11 Mar 2019

ދިވެހި ބޭސްވެރިކަމަށް ވެސް ޒުވާނުން ނިކުންނަންވީ

ހަސަން ގާސިމް މުޅި އުމުރު ހޭދަކުރީ ދިވެހި ބޭސްވެރިކަމުގަ އެވެ. އޭނާ މިހާރު އެންމެ އެދެނީ މި މަސައްކަތް ދަމަހައްޓައި ކުރިއަރުވާނެ ޒުވާނުންނެވެ.

ހަސަން ގާސިމް މުޅި އުމުރު ހޭދަކުރީ ދިވެހި ބޭސްވެރިކަމުގަ އެވެ. އޭނާ މިހާރު އެންމެ އެދެނީ މި މަސައްކަތް ދަމަހައްޓައި ކުރިއަރުވާނެ ޒުވާނުންނެވެ.

By: Ifraz Ali

ޒުވާން އުމުރުގައި އޭނާގެ ބައްޕަ އެއް ދުވަހު ވަރަށް ރުޅި ގަދަވެލާފައި، ދިވެހި ބޭސްވެރިކަން ދަސްކުރަން އުޅޭށޭ ބުނީމާ އެކަން ކުރަން ފެށި ގޮތަށް އަދި ވެސް ހަސަން ގާސިމް އެ ހުރީ އޭނާގެ ބައްޕަގެ ބަސް އަހައިގެން އެކަން ކުރުމުގަ އެވެ. ތޮޅެންދޫ ހަސަން ގާސިމް އޭ ބުނެފި ނަމަ ގިނަ މީހުންނަށް މިއީ ކާކުން އެނގޭނެ އެވެ. އޭނާއަކީ ހަކީމީ ބޭސްވެރިކަން ނުވަތަ މިކިޔާ ދިވެހި ބޭސްވެރިކަން ކުރާ ރާއްޖޭގައި މިހާރު ތިބި މަދު ބޭސްވެރިންގެ ތެރެއިން މަޝްހޫރު އެކަކެވެ.

މިހާރު އޭނާގެ އުމުރުން 80 ވަނަ އަހަރު ގުނަމުން އަންނައިރު، އުމުރުގެ ބޮޑު ބައި ހޭދަކުރީ މި މަސައްކަތުގަ އެވެ. އޭނާ މިކަން ކުރަމުން އަންނަތާ މިހާރު 50 ހަކަށް އަހަރު ވެއްޖެ އެވެ.

ހަސަން ގާސިމް ކިޔެވީ މާލެއިންނެވެ. މަޖީދިއްޔާ ސްކޫލުން ގްރޭޑް ހަތެއް ނިންމައި، އުފަން ރަށް ނ. ތޮޅެންދޫ އަށް ގޮސް ފުރަތަމަ އަދާކުރީ އެ ރަށު މިސްކިތުގެ މުދިމުކަމެވެ. ދިވެހި ބޭސްވެރިކަމުގެ ތެރެއަށް އޭނާ ވަނީ އޭގެ އަހަރުތަކެއް ފަހުން އެ ރަށުގެ ކަތީބުކަން ވެސް ލިބުނު ފަހުންނެވެ.

ތޮޅެންދޫގެ އާބާދީ ކުޑަވުމާއި އަދި އެ ރަށަކީ ވަށައިގެން ރާޅު އަރާ ރަށަކަށް ވާތީ ރަށުގައި ދިރިއުޅެން އުނދަގޫވުމުން، ރަށު ރައްޔިތުން އެދުމަށް 2001 ވަނަ އަހަރު އެމީހުން އެ އަތޮޅު ކެނދިކުޅުދޫއަށް ބަދަލުކުރި އެވެ. އޭރު އޭނާ ހުރީ އަތޮޅު ކަތީބަކަށެވެ.

"އަޅުގަނޑުގެ އާއިލާއަކީ ވެސް އެކަން [ދިވެހި ބޭސްވެރިކަން] ކުރި ބައެއް ނޫން. މާވާގެ ޑރ. މުހައްމަދު މަނިކް އަރުވާލީ އަޅުގަނޑުމެންގެ ރަށަށް [ތޮޅެންދޫ]. އޭނާ އަރުވާލާފައި ހުރިއިރުގައި އަޅުގަނޑު ގާތުގައި ބުނީ ބޭސްވެރިކަން ދަސްކުރަން ވީނުން ހެއްޔޭ. ބުނީމާ ފުރަތަމަ އަޅުގަނޑު ވަރަށް ހިތްހަމަނުޖެހުނު އެކަންތައް ކުރަން، ހަޑިކޮށް ކުރަންޖެހޭ މަސައްކަތަކަށް ވީމަ،" ފުރަތަމަ މިކަން ކުރަން ބޭނުން ނުވި ކަމަށް އޭނާ ބުންޏެވެ.

ހަސަން ގާސިމް: ދިވެހި ބޭސްވެރިކަން ކުރަމުން އަންނަތާއި 50 އަހަރު ވެއްޖެ -- | ފޮޓޯ: ދޯ

"ދެން އަޅުގަނޑުގެ ބައްޕަ ގާތުގައި ޑރ. މުހައްމަދު މަނިކު އެ ވާހަކަ ބުނުއްވީމަ، ދެން އޭރުގައި ދަރިން ބިރުގަންނާނެ މައިންބަފައިން ދެކެ، އެހެންނުން ވާނީ. ދެން ބައްޕަ ކުޑަކޮށް ރުޅި އައިސް ދަސްކުރާށޭ ބުނީމަ އެ ފެށި ގޮތަށް ދެން ދަސްކުރީ."

ޑރ. މުހައްމަދު މަނިކުގެ އިތުރުން، ފާމުދޭރީކިލޭގެފާނު އަރިއަހުންނާއި އަދި މަލިން މަނިއްޕުޅު މުހައްމައިދީގެ އަރިހުން ވެސް ދިވެހި ބޭސްވެރިކަން ދަސްކުރި އެވެ. އާންމުކޮށް މި ކުރާ ޑަކްޓަރީ ބޭހަށް ވުރެ މިއީ މާ ބުރަބޮޑު، "ހަޑި" އަދި ކަވި މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

"ޑަކްޓަރީ ބޭހައި ދިވެހި ބޭހުގައި ވަރަށް ބޮޑު ތަފާތެއް އެބަ ހުރޭ. މިހެން ނަން ގަތީމަ ފަހަރެއްގައި ޑަކްޓަރުން ހިތްހަމަނުޖެހިދާނެ. އެކަމަކު ތިން އިރުއިރަކު ދެ ގުޅަ ކައިކައި ފަސް އަހަރު ހުންނަންޖެހިދާނެ އެއް ބައްޔަށް. ހަކީމީ ބޭހުން ފަސޭހަ ވެއްޖެއްޔާ ދެން އެ ބައްޔެއް ނުޖެހޭނެ،" އެ ހިސާބުން އުމުރު ދުވަހަށް އެ ބައްޔަކުން އެ މީހަކު ފަސޭހަވާނެ ކަމަށް ބުންޏެވެ.

އެކަމަކު އެއީ ކިހިނެއް ޖެހޭ ބައްޔެއް ކަމާއި ފަރުވާގެ ގޮތުގައި ދޭންޖެހޭނީ ކޯއްޗެއްކަން ބޭސްކުރާ މީހާއަށް ރަނގަޅަށް އެނގެންޖެހޭނެ އެވެ. އެ އެއްޗެހި ނޭނގި ރަނގަޅަށް ފަރުވާ ނުކުރެވިއްޖެ ނަމަ ޑަކްޓަރީ ބޭހުން އެ އަންނަ ކަހަލަ ސައިޑްއިފެކްޓްސް، ހަކީމީ ބޭހުން ވެސް އުފެދިދާނެ ކަމަށް އޭނާ ބުންޏެވެ.

"ހަޑި މަސައްކަތެކޭ އޭރު ބުނީ ފައި ކަހަލަ ތަނެއް ބިނދިގެން އައިސްފިނަމަ އެންމެ ބޮޑު ކަމަކަށް ޑަކްޓަރުން އަޅާނީ ޕްލާސްޓަރެއް. އެވެސް ފޮތިގަނޑު އެޅީމަ ދެން ފެންނާކަށް ނުހުންނާނެ. އެކަމަކު އަހަރެމެން ޖެހޭނީ ބަންނަން ދޯ ބޭސް، އޭގެން ދަވަޔާ އެއްޗެހި ނިކުމެ، ފެން ފައިބާނެ."

ހަސަން ގާސިމް: ދިވެހި ބޭސްވެރިކަން ކުރަން ފެށިއިރު އޭނާއަކީ ތޮޅެންދޫގެ ކަތީބު -- | ފޮޓޯ: ދޯ

ކެނދިކުޅުދޫއަށް ބަދަލުވިތާ މާ ގިނަ އަހަރުތަކެއް ނުވެ، އާއިލާއެކު އޭނާ ދިރިއުޅުން ވިލިމާލެއަށް ބަދަލުކުރި އެވެ. އެ ރަށުގައި ހުރެ ވެސް ގިނަ ބަޔަކަށް ފަރުވާކޮށްދިނެވެ. މީހުންނަށް ފަރުވާކުރުމަށް މާލޭގައި އޭނާގެ އަމިއްލަ ކްލިނިކެއް ވެސް ހުޅުވި އެވެ. ބިސްބުރު ކައިރީގައި ހުރި އެ ކްލިނިކް ބަންދުކުރަން ޖެހުނީ އޭނާ ޒުވާން އިރު ފުޓުބޯޅަ ކުޅެން އުޅެނިކޮށް ބިނދުނު ފަޔަށް އިތުރަށް ތަދުވެ، މާލެ ގޮސް އައިސް އުޅެން ދަތިވުމުންނެވެ.

އެ ހިސާބުން ވެސް އޭނާ މި މަސައްކަތެއް ހުއްޓައެއް ނުލި އެވެ. މީހުން ގެއަށް ގެނެސްގެން ވެސް ފަރުވާދިނެވެ. ގިނަ އަހަރުތަކެއް ވަންދެން ވިލިމާލޭގައި އުޅުމަށް ފަހު މިހާރު އޭނާ ދިރިއުޅެމުން އަންނަނީ ހުޅުމާލޭގަ އެވެ. އޭނާ ބުނީ މިހާރު ވެސް ބޭސްކުރަން ވަރަށް ގިނަ މީހުން އަންނަ ކަމަށެވެ.

އާންމުކޮށް، ހުރިހާ ވައްތަރެއްގެ ބައްޔެއް ހުންނަ މީހުން ވެސް އޭނާ ގާތަށް ފަރުވާކުރަން ދެ އެވެ. އެންމެ ގިނައިން އަންނަނީ ދަރިން ލިބުމުގައި އެކި ކަހަލަ ދަތިތައް ކުރިމަތިވާ މީހުންނާއި ރޯގާ ޖެހިގެން އަންނަ މީހުންނާއި އަދި ބޯޅަ ކުޅެގެން ފަޔަށް ތަދުކޮށްލައިގެން އަންނަ ޒުވާނުންނެވެ.

އަރިދަފުސް ރޯގާޖެހި ކެއްސާ ނަމަ އެކަމުން ފަސޭހަވުމަށް ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބޭހެއް އޭނާ ކިޔައިދިނެވެ. މާމުޔާއި ލުނބޯ ހުތާއި އަދި ވާރޭ ފެން އެއްކޮށްގެން ބޯނީ އެވެ. ކުޑަކުއްޖެއް ނަމަ ކޮންމެ ހަތަރު ގަޑިއަކުން ސައި ސަމުސަލެއްގެ އެވެ. އަދި ބޮޑު މީހެއް ނަމަ މޭޒު މަތީ ސަމުސަލެއްގެ އެވެ.

މިއަށް ވުރެ ތަންކޮޅެއް ބޮޑު ބޭހެއް ވެސް ތައްޔާރުކޮށްލެވިދާނެ ގޮތް ކިޔައިދިނެވެ.

ބޭނުންވާނެ އެއްޗެހި

- ދެ އައުންސު ބިލަތު ދިޔަ

- ދެ އައުންސު ގަނދަކޯޅި ފަތު ދިޔަ

- ދެ އައުންސު ކުޅިތުޅާ ފަތު ދިޔަ

- ދެ އައުންސުގެ މާއުއި

- ހުދު ކާފުރު ފެން

"މި ހުރިހާ އެއްޗެހި އެއްކުރާނީ ފުޅިއަކަށް އަޅާފައި. އެއްޗެހި އެއްކޮށްފައި އޭގެ ތެރެއަށް އަޅާނީ ހަތަރު އައުންސުގެ ހުދު ކާފުރު ފެން، ހަމައެކަނި އޭގެ ފެން އަޅާނީ، ހުދު ކާފުރު ނާޅާނެ. އަޅައި ރަގަނޅަށް އެއްކޮށްފައި ބަހައްޓަން ވާނީ އައިސް އަލަމާރީގައި. ދެން ހަމަ ހަތަރު ގަޑިން ދެ ސަމުސާ ދެންޏާ ރަނގަޅުވާނެ،" މިއީ ރޯގާއަށް ވަރަށް މުޖައްރިބު ބޭހެއް ކަމަށް އޭނާ ބުންޏެވެ.

ބޭހަށް ބޭނުންވާ އެއްޗެހި އޭނާ މިހާރު ހޯދަނީ ބާޒާރުންނެވެ. ކުރިން އެއްޗެހި ހޯދީ ރަށުންނާއި އަދި ރަށުން ނުލިބޭ އެއްޗެހި ރަށުން ބޭރުން ގެނެސްގެންނެވެ. އާންމުކޮށް ބޭނުންކުރަނީ ފަތްޕިލާވެލީގެ އެކި ބާވަތްކާއި މޭވާ ކަހަލަ އެއްޗެއްސެވެ. ބޭނުންވާ އެއްޗެހި އެނގޭނީ އެމީހަކަށް ޖެހިފައިވާ ބައްޔެއް އެނގުމުންނެވެ.

ހަސަން ގާސިމް: އެންމެ ދެކެން ބޭނުންވަނީ ދިވެހި ޒުވާނުން ދިވެހި ބޭސްވެރިކަމުގައި އުޅޭނެ ދުވަހެއް -- | ފޮޓޯ: ދޯ

މިހާ ގިނަ ދުވަހު މި މަސައްކަތް ކުރަމުން އައި ނަމަވެސް އޭނާ ދުވަހަކު ވެސް ފަރުވާއަކަށް އަމިއްލައަށް އަގެއް ނުކިޔަ އެވެ. އޭނާ ބުނީ މިކަން ކުރަން ފެށީ މުޖުތަމައުއަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި ކަމަށެވެ. އެމީހަކަށް ފެންނަ އެއްޗެއް ދިނުމުން އެ ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ރަށުގައި ބޭސްކުރަން އުޅުނުއިރު އަޅުގަނޑު ކާން ދިނީ. އަޅުގަނޑުގެ ގޭގައި ނިންދަވަނީ. އަޅުގަނޑުގެ އަމިއްލަ ބޭސް އެ ބަލި މީހާ އައީމަ ބޭސްކޮށްދީފަ ދާނީ. އެކައްޗެއް ވެސް އަޅުގަނޑު ނުނަގަން އަމިއްލައަށް ބޭނުންވެގެން. ﷲ އަށްޓަކައި ކުރި މަސައްކަތަތެއް މިއީ،" އޭރު ގިނަ މީހުން އަންނަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި އެހެންވީމާ އެމީހުން އަތުން އެއްޗެއް ނަގަން ނުކެރޭ ކަމަށް ބުންޏެވެ.

"ކުރީގައި ގިނަ ފަހަރަށް ދިނަސް ނުހިފަން. އެކަމަކު މިހާރު ވާގޮތަކީ ހުޅުމާލޭގައި އުޅެންޖެހުމާއެކު ކުއްޔަށް ބޮޑު އެއްޗެއް ދައްކަންޖެހޭތީ ކޮންމެސް އެއްޗެއް ހިފަން ބޭސްކުރަން އަންނަ މީހެއްގެ އަތުން."

އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަމަކު ފައިސާއެއް ނޫނެވެ. ރާއްޖޭގައި ދިވެހި ބޭސްކުރާ މީހުން މަދުވަމުން ދިޔުމާއި މިކަން ދަމަހައްޓަން މަސައްކަތް ކުރާނެ ބަޔަކު ނެތުމެވެ.

"ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ބޭސްވެރިއަކަށް ވާނެ ނައިފަރު ދޮން ކަލޭފާނު. ކޮބައިތޯ، އެ ބޭފުޅާގެ 12 ބޭފުޅުން ކަންނޭނގެ ތިބޭ، އެކަމަކު ނެތެއްނުންތޯ އެ ބޭފުޅުންގެ ތެރޭގައި ވެސް މިހާރު މިކަން ކުރައްވާ ބޭފުޅެއް. އެ ބޭނުން ނުވަނީ ކަމެއް، ނޭނގެ އަޅުގަނޑަކަށް ދެން މި ވާގޮތެއް. ފާމުލާދޭރީކިލީގެފާނަށް ވެސް ވީ އެހެން. މި ބުނަނީ ބޭސްވެރިޔަކު ނެތޭ އެ ބޭފުޅުންގެ ފަހުން އުފައްދާފައެއް،" އެންމެ ދެރަވަނީ އެހެންވީމަ ކަމަށް އޭނާ ބުންޏެވެ.

ހަސަން ގާސިމްގެ 11 ކުދިން ތިބެ އެވެ. އެ ތަނުން އެއް ކުއްޖަކު ދިވެހި ބޭސްވެރިކަމަށް ވަރަށް ޝައުގުވެރިކަން ހުއްޓެވެ. ތިން އަހަރެއްހާ ދުވަހު އޭނާ ގާތުން އެ މަސައްކަތް ދަސް ވެސް ކުރި އެވެ. ނަމަވެސް އޭނާ މީހަކާ އިނދެ، ހާއްސަ އެހީއަށް ބޭނުންވާ ދަރިއަކު ލިބުމުން މި މަސައްކަތުގައި އޭނާއަށް ވެސް އުޅެވޭނެ ގޮތެއް ފަހުން ނުވީ އެވެ.

"މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ނޫން. މިއީ ގުދުރަތުން ދެއްވާ އިނާޔަތެއް."

އޭރު ބައްޕަ އެންގި ގޮތަށް، އަތް ފައިގައި ވަރު ހުރިހާ ދުވަހަކު މި މަސައްކަތް ހުއްޓާލާކަށް އޭނާ ބޭނުމެއް ނުވެ އެވެ. މިހާރު އޭނާ އެންމެ ދެކެން ބޭނުންވަނީ މިކަން ދަމަހައްޓައި އަދި މިކަން ކުރިއަރުވަން ބަޔަކު މަސައްކަތްކުރާނެ ދުވަހެކެވެ.

ދިވެހި ބޭސްވެރިކަން ބޭސް

Popular