31 Mar 2023

ކާފަގެ ވަސިއްޔަތް ހަގީގަތަކަށް؛ 14 އަހަރުގައި ހާފިޒެއް، އިމާމެއް

ކާފަގެ ވަސިއްޔަތް ހަގީގަތަކަށް؛ 14 އަހަރުގައި ހާފިޒެއް، އިމާމެއް

By: Aishath Mihna Nasih

އަހުމަދު ރާޢިއު ބަޝީރު، އަކީ އުމުރުން 14 އަހަރުގައި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒެކެވެ. ޏ.ފުވައްމުލަކު ފުނާޑު އަވަށު ތައުބާ މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދުކުރަމުން އަންނަ އުންމީދީ ދަރިވަރެކެވެ. ހާފިޒް އަހުމަދު ސްކޫލްގެ ހެޕީވޭ ކްލަބްގެ ރައީސް އެވެ.

ރާއިއު ހާފިޒަކަށް ހެދުމަކީ މި ދުނިޔެއަށް އޭނާ އުފަންވުމުގެ ކުރިން ވެސް ކާފަ އޭނާއަށްޓަކައި ދެކެމުން އައި ހުވަފެނެކެވެ. އަދި ކާފަ މި ދުނިޔެއާ ވަކިވެގެން ދިޔައިރު ކުރި އެންމެ ބޮޑު ވަސިއްޔަތެވެ. ކީރިތި ގުރުއާން ހިތުދަސްކޮށް، މުރާޖައާކޮށް ނިންމައި އެއްވަނަ ދަރަޖައިގެ ހާފިޒްކަމުގެ ސަނަދު ރާއިއުއަށް ލިބުނީ ކާފަ ވަކިވެދިޔަތާ އެއް އަހަރު ފަހުން މި މަހުގެ 16ގަ އެވެ.

"ރާއިއުގެ އުމުރުން ތިން އަހަރުގައި ކާފަ ލޮލުގެ ފެނުމުން މަހުރޫމްވި. އެކަމަކުވެސް ގިނަ ވަގުތުތަކެއް ކާފައާ އެކީ ރާއިއު ހޭދަކުރޭ. އަދި ވަރަށް ގިނައިން ދީނީ އެކި ކަންކަމާ ގުޅޭގޮތުން ނަސޭހަތްދީ، ގުރުއާން ކިޔެވުމަށް ހިތްވަރުދީ އަދި އެކަމުގައި ހުރި ދަރުމައިގެ ވާހަކަތައް ކާފަ ރާއިއުއަށް ކިޔައިދޭ،" ރާއިއުގެ މަންމަ ނަންދާ ޒުބެއިރު ބުންޏެވެ.

ގިނަ ގުރުބާނީތަކެއް، ބުރަ މަސައްކަތެއް

ކީރިތި ގުރުއާން ހިތުދަސްކުރުމަކީ ގިނަ ވަގުތުތަކެއް އެކަމަށް ހުސްކޮށް، ބޮޑެތި ގުރުބާނީތަކެއް ވާންޖެހޭ ކަމެކެވެ. ރާއިއު ގުރުއާން ހިތުދަސްކުރަން ފެށީ އުމުރުން ހަތަރު އަހަރުގަ އެވެ. އެންމެ ފުރަތަމަ ގުރުއާން ކިޔަވާ ގެއަކަށް ގެންދަންފެށިއިރު ރާއިއު ހުރީ އަންމާފޮތުގެ ކުދި ސޫރަތްތައް އެއްކޮށް ހިތުދަސްކޮށްފަ އެވެ. އެއާ އެކު އަކުރު ފިލި ދަސްކޮށް، އިތުރު ސޫރަތްތައް ދަސްކުރަން ފެށީ ފިލާގައި ލިޔެގެންނެވެ.

"ގާތްގަނޑަކަށް ރާއިއު އުމުރުން އެއް އަހަރުގައި މި ގެއަށް ބަދަލުވީ. އޭރު ރާއިއު ބޮޑުބޭބެ މި ގޭގައި ހިންގާނެ ގުރުއާން ކްލާހެއް. ކުދިންނަށް ކިޔަވައިދޭއިރު ބޭބެ އިންނާނީ ރާއިއު ގޮވައިގެން، ނޫނީ ގޮނޑިއެއްގައި ބައިންދައިގެން. އެހިސާބުން ވެސް ވަރަށް ޝައުގުވެރިކަން ހުރޭ ގުރުއާން ކިޔަވަން،" ރާއިއުގެ މަންމަ ބުންޏެވެ.

ރާއިއުގެ ކާފައަކީ ވެސް ގުރުއާނަށް ނުހަނު ލޯބިކުރި މީހެކެވެ. ގިނަގިނައިން ގުރުއާން ކިޔެވުމަށް ކާފަ އިސްކަންދިއިރު، ބޮޑުބޭބެއަކީ ފުވައްމުލަކުގައި އޭރު ގުރުއާން ކްލާސް ހިންގަމުން އައި މީހެކެވެ. އަދި މިހާރު ބޮޑުބޭބެއަކީ ޒިކުރާ ކޮލެޖުގައި ގުރުއާން އުނގަންނައިދޭ މުދައްރިސެކެވެ.

ސްކޫލް މުގައްރަރާ އެއްގޮތްކުރުމުގެ ގޮތުން ރާއިއު ހިތުދަސްކުރަން ފެށީ ގުރުއާނުގެ ފަހަތުން ފަށައިގެންނެވެ. ނަމަވެސް ވަކި ހިސާބަކުން ދަސްކުރާ ބައިތައް ހަނދާންނެތިދާނެތީއާ އަދި ވީހާވެސް އިތުރު ވަގުތު މިކަމަށް ހާއްސަކުރުމުގެ ގޮތުން ޒިކުރާ ހިފްޒު ކްލާހަށް ދާން ފެށިއެވެ.

ދެން، ސްކޫލްގެ އިތުރު ހަރަކާތްތައް މަދުކޮށް، ހިފްޒުކުރެވެންދެން ވީހާ ވެސް ގިނަ ވަގުތުތައް ގުރުއާންކިޔެވުމުގައި ހޭދަކުރަން އޭނާ ބޭނުންވި އެވެ. އަދި އާއިލާއިން ވެސް މިކަމަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން، ސްކޫލްގެ ކިޔެވުމަށް ބުރޫ ނާރާނެހެން، މި މަސައްކަތްކުރިއަށް ގެންދިއުމަށާއި، އެހެން ހަރަކާތަކަށްވުރެ ގުރުއާން ހިތުދަސްކުރުމަށް ސަމާލުކަން މަސައްކަތްފެށި އެވެ.

"ވަރަށް ބުރަ މަސައްކަތް މިއީ. ސްކޫލް ނިންމާފައި އައިސް ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ލިބޭނެ އަރާމުކޮށްލަން. އެއަށްފަހު މެންދުރު ފަހުން ފެށިގެން ގޮސް 5:30 ވަންދެން ހިފްޒު ކުލާސް. ނިންމާފައި އަނެއްކާ މަޣްރިބަށް ދާން މިސްކިތަށް. ގޮސް މިސްކިތުގައި ކިޔަވާފައި އަނެއްކާ އަށެއްޖަހާއިރު ދާނީ ކްލާހަށް. ދެން އައިސް ސްކޫލް ފިލާވަޅުތައް ހަދާ، ދަސްކޮށްފައި ނިދާނީ. އަނެއްކޮޅުން ފަތިހު ވެސް ތެދުވާނެ ބައެއް ރޭރޭ ކިޔަވަން،" މަންމަ ބުންޏެވެ.

ރާއިއު އަށް ހާފިޒްކަމުގެ ސަނަދު ލިބުމުން ބޭއްވި އުފާ ފާޅުކުރުމުގައި ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އާއިލާ

މި ބުރަ މަސައްކަތުގެ ނަތީޖާވެސް ފޮންޏެވެ. މިހާތަނަށް ރާއިއު ބައިވެރިވި ހުރިހާ މުބާރާތަކުން ވެސް ރަން ވަނަތައް ހޯދި އެވެ.

އޭނާ 2019 ގައި ހިފްޒު ކްލާހުގައި ބައިވެރިވެ، 2022 ގައި ހިފްޒު ކްލާސް ނިންމައި، 9 މަސްތެރޭގައި މުރާޖައާކޮށް ނިންމި އެވެ. އަދި ކީރިތި ގުރާއާނާ ބެހޭ ގައުމީ މަރުކަޒުގެ ކޮމިޓީއަށް އެއްކޮށް ކިޔައިދީ ނިންމާފައިވަނީ މިދިޔަ އަހަރުގެ މާޗް 1 ވަނަ ދުވަހު އެވެ.

އުންމީދަކީ އަރަބި ގައުމެއްގެ ގުރުއާން މުބާރާތެއްގައި ކިޔެވުން

ހާފިޒްގެ ލަގަބާއި ޝަރަފް ރާއިއުއަށް ލިބުމަކީ އޭނާގެ މުޅި އާއިލާއަށް ވެސް ލިބުނު އެންމެ ބޮޑު އުފަލެވެ. ނަމަވެސް ރާއިއު ދެކޭގޮތުގައި މިއީ އަދި ފެށުމެކެވެ. ގުރުއާން ކިޔެވުމުގެ ދާއިރާއިން ދެން ރާއިއު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ކިޔެވޭނެ ދުވަހެކެވެ. މުސްތަގްބަލުގައި ރާއިއު ބޭނުންވަނީ ދީނީ ތައުލީމުގެ ރޮނގުން ކުރިއަށްގޮސް، މުފްތީއެއްގެ ލަގަބާ ހިސާބަށް ވާސިލްވެވުމެވެ.

ރާއިއު ދެކޭގޮތުގައި ހިފްޒުކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، އުންމީދާއި އަޒުމާ އެކު ކުރިމަތިލައިފި ނަމަ ނުވާނޭ ވަރުގެ ކަމެއް ނޫނެވެ. އަދި ކިތަންމެ އަޑިގުޑަންތަކާއި ކުރިމަތިލާން ޖެހުނަސް، އެކަން ހާސިލްވުމުން އެ އުފުލި ހުރިހާ ބުރައެއްގެ ފުރިހަމަ އަޖުރު ލިބޭނެ ކަމަށް ރާއިއު ބުންޏެވެ.

ޤުރުއާން

Popular