By: Ahmed Nadym
މި ރާއްޖޭގައި މި ވަގުތު އެންމެ ގިނައީ، ފޮޓޯގްރާފަރުންނޭ ބުނެވިދާނެ އެވެ. އަތާއި ޖީބާ ހަމައަށް ޓެކްނޮލޮޖީ އައުމުން އެމީހުންގެ އާބާދީ މިވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމަކު އޭގެ ތެރެއިން ވަރަށް ގިނަ ފޮޓޯގްރާފަރުންނަކީ އިންސްޓަގްރާމަށް ފޮޓޯލައިގެން އެ ލިބޭ ހިތްހަމަޖެހުމަކަށް އަރައި ސޯޝަލް މީޑިއާގެ ދަޅައިން ދިއްލިފައިވާ ހުވަފެނަކަށް ގެއްލިފައި ތިބި މީހުންނެވެ. ހަމައެކަނި އިންސްޓަގްރާމުގައި ލައިކް ގިނަކޮށް މަޝްހޫރުވެލުމަކީ އެފަދަ ބައެއް ފޮޓޯގްރާފަރުންގެ ހަމައެކަނި އަމާޒެވެ. އެކަމަކު 27 އަހަރުގެ ފާތިމަތު އަޝްވާ ފަހީމު ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ، އައްވަ ކިޔައިދެނީ މުޅިން އެހެން ވާހަކައެކެވެ. އިންސްޓަގްރާމުގައި ފްރޭމްކޮށްފައިވާ ފޮޓޯތަކަށްވުރެން އޭނާގެ ވާހަކަ ބޮޑުވެފައި އެ ތަސްވީރުގައި ބުނާ މާނަ ފުނީ މި ސަބަބާ ހެދި އެވެ. އެކަމަކު މީގެ އަށް އަހަރު ކުރިން އޭނާގެ ކަރުގައި ކެމެރާ އަޅައިގެން މަގުތަކަށް ނުކުތުމުން އެންމެން ވެސް ކުރީ މަލާމާތެވެ. އަމާޒުވީ ފުރައްސާރަ އެވެ. ބައެއް މީހުން ބުނީ "އައްވަ ތިއީ ފިރިހެނެކޭ" އެވެ.
"ބައެއް މީހުން ބުނެފައި އެބަހުރި، އައްވަ ކުރަނީ ފިރިހެނުން ކުރާ މަސައްކަތޭ. އެކަމަކު މީހުން އެގޮތަށް ނެގެޓިވްކޮށް ބުނާ އެއްޗެހި ހަނދާނެއް ނުހުރޭ، ނުވަތަ ފާހަގައެއް ނުކުރެވޭ ސަބަބަކީ އަހަރެން މިކަން ކުރަން ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން. މީހުން ކިޔާ އެއްޗިއްސަކަށް ސަމާލުކަމެއް ނުދެވޭ އަސްލު،" އައްވަ ބުންޏެވެ.
އައްވަ: އޭނާ ބޭނުންވަނީ ލެންސުން މުޅި ދުނިޔެ ބަލަން.
"ޑިޕްލޮމާ އިން ފޮޓޯގްރެފީ" ހާސިލުކޮށްގެން މެލޭޝިއާ އިން މާލެ އަށް އައިސް ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި އައްވަ އެންމެ ފުރަތަމަ ގުޅުނީ ރާއްޖެ ޓީވީ ސްޓޭޝަނާއެވެ. އޭރު އައްވަ އަށް 22 އަހަރެވެ.
"ދެން އެތަނުގައި އުޅެމުން އަހަރެން ވަރަށް ދާ ހިތްވެއްޖެ މުޒާހަރާތައް ކަވަރުކުރަން މަގުމައްޗަށް ނުކުންނަން ބޭނުވެއްޖެ. ފޮޓޯ ޖާނަލިސްޓަކަށް ވުމަކީ އަހަރެން ގަބޫލުކުރާ ގޮތުގައި މަގުމަތީގައި އުޅެގެން ކުރެވޭނެ ކަމެއް،" އައްވަ ކިޔައިދިނެވެ.
މުޒާހަރާއެއްގެ ކުރީ ސަފުގައި އައްވަ ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި.
"އެކަމަކު ރާއްޖެ ޓީވީގައި ހޭދަކުރި ފުރަތަމަ ދެ ތިން މަހަކު އެމީހުން އަހަރެން ބޭރަށް މުޒާހަރާ ކަވަރުކުރަން ނުފޮނުވާކަން ފާހަގަކުރެވުނު. އޭގެ ބަދަލުގައި ފިރިހެން ކުދިން އެކަނި ފޮނުވަމުން ދިޔައީ. ދެން ބުނާނެ އައްވަ ބަލަހައްޓާށޭ ސްޓޫޑިއޯ."
"އެކަމަކު ވެސް އަހަރެން ހުރީ އޭރު ވެސް ބޭރަށް ދާން ކެތްމަދުވެފައި. މުޒާހަރާތުގައި ފެންނަ މަންޒަރުތައް ޑޮކިއުމެންޓްކުރަން ބޭނުންވެފައި. އެކަމަކު ސްޓޫޑިއޯއެއްގައި އެކަނި ހުރެގެން ކޯއްޗެއް ޑޮކިއުމެންޓްކުރެވޭނީ ވެސް."
އައްވަގެ ޝައުގުވެރިކަން ހުރީ އަބަދުވެސް އޭނާ ދިރިއުޅުނު ގެއާއި އެ ގޭގެ އިންފާރާއި ރަށާއި ރަށުގެ އިން ފަހަނަޅައިގޮސް ދުރުގައިވީ އެއްޗަކީ ކޮބައިތޯ ބެލުމުގަ އެވެ. އެހެންވެ ސްޓޫޑިއޯއެއްގައި ބެހެއްޓުމުން އޭނާ ބޭނުންވީ ރަށު ތެރޭގައި މުޒާހަރާކޮށް އަޑުގަދަކުރާ މީހުންގެ ތެރެއަށް ނުކުމެ ފޮޓޯއިން އެ މީހުންގެ ވާހަކަ އާންމުންނަށް ކިޔައިދޭށެވެ.
ބޭރު މީޑިއާގައި މަޝްހޫރުވި އައްވަގެ ފޮޓޯއެއް. --ފޮޓޯ: އައްވަ
"އަހަރެން އަބަދުވެސް ބޭނުންވީ (ސާކަސް) ގެ މެދުގައި ގޮސް ހުންނަން،" އައްވަ ބުންޏެވެ.
"ދެން އެންމެފަހުން އަހަރެން ޝަކުވާކުރީ. ދެން އެކަންވީ އެތަނުގެ ތެރޭގައި މަޖަލަކަށް. މީހުން ދިމާކުރަން ފެށީ، އަޝްވާ ވެސް ބޭނުމޯ މުޒާހަރާއަށް ދާން ކިޔާފައި."
ކޮންމެއަކަސް ދޫނުދީ ދެއްކި ޝައުގުވެރިކަމުގައި ނެގި ރާޅުގައި އޭނާ ނަގައި އެއްލައިލީ މުޒާހަރާތަކުގެ މެދަށެވެ. އެއީ އައްވަގެ އަށް އަހަރުވީ ކެރިއަރުގައި އޭނާ އަށް ލިބުނު އެންމެ ބޮޑު އުފާވެރިކަމޭ ބުނެވިދާނެ އެވެ. ނަމަވެސް ދެން ވެސް، އަންހެން ކުއްޖަކަށްވެ ހުރެ، ކެމެރާ ހިފައިގެން ފޮޓޯގްރާފަރަކަށް މަގުމަތީގައި އުޅެން ފެށުމުން ކުރިމަތިލާން ޖެހުނު ޖިންސީ ތަފާތުކުރުންތަކާއި ފުރައްސާރައިން އައްވަ ސަލާމަތްވާ ގޮތެއް ނުވި އެވެ.
އައްވަ އެންމެ ނަގަން ބޭނުންވާ ކަހަލަ ފޮޓޯއެއް. --ފޮޓޯ: އައްވަ
"މުޒާހަރާ އަށް ދާން ފުރުސަތު ދިނަސް ވަރަށް ބޮޑަށް ސެކްސިޒަމްއާ ކުރިމަތިލާން ޖެހުނު އަންހެން ފޮޓޯގްރާފަރެއްގެ ގޮތުގައި މުޒާހަރާތަކާއި އެހެން އިވެންޓްތައް ކަވަރުކުރަން ނުކުތުމުން އެންމެ ފުރަތަމަ،" އައްވަ ކިޔައިދިނެވެ.
އޭނާ ބުނީ ސެކްސިޒަމްގެ އެ މާހައުލު ދޫކޮށް ގެއަށް ގޮސް ވަދެލުމާ އެކު އާއިލާ މީހުންގެ ފަރާތުން އެ ލިބޭ ހިތްވަރާއި ސަޕޯޓަކީ އޭނާގެ ފޮޓޯގްރެފީ ހުވަފެން ހަގީގަތަކަށް ހެދުމަށް ކޮންމެ ދުވަހަކު ވެސް ލިބޭ އެންމެ ބޮޑު ވެކްސިން ކަމަށެވެ. އުމުރުން އެންމެ 15 އަހަރުގައި، ތިމަންނާ އުފަން ދުވަހުގެ ހަދިޔާއަކަށް ބޭނުމީ ފޮޓޯނަގާ ކެމެރާއެކޭ ބުނީމާ ވެސް، އައްވަގެ އާއިލާ އިން އޭނާ އަށް ފޮޓޯކެމެރާއެއް ހޯދައިދިނީ އޭނާގެ ތަފާތު ވިސްނުމާއި ފިކުރަށް އޭރު ވެސް ދިން އެއްބާރުލުމެއްގެ ގޮތުންނެވެ. އަދި ބޮޑުވެގެން އެހެން ހުރިހާ އަންހެން ކުދިން އާންމުކޮށް ކިޔަވާ ދާއިރާތައް ދޫކޮށް ފޮޓޯގްރާފަރެއްގެ ގޮތުގައި ކުރިއަށް ދާން އައްވަ ނިންމުމުން އޭނާ އަށް އާއިލާއިން ދިން އެއްބާރުލުން ވެސް އޭނާ ފާހަގަކުރަނީ މިގޮތުގައި މީހަކަށްވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ.
އައްވަ އެންމެ ކިޔައިދޭ ހިތްވަނީ މީހުންނާއި އެމީހުންގެ މުޖުތަމައުގެ ވާހަކަ. --ފޮޓޯ: އައްވަ
"އަހަރެން ފޮޓޯނެގިޔަސް، ނުވަތަ މަހަށް ދިޔަޔަސް ނުވަތަ އެހެން ކަމެއްކުރިޔަސް އަހަރެން ނުވޭ ދޯ ފިރިހެނަކަށް. އަހަރެން އެ ވަނީ ގަދަފަދަ އަންހެނަކަށް ދޯ. އަހަރެން ނުޖެހޭ ދޯ އަހަރެން ކުރާ ކަމެއް ނުވަތަ އަދާކުރާ ވަޒީފާއަކަށް ބިނާކޮށް އަހަރެންގެ ޖިންސު ކިޔައިދޭކަށް. އަހަރެން މިއީ ކޮން ޖިންސެއްގެ މީހެއްކަން އެ އޮތީ އުފަން ދުވަހުގެ ސެޓްފިކެޓުގައި ލިޔެފައި،" އަންހެނަކަށްވެ ހުރެ ފޮޓޯގްރެފީގެ ޕްރޮފެޝަންއެއް ހިޔާރުކުރުމުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އައްވަ ބުންޏެވެ.
"އަންހެން ކުއްޖަކު ބޭނުން ކޮންމެ ކަމެއް އެ ކުއްޖަކަށް ކުރެވޭނެ. އެއީކީ މައްސަލައެއް ނޫން. އަހަރެން އުއްމީދުކުރަން އެކަން އެންމެން ގަބޫލުކުރާނެ ދުވަހެއް އަންނާނެ ކަމަށް."
ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް އައްވަގެ އަމާޒަކީ މީހުންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް އެހީތެރިވުމެވެ. އެގޮތުން ޔޫއެންޑީޕީ އާއި ރޮއިސްޓާސް އަށް ފްރީލާންސްކޮށް މިވަގުުތު މަސައްކަތްކުރަމުން އަންނައިރު އޭނާގެ މައިގަނޑު ފޯކަސް ހުރީ އިޖުތިމާއީ އަދި މޫސުމީ ބަދަލުތަކުން ކުރިމަތިވާ މައްސަލަތަކަށް މީހުން ހޭލުންތެރިކޮށް ލޯ ހުޅުވައިދިނުމެވެ. އޭނާގެ ފޮޓޯތަކަކީ އިންސްޓަގްރާމުން އާންމުކޮށް ފެންނަ ބިއުޓީ ނުވަތަ ފެޝަން ފޮޓޯތަކަކަށް ނުވަނީ ވެސް މި ސަބަބާ ހެދި އެވެ.
މޫސުމީ އަދި ތިމާވެށީގެ މައްސަލަތައް ފޮޓޯއިން ކިޔައިދޭން އައްވަ ބޭނުންވޭ. --ފޮޓޯ: އައްވަ
"އަދިވެސް އަމިއްލަ ޒިންމާތައް ފޮޓޯގްރާފަރެއްގެ ގޮތުގައި އަދާކުރެވުނު ކަމަށް ގަބޫލެއް ނުކުރެވޭ. ކޮންމެހެން ފޮޓޯ ނަގައި އިންސްޓަގްރާމަށް ލައިގެން ލައިކްސް ހޯދުމެއް ނޫން އައްވަ އަށް މުހިންމީ،" އައްވަ ބުންޏެވެ.
ފޮޓޯ: އައްވަ
"އޭގެ ސަބަބުން ސޯޝަލް ބަދަލުތަކެއް މުޖުތަމައަށް ނުވަތަ މީހުންނަށް އަސަރުކުރާނެ މަސައްކަތްތަކެއް ފޮޓޯގްރާފަރެއްގެ ގޮތުގައި ކުރުން އައްވަގެ އަމާޒަކީ. މޫސުމީ މައްސަލަތަކަށް މީހުން ހޭލުންތެރިކުރުމަކީ ވެސް ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެއް."