14 May 2019

ޔާއިގެ ނުގުޑާ ހިތްވަރަށް ސާބަސް!

ޔާއިގެ ނުގުޑާ ހިތްވަރަށް ސާބަސް!

By: Ifraz Ali

ހަ އަހަރު ވަންދެން ގާލް ގައިޑެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތް ފަނުފުލުން ދިޔުމަކީ، ޒާއިން ޒޭނަބް ހާރިޝްގެ "ވޮލަންޓީރިޒަމް ސްޕިރިޓް"ގައި ޖެހުނު އެންމެ ބޮޑު ލައްގަނޑެވެ. ސްކޫލް ދައުރުގައި ގާލް ގައިޑަށް ވަދެ، އަމާޒުހިފީ ޕްރެޒިޓެންޓް ގައިޑަކަށް ވުމަށެވެ. އެކަން ކާމިޔާބެއް ނުވި އެވެ. އެކަމަކު އާ ހިތްވަރަކާއެކު ގައިޑް ދޫކޮށް ސްކައުޓަށް ވަދެ މިހާރު އޭނާ ހުރީ މުޅިން އާ ވަރުގަދަ އަޒުމެއްގަ އެވެ.

ރައްޓެހިންނާއި ތިމާގެ މީހުން ދަންނަ ނަމުން ނަމަ މިއީ އުމުރުން 18 އަހަރުގެ ޔާއި އެވެ. އެންމެ ކުޑައިރު، އަމިއްލަ ނަން ކިޔަން އުޅެއުޅެ ކިޔޭ ގޮތެއް ނުވި އެވެ. މުޅިން ވެސް ކިޔުނީ ޔާއި އެވެ. އެހިސާބުން އެންމެން ލޯބިން ކިޔާ ނަމެއްގެ ގޮތުގައި މި ނަން ހަރުލީ އެވެ.

އަބަދުވެސް ކަންކަމުގައި ވޮލަންޓިއާ ކުރުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ޔާއި، ގާލް ގައިޑަށް ވަނީ ޖަމާލުއްދީން ސްކޫލް ގްރޭޑް ހައެއްގައި ކިޔެވިއިރު އެވެ. ޖެހިޖެހިގެން ހަތަރު އަހަރު ޖަމާލުއްދީން ސްކޫލްގެ ބެސްޓް އޯލްރައުންޑް ގައިޑުކަން ހޯދި އެވެ. އެ ސްކޫލްގައި ގާލް ގައިޑް ފަސްޓް ކްލާސް ހޯދި ފުރަތަމަ ދަރިވަރަކަށް ވެސް ވީ އޭނާ އެވެ. އަދި އެ ސްކޫލްގެ ފަރާތުން ޕްރެޒިޑެންޓް ގައިޑަށް ކުރިމަތިލި ފުރަތަމަ ދަރިވަރަކީ ވެސް ޔާއި އެވެ.

ޔާއި ސްކައުޓް ހަރަކާތެއްގައި: އޭނާއަކީ މިހާރު އިމާދުއްދީން ސްކޫލްގެ ރޯވާ ކްރޫ ލީޑަރު --

"ގްރޭޑް ހަޔަކަށް ދިޔަ ތަނުން ޔުނީފޯމް ބޮޑީއެއް ޗޫޒްކުރަން ސްކޫލުން އެންގީ. އެހެންވީމަ ގައިޑަށް ވަނީ. އެއީ ތިއްތަ [ޔާއިގެ ބޮޑުދައިތަ] ވެސް ގައިޑްގައި އުޅުނީމަ. އޭރުގައި ތިއްތަ ހުރީ ގައިޑް ކޮމިޝަނާއަކަށް. އެހެންވީމަ ބޭނުންވީ އެ ލެވެލްއަށް ދާން،" ގައިޑަކަށް ވުމަށް އެންމެ ބޮޑު އިންސްޕިރޭޝަނެއް ލިބުނީ ތިއްތަގެ ފަރާތުން ކަމަށް ބުންޏެވެ.

"ގައިޑް އެސޯސިއޭޝަނާއި ތިއްތަގެ މެދުގައި ޖެހުނު މައްސަލައެއްގައި ތިއްތަ އެތަނުން ވަކިވީ. އޭގެ އަހަރުތަކެއް ފަހުން ޔާއި އެޕްލައިކުރީ ޕްރެޒިޓެންޓްސް ގައިޑަށް،" ގައިޑްގައި ކުރަންޖެހުނު ހިތި ތަޖުރިބާ ކިޔައިދޭން ފަށަމުން ބުންޏެވެ.

ޔާއި ސްކައުޓް އިވެންޓެއް ހުށަހަޅަނީ --

ޕްރެޒިޑެންޓްސް ގައިޑަށް ކުރިމަތިލުމަށް ފަހު ޖެހެނީ ހަ މަސް ދުވަހުގެ ތެރޭގައި އެކި ގައިޑް ބެޖުތަކާއި، ތިން މަސް ދުވަސް ވަންދެން ކޮންމެ ވެސް ކަހަލަ ކޮމިނިއުޓީ ސާވިސްއެއް އަދާކުރާށެވެ. ޔާއި ބުނީ އެއަށް އެޕްލައިކުރުމަށް ފަހު ފުރަތަމަ ތިން މަސް ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކު 8-14 ގަޑިއިރާ ދެމެދު ޓެމްޕޮރަރީ ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި ކޮމިނިއުޓީ ސާވިސެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށެވެ.

"ޕްރެޒިޑެންޓް ގައިޑަށް ކުރިމަތިލި އިރު ވެސް ގައިޑްގެ ވަރަށް ގިނަ ބެޖުތައް ހޯދާފައި ހުރީ. ބާކީ 11 ބެޖު އިނީ. އޭގެ ތެރެއިން ހަތަރު ބެޖެއް ކޮމްޕްލީޓްކޮށްފައި އޮއްވައި އެގްޒާމް ދުވަސްވަރު އައީ. އެހެންވެ ދެން ހުރި ބެޖުތައް ނިންމަން ޔާއި ލީ އެކްސްޓެންޝަނެއް ހޯދުމަށް،" ފުރަތަމަ އެކްސްޓެންޝަން ލިބުމަށް ފަހުގައި އެގްޒާމް ނިމުނުތަނާ ރޯދަ މަސް އައުމާއެކު އަނެއްކާ ވެސް ދެ ވަނަ އެކްސްޓެންޝަކަށް ލާންޖެހުނު ކަމަށް ބުންޏެވެ.

ޔާއި ސްކައުޓް ކުދިންނަށް ޝެޝަނެއް ނަގައިދެނީ --

"[އެސޯސިއޭޝަނުން] ފަހުން ބުނީ ޔާއިގެ ފަރާތުން ނުފެނުނޭ ބޭނުންވާ ޑެޑިކޭޝަނެއް،" އެކަމަކު އެކަން އެހެން ހިނގައި ދިޔައީ ޔާއިގެ ތިއްތަ، ދިމްނާ ފާކިރް އާއި އެސޯސިއޭޝަންގެ ދެމެދުގައި ޖެހުނުގެ މައްސަލައިގެ ސަބަބުން ކަމަށް ޔާއި ބުންޏެވެ.

ޔާއި ބުނީ އެހިސާބުން އެސޯސިއޭޝަނުން އޭނާ ޑިސްކޮލިފައި ކޮށްލި ކަމަށެވެ. ގައިޑް ދޫކޮށްލަން ނިންމީ އެ ހިސާބުންނެވެ.

"ވަރަށް ބޮޑަށް މީހާ ޑިޕްރެސްވި އެ ދުވަސްކޮޅު. އޭރު އޭ ލެވެލްއަށް ކިޔަވަން ފަށައިގެން އުޅުނީ. އެކަމުގެ ތެރޭގައި ފަހުން އޭ ލެވެލްއަށް ވެސް ކިޔެވުން ހުއްޓައިލީ. މީހާ މާ ބޮޑަށް ޑިސްކަރޭޖްވެގެން ދިޔައީ އެ ހިސާބުން،" އެ ހިސާބުން ވެސް އަދި އެއްކޮށް ހިތްވަރު އެލުވާނުލަން އެންމެ ބޮޑު ސަޕޯޓެއް ދިން މީހަކީ މަންމަ ކަމަށް ބުންޏެވެ.

ޔާއި އާއިލާގެ މެމްބަރުންނާއެކު --

މަންމަ އާއި ތިއްތަ އަދި ރައްޓެހިންގެ ފަރާތުން ލިބުނު ސަޕޯޓާއެކު އެ ހިސާބުން އަދި އެއްކޮށް ހިތްވަރު އެލުވާލަކަށް އޭނާ ބޭނުމެއް ނުވި އެވެ.

"އަސްލު ގައިޑިން އޮރިޖިނޭޓް ވެފައި މި އިންނަނީ ސްކައުޓުންތާ. އެހެންވީމަ ފަހުން ހިތަށް އެރީ މި މޫވްމަންޓް ދޫކޮށްލާކަށް ބޭނުމެއް ނޫނޭ. އެ ހިސާބުން އިމާދުއްދީން ސްކޫލް ސްކައުޓަގެ ރޯވާ ކްރޫއަށް، ރޯވާ ސްކޮއެއާއެއްގެ ގޮތުގައި ޖޮއިންކުރީ،" އޭގެ އެއް އަހަރު ފަހުން ކްރޫގެ އިލެކްޝަންގައި ވާދަކޮށްގެން ކްރޫގެ ލީޑަރުކަން ޔާއިއަށް ލިބުނެވެ.

ގައިޑާއި ސްކައުޓްގެ އިތުރުން އެހެން ތަންތަނުގައި ވެސް ޔާއި ވޮލަންޓިއާ ކުރެ އެވެ. ޔާއި އަކީ ރަފީ އެންޖީއޯގެ ޔޫތު އެމްބެސެޑަރެކެވެ. އަދި ސްކިލް ޓްރެއިނިން ސެންޓަރުގެ ޓީން އެމްބެސެޑަރު ވެސް މެ އެވެ. މޯލްޑިވްސް ރެޑް ކްރެސެންޓުގައި ފަސްޓް އެއިޑާއެއްގެ ގޮތުގައި ވެސް އޭނާ ވޮލަންޓިއާ ކުރެ އެވެ.

ލިބޭ ހުސް ވަގުތުތަކުގައި ފޮޓޯ ނެގުމާއި ހީނާ އެޅުމަކީ ޔާއި ވަރަށް ކުރާ ހިތްވާ ކަމެކެވެ.

ޔާއި ފޮޓޯ ނަގަނީ: ލިބޭ ހުސް ވަގުތުތަކުގައި ފޮޓޯ ނެގުމަކީ ޔާއި ވަރަށް ކުރާ ހިތްވާކަމެއް --

މިހާރު ޔާއި މަސައްކަތް ކުރަމުން އަންނަނީ ސްކައުޓްގެ އިންޓަނޭޝަނަލް އެވޯޑެއް ކަމުގައިވާ ބޭޑަން ޕަވަލް އެވޯޑު ހޯދުމަށެވެ. އެ އެވޯޑު ހޯދައިގެން ސްކައުޓް ލީޑަރަކަށް ވުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ މަގާމެއް ވެސް އަދާކުރުމަކީ ޔާއިގެ އުއްމީދެކެވެ.

"މިހާ ހިސާބަށް މި އާދެވުނީ އެއްކޮށް ގިވްއަޕް ނުކުރީމަ ކަންނޭނގެ. މާ ފަސޭހައިން ގިވްއަޕް ކުރާ މީހަކަށް ވެއްޖެއްޔާ ކުރިއަކަށް ނުދެވޭނެ. އެކި ކަހަލަ ހުރަސްތައް ވެސް ކުރިމަތިވާނެ. އެކަމަކު އޭގެން އަރައިގަނެ، ކުރިއަށް ދެވޭނެ ދިމާލެއް ހޯދަންޖެހޭނެ،" ޔާއި ދިން ނަސޭހަތަކީ މި އެވެ.

ވޮލަންޓިއަރުން ސްކައުޓް އެސޯސިއޭޝަން

Popular