9 Apr 2019

ކަނބުރުގެޔަށް ވަން ކެޔޮޅު

މަސްވެރިކަމުގައި އުޅެވޭ ވަރަށް ވުރެ ސިއްހީ ގޮތުން ބަލިކަށިވުމުން ދޯނިން ފައިބައި، ކަނބުރުގެޔަށް ވަނީ އެވެ. އެކަމުގައި ވެސް ވަކި ދެރައެއް ނޫނެވެ.

މަސްވެރިކަމުގައި އުޅެވޭ ވަރަށް ވުރެ ސިއްހީ ގޮތުން ބަލިކަށިވުމުން ދޯނިން ފައިބައި، ކަނބުރުގެޔަށް ވަނީ އެވެ. އެކަމުގައި ވެސް ވަކި ދެރައެއް ނޫނެވެ.

By: Ifraz Ali

ކަނބުރުގެޔަކަށް ވަނިއްޔާ އަޅި ބުރާނޭ ބުންޏަސް، އަހަރެމެން ގުޅިއަށް ކުރި ދަތުރުގައި މިކަން ކުރަން ނިންމީ އެވެ. އެކަމަކު ކެޔޮޅުކަން ދޫކޮށްލާފައި ކަނބުރު ގެޔަށް ވަން ކެޔޮޅުބޭގެ ވާހަކައިން އެނގުނީ އަޅި ބުރިޔަސް މައްސަލައެއް ނެތް ކަމެވެ.

މުހައްމަދު ހުސައިން ފުރަތަމަ ވެސް ބުނީ މަސައްކަތެއް ނުކޮށް މާ ގިނަ ދުވަހު ހުންނަން ވެއްޖެ ނަމަ މީހާގެ ދުވަސް މާ އަވަހަށް ހިނގައިދާނެ ކަމަށެވެ. އުމުރު ދުވަހުގެ މަސައްކަތް ކަމަށްވާ ކަންނެލީގެ މަސްވެރިކަމާ ދުރުވާން ނިންމައި، ކުރާނެ އެހެން މަސައްކަތެއް ހޯދީ ވެސް އެހެންވީމަ އެވެ. އުމުރުން 72 އަހަރުގައި އޭނާއަކީ މިހާރު ކަނބުރެކެވެ.

މާލެ އަތޮޅު ގުޅިއަށް އުފަން މުހައްމަދު، ގިނަ މީހުންނަށް އެނގޭނީ ވެސް އެ ރަށު ކެޔޮޅޭ ބުނީމަ އެވެ. ކަންނެލީގެ މަސްވެރިކަން ހުއްޓާލިތާ އަދި މިވީ ފަސް ވަރަކަށް އަހަރެވެ. އޭގެ ފަހުން އާމްދަނީ ހޯދުމަށް މިހާރު ކުރާ ހަމައެކަނި މަސައްކަތަކީ މިއީ އެވެ.

އަދިވެސް އެހެން އުޅެލާފައި ދޭތެރެއަކުން އޭނާ މަހަށް ގޮސް ހަދަ އެވެ. ކަންނެލީގެ މަސްވެެރިކަން ހުއްޓާލީ އެކަމުގެ ބުރަކަމުންނާއި ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

މުހައްމަދު ހަދާފައި އޮތް ކަތިވަޅިއެއް ދައްކަލަނީ -- | ފޮޓޯ: ދޯ

"އަޅުގަނޑަކީ ކުރީގައި ދޯނި ފަހަރުގައި ކަންނެއްޔަށް ދާ މީހެއް. ކުރީގައި މީހުންގެ ދޯނި ފަހަރު ދުއްވީ، ފަހުން އައިސް އަމިއްލަ ދޯންޏެއް ނަގައިގެން ވެސް ދިޔައިން. ފަހުން އެވެސް ވިއްކާލީ،" ކަންނެއްޔަށް ދިޔަ ދުވަސްތަކުގައި ވެސް ކޮންމެސް ވަރަކަށް މި މަސައްކަތް ކުރި ކަމަށް މުހައްމަދު ބުންޏެވެ.

"ކަންނެލި ކަވަރު ހެދުމާއި ކަންނެލި ދާވަނި ކަހަލަ އެއްޗެހި ހެދިން،" އެ މަސައްކަތް ކުރުމަށް ބޭނުންވާ އެއްޗެހި އެ ގޭތެރެއިން ދައްކާލައިފައި ބުންޏެވެ.

މި މަސައްކަތް އޭނާ ދަސްކުރީ ވެސް އަމިއްލަ އަށެވެ. އެންމެ ކުޑައިރުއްސުރެ ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން މުހައްމަދުގެ ހުރެ އެވެ.

"މި މަސައްކަތް ދަސްކުރީ އަމިއްލައަށް ފެނިގެން، ކުރާ ހިތްވެގެން، މީހަކު ކުރާތަން ފެނިގެންނެެއް ނޫން،" މި މަސައްކަތް ފަށައިގަތްއިރު އެއްބައި ފަހަރު ވަރަށް ކާމިޔާބުކޮށް އަދި ނާކާމިޔާބުކޮށް ވެސް ކަންކަން ގޮސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

މުހައްމަދު ހެދި ފޯއްވަޅިއެއް ދައްކާލަނީ. -- | ފޮޓޯ: ދޯ

މުހައްމަދު އެންމެ ފުރަތަމަ ހެދީ ކަތިވަޅި އެކެވެ. މިހާރު އެކި ސައިޒުގެ ފޯއްވަޅި އާއި ވަޅި، ކާށި ހެހޭ ފޭރާ އާއި އަލަ ކޮށާ ކަތި އަދި ކުރުނބާ މަށާ ވަޅި (ރާ ވަޅި) ވެސް ތައްޔާރުކޮށްގެން ވިއްކަ އެވެ.

"މިދިޔަ ހަފުތާގައި ވެސް ތިރީހަކަށް ކަތިވަޅި ފުވައްމުލަކަށް ފޮނުވިން ވިއްކަން. މި އެއްޗެހި ހަދަނީ މީހުން އޯޑަރު ދިނީމަ،" އޭނާގެ އެންމެ ބޮޑު މާކެޓަކީ ފުވައްމުލަކު ކަމަށް ބުންޏެވެ. އަދި އަތޮޅު ތެރޭ އެހެން ރަށްރަށުން ވެސް އޯޑަރު އާދެ އެވެ.

"މި މަސައްކަތްކުރަން ގުރައިންޑަރަކާއި ޕޮލިޝްކުރާ ސާމާނާއި ކަޓިން ބޯޑުތައް ގެންގުޅެން. އެއްޗެހި ހަދަން ބޭނުންވާ ސްޓީލް ކަހަލަ އެއްޗެހި ގެންނަނީ މާލެއިން ނޫނީ ރާއްޖެއިން ބޭރުން،" ގެންނަނީ އެންމެ ކޮލެޓީ ރަނގަޅު އެއްޗެހިތޯ ބަލާފައި ކަމަށް ބުންޏެވެ.

މުހައްމަދު ތައްޔާރުކުރި ކަތިވަޅިއެއް: އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު ވެސް ހެދީ ކަތިވަޅިއެއް -- | ފޮޓޯ: ދޯ

މިހާރު ދެ ދުވަސް ތެރޭގައި ހަތަރު ވަރަކަށް ކަތިވަޅި ހަދާލުން އެއީ މުހައްމަދަށް މާ ބޮޑުކަމެއް ނޫނެވެ. އާމްދަނީ ހޯދުމުގެ ގޮތުން ނޫނަސް ގޭތެރޭގެ ބޭނުމަށް އަލަމާރި އާއި ދޮރުފަތް ޖެހުން ކަހަލަ ވަޑާމުގެ ބައެއް މަސައްކަތްތަކާއި އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައް ވެސް ކުރެ އެވެ.

"މިހެން ބުރަ މަސައްކަތުގައި އުޅެވޭތި މި ހިފަހައްޓަނީ،" މީހާ ދޮށީ އުމުރެއްގައި ވެސް ގަދަވެ ސަލާމަތުން ހުރީ އެހެންވީމަ ކަމަށް މުހައްމަދު ބުންޏެވެ.

ކ. ގުޅި އަތްތެރި މަސައްކަތް މަސްވެރިކަން

Popular