16 May 2019

މެޖިކު ކާޕެޓެއްގެ ސިއްރެއް ނޫން: ސިއްރަކީ ނައީމް!

By: Ahmed Nadym

އިންސްޕިރޭޝަނަލް ވިޔަފާރިވެރިންގެ ލިސްޓެއް އެކުލަވާލައިގެން ފަހަރަކު މީހަކަށް ގުޅަމުން ގޮސް އިންޓަވިއުއެއް ނުލިބި މާޔޫސްވެ، އުއްމީދު ކަނޑާލަން ހިތަށް އަރުވައިގެން އެ ލިސްޓުގެ ފުލުގައި އޮތް ނަމަށް ގުޅާލުމާ އެކު މޫޑްއެއްކޮށް ބަދަލުކޮށް ޖޯޝާއި ފޯރި އަރުވާލައިފިއެވެ. ވަގުތުން އިންޓަވިއު އަށް ސެޓުވެ، އަމިއްލަ މީޓިންތައް ކެންސަލްކޮށް ވަގުތު ވެސް ދީފިއެވެ. ކެމެރާމަނާއި ފޮޓޯގްރާފަރާ އެކު ގޮސް އަހަރެމެން އޭނާގެ އޮފީހަށް ވަންއިރު ވާހަކަ ކިޔައިދޭން އޭނާ ހުރީ ނިކަން ރަނގަޅަށް ތައްުޔާރުވެލައިގެންނެވެ. އެ ދުވަސްވަރުގައި އޭނާގެ އާދަޔާހިލާފު ވާހަކަ އެކި ގޮތްގޮތަށް އެކި ސިފަސިފައިގައި ލިޔެ ޝާއިއުކޮށްފައިވާ ނޫސްތައް ވެސް މޭޒުމަތީގައި އަތުރާލައިގެންނެވެ. އެ ހިސާބުން އަހަރެންގެ ހިތަށް އެރީ މިހެންނެވެ. މިއީ އާދައިގެ މީހެއް ނޫނެވެ. މި އިންޓަވިއު އާދައިގެ އިންޓަވިއު އަކަށް ނުވާނެއެވެ. އަމުދަކުން އާދައިގެ މީހަކު މިގޮތަކަށް އިންޓަވިއުއަކަށް ތައްުޔާރެއް ވެސް ނުވާނޭވެ. އޭނާ އެހެރީ އަހަރެމެންނަށް ވުރެން ވެސް ބޮޑަށް މި އިންޓަވިއުއަކަށް ތައްުޔާރުވެގެންނޭވެ. ކަންވީ ވެސް އެހެންނެވެ. މުހައްމަދު ނައީމްގެ މި އާދަޔާހިލާފު ކެރެކްޓާއިން ފެށިގެން ގޮސް އޭނާގެ ވިޔަފާރި އާއި ބުރަމަސައްކަތާއި ހިތްވަރުގެ ވާހަކަ ވެގެންދިޔައީ އަހައިފޫހިނުވި، އަޖާއިބުކުރުވަނިވި ޝައުގުވެރި ވާހަކައަކަށެވެ. އަޅުގަނޑުގެ 13 އަހަރުވީ ލިޔުމުގެ ހަޔާތުގައި ބައްދަލުވި އެންމެ މޮޅު "ސްޓޯރީޓެލާ" އަކީ ޔަގީނަށް ވެސް މިއީއެވެ. އެންމެ ސަޅި އިންޓަވިއު އަކީ މިއީއެވެ. އަދި ލިޔަން އެންމެ ގިނަ ދުވަސް ނެގި އިންޓަވިއު އަކީ ވެސް މިއީއެވެ.

ކެމެރާތައް ސެޓުކޮށް ފްލޭޝްކަނޑަމުން ނައީމާއެކު އަހަރެމެން އޭނާގެ ހަޔާތުގެ އެންމެ ކުރީގެ ހަނދާންތަކުގެ ތެރެއަށް ދަމައިގަތީ ވަގުތަށް ވެސް ނޭނގޭހެން ކުއްލިއަކަށެވެ.

ނައީމުގެ ވާހަކަ ޝާއިއުކޮށްފައިވާ ނޫހެއް އޭނާ ދައްކާލަނީ. --ފޮޓޯ: ހުސެއިން ވަހީދު

ސްކޫލްގައި ކިޔަވަން އުޅުނުއިރު މުހައްމަދު ނައީމްގެ ހުވަފެނީ އަމާޒަކަށްވީ ސިވިލް އިންޖިނިއަރަކަށްވުމެވެ. ނުވަތަ ޑިގްރީއެއް ހާސިލުކުރުން ވެފައި އޮތީ އޭރު އޭނާގެ އެންމެ ބޮޑު ހުވަފެނަށެވެ. އާއިލާ އަކީ މާލޭގެ ޝަރަފުވެރި އަދި އެހާމެ ހިދުމަތްތެރި މަޝްހޫރު އާއިލާއެކެވެ. މަޝްހޫރު ސައިކުރާ ހަސަން ނައީމަކީ އޭނާގެ ބައްޕައެވެ. އެކަމަކު އެވަރަށް މަޝްހޫރު "ސައިކުރާއަކުން" ކެއްކިޔަސް، ގޭތެރޭގައި އޭރު އޮތް "ސައި ޕާޓީ" ގެ ރަހަ އޭނާ އަށް ހެޔޮވަރުވާގޮތެއް ނުވިއެވެ. އޭނާގެ ހިޔާލާއި ފިކުރު ގޮސް ބެހުނީ މުޅިން އެހެން ކަނޑަކަށެވެ. ސައިކުރާގެ އަގާއި އިތްޒަތަށްވުރެން އޭނާ އަށް މުހިންމުވީ މުޅިން އެހެން ކަމެކެވެ. – ކާމިޔާބީއެވެ.

"ކާމިޔާބީ އެކި މީހުން މެޝާކުރާނީ އެކި ގޮތްގޮތަށް. އެމީހުންނަކީ އަޅުގަނޑު ވެސް ގަބޫލުކުރަން ވަރަށް ކާމިޔާބު ބޭފުޅުންތަކެއް ކަމަށް. އެމީހުންގެ އެންމެ ވަރުގަދަ ސިފައަކީ އިންޓަގްރިޓީ. އެ އަދާކުރި ކަމެއްގައި ވަޒީފާއެއްގައި އެ ސާބިތުކަންމަތީގައި ދެމިތިބުން،" އާއިލާ އަށް ތައުރީފު އޮއްސަމުން ނައީމުގެ ޕޮއިންޓަށް އެނބުރިގަތެވެ.

"އެކަމަކު އަޅުގަނޑު ހިތަށް އެރީ، ކީއްވެގެން ހެއްޔޭ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް އަމިއްލަ އަށް ޚަރަދު ހޯދޭ ވަރު ނުކުރެވެނީ. ގޭގައި މަރާމާތެއްކޮށްލަން ވެސް އެފޯޑްނުކުރެވެނީ. ދެން އެހެންވީމަ އޭރު އާއިލާގެ އާމްދަނީގެ ލިމިޓޭޝަންސްތައް މަތިކަމުން އަބަދުވެސް އެންމެ ކަންބޮޑުވި ކަމަކީ އެއީ."

މި ވިސްނުންތަކެއް ނައީމުގެ ސިކުނޑި ތޮރުފާލި ދުވަސްވަރަކީ ގުރޭޑު 10އެއްގެ ކިޔެވުން ނިމި އިތުރު ކިޔެވުމަށް ފުރުސަތު ހޯދާނެ ތަނަވަސްކަމެއް އާއިލާގައި ނެތިގެން ހިތްދަތިވެފައި ހުރި ދުވަސްވަރެކެވެ.

ނައީމް އިންޓަވިއު ދެނީ. --ފޮޓޯ: ހުސެއިން ވަހީދު

"އެހެންވީމަ ފައިސާގެ ތަނަވަސްކަމެއް ނެތް އޭރަކު. އެކަމަކު ރަނގަޅު އާއިލާއެއް އާއިލާއަކީ. ދެން އަޅުގަނޑު ވިސްނީ ކީއްވެގެންތޯ އަޅުގަނޑުގެ އާއިލާ ފައިސާގެ ގޮތުން ކާމިޔާބު ބަޔަކަށް ނުވީ. އެގޮތަށް ބެލިއިރު އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމެއް އޮތް،" ނިކަން ޝައުގުވެރިވެފައި ނައީމް ކިޔައިދިނެވެ.

"އެއީ ރިސްކު ނުނެގުން."

އެހިސާބުން ޒުވާން ނައީމް އަޒުމްކަނޑައެޅީ ސަރުކާރަށް ހިދުމަތްކުރުމުގައި ދެމިއޮތް ޝަރަފުވެރި އާއިލާ އިން ނުނެގި ރިސްކުގެ ތެރެއަށް، ފޫގަޅައި ފުންމާލުމަށެވެ.

"ވަރަށް ބޮޑު އަޒުމެއް އުފެދިގެން އައީ އަޅުގަނޑު ލައިފުގައި ރިސްކު ނަގާނީއޭ. އެއީ ކުރިއަށް ދާން އެމީހުން ނުކުރި ހަމައެކަނި ކަމަކީ އެއީއޭ،" ނައީމް ކިޔައިދިނެވެ.

"އެހެންވީމަ ކޮންމެ ނަތީޖާއެއް ނުކުތަސް އަޅުގަނޑު ބޭނުންވީ ރިސްކު ނަގަން".

އެކާވީސް އަހަރުގެ އެ ފޯރި އާއި ހިތްވަރުގައި އެގޮތަށް ނިންމައިގެން، އެ ވިސްންނުމުގައި ހުރެ ގޮސް އޭނާ ދެން ވަނީ ސްޓެލްކޯ އަށެވެ. އެހިސާބުން އޭނާގެ ސިވިލް އިންޖިނިއަރިންގެ ހުވަފެން ގޮސް ވެއްޓުނީ ނަރުދަމާ އާއި ޖަންކުޝަންގެ ތެރެއަށެވެ.

"އޭރަކީ މާލެ އެއްކޮށް ކޮނެގެން ނަރު ވަޅުލުމުގެ މަސައްކަތްކުރި ދުވަސްވަރު. ދެން އަބަދުވެސް ކޮންމެވެސް ތަނެއްގައި ޖަންކްޝަނެއް ކޮނެގެން އެތަނަކަށް އެރި އުޅުނީ އޭރު. އަޅުގަނޑު ބޭނުންވީ އިންޖިނިއަރިން ކިޔަވަން. އެކަމަކު އެކަން ހާސިލުކުރަން ކިޔަވަން ދެވޭ ގޮތެއް ނުވި،" ނައީމު ކިޔައި ދިނެވެ.

މި ރިސްކެއްގެ ތެރެއަށް ފުންމާލައިގެން ގޮސް ޒުވާން އުމުރުގައި ކައިވެނިކޮށް މިނިވަން ދިރިއުޅުމަކަށް ހިފާލުންވީ އޭނާގެ އެ ހަޔާތް ކިތަންމެ ކުޑަޔަށް އުފުއްލައިނުލެވޭވަރުގެ ބަރުދަނެއް ލިބިގެންދިޔަ ކަމަކަށެވެ. އެކަމަކު ދެން ވެސް ރިސްކަކަށް ފަހު ރިސްކަކަށް މަރުހަބާކިޔަމުން ނައީމު އޭނާގެ ގޮތުގައި ކުރިއަށް ވަޑައިގަތީއެވެ.

"ސްޓެލްކޯގައި އުޅުނުއިރު ވަރަށް ޅަ. ދެން އުމުރުން 21 އަހަރުގައި އަޅުގަނޑު ކައިވެނިކޮށްފިން. އޭރު އަޅުގަނޑަށް ލިބެނީ 1800ރ އޯވަ ޓައިމާ އެކު ލިބެނީ. އެ ލިބުނު ކުޑަ މުސާރައާ އެކު ވެސް ވަރަށް ހެޕީ އަޅުގަނޑު،" ފަހުރުވެރިވެފައި ނައީމު ކިޔައިދެމުންދިޔައެވެ.

ދިރިއުޅުމުގެ މި ތަޖުރިބާ އަށް ފަހު ދެން ގޮސް އޭނާ ގުޅުނީ ޔުނިވާސަލް އެންޓަޕްރައިސިސްއާއެވެ.

"ރަނގަޅު ވަޒީފާއެއްވީމަ ޔުނިވާސަލްއާ ވެސް ޖޮއިންކުރީ، މުސާރަ ބަރާބަރަށް ލިބޭނެތީ. އޭރު އެތަނުން ލިބެނީ 2200ރ، ދެން ސާވިސް ޗާޖަކަށް ލިބޭނެ ބައެއް މަސް މަހު 200ރ،" އެއާޕޯޓު ރެޕަކުން ފެށިގެން ގޮސް ވީއައިޕީ ހެންޑްލިންގައި ވެސް މަސައްކަތްކުރި ފަސް އަހަރުގެ ހަނދާންތައް އާކުރަމުން ނައީމު ބުނެލިއެވެ.

"އެއާޕޯޓުގައި ވަޒީފާ އަދާކުރާތީ ވަރަށް ފަތިހާ ހޭލައިގެން ވަޒީފާ އަށް ދާން ޖެހޭ ކޮންމެ ދުވަހަކު ވެސް. ދެން އެއާޕޯޓުގައި މުޅި ދުވަހު އުޅެ އެތަނުން ކައިބޮއެ ހަދަން ފެށީމަ އަތަކު ނޯވޭ އޭރު ވެސް ލާރިއެއް."

ނައީމް އިންޓަވިއު ދެނީ. --ފޮޓޯ: ހުސެއިން ވަހީދު

އާދައިގެ މި ވަޒީފާތަކުން ފެށިގެން މެދުފަންތިތަކަށް އަރަމުންދިޔައިރު އޭރު ވެސް ނައީމުގެ އެންމެ ބޮޑު ހުވަފެނަކީ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރުމެވެ. ނަމަވެސް އޭރު އޭނާގެ ބޮލު ތެރޭގައި އެނބުރެމުން ދިޔަ ހިޔާލަކީ ހަމައެކަނި އެ ޑިގްރީއެއް ނޫނެވެ. ވިޔަފާރިއެއް ފަށާނެ ގޮތުގެ އިލްމެއް ތަޖުރިބާއެއް ނެތް މި ޒުވާނާގެ ބޮލު ތެރޭގައި އޭނާ ދިޔައީ އޭރު ވެސް ވިޔަފާރީގެ ފެންޓަސީތައް ފެނަށް ދިރުވަމުންނެވެ. އެގޮތުން ޓޫރިޒަމްގެ ތެރެއަށް ވަންނާނެ ގޮތްގޮތާއި ސަޕްލައި ވިޔަފާރީގެ ތެރެއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ދެކުނު ހުވަފެންތައް ވެސް ހަމަ އެވަރަށް ބޮޑުވެގެންދިޔައެވެ. ނަމަވެސް ތަޖުރިބާ އާއި ރިސޯސަސް ނެތި ރިސްކު މާ މަތިވުމުން އެމަގުން އޭނާ އަށް އޭރު ނުދެވުނީނެވެ. އެކަމަކު ދެން ވެސް އޭނާ މަރުހަބާކީ ރިސްކަށެވެ.

"ޔުނިވާސަލުން އަޅުގަނޑު ވަކިވީ، ޑިގްރީއަކާ ހަމައަށް ކިޔަވަން ދެކުނު ހުވަފެން ހަގީގަތަކަށް ހަދަން. ދެން އެ ކަން ކާމިޔާބުކުރުމަށް ސަރުކާރުން ސްކޮލަޝިޕެއް ލިބޭތޯ ބެލުމަށް އަޅުގަނޑު ވަޒީފާ އަށް ދެން ވަނީ ރައްޔިތުންގެ މަޖިލީހަށް،" ނައީމު އޭނާގެ އަނެއް ތަޖުރިބާއިން ފަށައިގަތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކަމެއް ފަށާއިރު ފަންޑިން ނުވަތަ ފައިނޭންސަކީ ދެ ވަނަ އަށް ދާ ކަމެއް. ފުރަތަމަ ބޭނުންވަނީ އައިޑިއާ އަކާއި އިންސްޕިރޭޝަން އަދި ގަޓްސް. އެކަން ސާބިތުކޮށްދެވުނީމަ ފައިސާ އަންނާނެ."

"ކަންކަމާ ކުރިމަތިލާން، ބިރުކަނޑާލާފައި ކަންކަމާ ކުރިމަތިލާން ރަނގަޅަށް ދަސްވި ތަނަކީ މަޖިލީހުގެ ވަޒީފާ. ވަރަށް އިމްޕޮސިބްލް ކަންކަން އެތަނުގެ ތެރޭގައި އުޅެގެން ކުރަން ލިބުނު. ޗެލެންޖިން ސިފަ އަޅުގަނޑުގެ ކިބައިގައި އުފެދުނީ އެތަނުން."

އޭރު އޭނާގެ މުސާރައަކީ 1410 ރުފިޔާއެވެ.

"އޭގެ އިން އަޅުގަނޑަށް ޕީނަޓްސް ވެސް ނުގަނެވޭ އަސްލު. އޭރު ކުއްޖެއް ވެސް އޮވޭ. އޭރު އަޅުގަނޑުމެންގެ ގޭގެ ކުރިމަތީގައި ހުންނަ (ހޮޓަލަކަށް ވަދެ) އެއް ދުވަހު ސައިބޮއިފިއްޔާމު އަނެއް ދުވަހު ސައިނުބޮއި ހުންނަން މެނޭޖުކޮށްލަން. އިޓް ވޯޒް ވެރީ ޓަފް، ބަޓް އައި ވޯޒް އޯކޭ،" ނައީމް ބުނެލިއެވެ.

އޭނާގެ ދިރިއުޅުން ތާއަބަދަށް ބަދަލުކޮށްލީ އެ ޓަފު ހަޔާތުގެ ދުވަސްތައް ސްކޮލާޝިޕެއްގެ އިންތިޒާރުގައި ގުނާލަގުނާލަ ހުއްޓައި ހަމަ ކުއްލިއަކަށެވެ. ޓްރާންޕޯޓް މިނިސްޓްރީ އަށް ގެނައި ކުއްލި ބަދަލަކާއެކު ރާއްޖޭގެ ހުރިހާ ސައިކަލް ކާރުތަކެއްގެ ރަޖިސްޓްރީ އާކޮށް ބަދަލުކުރަން އިއުލާނުކުރީއެވެ. އެހިސާބުން ނައީމުގެ އެއްކަހަލަ އައިޑިއާ އާއި އިންސްޕިރޭޝަނާއި ގަޓުސް ވެސް ކުއްލިއަކަށް ހުޅުވިގެން ދިޔައީއެވެ.

"ފުރަތަމަ ބޭނުންވަނީ އައިޑިއާ އަކާއި އިންސްޕިރޭޝަން އަދި ގަޓްސް،" ނައީމް ބުނެލިއެވެ.

"އެ ހިސާބުން ހަވީރު ކްލެސިފައިޑްގައި ޖަހާލީ ސައިކަލު ކާރުގެ ރަޖިސްޓްރީ އާކޮށް ބަދަލުކޮށްދެމޭ."

މި އިޝްތިހާރެއް ރާއްޖޭގެ އެންމެ މަޝްހޫރު ދުވަހު ނޫހުގައި ޖަހާލައިގެން، ރަޖިސްޓްރީ ބަދަލުކުރަން ބޭނުންވާ މީހުންގެ އިންތިޒާރުގައި ނައީމް މަޑުކޮށްލައިގެން ހުރީ އޭނާގެ މަޖިލިސް ވަޒީފާގައެވެ. އިޝްތިހާރު ޖެހުމާއެކު މީހުންތައް އޭނާ އަށް ގުޅަން ފަށައިފިއެވެ.

ނައީމް. --ފޮޓޯ: ހުސެއިން ވަހީދު

"ޖަހާއިރަށް މީހުން ގުޅައިފި ވަގުތުން. އެކަމަކު މީހަކު އެ މަސައްކަތެއް ނުދޭ،" ނައީމް ބުނެލިއެވެ.

އެހިސާބުން އޭނާގެ ބޮލުން ފުންމާލީ އަނެއްކާވެސް އެހެން ހިޔާލެކެވެ.

"ދެން މިހެން އުޅެނިކޮށް މީހަކު ގުޅަން ފެށީމަ ހިތަށް އެރީ އެމީހާގެ އަތުން މަސައްކަތް އަތުލާނަމޭ،" ޝައުގުވެރިވެފައި ނައީމް ފަށައިގަތެވެ.

"ދެން ފޯނު ނަގަމުން ކުޑަކޮށް އަޅުގަނޑު ޕްރިޓެންޑްކޮށްލީ ވަރަށް ބުރަކޮށް ރަޖިސްޓްރީތައް ބަދަލުކުރަމުން ގެންދާ ކަމަށް ހެދެން ވެގެން. އޮފީހެއްގެ ތެރޭގައި ވަރަށް ބުރަކޮށް ރަޖިސްޓްރީ ބަދަލުކުރުމުގެ މަސައްކަތް ކުރާ ހެން އަޑުއަހާ މީހާ އަށް ހީވާ ވަރަށް އެކްޓްކޮށްލީ އެ ދުވަހު"

"އެހިސާބުން ވަގުތުން އެ މަސައްކަތް ލިބިއްޖެ."

އެ މަސައްކަތުން ނައީމަށް ލިބުނީ 200 ރުފިޔާއެވެ. ނަމަވެސް އޭނާގެ އެ ވިޔަފާރި މަޑުމަޑުން ފުޅާވަމުން ގޮފިތައް ފަޅަމުން ގޮސް ގަޑިއިރަކުން 2000 ރުފިޔާ ވެސް ލިބެން ފެށީއެވެ. ރަޖިސްޓްރީ ބަދަލުކުރުމުގެ މަސައްކަތުން ފަށައިގެން ގޮސް ހަވީރުގެ ކްލެސިފައިޑާއެކު ނައީމަށް ލިބުނު މަޝްހޫރުކަމާ އެކު އެހެން މީހުންގެ އެއްޗެހިތައް ވިއްކުމުގެ ބާޒާރެއް ވެސް އޭނާ އަށް ކުއްލިއަކަށް ލިބިއްޖެއެވެ. މީހުން ބޭނުންކޮށްފައި ހުންނަ އުނދުނާއި އެނދާއި ދޮންނަމެޝިން ވެސް އޭނާ ކްލެސިފައިޑް މެދުވެރިކޮށް އިޝްތިހާރުކޮށް ވިއްކަން ފެށީއެވެ.

"އެންމެފަހުން މީހުން ގުޅަން ފަށައިފި ސައިކަލް ހޯދަން ވެސް،" ނައީމް ކިޔައިދިނެވެ.

"އެގޮތަށް އެންމެ ފުރަތަމަ ސައިކަލް ހޯދައިގެން ވިއްކާލި ދުވަސް އަޅުގަނޑު އަދިވެސް ހަނދާނެއް ނުނެތޭ. އެއީ ރައްޓެއްސަކު އަޅުގަނޑަށް ވިއްކަން ބުނި ސައިކަލެއް. އޭނަ ވިއްކަން ބުނީ 17000ރ. އަށް. ދެން ސައިކަލެއް ގަންނަން ބޭނުންވާ މީހަކު ގޮވައިގެން ގެނެސް އަޅުގަނޑު އެ ސައިކަލް ވިއްކާލީ 19،000 ރުފިޔާ އަށް."

"އެއް ރެއިން، އެއް ގަޑިއިރު ތެރޭގައި މުޅި އެ ޑީލް ނިމުނީ. އެރޭ އަޅުގަނޑު ހުރީ ޖަޕާނު ފަންކާއެއް ހެން އެ ހުރިހާ ނޫޓުތަކެއް ނިއުޅުވާލައިގެން ބަލަހައްޓައިގެން. ދެން އަޅުގަނޑު ހިތަށް އެރީ އެއް މަހުން އަޅުގަނޑަށް މި ލިބެނީ 1410 ރުފިޔާއޭ. އެއް ގަޑިއިރުންނޭ މި 2000 ރުފިޔާ މި ލިބުނީ."

"އެހެންވީމަ އަޅުގަނޑު ރަނގަޅަށް މަސައްކަތްކޮށްފި ނަމަ މާ ރަނގަޅަށް ލިބޭނެއޭ. އެ ހިސާބުން އެއް ކަހަލަ ކޮންފިޑެންސް އައީ."

އޭގެ ހަތް އަހަރު ފަހުން މުހައްމަދު ނައީމް ސީރިއަސް ވިޔަފާރިވެރިޔަކަށް ބަދަލުވެއްޖެއެވެ. އެކަމަކު މީހުން އޭރު އޭނާއާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތެވެ.

"އޭރު ބައެއް މީހުން ބުނި ކަލޭ އަތަށް ކާކު ހެއްޔޭ ތިކަހަލަ މަސައްކަތެއް ދޭނީ ވެސް. ވަރަށް ދަށްކޮށްލާ ކަހަލަ ގޮތްގޮތަށް މީހުން ފާޑުކި އޭރު ވެސް. އޮފީހުގައި އަންހެން ކުދިން އަޅުގަނޑާ ދިމާއަށް ދަމާކަނޑާއޭ ވެސް ކީ،" ނައީމް ބުންޏެވެ.

"އެކަމަކު މީހުން ކީ އެއްޗަކަށް އަޅުގަނޑު ފަރުވާލެއް ނުދިނީ. އަޅުގަނޑު ނިންމީ އަޅުގަނޑަށް ފެނުނު ގޮތަކަށް ކުރިއަށް ދާން. ދިޔައީމަ އެކަކަށް ފަހު އަނެކަކު ލިބި އެންމެފަހުން ސައިކަލް ކާރު ރަޖިސްޓްރީގެ ކަންތައް ބޮޑުކަމުން އޮފީހުގެ ރަސްމީ ވަޒީފާގައި ވެސް ނުހުރެވޭ ހިސާބަށް އެކަންތައް ދިޔައީ."

އެހިސާބުން އޭނާ ސްކޮލާޝިޕްގެ ހުވަފެން ދޫކޮށް އެ ވަޒީފާއިން ކެނޑިގެން އަމިއްލަ ވިޔަފާރި އަށް ވަގުތު ހުސްކުރީއެވެ. އޭގެ ފަހުން އެކި ކަހަލަ ތަޖުރިބާތަކަށް ފަހު އޭނާ ދެން ގެނައީ "މެޖިކް ކާޕެޓެވެ." އަލިފާނާއި ފެނަށް ނުގުޑާ ފައިފުއްސެވެ. ނައީމުގެ ނަމާއި ވިޔަފާރި އާއި ހައިބަތު މުޅިން އެހެން ދަރަޖައަކަށް އުފުލިގެން ދިޔަ ހިސާބަކީ މިއީއެވެ. އެކަމަކު އެއީ ހަމައެކަނި އެ މެޖިކް ކާޕެޓެއްގެ ބާރެއް ނޫނެވެ.

"އޭރު އަޅުގަނޑުގެ އަތުގައި އޮތީ އެންމެ ހަ ރޯލު. އެއީ ހުސް ސާމްޕަލް ރޯލު ފައިފުހީގެ. އޭގެ އެތިކޮޅުތައް އެކި މީހުންނަށް ދޮޅު އަހަރުވަންދެން ދެއްކި ފަހުން މީހުން އަޅުގަނޑު އަތުން ކާޕެޓް ގަންނަން ފެށީ،" ނައީމް ކިޔައިދިނެވެ.

"މީހުން އޭރު ވަރަށް އެއްޗެހި ވެސް ކި. އެކަމަކު އަޅުގަނޑު އަޒުމުކަނޑައެޅީ ﷲ އިރާދަކުރެއްވިޔާމު އަޅުގަނޑު ގޮސް ކޮންމެ ތަނަކަށް ވެސް ވަންނާނީ އަޅުގަނޑުގެ ފައިފުއްސެއް މަތިންނޭ ކޮންމެވެސް ދުވަހަކުން. އޭގެ އަށް އަހަރު ފަހުން މިއަދު އަޅުގަނޑު މާލޭގެ ނުވަތަ ރާއްޖޭގެ ކޮންމެ ތަނަކަށް ދިޔަޔަސް ގާތްގަނޑަކަށް 85 ޕަސެންޓް ތަންތަނުގައި އަޅުގަނޑު މި ވަންނަނީ އަޅުގަނޑު ގެނެސް ވިއްކާ ފައިފުހީގެ މަތިން."

ނައީމް އޭނާގެ ކާޕެޓް ސާމްޕަލެއްގައި ރޯކޮށްލަނީ. --ފޮޓޯ: ހުސެއިން ވަހީދު

ނަމަވެސް މި އުފާވެރިކަމުގައި އޭނާ ހިނގަމުން ދަނިކޮށް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބަޔަކު މީހުން އެ ވަނީ އޭނާގެ ފައިދަށުން އެ ކާޕެޓްގަނޑު ދަމައިގަނެ، ސުމަކަށް އެ ނައީމު އަނެއްކާވެސް ވައްޓާލައިފައެވެ. އެކަމަކު ދެން ވެސް އޭނާ ދުލެއް ނުދިނެވެ. ޕާޓުނަރުންނަށް ޓާޓާކިޔާފައި އޭނާ އަލުން އެއަށް ވުރެ ގަދަ ހިތްވަރަކާއެކު މިހާރު ނުކުމެ އެހެރީ އޭނާގެ މަޝްހޫރު ސައިކުރާ އާއިލާގެ ބްރޭންޑާއެކުގައެވެ. ނައީމަކީ މިހާރު ސިނަފެވެ. ފައިފުއްސާއި ކާޕެޓާއި އިންޓީރިއާ ފިނިޝިންގެ ވިޔަފާރީގައި މިވަގުތު ނަމްބަ ވަންއެވެ. މި ދަރަޖަ އޭނާ އަލުން ހާސިލުކުރީ އެންމެ ތިން އަހަރުންނެވެ.

"މިހާރު ދެން ރާއްޖޭގައި އަޅުގަނޑުގެ ކާޕެޓް ނާޅާ ތަނެއް ނެތޭ ބުނާ ވަރަށް ކާޕެޓް އެ ވަނީ އަޅާފައި. އެއާޕޯޓާއި ޑިއުޓީ ފްރީ އާއި ވީއައިޕީ ލައުންޖުން ފެށިގެން ގޮސް ސާކް ސަމިޓާއި ދަރުބާރުގެ އާއި ތީމުގެ އާއި ރައީސް އޮފީހުގައި ވެސް،" ނައީމު ބުނެލިއެވެ.

"ކޮންމެ މިނިސްޓަރަކު ވެސް އަޅުގަނޑުގެ ކާޕެޓް މަތިން ހިންގަވާފައި މިހާރު ހުންނަވާނީ. ރާއްޖެ އިން ބޭރުން މި ގައުމަށް ވަޑައިގަންނަވާ ރައީސުންނާއި ބޭފުޅުން ވެސް އަޅުގަނޑުގެ ކޮންމެވެސް ކަހަލަ ކާޕެޓެއްގެ މަތިން ހިންގަވާނެ މިއަދު. އެހެންވީމަ އެކަން އަޅުގަނޑަށް މިހާރު ހާސިލުކުރެވިއްޖެ."

Popular