26 Mar 2019

ނާއިފްގެ ޒުލުގައި ނަން ހުސްކޮށް ދޫނި

ނާއިފްގެ ޒުލުގައި ނަން ހުސްކޮށް ދޫނި

By: Aishath Maaha

ކ. ގުޅިއަށް އަހަރެމެން ދިޔައީ މާލޭން ބޭރުން ތަފާތު ވާހަކަތަކެއް ހޯދާށެވެ. ގުޅިން ދިމާވި ޒުވާނަކާ ވާހަކަ ދައްކާލުމުން، ތިކަމަށް އެންމެ ރަނގަޅު ތަނަކަށް ގެންގޮސްދެންހޭ ކިޔާފައި ގެންގޮސް ވެއްދީ ކުޑަ ވަރެއްގެ ދޫނި "ޒުލަކަށެ"ވެ. އަސްލު އެއީ ޒުލެއް ނޫނެވެ. އެރަށު. އުމުރުން 22 އަހަރުގެ އިބްރާހީމް ނާއިފްގެ "ބާޑް ކަލެކްޝަން" އެވެ.

ގޭގެ ހުސްތަނުގައި ކޮށިތައް ޖަހައިގެން ބައެއް ދޫނިތައް ކޮށީގައި ތިބިއިރު ކޮށިން ބޭރުގައި ހަދާފައިހުރި ސްޓޭންޑްތަކުގައި ވެސް ހައެއްކަ ދޫނި އިނެވެ. އާންމުކޮށް ރާއްޖޭގައި މީހުން އޮޅުކޮށްގެން ގެންގުޅޭ ދޫނިތަކުގެ ތެރޭގައި ހިމެނޭ ދޫންޏެއް ވިއްޔާ ފެނުނެވެ. ނާއިފްގެ ބާޑް ކަލެކްޝަންގައި ތިބި ދޫނި ތަކުގެ ލިސްޓު ކިޔާލަން ހެއްޔެވެ.

ކޮކަޓޫ، މަކާއޫ، ނިއުޒެން، ކްލެކްޓަސް، އެފްރިކަން ގްރޭ، ސާމަރާ ދޫނި، ޓާކީ، ކޮތަރުގެ ބްރީޑްތައް، ލަވް ބާޑް، ގުރާގެ ބްރީޑްތައް (އޭގެ ތެރޭގައި ޖާވާ) އަދި ގޯލްޑީން ވެސް އެބަހުއްޓެވެ. ހަމައެކަނި ގުރާގެ އަދަދު ވެސް 30 އަށް ވުރެ މަދެއް ނުވާނެ އެވެ. ކޮތަރުގެ ވެސް އެކި ބްރީޑްތަކުން 10 ކޮތަރަށްވުރެ ގިނަވާނެ އެވެ. ދެ ޓާކީ އާއި ފަތްތައް ހުޅުވާލައިގެން އެ އޮންނަ ދެ ސާމަރާ ދޫނި ވެސް ނިކަން ނަލަ އެވެ. އަހަރެމެން ދިޔައިރު އެއް ޓާކީ އަދި ސާމަރާދޫނި އުޅެނީ ގޯތި ތެރެއަށް ދޫކޮށްލައިގެންނެވެ. މުޅި ތަނުގައި 60 އަކަށް ދޫނި އުޅޭނެހެން ހީވެ އެވެ. އެއަށްވުރެ މަދެއް ނުވާނެ އެވެ.

ނާއިފްގެ ދޫނި ކަލެކްޝަނުން ދޫންޏެއް. -- ފޮޓޯ: ދޯ

އެކަމަކު އަދިވެސް ނާއިފް އުޅެނީ އެ ކަލެކްޝަން މަދުވެގެންނެވެ. ގޭގައި ހުސްތަން ނެތުމުން އިތުރު މާގިނަ ދޫނިތަކެއް ގަނެވޭކަށް ނެތެވެ. އެކަމަކު ގުރާކޮށީގައި ޖާގަ އޮތް ވަރަކުން ގުރާގެ ބްރީޑްތައް އިތުރުކުރަން ނާއިފް އަންނަނީ ވިސްނަމުންނެވެ. މިހާރު ވެސް ގުރާ ވިއްސަ އެވެ. އެ ބާވަތްތައް ވިކޭތީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭތީ އެވެ.

އޭގެ އިތުރުން މި ދޫނިތަކާ ބެހޭ ހުރިހާ "ސައިންސެއް" ނާއިފް ދަސްކޮށްފި އެވެ. ކުދި ކުދި ދޫނިތަކަށް ސިރިންޖުން ކާން ދިނުމުން ފެށިގެން، ބަލިވެއްޖެނަމަ ކުރަންވީ ފަރުވާ ވެސް އޭނާ ދަނެ އެވެ.

މި ދޫނިތައް ތިބެނީ ސްޓޭންޑަށް ހާނުވާފަ. -- ފޮޓޯ: ދޯ

ދޫނިތަކާ ގުޅުވާލައިގެން ނާއިފްގެ އެންމެ ދުރު ހަނދާންވެސް ވަދެގެން ދަނީ ގޭގައި ހަދާފައި ހުރި ދޫނިކޮށިތަކަށެވެ. ނާއިފް ބުނާގޮތުގައި އަބަދު ވެސް އެ ގޭގައި ދޫނި ގެންގުޅެ އެވެ. އޭނާ ކުޑައިރު އޭރު ގޭގައި ގެންގުޅުނު ގުރައާއި ކުކުޅު ގެންގުޅުނީ ބޭބެމެންނެވެ. ފުރާވަރަށް އަރައިގެން ސްކޫލް ދައުރު ނިމުނު އިރު މި ދޫނިތަކާ ބެހޭގޮތުން ނާއިފަށް ނޭނގޭ މައުލޫމާތެއް ނެތުނީ އެހެންވެ އެވެ.

އެހެންވެ އެންމެ ފަހުން ގޭގެ ދޫނި ގެންގުޅުމުގެ ވަޒީފާއާ ހަވާލުވީ ނާއިފެވެ. ބޭބެމެންގެ އެހީތެރިކަމާ ވެސް އެކުގައި ދޫނި ކަލެކްޝަން ބޮޑުކޮށްލީ އެވެ. އެ ހުރިހާ ދޫންޏެއްގެ އަގުތައް އެއްކޮށްލައިގެން އެތައް ލައްކަ ރުފިޔާއެއް އަރަ އެވެ.

ނާއިފް އޭނާގެ ދޫންޏަކާއެކު. -- ފޮޓޯ: ދޯ

"މިތާ މިހިރަ ބައެއް އެއްޗެހި މިއީ މާލެއިން ގަނެފަ. ބޭރުން ވެސް ހުންނާނެ ބައެއް އެއްޗެހި ގަނެފަ. ވަކިވަކިން އަގުތައް ކިޔަންޏާ 10،000 ރުފިޔާއަށް ގަނެފަ އިން ދޫންޏެއް އިންނާނެ، 28،000 އަދި 30،000 ރުފިޔާއަށް ގަނެފަ ވެސް ހުންނާނެ. ސީދާ މިހާރު ހުރިހާ އެއްޗެއްގެ އަގެއް ބުނާކަށް ނޭނގޭ. ބައެއް އެއްޗެހި ނޭނގޭ ބުނާކަށް އެއީ ބޭބެމެން ގެނެސްފަ ހުރި އެއްޗެހި،" ނާއިފްގެ ކަލެކްޝަންގެ ބައެއް ދޫނިތަކުގެ އަގުތައް ކިޔާލަދެމުން ބުންޏެވެ.

މި ހުރިހާ ދޫންޏަކަށް މަހަކު 5،000 އެއްހާ ރުފިޔާ ނާއިފްގެ އަތުން ހަރަދުވެ އެވެ. އެއީ ކޮންމެ ވައްތަރެއްގެ ދޫންޏަކަށް ވެސް ހާއްސަ ކާނާތައް ވަކިވަކިން ގަންނާތީ އެވެ. ދޫނިތަކަށް ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން އަދި ކޮންމެވެސް ވަރަކަށް ލަވްބާޑް ފަދަ ބްރީޑްކުރެވޭ ދޫނިތައް ވިއްކައިގެން އާމްދަނީއެއް ވެސް ލިބޭތީ ބޮޑު ހަރަދެއް ކުރެވޭ އިހްސާސެއް ނާއިފަކަށް ނުކުރެވެ އެވެ. އެއަށްވުރެ ބޮޑު އުފާވެރިކަމެއް އެކަމުން އޭނާއަށް ލިބޭތީ އެވެ.

ގުރާގެ އެކި ބްރީޑްތައް ނާއިފް ގެންގުޅޭ. -- ފޮޓޯ: ދޯ

ރަށު ސިއްހީ މަރުކަޒުގެ އެޑްމިން އޮފިސަރެއްގެ ވަޒީފާގައި ނާއިފް ހޭދަވާ އަށް ގަޑިއިރު ފިޔަވައި އެހެން ހުރިހާ ވަގުތަކީ ވެސް ނާއިފް އޭނާގެ ދޫނިތަކާ އެކު ހޭދަކުރާ ވަގުތެވެ.

"ހެނދުނު ވަރަށް ހެނދުނާ ހޭލައިގެން 7:30 ވަންދެން އުޅެނީ ކާންދީ، ކޮށިތައް ސާފުކޮށް، ފެން ބަދަލުކޮށް ހަދަން. ދެން އޮފީހުން އަންނާނީ ދޭއް ޖަހާއިރު. އޭގެފަހުން އިރު އޮއްސެންދެން ވެސް އުޅޭނީ ހަމަ ދޫނިތައް ކައިރީގައި."

ނާއިފްގެ ކަލެކްޝަނުން ޓާކީ އެއް. ޖުމްލަ ދެ ޓާކީ ނާއިފް ގެންގުޅޭ. -- ފޮޓޯ: ދޯ

ރަށަށް އަންނަ ފަތުރުވެރިންނާއި ކުޑަކުދިން ވެސް ނާއިފްގެ ދޫނި އާއިލާ އަށް ޒިޔާރަތްކުރެ އެވެ. ރަށުގައި އެ ނޫނީ ދޫނި ގެންގުޅޭ އެހެން މީހަކު ވެސް ނޫޅެ އެވެ.

ނާއިފްގެ ކަލެކްޝަނުގައި އެހެރަ ފެހި ކުލައިގެ ލަވްބާޑުތަކުން އެއްޗެއް ބޭނުންވެއްޖެ ނަމަ އޭނާގެ ފޭސްބުކް ޕޭޖް "ނާއްޕެ ޕެޓްސް" އަށް މެސެޖެއްކޮށްލާށެވެ.

ޕެޓް ދޫނި

Popular