ބަރަނި ބޭނުންކޮށްގެން އެއްޗެހި ވިޔުމާ ރޮދިން ޑިޒައިންކުރުމަކީ ސްކޫލު ދައުރުގެ ހަނދާނެކެވެ. ޓެކްނޮލޮޖީއާ އެކު އެ ކަންކަން ވަޅުޖެހުނީ އެވެ. އެކަމަކު މި ހުރީ އޭގެ ހުނަރުވެރިއެކެވެ. އުމުރުން 26 އަހަރުގެ ހައްވާ ޝަހުދާ (ޝަހޫ) އަކީ "ހޫޕް" އާޓިސްޓެކެވެ.

ބަރަނި ބޭނުންކޮށްގެން އެއްޗެހި ވިޔުމާ ރޮދިން ޑިޒައިންކުރުމަކީ ސްކޫލު ދައުރުގެ ހަނދާނެކެވެ. ޓެކްނޮލޮޖީއާ އެކު އެ ކަންކަން ވަޅުޖެހުނީ އެވެ. އެކަމަކު މި ހުރީ އޭގެ ހުނަރުވެރިއެކެވެ. އުމުރުން 26 އަހަރުގެ ހައްވާ ޝަހުދާ (ޝަހޫ) އަކީ "ހޫޕް" އާޓިސްޓެކެވެ.
މިއީ އެންބްރޮއިޑްރީ ނުވަތަ ބަރަނިން ކުރެހުންތައް ފަރުމާކޮށް ޑިޒައިން ކުރުމެވެ.
ޝަހޫ އޭނާގެ މި ކަވި މަސައްކަތުގެ ދުނިޔެ އަށް ނިކުމެގެން އުޅޭތާ އަދި މާ ދުވަހެއް ނުވެއެވެ. އެކަމަކު އަބަދުވެސް އެ ސިކުނޑީގައި އެނބުރެނީ ކްރާފްޓްސްއެވެ. އޭނާގެ ކުޑައިރުގެ ހަނދާންތައް ވެސް ގުޅިފައި އޮތީ އާޓަށެވެ. އެކި މީޑިއަމް ތަކުގެ އާޓެވެ. އޭރު ވެސް ޝަހޫ އަކީ އާއިލާ އެންމެންގެ "ކްރާފްޓީ ގާލް" އެވެ. ބޮޑެތި ފެމިލީ އޮކޭޝަންތަކުން ވެސް ޝަހޫގެ ހުނަރެއް ނުފެނި ނުދާނެއެވެ.
"ކޮންމެވެސް ވަރަކަށް އާޓްގެ ތެރޭގަ އަބަދުވެސް އުޅުނީ. ކޮންމެވެސް ވަރަކަށް ޕާޓީ ސްޓަފްސް އެންޑް އޯލް ހަމަ ހަދަން. އެކަމަކު އާޓްގެ ތެރެއިން ޕޯޓްރެއިޓްސް ކުރެހުން ކަހަލަ ކަންތަކެއް ނުކުރަން. ހަމައެކަނި ކްރާފްޓީ ބަޔަށް ބޮޑަށް އިންޓްރެސްޓް އިންނަނީ"
ކްރެއޭޓިވް އެކި އެއްޗެހި ހެދުމުގައި އަހަރުތަކެއް ހޭދަކުރި ފަހުން، ހޫޕް އާޓަށް ޝަހޫގެ ޝައުގު ގޮސް ހުއްޓުނީ ޕިންޓްރެސްޓުން ފެނުނު ރީތި އައިޑިޔާތަކަކުންނެވެ.
"އެންބްރޮއިޑްރީ އަށް ވަދެވުނީ ޕިންޓްރެސްޓް މެދުވެރިކޮށް. އޭގަ ހުރި އެއްޗެހި ފެނިފަ ޝައުގު އުފެދިގެން އަލީ އެކްސްޕްރެސް އިން މިކަމަށް ބޭނުންވާ އެއްޗެހި އޯޑަރުކުރީ. އެއީ ފުރަތަމަ ފެށުނު ގޮތް. ދެން އޯޑަރުތައް ނަގަމުން މި ބިޒްނަސް ފުޅާކުރީ"
އެކަމަކު އެންމެ ފުރަތަމަ ފެށިއިރު އެންބްރޮއިޑްރީއާ ބެހޭ މާ ގިނަ ކަންކަމެއް އޭނާއަކަށް ނޭނގެއެވެ. މިކަމަށް އޮތް ޝައުގުވެރިކަމާ އެކު ދެން މަސައްކަތް ފެށީ ޔޫޓިއުބް ޓިއުޓޯރިއަލްތައް ބަލައިގެން ދަސްކުރާށެވެ. ރަނގަޅަށް މިކަމުގެ ތެރެއަށް ވަދެ، ސިކުނޑި ހާނުވާލާށެވެ.
ޝަހޫ ބުނީ އެންމެ އާދައިގެ އެންބްރޮއިޑްރީއެއް ހަދަން ވެސް އަށެއްކަ ގަޑިއިރު ހޭދަވާ ކަމަށެވެ. އަމުދުން ވަޒީފާއެއްގައި އުޅުމުން ދިރިއުޅުމަށް ވަގުތު ހުސްކޮށް، ލިބޭ ހުސްވަގުތުގައި ކުރަން ޖެހޭތީ، އިންތާ އިނދެގެން އެއްކޮށް ނިންމާލަން އުނދަގުލެވެ. އެކަމަކު ފުދޭ ވަރެއްގެ އާމްދަނީއެއް މިކަމުން އޭނާއަށް ލިބެއެވެ. އެހެންވެ، ވިސްނުންވެސް ހުރީ ވަޒީފާ ދޫކޮށް ހަމައެކަނި މިކަމަށް ހުސްވެ ހުރެ މިކަން ފުޅާ ކުރާށެވެ.
"އަސްލު މިއީ ހަމަ ފުދޭ ވަރަކަށް ބުރަ މަސައްކަތެއް. އަނެއްހެން ބުނަންޏާ އަތުން ކުރާ މަސައްކަތަށްވެފައި ކޮންމެ ބަރަނި ފަށެއް ވަކި ކުލަޔަކުން ނަގައި، ޑިޒައިން ހަދައި، ކުރަހާ އަދި އޭތި ފޮތިގަނޑަށް ޓްރޭސްކޮށް ހަދަން ހަމަ ވަރަށް ވަގުތު ދޭ،" ޝަހޫގެ ބުރަ މަސައްކަތް އޭނާ ސިފަކުރީ މިހެންނެވެ.
"ވަރަށް ގިނަ އޯޑަރުތައް ލިބޭ. އެކަމު ގިނަ ފަހަރު ހަމަ ވަގުތު ނުވެގެން ނުވެފަ އޮންނަނީ"
ޝަހޫ އަށް އެންމެ ގިނަ އޯޑަރު ލިބެނީ އުފަންދުވަސް ނުވަތަ އެނިވާސަރީގެ އޮކޭޝަންތަކަށެވެ. އެކަމަކު މިދިޔަ "މަދާސް ޑޭ" އާ ގުޅިގެން ތައްޔާރުކުރި ހޫޕް އެންބްރޮއިޑްރީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ. ޅެން ބައިތެއް ވެސް ބަރަނި ބޭނުންކޮށްގެން ލިޔެފައި އިނުމުން ލިބުނު ތައުރީފު ބޮޑެވެ.
ޝަހޫގެ ހޫޕް އާޓުން އަޅައިގަންނާނެ އަނެއް ކަމަކީ ރޮދިން އަރަބި ލަފްޒުތަކާއި އާޔަތްތައް ލިޔެފައި ހުރުމެވެ.
"ފޮންޓް އެޕެއް ބޭނުންކޮށްގެން ފޯނުން ލިޔެފަ އޭތި ޓްރޭސް ކުރަނީ ފޮތިގަނޑަށް. ދެން ވަކި ވައްތަރެއްގެ ގަލަމެއް ބޭނުންކޮށްގެން ލިޔެފަ ބަރަނިން އެންބްރޮއިޑްރީ ހަދާފަ ދެން ކުރިން ގަލަމުން ލިޔުނު ބައި ފޮހެލަނީ،" މި މަސައްކަތް ކުރާގޮތް ކުރު ގޮތަކަށް ކިޔައިދިނެވެ.
ޝަހޫއަކީ އޭނާގެ އުފަންރަށް ސ.ހިތަދޫގައި ދިރިއުޅޭ މީހަކަށްވުމުން، މި މަސައްކަތަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ބޭނުންވާ ތަކެތި ގަންނަން އުނދަގޫވުމެވެ. ވަކި ވައްތަރެއްގެ ބަރަނިން ނޫނީ މި މަސައްކަތް ނުކުރެވޭއިރު، ރާއްޖޭން ބޭރުން މިކަމަށް ބޭނުންވާ އެއްޗެހި ގެންނަން ޖެހޭތީ އޯޑަރުތަކަށް ބުރޫ އަރާ ގޮތްވެއެވެ. އަދި އޯޑަރުތައް މާލެ ފޮނުވައި، ޑެލިވަރީ ކުރުމުގައި ވެސް ދަތިތައް ހުންނަ ކަމަށް ބުންޏެވެ.
"ޑެލިވަރީގެ މައްސަލަ އަށް ހައްލެއް ހޯދޭތޯ ބަލަމުން މި އަންނަނީ. އެހެންވެ އާ އެއްކޮށް މިވަގުތު އޯޑަރުތައް ނެގުން ހުއްޓާލައިގެން މި ހުންނަނީ ވެސް"
އެންމެ އަށެއްކަ މަސް ތެރޭގައި މަޝްހޫރުކަން ލިބި، މީހުން ބަލައިގަންނަ ހުނަރުވެރިއަކަށް ވީތީ ޝަހޫ ހުރީ އުފަލުންނެވެ. އަދި އޭނާގެ ވިސްނުން މިހާރު ހުރީ ފޮތީގަ ބަރަނިން ޑިޒައިން ކުރެވޭ ހުރިހާ އެއްޗަކަށް އޭނާގެ ހޫޕްއާޓް ފުޅާކޮށް ވިޔަފާރި ކުރިއަރުވާށެވެ.