5 Dec 2018

އެންމެ ލޯބިވި ބިޒީ ޖޮބުން އިރޫ ޔޯގާގެ ހިމޭން ކަމަށް

އެންމެ ލޯބިވި ބިޒީ ޖޮބުން އިރޫ ޔޯގާގެ ހިމޭން ކަމަށް

By: Aishath Maaha

ގައުމަށް ހިދުމަތް ކުރަން ބޭނުންވީ އެންމެ ފުރިހަމައަށް ތައުލީމް ހޯދައިގެންނެވެ. ސްކޫލް ނިންމާލި ގޮތަށް އުމުރުން 19 ވަރަކަށް އަހަރުގައި އަދާކުރަން ފެށި ސަރުކާރުގެ ވަޒީފާ ދޫކޮށްލައި، އަމިއްލަ ވަޒަނާއި އާއިލާ އާ މާ ދުރަށް މެލޭޝިޔާ އަށް ގޮސް ޑިގްރީ ސެޓްފިކެޓް ހޯދީ އެހެންވެ އެވެ. އެއަށް ފަހު އަނެއްކާ ވެސް ގޮސް މާސްޓާސް ޑިގްރީ ވެސް ހޯދީ އެވެ. ރައީސް އޮފީހުގައި އަހަރުތަކެއް ވާންދެން މަސައްކަތް ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަޒީފާ ހޯދި އެވެ. ވަޒީފާގައި ވަރަށް ވެސް ކުރިއަށް އަރައިގެން ދިޔަ އެވެ.

އެހެން ނަމަވެސް އަމިއްލަ ދިރިއުޅުމަށް ނެގި ބޮޑު ރާޅުގައި ހަލަބޮލި ބިޒީ ދިރިއުޅުމުގެ މަތިން ފޫހިކޮށްލާ އެއްލައިލީ ޔޯގާގެ ހަމަ ހިމޭން ދުނިޔެ އަކަށެވެ. އުމުރުން 40 އަހަރުގެ އިރުޝާދާ އަބްދުއް ސައްތާރުގެ ދިރިއުޅުމުގެ ވާހަކަ އެންމެ ކުރުކޮށް ކިޔައިދެވޭނެ ގޮތަކީ އެއީ އެވެ.

މަޖީދީ މަގުގައި ހުންނަ އޫރިދޫ އޮފީހާ ޖެހިގެން ހުންނަ "ބޭބީ ވޯލްޑް" ފިހާރައިގެ މަތީ ބައިގައި "އިރޫ ސްޓޫޑިއޯ" ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް ހުޅުވައި، 80 އަށް ވުރެ ގިނަ ކްލައިންޓުންނާ އެކު އިރޫގެ ޝެޑިއުލް މިހާރު ވަރަށް ތަފާތެވެ.

އެހެން ނަމަވެސް އިރޫގެ ހަޔާތަށް ޔޯގާ ތައާރަފްވެ ޔޯގާއަށް ހިތުން ޖާގައެއް ދީގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ކިޔަވަން އުޅުނު އިރު މާ ގަވާއިދުން ނޫނަސް ސިކުނޑި ހަމަޖައްސާލާ މީހާ ތަޒާ ވެލަން ޔޯގާ ކްލާސްތަކަށް ދިޔަ އެވެ. ކިޔަވާ ނިންމައިފަ މާލެ އައިސް ވެސް ހަފްތާ ބަންދުތަކުގައި ހީޓްގައި ކުރިއަށް ގެންދިޔަ ޔޯގާ ކްލާސްތަކުގައި ބައިވެރިވި އެވެ.

"ކުއްލިއަކަށް އައި އެއްޗެއް ނޫން ޔޯގާ އަކީ. އެކަމަކު ފަހުން ފޯ އިޔާސް އެގޯ އައި ޑިސައިޑެޑް ޓު ޓޭކް ބްރޭކް ޕާސަނަލް ކަންތައްތަކެއް ހިނގައިގެން. އިންޑިއާ އަށް ގޮސް މަހެއް ވާންދެން ގަވާއިދުން ޔޯގާ ޕްރެކްޓިސްކޮށްފަ އެނބުރި މާލެ އައިސް އަހަރެއްހާ ދުވަސް ފަހުން ހިތަށް އެރީ ސެޓިފައި ވާން ވީއޭ އެހެންވެ ދިޔައީ އަނެއްކާ ޓްރެއިނިން އަކަށް. އެއް މަސް ދުވަހުގެ ޓްރެއިނިން އެއް ހަދާ ސެޓިފައިވެ ޓީޗަރަކަށް ވީ."

"އެ ޓްރެއިނިން ވީ ލައިފް ޗޭންޖިން އެކްސްޕީރިއަންސް އަކަށް. ޑެޑްލައިނެއް ނެތް، ކޮންމެހެން ނިންމަން ޖެހޭ މަސައްކަތެއް ނެތި އެކަނި ހޭދަކުރަން އެތައް ވަގުތެއް ލިބުން. ދެޓް އޯޕެންޑް މައި އައިސް ޓު ވަރަށް ބޮޑަށް ހައު ކްލަޓާޑް މައި ހެޑް ވޯޒް އަސްލުގަ."

އެ ދަތުރަށް ފަހު މާލެ އައިސް ގަވާއިދުން ޔޯގާ ހަދަން ފެށި އެވެ. އާއިލާ އާއި ރައްޓެހިންނަށް ކްލާސްތައް ނަގައިދޭން ފެށި އެވެ. ވަޒީފާ އާ އެއްގޮތަށް ޔޯގާ އިރޫގެ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމެނި އެވެ.

"ދެން އައި ތޯޓް މޭބީ އައި ޝުޑް ގެޓް ސެޓިފައިޑް އޭ. ކޯޒް އައި ވޯޒް ސްޓާޓިން ޓު ހޭޓް މައި ޖޮބް އެންޑް ތިންގްސް ދެޓް ވާ ގޮއިން އޮން. އޭރު މަޖިލީހުގަ އުޅުނީ. ފުރަތަމަ މަޖަލަކަށް ކީ ކެނޑޭނީ އޭ އަހަރު ނިމޭއިރަށް. އެއްވެސް މީހަކު ސީރިއަސްކޮށް ނުނަގާ. އެއީ އޭރު އިރޫއަކީ ޑިޕާޓްމަންޓުގެ ހެޑް އަދި ދާއިރާގައި އެހާ ގިނަ ދުވަސްވާންދެން މަސައްކަތްކޮށްފަ ހުރީމަ އެއްވެސް މީހަކު ހިއެއް ނުކުރޭ ދޫކޮށްފަ ހިނގައިދާނެއެކޭ."

އޭރު އޮފީހަށް ފަހު އިރޫގެ ގިނަ ވަގުތު ހޭދަކުރަމުން އައީ ގޭގައި ނަގައިދޭ ޔޯގާ ކްލާސްތަކަށް އަންނަ މީހުންނާ އެކުގަ އެވެ. މީހުންނަށް ކްލާސްތައް ނަގައިދޭން އިރޫ ފެށީ ތިން ކްލައިންޓުންނާ އެކުގަ އެވެ. އޭރު ވަޒީފާއަށް ދާތީ އިތުރު ކްލައިންޓުން ނުނެގީ އެވެ.

އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން ސްޓޫޑިއޯ ހުޅުވާ ރަސްމީކޮށް ޔޯގާ ކްލާސްތައް ނަގައިދޭން ފެށީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މިހާރު އިރޫ އާއެކު އޭނާގެ ކޮއްކޮ އަދި ބޮޑު ދައިތަ ކިޔާ ކުއްޖަކު ޔޯގާ ކްލާސްތައް ނަގައިދެ އެވެ.

މިހާރު އިރޫގެ ދިރިއުޅުމަކީ އެއީ އެވެ. ހަފްތާގެ ތިން ދުވަހު ފުލްކޮށް ކްލާސްތައް ނަގައިދިނުމަށްފަހު ބާކީ ހުރިހާ ވަގުތެއް ހޭދަކުރަނީ އަމިއްލަ ކަންތައްތަކަށެވެ. އިތުރު ކަންތައްތަކެއް ކުރުމުގެ ބަދަލުގައި އިރޫ މިވަގުތު ބޭނުންވަނީ އޭނާގެ ހުރިހާ ވަގުތެއް ވެސް ޔޯގާއަށް ހުސްކުރާށެވެ.

"ޖޮބް މަތިން ފޫހިވެފަ ހުރީމަ އެއްވެސް ވަރަކަށް މިސްއެއް ނުވޭ. ޔޯގާއަށް ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވަނީ. އައި އެންޖޯއީ ވަޓް އައި ޑޫ."

"ޔޯގާ ކްލާސްތަކަށް އަންނަ މީހުންގެ ޕްރޮގްރެސް ފެނުނީމަ ވަރަށް ހިތްހަމަ ޖެހޭ. އެމީހުންނަށް ޕޯޒް އެއް ހެދުނީމައެއް ނޫން. ހައު އިޓް ޗޭންޖެސް ދެއާ ލައިވްސް ބެޓާ. ދޭ އޯލްވޭސް ސޭ ދޭ ފީލް ބެޓާ އޭ އާފްޓާ ކްލާސެސް އެންޑް ދޭ ބިކަމް މޯ ކޮންފިޑެންޓް އޭ."

އޭގެ އިތުރުން އެމީހުން އެންޒައިޓީ ފަދަ ކަންތައްތައް ހޭންޑްލް ކުރެވި އެފަދަ ކޮމެންޓުތައް ލިބޭތީ އިރޫ ހުރީ އުފަލުންނެވެ. އިރޫގެ ފަރާތުން އެހެން ބަޔަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތީ އެވެ.

އިރޫ މިހާރު ތައްޔާރުވަމުން އަންނަނީ އިރޫ ސްޓޫޑިއޯގެ އަހަރީ ދުވަހާ ދިމާކޮށް ޔޯގާ އިންސްޓްރަކްޓާ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދަން ރާވަމުންނެވެ. މީގެކުރިން ވެސް އޭގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް 15 ވަރަކަށް އިންސްޓްރަކްޓަރުން ވަނީ ތަމްރީނުކޮށްފަ އެވެ. އެ އިންސްޓްރަކްޓަރުން ދާއިރާއިން ފެނިގެން ދިއުމަކީ އިރޫގެ އެންމެ ބޮޑު އުފަލެވެ.

ފިޓްނެސް ދުޅަހެޔޮ ދިރިއުޅުން ދޯ މަޖައްލާ

Popular