By: Ahmed Nadym
އޭނާ ބޮޑުވީ އާޓިސްޓުންގެ އާއިލާއަކަށެވެ. އެއް އިރެއްގައި މާލޭގައި ހުރި އެންމެ ކުޅަދާނަ ފޮޓޯގްރާފަރު، މަޝްހޫރު "ފޮޓޯ ނަޖީބު"އާ މަޝްހޫރު ފިތުރޯނުވިލާ އަހުމަދު ނަސީރަކީ ވެސް އޭނާގެ މި އާޓިސްޓިކް އާއިލާ އިން ނަގައި ކިޔައިދޭން ވެއްޖެ ނަމަ މިކަހަލަ އެތައް ވާހަކައެއް ވަރަށް ދިގުކޮށް ލިޔަން ޖެހޭ ވަރުގެ މޮޅެތި އާޓު ސިކުނޑިތަކެވެ. ނަމަވެސް މުހައްމަދު ވިޝަލް އަހުމަދު ބުނަނީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ މޮޅު އާޓިސްޓަކީ އޭނާގެ މުނިމާމަ ކަމަށެވެ. "އެއްކަލަ ވިޝަލް" ގެ ނަމުގައި ދިވެހި އާޓިސްޓުންގެ ކޮމިއުނިޓީ އަށް މަޝްހޫރުވެފައިވާ އުމުރުން 34 އަހަރުގެ މި އާޓިސްޓު ބުނަނީ އޭނާގެ ލޮލާއި ބޮލާއި ސިކުނޑި އާޓިސްޓިކު ދުނިޔެއަކަށް ހުޅުވާލަދިން މީހަކީ މުނިމާމަ ކަމަށެވެ.
"އޭރު ގޭގައި ހުރި ކުޑަ ޓީވީއަކާއި ރޭޑިއޯއަކުން އިވުނު ވާހަކަތަކާއި މަންޒަރުތަކަކީ ލިބުނު ހަމައެކަނި އެކްސްޕޯޝާއަކީ. އެކަމަކު ކޮންމެ ދުވަހަކު ކާން ތިބޭއިރު މުނިމާމަ ވާހަކަ ކިޔައިދިނުންވީ އަހަރެންގެ އިމޭޖިނޭޝަން ހުޅުވި އާޓަށް ވަރަށް ބޮޑަށް އިންސްޕަޔާކުރުވި ކަމަކަށް،" ކުރީގެ ހަނދާންތަކުން ފަށައިގެން ވިޝަލް ކިިޔައިދިނެވެ.
ވިޝަލްގެ ފެންޓަސީ އާޓްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުރެހުން. --ކުރެހުން އަދި ފޮޓޯ: އެއްކަލަ ވިޝަލް
"އެގޮތަށް މާމަ ކިޔައިދިން އެންމެ އެޕިކް ވާހަކައަކީ ބޮޑުގޮހޮޑާ ވާހަކަ. އެއީ އެޕިކް ފެންޓަސީ ޓޭލްއެއް. ކޮންމެ ދުވަހަކު މާމަ އެ ވާހަކަ ކިޔައިދޭއިރު އަހަންނަށް (އެ ވާހަކައިގެ) މަންޒަރުތައް ފެންނަ ފަދަ. ބޮލަށް ނެގި ހިޔާލުން ފެންނަން ފެށީ. އެއީ އަހަރެންގެ ވިޝުއަލް ދުނިޔެ ފަޅައިގެން ދިޔަ ހިސާބަކީ."
ކޮންމެއަކަސް އާޓިސްޓުންގެ މިފަދަ އާއިލާއަކަށް ނިސްބަތްވެ ކުރެހުންތެރިންގެ ކުޅަދާނަ މަސައްކަތްތައް ފެންނަ ހިސާބުގައި ބޮޑުވަމުންދިޔަ ވިޝަލް ފުރާވަރަށް އެރިއިރު އޭނާ އަކީ ވެސް އުމުރާ ނުބައްދަލު ހުނަރުވެރިކަމެއް ލިބިފައިހުރި ކުރެހުންތެރިއެކެވެ. ނުވަތަ ވަރަށް މޮޅަށް ކުރަހަން އެނގޭ ޒުވާނެކެވެ.
ވިޝަލް ކުރަހާފައިވާ ކުރީގެ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ދޮހޮއްކުބޭގެ އޮއިލް ޕެއިންޓިންއެއް.
"ފޮތްފޮތުގެ ބޭރުގަނޑުގައި ވެސް ހުންނާނީ އަހަރެން އަމިއްލަ އަށް އެކި ކާޓޫނު ކެރެކްޓާތައް ކުރަހައި ފުރާލާފައި. އާންމުކޮށް ދިމާވާ މީހުންނާއި ކްލާސް ކުދިންނާއި ރައްޓެހިން ސުޕަހީރޯތަކެއްގެ ގޮތުގައި ކުރަހާފައި އަހަރެން ހުންނާނީ. އަބަދުވެސް ކޮންމެވެސް އެއްޗެއް ޑޫޑްލްކޮށްކޮށް އުޅޭނީ،" އުމުރުން 14 އަހަރުގެ ވިޝަލްގެ ހަނދާންތައް ހުރީ މިހެންނެވެ.
"އެކަމަކު އޭރު ވެސް ނުވިސްނޭ އާޓަކީ ކަމެއް އަހަރެންގެ އެންމެ މޮޅު ދާއިރާ. ހިތަކަށް ވެސް ނާރާ ހުރިހާ ވަގުތެއް އާޓަށް. ހިތަކަށް އާޓަކީ ކިޔަވާވަރުގެ ކަމެއް ކަމަކަށް ވެސް ނުދެކެން އޭރަކު."
ވިޝަލް ލައިވް މޮޑެލް ޕެއިންޓިން ކުލާހެއްގައި ކުރަހަނީ.
ވިޝަލް ބުނީ ކުރެހުން އެއީ އޭރު މަޖަލަކަށް ކޮށްލި ކަމެކެވެ. ނުވަތަ ބިޓުން ފަސޭހައިން ސެޓުވާތީ އޭނާ ކޮށްލި ކަމެކެވެ.
"ކުރަހާތީ ވަރަށް ބިޓުން ވެސް ވާނެ. އެއީ ވެސް އޭރު ކުރަހަން ބޭނުންވި ސަބަބެއް. އަންހެން ކުދިން އަންނާނެ އަތުގައި ޓެޓޫގޮތަށް ކުރަހުވަންވެސް. އެކަމަކު އޭރަކު ކުރެހީ ސީރިއަސްކޮށެއް ނޫން."
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ: ވިޝަލްގެ އާދަޔާހިލާފު ކުރެހުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެއް. --ފޮޓޯ: އެއްކަލަ ވިޝަލް
ނަމަވެސް ފުރާވަރުގެ އެ ސަމާސާ އެންމެ ފަހުން ވިޝަލްގެ އެންމެ ސީރިއަސް އަމާޒަށް ބަދަލުވެ މަސައްކަތަށް ބަދަލުވެގެންދިޔައީ އެވެ. އެކަމަކު އާޓަށް ހިތްބަންޑުންވިއިރު އޭނާގެ މަންމަމެން ބައްޕަމެން ބޭނުންވީ ވިޝަލް ކިޔަވައި މޮޅުވެގެން ވަކީލަކަށް ނުވަތަ ކޮންމެވެސް އެކަހަލަ "ވަރަށް ރަސްމީ" ވަޒީފާއަކަށް ދާށެވެ.
"ޕޮލިޓިކަލް ސައިންސް ކިޔަވަން ވެސް ދިޔައިން. އެއީ އާއިލާ އިން ބޭނުންވީ އަހަރެން ތަންކޮޅެއް ރަސްމީ ކަމެއް ކުރަން. އާޓާާއި މިއުޒިކް ކުޅުން ނުވި ސަޅި ކަމަކަށް ބައްޕަމެންނަކަށް. އެހެންވީމަ ޑޮކްޓަރަކަށް، ލޯޔަރަކަށް ނުވަތަ ކޮންމެވެސް ކަހަލަ ޕޮލިޓީޝަނަކަށް ވުން އެމީހުންގެ ވިސްނުމަކީ،" އާޓިސްޓުން އޭރު ވެސް ރާއްޖޭގައި އެއްވެސް ބަޔަކަށް ނުވާ ކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ވިޝަލް ކިޔައިދިނެވެ.
ވިޝަލްގެ ކުރެހުމެއް: އޭނާ އަކީ ދިވެހި އާޓިސްޓުންގެ ތެރެއިން އެންމެ އަންޑާރޭޓެޑް އެއް އާޓިސްޓް.
އެންމެފަހުން ކުރާނެ ކަމެއް ނޭނގިގެން ގޮސް ވިޝަލް ޓީވީއެމްގައި ޕްރޮޑިއުސަރެއްގެ ވަޒީފާގައި ވެސް ކުރިން އުޅުނެވެ. ނަމަވެސް އޭނާގެ މިނިވަން ހިޔާލާއި މިނިވަން ކުލަ ދުނިޔެ ބޭނުންވީ އޭނާގެ ހިތް އޮތް ދިމާލަކަށް ދަމައިގެން ގެންދާށެވެ. ރައްޓެހިންތަކެއްގެ ހިޔާލާއި އިރުޝާދާއެކު އޭނާ އާޓިސްޓިކް ސިކުނޑި އަށް އެންމެފަހުން ހިޔާވަހިކަން ގޮސް ހޯދީ މެލޭޝިއާގެ އެންމެ މަޝްހޫރު އާޓް އެންޑް ޑިޒައިން ކޮލެޖު، ދަ ވަން އެކަޑެމީ އިންނެވެ.
ވިޝަލްގެ ކުރެހުމެއް: އޭނާގެ އެންމެ ހާއްސަ ހުނަރަކީ ޕޯޓްރެއިޓްސް ކުރެހުންކަން ފާހަގަކޮށްލެވޭ.
"ދެން އެތަނުން ޕްލޭމަންޓް ލިބިގެން އިލަސްޓްރޭޝަން ސްޓޫޑަންޓެއްގެ ގޮތުގައި ފުރަތަމަ ޖޮއިންކުރީ. އެކަމަކު އޭރަކު އަހަންނަކަށް ނޭނގޭ ފައިން އާޓާ އިލަސްޓްރޭޝަންއާ ހުރި ތަފާތެއް ވެސް،" ވިޝަލް ބުނެލިއެވެ.
އެކަމަކު އޭނާ ބުނާ ގޮތުން ނަމަ، ވިޝަލްގެ ދިރިއުޅުން އާޓިސްޓެއްގެ ގޮތުގައި މޮޑެން ފެށި ހިސާބަކީ އެއީ އެވެ.
"މިއީ އަހަރެން ހިތަށް އެރި ހިސާބަކީ، އާނއެކޭ އަހަރެން ވާނީ އާޓިސްޓަކަށޭ."
ވިޝަލްގެ އިންސްޓަގްރާމް އާޓް
އެކަމަކު އޭނާ ބުނަނީ އަދިވެސް އޭނާ "ފުރިހަމަ އާޓިސްޓަކަށް" ނުވާ ކަމަށާއި އޭނާގެ ކުރެހުންތަކަށް ހާއްސަ ވަކި ސްޓައިލެއް ވެސް އަދި ފައްކާނުކުރެވޭ ކަމަށެވެ. އޭނާ ބުނާ ގޮތުން ނަމަ އާޓާއެކު އޭނާ ފެށި ދަތުރުގެ ވަރަށް ބޮޑު ބައެއް އަދިވެސް ކުރިއަށް އޮތީއެވެ.
"މިހާރު ވެސް އަހަރެން މި ދަނީ އެކި މީޑިއަމްތައް ދަސްކޮށް ޑިސްކަވާކުރަމުން. އަދިވެސް ނެތް މިއީއޭ އަހަރެންގެ ސްޓައިލަކީ ކިޔާފައި ދެއްކޭނެ ސްޓައިލެއް. ހުރިހާ ވައްތަރެއްގެ އާޓެއްގައި ވެސް އަހަރެން އުޅެން. ލިޔުންތެރިކަމާއި ޕޮއެޓްރީ އަކީ ވެސް އަހަރެން އެންމެ ކުޑައިރުން ފެށިގެން ވެސް ކުރާހިތްވާ ކަމެއް،" ވިޝަލް ބުންޏެވެ.
"އަހަރެންގެ ޓާގެޓަކީ، އަހަރެންގެ އެންމެ މޮޅު ވާޝަން އަށް ވުން. އަނެއްހެން ބުނާ ނަމަ އަހަރެން ބޭނުމަކީ 'ދަ ބެސްޓް މީ' އަށް ވާން."
ވިޝަލްގެ ވާހަކައަކީ މިއީއެވެ. އެކަމަކު ދިވެހި އެހެން އާޓިސްޓުން ނުވަތަ އާޓަށް ލޯބިކުރާ އެހެން މީހުން ބުނަނީ މިވަގުތު ރާއްޖޭގައި ތިބި އާޓިސްޓުންގެ ތެރޭގައި ހުރި އެންމެ "އަންޑާރޭޓެޑް" އެކަމަކު އަގުކުރަން ނޭނގޭހާ މޮޅު އެއް އާޓިސްޓަކީ ވިޝަލް ކަމަށެވެ.