20 Dec 2021

By: Ahmed Jaishan

އާޓަކީ ވަރަށް ފުޅާ ދާއިރާއެކެވެ. އެކި މީހުން އާޓުގެ ތެރޭގައި ގެންގުޅޭނީ ތަފާތު ސްޓައިލްތަކާއި ޓެކްނީކްތަކެވެ. އީހާބް އަބްދުﷲ އެ ޓެކްނީކްތަކުގެ ތެރެއިން މި ދައްކާލި "އެބްސްޓްރެކްޓް" އާޓް ވަރަށް ތަފާތެވެ. އީހާބްގެ ތަފާތު އާޓުން ކިޔައިދެނީ އޭނާގެ ހަޔާތުގެ އެކި ވާހަކަތަކެވެ.

"އިން ކޮންޓްރަޑިކްޝަން"ގެ ނަމުގައި އީހާބް މިހާރު އާޓް ގެލެރީގައި ކުރިއަށް ގެންދާ އެގްޒިބިޝަނަކީ އޭނާގެ ސޯލޯ އެގްޒިބިޝަނެކެވެ.

މިތަން ބަލައިލުމުން ފުރަތަމަ ފެންނާނީ ވަރުގަދަ ކުލަތަކެއް ޖައްސާފައި ހުރި އެބްސްޓްރެކްޓް ސްޓައިލުގެ ބޮޑެތި ކުރެހުންތަކެކެވެ. ކެންވަސްގައި އޮއިލް އަދި އެކްރެލިކް ކުލަ ބޭނުންކޮށްފައި ހުރި ކުރެހުންތައް ފުރަތަމަ ނަޒަރުން ވަރަށް ސިމްޕަލްހެން ހީވިޔަސް އޭގެ ފުންމިން އެނގޭނީ ކައިރިން ބަލައި ވިސްނާލުމުންނެވެ؛

އެކި ކުލަތައް އެކި ލޭޔަރަށް ޖައްސާފައި ހުރިތަން ފެންނާނެ އެވެ. ކުލަ ޖެއްސުމުގެ ސްޓައިލުންނާއި ބްރަޝް ސްޓްރޯކްސް ތަކުން ވެސް ގިނަ މާނަތަކެއް ދޭހަވެ އެވެ. އީހަބް ބުނި ގޮތުގައި 60ގެ އަދި 70ގެ އަހަރުތަކުގައި އެމެރިކާގެ ޕެއިންޓަރުން ގެންގުޅުނު އާޓް ސްޓައިލު ވަރަށް ކަމުދެ އެވެ. އެ މީހުންގެ މަސައްކަތުން ހިޔާލު ލިބުނެވެ.

އެ ކުރެހުންތަކުގައި އެ ހުރީ އީހާބް، ސްރީ ލަންކާ އާއި ތުލުސްދޫ އަދި މާލޭގައި ކުރި ތަޖުރިބާތަކެވެ. އީހަބް ބުނި ގޮތުގައި އޭނާގެ ކުރެހުންތަކުގެ މައިގަނޑު ފޯކަސް އަކީ "ލައިފް އިން މާލެ" އެވެ. މާލޭގައި އުޅޭއިރު ދިމާވާ ދަތިތަކާއި އުފާވެރި ކަންތައްތައް އެބްސްޓްރެކްޓް ސްޓައިލަކަށް އޭނާ ދައްކާލަން ބޭނުންވި އެވެ.

"އާޓު މެދުވެރިކޮށް ކޮންމެވެސް ކަހަލަ ވާހަކައެއް ކިޔައިދޭން ބޭނުންވީ. ކޮންމެ އާޓްވޯކެއްގައި ވެސް ކޮންމެވެސް ކަހަލަ މެސެޖެއް ހުންނާނެ،" އީހާބް ކިޔައިދިނެވެ. އޭނާ ބުނީ އާޓްވޯކްތަކުގެ ތެރޭގައި ގިނައިން ހުންނާނީ މެންޓަލް ހެލްތާ ގުޅޭ ވާހަކަތައް ކަމަށެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ނިންމި ކުރެހުންތަކުގައި މޫނުގެ ސިފަތައް ފޮރުވިފައި ހުރި ޕޯޓްރެއިޓްތަކެއް ވެސް އެބަ ހުއްޓެވެ. ދޭހަކޮށްދެނީ އާއިލާ މެމްބަރުން ގިނަ ދުވަސްތަކެއް ވަންދެން ނުފެނި، މާސްކްގެ ސަބަބުން މީހުންގެ ފުރިހަމަ ސިފަ ގެއްލިގެން ދިއުން ކަމަށް އީހަބް ބުންޏެވެ.

.

އާޓް ގެލެރީގައި ކުރިއަށްގެންދާ އާޓް އެގްޒިބިޝަންގައި އޭނާގެ 15 އާޓްވޯކެއް އެބަހުއްޓެވެ. މި ކުރެހުންތައް ވިއްކަން ހަމަޖެހިފައި ވާއިރު މިހާރު ވެސް ހަތަރު ކުރެހުމެއް ވިކިއްޖެ އެވެ.

View this post on Instagram

A post shared by Ehab Abdulla (@ehab.kalhey)

"އާޓު މެދުވެރިކޮށް ކޮންމެވެސް ކަހަލަ ވާހަކައެއް ކިޔައިދޭން ބޭނުންވީ. ކޮންމެ އާޓްވޯކެއްގައި ވެސް ކޮންމެވެސް ކަހަލަ މެސެޖެއް ހުންނާނެ،" އީހާބް ކިޔައިދިނެވެ. އޭނާ ބުނީ އާޓްވޯކްތަކުގެ ތެރޭގައި ގިނައިން ހުންނާނީ މެންޓަލް ހެލްތާ ގުޅޭ ވާހަކަތައް ކަމަށެވެ.

އޭނާގެ އާޓްވޯކްތައް އާންމުންނަށް ކިޔައިދިނުމުގައި އެކި ކަންކަމަށް ވަނީ ބަލައިފަ އެވެ. ކުލަތައް ބޭނުން ކުރުމުގައި މާ ގިނަ ކުލަތައް ބޭނުން ނުކޮށް ވީހާ ވެސް އަލިގަދަ ކުލަތައް ބޭނުންކޮށްފައިވެ އެވެ. އެއީ އެ މަންޒަރުތައް ފަސޭހައިން ފަހުމުކޮށްދޭށެވެ.

View this post on Instagram

A post shared by Ehab Abdulla (@ehab.kalhey)

އާޓްވޯކެއް ހެދުމަށް ނުވަތަ އޭގައި ކުލަ ޖައްސާލުމަށް އީހާބް ވެސް ދެ ގަޑިއެއްހާއިރު އާންމުގޮތެއްގައި ހޭދަކުރެ އެވެ. ނަމަވެސް އޭގެ ކޮންސެޕްޓް ތައްޔާރުކޮށް ކުރެހުމަށް މާ ގިނަ ވަގުތު ހޭދަވެ އެވެ.

View this post on Instagram

A post shared by Ehab Abdulla (@ehab.kalhey)

"އެއްބައި އެއްޗެހީގެ ކުރެހުންތަކުގެ މަސައްކަތް ނިންމަން ހުންނާނެ ދެ ހަފްތާއެއްހާ ދުވަސް ވެސް ވެފައި،" އޭނާ ބުންޏެވެ.

އީހާބް ބުނި ގޮތުގައި އޭނަ އަކީ އަދިވެސް "އެމެޗުއާ" އާޓިސްޓެކެވެ. އެކަމަކު މި އެގްޒިބިޝަންގެ ސަބަބުން ކުރަހަން އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ އެގްޒިބިޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާއިރު އީހާބްގެ މިހާރު ވެސް އާ ހިޔާލުތަކެއް އެބަހުއްޓެވެ. ތަފާތު އާ އާޓްވޯކް ހެދުމަށް އޭނާ ހުރީ ތައްޔާރު ވެގެންނެވެ. އަދި އެގްޒިބިޝަން ނިންމާލުމަށް ފަހު އާ އާޓްވޯކްތައް ހަދައި އިތުރު އެގްޒިބިޝަނަކަށް އޭނާ އުންމީދުކުރެ އެވެ.

"ވަރަށް ބޮޑު ކޮންފިޑަންސެއް ލިބިއްޖެ ޕެއިންޓު ކުރަން. ސޯލޯ އެގްޒިބިޝަނެއް ބޭއްވީމަ ދެން އަނބުރާ ކޮލޮމްބޯއަށް ގޮސް ބޭނުން ޕެއިންޓު ކުރަން،" އީހަބް ބުންޏެވެ.

އެގްޒިބިޝަން މިމަހު 16 އިން ފެށިގެން ޖެނުއަރީ 13ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެގްޒިބިޝަން އާންމުންނަށް ހުޅުވިފައި ހުންނާނީ މެންދުރު ފަހު 3-6 އަށް އަދި ރޭގަނޑު 7 -10 އަށެވެ. ހޮނިހިރު ދުވަސް ގެލެރީ ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން މެންދުރު ފަހު 2 އަށް އަދި 3-6 އަދި ރޭގަނޑު 7-10 އަށެވެ. އެގްޒިބިޝަނާ ބެހޭ އިތުރު މައުލޫމާތު އާޓް ގެލެރީގެ އިންސްޓަގްރާމް ޕޭޖުން ލިބޭނެ އެވެ.

އާޓިސްޓް

Popular