18 Mar 2018

ސެލެބްރިޓީ ޑައިރީ: އަޒޭ އަދިވެސް ސިންގަލްކޮށް ކީއްވެ؟

ލޯތްބާއި އަޅާލުމާއި ކުލުނާއި އަދަބު އަހުލާގު ކިޔައިދޭން އަޒޭ އަކީ ބޭޑް ޗޮއިސްއެއް ކަމަށް ބަޔަކަށް ހީވިޔަސް މި އިންޓަވިއު ކިޔާލުމުން އެ ހިޔާލު އެއްކޮށް ބަދަލުކޮށްލާނެ އެވެ.

ލޯތްބާއި އަޅާލުމާއި ކުލުނާއި އަދަބު އަހުލާގު ކިޔައިދޭން އަޒޭ އަކީ ބޭޑް ޗޮއިސްއެއް ކަމަށް ބަޔަކަށް ހީވިޔަސް މި އިންޓަވިއު ކިޔާލުމުން އެ ހިޔާލު އެއްކޮށް ބަދަލުކޮށްލާނެ އެވެ.

By: Ahmed Nadym

އަޒޭ ބުނީ ކުރީގެ އަންހެނުން އައިޝަތު ރިޝްމީގެ ކައިވެނި ރޫޅުމަށް ފަހު ދިރިއުޅުން ވެއްޓުނު އަޑިގަނޑަށް ޓާޓާކިޔަން އޭނާ އަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނެގި އެވެ. އެކަމަކު މިހާރު އޭގެ ފަހުން ނުވަ ވަރަކަށް އަހަރުވީ އެވެ. ރިޝްމީ މަތިން ހަނދާން ނައްތާލިޔަސް ދެ މީހުންގެ ކައިވެންޏަށް ލިބުނު ދަރިފުޅާ އެކު ދެ މީހުންގެ އާއިލީ ގުޅުން އަދިވެސް ދަނީ ކުރިއަށެވެ. އެހެންވީމަ އަޒޭ އަށް އަދިވެސް ރަނގަޅަށް ގެޓްއޯވާ ނުވެވެނީ ހެއްޔެވެ؟

ލޯތްބާއި އަޅާލުމާއި ކުލުނާއި އަދަބު އަހުލާގު ކިޔައިދޭން އަޒޭ އަކީ ބޭޑް ޗޮއިސްއެއް ކަމަށް ބަޔަކަށް ހީވިޔަސް މި އިންޓަވިއު ކިޔާލުމުން އެ ހިޔާލު އެއްކޮށް ބަދަލުކޮށްލާނެ އެވެ. އަޒޭ މިއީ ތިޔަ ހީކުރާ ކަހަލަ މީހެއް ނޫނެވެ. މިއީ މުޅިން ތަފާތު ވާހަކަތަކެކެވެ.

1- ރައްޓެހިވެގެން އުޅޭ މީހާއާ އަވަހަށް ކައިވެނިކުރުންތަ މީގައި ރަނގަޅީ ނުވަތަ ދެ މީހުން ރަނގަޅަށް ދަސްވާހާ ދުވަސް އެކުގައި ހޭދަކޮށްފަތަ އިންނަން ޖެހެނީ؟

އަޒޭ: އަވަސް އަރުވާލާފައި އިނުމަށްވުރެން ރަނގަޅަށް ދަސްވީމަކަން ނޭނގެ ކައިވެންޏަކާ ހަމަ އަށް ދިއުން ރަނގަޅީ. އަވަހަށް ދަސްވެއްޖެއްޔާމު އަވަހަށް އިންނަންވީ. އެކުގައި އުޅެވޭނޭ ކަމުގެ ޔަގީންކަމާއި އިތުބާރު ލިބޭހާ ދުވަސްކޮށްފައި އިނުން އެންމެ ރަނގަޅީ.

2- މީހުން ބުނޭ ރައްޓެހިވެގެން ގިނަ ދުވަސްކޮށްފައި އިންނަ މީހުންނޭ އެންމެ އަވަހަށް ވަރިވަނީ، ރުޅިވަނީ. އެއީ ތެދެއްތަ؟

އަޒޭ: އެއީ ވަކި ތެދެއް ކަމަކަށް ގަބޫލެއް ނުކުރަން. ދިމާވާ ހާލަތުންކަން ނޭނގެ ވަރިވާން ޖެހެނީ. ދެ ތިން ދުވަސްކޮށްފައި އިންނަ މީހުން ވެސް ވަރަށް ގިނަ ދުވަހު އެބަތިބި. ނުވަތަ ސީދާ މެރިޖު ޕްރޮޕޯސަލްއިން ފަށައިގެން ރައްޓެހިވެގެން ވެސް ވަރަށް ގިނަ ދުވަހު އުޅެފައި ތިބި މީހުން އެބަތިބި. އެހެންވީމަ އިޓް ޑިޕެންޑްސް. އަޒޭ އަށް ހީވަނީ ހުރިހާ ކަމެއް ވަނީ ދިމާވާ ކަންކަމާ ގުޅިގެންހެން.

3- ޕްރޮޕޯޒްކުރި ގޮތާއި އެއްބަސްވިގޮތާއި ރަންކީ ގޮތް ކިޔައިދީބަލަ؟

އަޒޭ: ފެއަރީ ޓޭލްސްތަކުގައި ދައްކާހެން ކަކޫ ޖަހާފައި އެގޮތަކަށް ނޫނޭ ޕްރޮޕޯޒްކުރީ. ހަމަ ވަރަށް ނޯމަލްކޮށޭ. އިންނަން ވެގެން ދެ މީހުން ޑިސްކަސްކޮށްފަ ފެމިލީއާ މަޝްވަރާކުރީ.

4- ކައިވެނި ޕާޓީއަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ ނުވަތަ ހަނީމޫނަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ؟

އަޒޭ: ހަނީމޫނަށް ހޭދަކުރުންކަން ނޭނގެ ރަނގަޅީ. ފެމިލީއާ އެކު ގެދަރިންއެއް ބާއްވަން ގިނަ ފަހަރަށް ދައުވަތު ދިނަސް ހާއްސަ މީހުންގެ ބަދަލުގައި ޑަބަލް ޓްރިޕްލް މީހުން ވެސް އެބަ އާދޭ އެތަނަކަށް. އެކަމަކު ފެމިލީއާ އެކު ސައެއް ބޯލާފައި ދެ މީހުން އެންޖޯއިކުރަން ދިއުން މާ ރަނގަޅުހެން ހީވަނީ. ކުރިއަށް އޮތްތާގައި އަޒޭ މީހަކާ އިންނަންޏާމު ކަންތައްކުރާނެ ގޮތަކީ ވެސް އެއީ. ހަމަ ގައިމުވެސް ޕާޓީއެއް ނުބާއްވާނަން.

އަޒޭ. --ފޮޓޯ: މަސްރަހް

5- ވަރަށް ލޯބިން އެކުގައި އުޅެފައި، އިނދެގެން އުޅެފައި ވަރަށް އަވަހަށް ވަކިވެގެންދާތަން މިހާރު ފެނޭ. ޒަމާނީ ލޯބީގައި ޖެހޭ އެންމެ ބޮޑު މައްސަލައަކީ ކޮބައިތަ؟

އަޒޭ: މިހާރުގެ ޖެނެރޭޝަންގައި އެއްވެސް މީހަކު ބޭނުމެއް ނުވޭ އެއްވެސް ކަމެއް ސެކްރިފައިސްކުރާކަށް. ދެން ލިބިފައިވާ ހޭލުންތެރިކަމާ އެކު ކޮންމެ މީހަކު ވެސް އެމީހެއްގެ ރައިޓްސް އަށް ވާހަކަ ދައްކާ ޒަމާންދޯ މިއީ. އެހެންވީމަ ލައިފްގައި ވަކިގޮތެއް ހަދަން އެހެން ކަމެއް ސެކްރިފައިސްކުރަން ބޭނުމެއް ނުވޭ އެއްވެސް މީހަކު. އުފަލެއް ލިބޭ ކަމެއް ނުކޮށް ހުންނާކަށް ބޭނުމެއް ނުވޭ. އެހެންވީމަ އެ ސެކްރިފައިސް ނޯންނާތީވެ ލައިފްތައް އެހާ ފަސޭހައިން ރޫޅީގެން އެ ދަނީ. ތިމާ އަށް ތިމާގެ އަމިއްލަ ހެޕިނެސް މާ މުހިންމު ވީމަ މިހެން މި ވަނީ.

6- އެކުގައި އުޅޭ ބައިވެރިޔާއާ މައްސަލަ ޖެހޭހެން ހީވާ ނަމަ ނުވަތަ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާ ގޮތް ކިޔައިދީބަލަ؟

އަޒޭ: މައްސަލައެއް އުޅޭ ނަމަ އެންމެ ރަނގަޅުގޮތަކީ ދެ މީހުން ވާހަކަ ދައްކައިގެން އެ މައްސަލައެއް ހައްލުކުރަން މަސައްކަތްކުރުން. އެއް ވަނަ ފަހަރަށް އަދި ދެ ވަނަ ފަހަރަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލުނުވެއްޖެ ނަމަ ތިން ވަނަ ފަހަރަށް ވާހަކަ ދެއްކުން މުހިންމު ނޫން ކަމަށް އަޒޭ އަށް ގަބޫލުކުރެވެނީ. ދެން އަޒޭ އަކީ މައްސަލައެއް ޖެހިއްޖެ ނަމަ އާންމުކޮށް ވަރަށް ސައިލެންޓްކޮށް ހުންނަ މީހެއް. މައްސަލައެއް ޖެހުނީމަ އެ އަންނަ ރުޅީގައި އެއްވެސް ވާހަކައެއް ނުދައްކަން. ހަމަޖެހި، ހީލައިގެން ހުރެ ވާހަކަ ދެއްކޭވަރުވީމަ ވާހަކަ ދައްކަނީ.

7- ޒަވާޖީ ހަޔާތުގައި ކަންކަން ނިންމައި ބަސް ބުނުމުގެ އިހްތިޔާރާއި ބާރު އަމިއްލަ އަށް އޮންނަނީ ކިހާ ވަރަކަށްތަ؟

އަޒޭ: ހަމަ ފިފްޓީ ޕަސެންޓް. އަދި އަޅުގަނޑުގެ ލައިފްގައި ބުނާނީ ހަމަ 80 ޕަސެންޓްގެ ބާރު އަންހެން މީހާ އަށް ދީގެންނޭ އުޅުނީ. އެކަމަކު އަޒޭ އަށް ވެސް ދެރައެއް ލިބޭނެ ގޮތަކަށް ނޫން ކަންކަން ދޫކޮށްލަނީކީއެއް.

8- ވަރިވުމުގެ ވިސްނުން އަންނަން ޖެހޭ ހިސާބަކީ ކޮބައި ކަމަށް ގަބޫލުކުރަނީ؟

އަޒޭ: ދަރިން ލިބޭ ހިސާބުން ބަލަން ޖެހޭނީ ދެމަފިރިންގެ ދެމެދުގައި އޮންނަ ރެސްޕެކްޓް އަބަދުވެސް ގާއިމުކުރެވޭތޯ. މިސާލަކަށް މާދަން ވަރިވިޔަސް އަނެއް ދުވަހު ވަރިވިޔަސް ރެސްޕެކްޓް ނެތިއްޔާމު ދަރިންގެ ކަންކަމުގައި ޑީލްކުރަން ވަރަށް އުނދަގޫވާނެ. އަޅުގަނޑު ވެސް ބެލީ އެ ރެސްޕެކްޓް ނުގެއްލެނީސް ސުލްހަވެރިގޮތުގައި ދެމީހުން ވަކިވާން. ފަހުން ދިމާވިޔަސް އިސްއުފުލައި ބަލައިލެވޭ ހިސާބުގައި ހުންނަން.

9- ބޭވަފާތެރި، އަނިޔާ ލިބޭ ރިލޭޝަންޝިޕްތަކުގައި ބައެއް މީހުން އުމުރު ދުވަސް ހޭދަކުރާތަން ވެސް ފެނޭ. ސަލާމަތްވާން އުނދަގުލީތަ ނުވަތަ ނުކުންނަން ބޭނުންނުވަނީތަ؟

އަޒޭ: އަޅުގަނޑަކަށް ނޭނގެ ކިހިނެތްކަމެއް އެ ލޯބި ވަނީކީ. އަނިޔާކުރިޔަސް ނުކުރިޔަސް ހީލާފައި ވާހަކަ ދައްކާލާ ވަގުތުކޮޅު ނުވަތަ ލޯބިން އުޅެލާ ވަގުތުކޮޅު ހެން ހީވަނީ މުހިންމުވަނީ. ދެން ހެޔޮ ހަފުތާ އެކުގައި ތަޅައި މެރިޔަސް. އެކަމަކު ލޯބި ހަމަ އެވަރަށް ވާ ކަމަށް ވަނީ. ދެން އަޅުގަނޑަކަށް ނެތް އެކަހަލަ ލައިފެއްގައި ތަޖުރިބާއެއް ލިބިފައެއް. އެހެންވީމަ އެވަރަށް އަނިޔާލިބިގެން އެވަރަށް ސެކްރިފައިސްވެގެން އުޅެނީ ކޮން ލޯތްބެއް ލިބިގެން ކަމެއް ނުވިސްނޭ.

10- އެކުގައި އުޅުނު އެއްވެސް މީހަކަށް ބުނެވިދާނެތަ ތިއީ އަނިޔާވެރި، އަނިޔާކުރާ މީހެކޭ؟ އެބިއުސިވް ޕާޓްނަރެކޭ؟

އަޒޭ: ނުބުނެވޭނެ. ދޮގުހަދައިގެން ވެސް ނުކެރޭނެ ބުނާކަށް. އެއްވެސް ގޮތަކުން އަޒޭ އަކީ ގޯސް މީހެކޭ ލާހިކެއް ނޫން އެއްވެސް މީހަކަށް ބުނާކަށް. އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާއެއް ދީފައެއް ނޯންނާނެ.

11- ވަރިވުމަށް ފަހު ނުވަތަ ލޯބިވެރިޔަކާ ރުޅިވުމަށް ފަހު ގެޓްއޯވާވާން ކިހާ ވަގުތެއް ބޭނުންވާ މީހެއްތަ ތިއީ؟

އަޒޭ: އަޅުގަނޑަށް ވެސް ދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް، ކައިވެންޏަށް ފަހު. އެންމެނާ ވަކިން އުޅެން ޖެހުނީމަ އެކަން ގަބޫލުނުކުރެވި އުޅެން ޖެހުނު. މެންޓަލީ އޭތި ވަރަށް އުނދަގޫވި. ދެން އަމިއްލަ އަށް ޓްރެވަލްކޮށްލާ، ޖިމް ސްޓާޓްކޮށް މިކަހަލަ ބައިވަރު ކަންތައްތަކެއް ކުރަން ފެށީ ދެން. އަމިއްލަ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރަން ފެށީ ފަހުން.

12- ރިޝްމީ އެހާ އަވަހަށް މޫވްއޮން ކުރީމަ ކީކޭ ހިތަށް އެރީ؟

އަޒޭ: އައި ވޯޒް ހެޕީ. ހަމަ ވަރަށް ހެޕީ. އެކަނި އުޅޭ އަންހެނަކު ކިޑެއް ގޮވައިގެން އޭނަ އަށް ބޭނުންވާނެ ސެކިއުރިޓީ އާއި އެހެން ކަންތައް އަޒޭ އަށް ވިސްނޭ. ރިޝްމީ އޭރުގަ ރިލޭޝަންޝިޕަކަށް ދިޔައީމަ އަޒޭ ހަމަ ވަރަށް އުފާވި.

13- އަލުން މީހަކާ ރައްޓެހިވާ ނަމަ ބޭނުންވަނީ ކޮން ކަހަލަ ބައިވެރިއެއްތަ؟

އަޒޭ: އަޒޭގެ އެއްވެސް ކަމަކާ ނުބެހޭ ވަރުގެ މީހަކާ. އަޒޭ އަށް އެ ޓްރަސްޓް އޮންނާނެ މީހަކު. މިސާލަކަށް އަޒޭ އަކީ އަންހެން ކުދިން އަތުގައި ހިފައިގެން ލަވަކުޅެ އެކަހަލަ ދާއިރާއެއްގައި އުޅޭ މީހެއް. އެހެންވީމަ އެ ހުރިހާ ކަމެއް އޯކޭވާނެ މީހަކު ބޭނުންވަނީ ދެން. އެއީ އަދިވެސް ރިލޭޝަންޝިޕަކަށް ނުދެވިގެން އުޅޭ ސަބަބަކީ ވެސް. ދެ ތިން ކުއްޖަކާ ވާހަކަ ދައްކާލާއިރު ވެސް އައިސްދާނެ ކާކާއެކުހޭ ތިދަނީ، ކީއްހޭ ކުރަނީ. މީތި ބޭނުމެއް ނޫން އަޒޭގެ ލައިފްގައި ދެން އެއްވެސް ވަރަކަށް ޓޮލެރޭޓްކުރާކަށް.

14- ގޭތެރޭގައި އުޅޭއިރު އަނބިމީހާ އަށް އެހީތެރިވުމަށް ގޭތެރޭގެ ކަންތައްތައްކޮށް ހަދައިދެންތަ؟ ދަރިން ބަލައި ފެންވަރުވާ ހަދަންތަ؟

އަޒޭ: ތިއީ އެންމެ އުނދަގޫވާ ކަންތައް. ދަރިފުޅު އެންމެ ތުއްތުއިރުން ފެށިގެން ވެސް އޭނަގެ ޕުއްޕު ދޮއްވައި ފެންވަރުގައި އެހެން ހުރިހާ ކަމެއް ވެސް ކޮށް ކާން ވެސް ދެން. ރިޝްމީ އާއި ރިޝްމީގެ މަންމަމެން ވެސް ގަބޫލުކުރާނެ މިކަން. ވިހަން ރިޝްމީއާ އެކު އަޒޭ ހޮސްޕިޓަލަށް ވަންގޮތަށް ހޮސްޕިޓަލުން ނުކުތީ ރިޝްމީ ޑިސްޗާޖުކުރި ދުވަހު.

15- އަވަހަށް ކުދިން ހޯދައިގެން ކުދިންނަށް ވަގުތު ދޭންތަ ބޭނުންވަނީ ނުވަތަ އަމިއްލަ ކެރިއަރަށް ވަގުތު ދީފައި ކުދިން ހޯދަންތަ ބޭނުންވަނީ؟

އަޒޭ: ކުރިން އަޒޭ ތާއީދުކުރި ކަމެއް ނޫން އަވަހަށް ކުދިން ހޯދުމަކީ. ރިޝްމީ ފުރަތަމަ ކުއްޖަކު ހޯދަން ބުނީމަ އަޒޭ ބުނިން މަސައްކަތްތައް ހުރިގޮތުން ހިނގާށޭ އެ މަސައްކަތްތައް ނިންމަން ފުރަތަމަ. އެކަމަކު ރިޝްމީ ވަރަށް ފޯސްކޮށްގެން އަވަހަށް ކިޑެއް ހޯދީ. އެކަމަކު މިއަދު އެކަމާ އުފާކުރަން. އެހެންވީމަ އަވަހަށް ކިޑެއް ހޯދުން ހަމަ ޕާފެކްޓް. އައި އޭމް ހެޕީ.

16- އަންހެނުން ބަލިވެއިނުމުން ނުވަތަ ކުދިން ލިބުމުން އެހާ ގިނަ ފިރިހެނުން އެމީހުންނަށް ބޭވަފާތެރިވަނީ ކީއްވެގެން ކަމަށް ގަބޫލުކުރަނީ؟ ފޫހިވަނީތަ އަނބިމީހާދެކެ؟ ބާ ވަނީތަ؟

އަޒޭ: ނޫން. އެކަމަކު ރާއްޖޭގައި ވަރަށް ދިމާވާ ގޮތެއް ތިއީ. ދެން ނޭނގޭ މިހާރުގެ ކުދިންގެ ހާލަތެއް. އެކަމަކު ދަރިއަކު ލިބޭ ހިސާބުން ވަރަށް ގިނަ އަންހެނުން ހޯޕް ދޫކޮށްލާ. ވިހެއީމަ ފަލަވެލާ. ވަރަށް (އާދައިގެ ގޮތަކަށް) ގޭތެރޭގައި ވެސް އުޅޭނީ. ކުރީގެ މުޅި ޕިކްޗާގަނޑު ގެއްލުވާލަނީ. އެކަމަކު ރިޝްމީއާ އެކު އުޅުނުއިރު އަޅުގަނޑު އަމިއްލަ އަށް އޭނަ ގޮވައިގެން މޫދަށް ވެސް ގޮސް ވަރަށް ފިގާ އަށް ބަލައިގެން ހެލްތަށް ބަލައިގެން އުޅުނީ. އެކަމަކު ގިނަ މީހުންނަށް މި ބުނާ ގޮތަށް މާ ބޮޑަށް ފަރުވާކުޑަކޮށްލެވުނީމަ (ފިގާ ގެއްލި) އެހެން ރީތި ކުދިންނަށް ހިތް ޖެހެނީ. އަމިއްލަ ހަށިގަނޑަށް އަމިއްލަ އަށް ނުބެލި ބެލުމެއް ބަލަން ކާކު ދެން އަންނާނީ؟.

17- ދަރިން ލިބުނީމަ ލޯބި މަރުވެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާ ވާހަކަ އަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަންތަ؟

އަޒޭ: އެއީ ވަރަށް ބޮޑު ތެދެއް. ރައްޓެހިވެގެން އުޅޭއިރުގައި އަހަރެމެންނަށް ހީވަނީ މިތިބީ ދެން ދަސްވެފައޭ. އަވަހަށް އިންނަންވީއޭ. އިނީމަ ދެން ހިތަށް އަރަނީ، ހަފުތާއެއް ހައެއްކަ މަސް އެކުގައި އުޅެވުނީމަ ހިތަށް އަރަނީ އެއީ ކާމިޔާބީއެކޭ. އެކަމަކު ދަރިން ލިބޭ ހިސާބުން އަސްލު ލައިފް ސްޓާޓްވަނީ ވެސް. ހުރިހާ ޝެޑިއުލްތަކެއް ބުރޫއަރައި ހުރިހާ ކަމެއް ސެކްރިފައިސްކުރަން ޖެހެނީ ދަރިއަކު ލިބޭ ހިސާބުންނޭ އަޅުގަނޑު ބުނާނީ. ދެން ބަލާލުމެއް ނެތި އަނބިމީހާ އަމިއްލަ އަށް ގޮނޑުވެގަތީމަ ލައިފް އެ ދިޔައީތާ. އެކަމަކު މަގޭ ލައިފްގަ އެހެނެއް ނުވޭ އިނގޭ.

18- ދަރިފުޅަށް ނަންކީއިރު އަޒޭގެ ކިހާ ހިއްސާއެއް އޭގައި އޮތްތަ؟

އަޒޭ: ރިޝްމީ އާއި ދެ މީހުން ވަރަށް ވިސްނައިގެން ހޯދި ނަމެއް އެއީ. އަސްލު ފުރަތަމަ ބޭނުންވީ އަޒިއަލް ކިޔަން. އެކަމަކު އެނަމެއް ފާހެއް ނުކުރެވުނު. ދެން އަޒިއަލްއާ އެންމެ ގުޅުނު ނަމަކަށްވީ އަޒީލް. އެކަމަކު އަޅުގަނޑުމެން ކިޔަނީ އަޒިއަލްގޮތަށް.

19- ކުދިން ލިބުނީމަ އެންމެ ރަނގަޅު ގޮތަކީ މަންމަ ވަޒީފާއަކަށް ނުގޮސް ގޭގައި މަޑުކޮށްލުންތަ ނުވަތަ ކުއްޖާގެ މާމައަކާ ނުވަތަ މެއިޑަކާ ދަރިފުޅު ހަވާލުކޮށްފައި ޖޮބުގައި އުޅުންތަ؟

އަޒޭ: މެއިޑަކާ ހަވާލުކުރުމަކީ އަޅުގަނޑު އެއްވެސް ތާއީދުކުރާ ކަމެއް ނޫން. ރަނގަޅު މީހުން ނެތީކީއެއް ނޫން. އެކަމަކު ކާކަށް ހެއްޔޭ އަޅުގަނޑުމެން އިތުބާރުކުރާނީ. އަމިއްލަ އާއިލާގެ މީހުންނަށް ވެސް އިތުބާރުނުކުރެވޭ ޒަމާނެއް މިއީ. ދެން ކިހިނެތް މެއިޑުންނަށް އިތުބާރުކުރާނީ.

Popular