 Jul 2019

ވިއްސާ ކޮޓަރީގައި ދެއްކި މަޖާ ވާހަކައެއް ކިޔައިދީބަލަ!

By: Aishath Maaha

ވިހަން ބަނޑުގައި ރިއްސާއިރު އެ އަޅާ ވޭނަކީ އޭގެ ތަޖުރިބާ ނުކުރާ މީހަކަށް އިހުސާސް ކުރެވޭނެ ވޭނެއް ނޫނެވެ. އެއީ މަޖާ ކަމެއް ނޫނެވެ. އެކަމަކު ފަހުން ހަނދާން އާކޮށްލުމުން، މިކަމާ ގުޅުން ހުރި މަޖާ ކަންކަން ހުންނާނެކަން ޔަގީނެވެ.

ކިޔޭ ނުކިޔޭއެއް ނޭނގޭ ވަރަށް ތަދު އަރާއިރު ފަހުން މަޖާކޮށްލާނެ އެތައް ކަމެއް ވެސް އެ ވަގުތު ހިނގާފައި ހުންނާނެ އެވެ ގާތުގައި ތިބީ ކޮން ބައެއް ކަމެއް އެ މީހުން ދެއްކީ ކޮން ވާހަކައެއް ކަމެއް އެނގޭވަރަށް ވުރެ ވެސް ބައެއް މީހުންގެ ހާލު ދެރަވެ އެވެ.

ބައެއް މީހުން ބުނީ ވިހަން ބަނޑުގައި ރިއްސާއިރު ފިރިމީހާގެ ހާލު މާ ބޮޑު ކަމަށެވެ. އެގޮތުން އެއްތަނުގައި މަޑުން ނުހުރެވުމާއި، މާބޮޑަށް ދާހިއްލާ ފާހާނާ އަށް ދާންޖެހޭ ފިިރިހެނުން އުޅޭ ކަމަށެވެ.

މިއީ ބައެއް މީހުން ކިޔަދިން މަޖާ ވާހަކަތަކެކެވެ.

"އޭރުވެސް ބުނިން މިކަމެއް ނުވާނޭ މަށަކަށް"

"އަހަރެން ލޭބަރޫމްގައި އޮތް އިރު ކަައިރީގައި އޮތް އެހެން އަންހެނެއް ބާރު ބާރަށް އޭނަގެ ފިރިމީހާއަށް ގޮވަނީ. ދެން ނަރުސް ކުއްޖާ ބުނެފި އޭނަ އަށް ގޮވާނެ ކަމެއް ނެތޭ މިއީ ހުސް އޭނަގެ ކަންތަކޭ ކިތައް ވަނަ ކުއްޖާހޭ މީ. ދެން އޭނަ ބުނެފި އަހަންނަކަށް ނޭނގެއޭ ދެން ނުވާނޭ މިކަމެއް."

"ދެން ދުވަހަކުވެސް ނުވާނޭ ބުނިން"

"ފުރަތަމަ ކުއްޖާ ވިހާފަ ފިރިމީހާ ކައިިރީ ބުނިން ދެން ދުވަހަކު ވެސް ނުވިހާނަމޭ. ފިރިހެން ކުއްޖަކު ބޭނުންވެއްޖެޔާ ކުޑަކުދިން ހިޔާ އިން ކުއްޖަކު ގެންނާނީ އޭ."

"ދެން ދުވަހަކު ވެސް މަށާ ވާހަކަ ދައްކައިގެން ނުވާނެ"

"ލޭބާ ރޫމްގައި އޮތްއިރު އެންމެ ބޮޑަށް ތަދުއެރި ގަޑީގައި ފިރިމީހާ ހުރި ކައިރީގައި. އޭނަ އަހަނީ މިހާރު ކިހިނެއް ހެއްޔޯ ހާލު އަހަރެން ގާތަށް އައި ރުޅީގައި ބުނިން ދުވަހަކު ވެސް ދެން މަށާ ވާހަކަ ދައްކައިގެން ނުވާނޭ. ހަމަ މިހާރު ނުކުންނާށޭ."

"ވިހާނީ ނިދާލާފަ"

"ވިހަން އޮތްއިރު ހަމަ ނިދި އަންނަނީ. އޭރު ތިން ރޭ ވެއްޖެ ރަނގަޅަށް ނުނިދޭތާ. ދެން އަހަރެން ބުނެފިން ނުވާނޭ މިކަމެއް ނިދި އަންނަނީ އޭ ނިދާލިޔަ ދީބަލަށޭ. ނިދާލާފަ ހޭލާފައޭ ވިހާނީ. އެގަޑީގައި ޑޮކްޓަރު ވަރަށް ލޯބިން ބުނަނީ ދެން ކާކުހޯ ވިހާނީ މަޑެއް ނުކުރެވޭނެޔޯ. އަހަރެން ގާތަށް ވަރަށް ރުޅި ވެސް އައިި."

"އެހެން މީހުން ރޯތީ ހަމަ ރޮވެނީ"

"ލޭބަރޫމަށް ގެންދިޔައިރު އިވޭ މީހުން ރޮއެ ހަޅޭއްލަވާ އަޑު. އޭރު އެހާ ގަދަޔަކަށް ނުވެސް ރިއްސާ. އެކަމަކު ރޮވެނީ ހަމަ. ނަރުސް ކުއްޖަކު އައިސް ބަނޑުގައި ރިއްސަނީހޭ. އެހީމަ ބުނިން ނޫނެކޭ. ބިރުގަންނަނީ ހޭ އެހީމަ ބުނިން ނޫނެކޭ. ދެން އަހަނީ ކީއްވެހޭ ތި ރޮނީ ދެން އެހާ ވަރަށް. އަހަރެން ބުނީ އެހެން މީހުން ރޯތީ ރޮވެނީ އޭ."

"ބޭބީ ... ބޭބީ ... އެއީ އެހެން ބޭބީއެއް"

"އަހަރެން ލޭބަރޫމްގައި އޮތްއިރު މަންމަ ވެސް ހުރި ކައިރީގައި. އޭރު ޖެހިގެން އޮތް އެނދުގައި އޮތް އަންހެން ކުއްޖާ ގޮވަނީ ބޭބީ އޯ ބޭބީ އޯ ނުވިހޭނެޔޯ ތިމަންނައަކަށް، އޭރު ވެސް ބުނީމެއް ނޫންހޯ ނުވާނޭ ވަރަށް ތަދުވެޔޭ. އެއަޑު އިވިގެން މަންމަ އަހަރެން ގާތުގައި ބުނަނީ ބޭބީ އަށް ގޮވިއަސް އަޅެ އިނގޭހޯ އަދި އެކުއްޖާ ނުވެސް ވިހައެއް ނޫން ހޯ. ދެން އަހަންނަށް ޖެހުނީ އޭނަ ބޭބީއޭ އެކިޔަނީ ފިރިމީހާއަށް ކަން."

"ބޭބީ ނުކުންނަނީ"

"އަހަރެން ގޭގައި ހުއްޓާ ބަނޑުގައި ރިއްސަން ފެށީ. އެމްބިއުލާންސްގައި ހޮސްޕިޓަލާއި ހަމައަށް ދެވުން އިރު ވެސް އަހަރެން އޮތީ ބޭބީ ނުކުންނަނީ އޭ ގޮވަ ގޮވާ. ފަހުން ވަރަށް ހިނި އައި އެކަމާ."

ލޭބާރޫމް ތެރޭގައި މިކަހަލަ މަޖާ އެތައް ވާހަކައެއް ދެކެވިފައި ހުންނާނެ އެވެ. އެކަމަކު އަދިވެސް އެއްފަހަރު ބުނަމެވެ. މިއީ މަޖާ ކަމެއް ނޫނެވެ.

މާބަނޑުވުން

Popular