12 Sep 2019

އޯލެވެލް އާއި އޭލެވެލްގެ 1 ވަނަ؛ ކިޔަވަނީ ކިހިނެއް؟

ޝައްމާހުގެ ބޭބެ އޭލެވެލްގެ އެއް ވަނައިގައި ހިމެނި ސްކޮލަޝިޕް ހޯދިއިރު އޭނާގެ ދައްތައަކު ވަނީ އޭލެވެލް އިން ރާއްޖޭގެ ދެވަނަ ހޯދައިފަ

ޝައްމާހުގެ ބޭބެ އޭލެވެލްގެ އެއް ވަނައިގައި ހިމެނި ސްކޮލަޝިޕް ހޯދިއިރު އޭނާގެ ދައްތައަކު ވަނީ އޭލެވެލް އިން ރާއްޖޭގެ ދެވަނަ ހޯދައިފަ

By: Shamila Ibrahim

އޭލެވެލް އިމްތިހާނުގެ އެއް ވަނަ މަގާމުގައި ހިމެނުނު ޝައްމާހް ރަޝާދަށް އެކަން މާބޮޑަށް ހާއްސަވާ އެއް ސަބަބަކީ އާއިލާގެ ތެރޭގައި އޮތް ރެކޯޑެއް ދެމެހެއްޓުމެވެ. ޝައްމާހުގެ ބޭބެ އޭލެވެލްގެ އެއް ވަނައިގައި ހިމެނި ސްކޮލަޝިޕް ހޯދިއިރު އޭނާގެ ދައްތައަކު ވަނީ އޭލެވެލް އިން ރާއްޖޭގެ ދެވަނަ ހޯދައިފަ އެވެ. އާއިލާ އަށް ރީތި ނަން ހޯދައިދޭން އެމީހުން ކުރި ބުރަ މަސައްކަތުގެ ރިކޯޑް ޝައްމާހު ދެމެހެއްޓީ އޭލެވެލްގެ އެއް ވަނަ ހޯދައިގެންނެވެ.

ގދ. ފިޔޯރީ އަށް އުފަން، އުމުރުން 19 އަހަރުގެ މި ޒުވާނާ އަބަދުވެސް އެންމެ ޝައުގުވެރިވީ ހިސާބު މާއްދާއަށެވެ.

އޯލެވެލްގައި ހިސާބުން އޭ ސްޓާ ހޯދުނީތީ އުފަލުން ހުއްޓަސް މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން އެންމެ މާކުހެއްގެ ތަފާތުން ހިސާބު މާއްދާ އިން އޭ ސްޓާ ނުލިބުނީތީ އޭނާ މާޔޫސްވި އެވެ.

"އެއީ މުޅި ހަޔާތުގަ ވެސް އެންމެ ދެރަވި އެއް ދުވަސް. ސަބަބަކީ އެހެން ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބިފަ މެކްސުން ނުލިބުނީމަ. ޕްލަސް އެންމެ މާކުހަކުން ނުލިބުނީމަ އެހާ ދެރަވީ."

އޭލެވެލް އިމްތިހާނުގެ ހިސާބު މާއްދާއިން އޭ ސްޓާ ނުލިބުނީ އެއް މާކުހުގެ ތަފާތުން --

އެކަމަކު ލިބުނު ކާމިޔާބީއާ އެކު ރައީސްގެ ސްކޮލަޝިޕުގެ ބޭނުން ހިފައި، އިތުރަށް ކިޔަވަން އޭނާ ހުރީ ތައްޔާރަށެވެ. ކުރިއަށް ދާން ބޭނުން ދާއިރާތައް ގިނަކަމުން ކުރިއަށް ދާނެ ދާއިރާއެއް އަދި ނުނިންމިޔަސް، ވިސްނުން ހުރީ ކޮންމެ ދާއިރާއަކުން ވިޔަސް ކިޔަވައިގެން ގައުމަށް ހިދުމަތް ކޮށްދޭށެވެ.

އެންމެ ގަޔާވަނީ ހިސާބާއި ފިޒިކްސް އަށް

"އެންމެ ކުޑައިރުންފެށިގެން ވެސް އެންމެ ފޭވަރިޓް ސަބްޖެކްޓް އަކީ މެކްސް. ބޮޑަށް ހިތް ޖެހުނީ ގްރޭޑް 4 ގަ (ރަށު ސްކޫލްގަ) އުޅުނުއިރު މެކްސް ސޯ ކިޔައިދިނީ ޓިޕްސް އެންޑް ޝޯޓްކަޓްސް. އެގޮތަށް ޕްރެކްޓިސް ކުރަން ސުވާލުތަކެއް ހަދަމުން ދަނިކޮށް ޕްރޮބްލަމް ސޯލްވިން އަށް ޝައުގުވެރިކަން އުފެދުނީވެސް،" މާއްދާ އަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދިނެވެ.

ހިސާބަށް ފަހު އޭނާ ދެން އެންމެ ކިޔަވާ ހިތްވަނީ ފިޒިކްސެވެ.

"އަބަދުވެސް އާ އެއްޗެހި ދަސްކުރަން ޝައުގުވެރިކަން ހުރޭ. އިމްތިހާނަށް ކިޔަވާއިރު ވެސް ހަމައެކަނި ނަތީޖާ ރަނގަޅު ކުރަން ވިސްނައިގެނެއް ނޫން ކިޔަވަނީ. އައި ސްޓަޑީ ވިތު ކިއުރޯސިޓީ އެންޑް ޕެޝަން"

ޝައްމާހު: އަބަދުވެސް އާ އެއްޗެހި ދަސްކުރަން ޝައުގުވެރިކަން ހުރޭ -- ފޮޓޯ: ޖޫދު

ފަހުރުވެރި ކާމިޔާބީތައް

- އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން ސާނަވީ އިމްތިހާނުގެ (އޯލެވެލްގައި) ގައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުން.

- މަތީ ސާނަވީ (އޭލެވެލް ގެ) ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖޭގެ އެއްވަނައިގައި ހިމެނުން

- މަތީ ސާނަވީގެ ބަޔޮލޮޖީ މާއްދާއިން މުޅި ދުނިޔެއިން ތިންވަނައިގައި ހިމެނުން

- މަތީ ސާނަވީގެ ފިޒިކްގެ މާއްދާ އިން ދުނިޔޭގެ ހަތްވަނައިގައި ހިމެނުން

ކިޔަވަން މަސައްކަތް ކުރި ގޮތް؛

- އާންމުކޮށް ކިޔަވަނީ އިމްތިހާނާ ކައިރި ކޮށްލައިފަ. އެކަމަކު ފިލާވަޅުތައް މުތޯލިއާކޮށްލާ އެއްޗެއް ނޭނގިއްޖެއްޔާ ގޫގުލް ކޮށްގެން އާޓިކަލްތައް ކިޔަން.

- އެއްބައި ކުދިންނަކީ ކިޔަވާ އެއްޗެއްގެ މައްޗަށް ބިނާކޮށް އިމްތިހާން ހަދާ ކުދިން. އެކަމަކު ޝައްމާހު އެއްޗެއް ކިޔަވާއިރު ބަލަނީ އާ މައުލޫމާތު އެއްކޮށް އިތުރު އެއްޗެހިތަކެއް ދަސްކުރެވޭތޯ.

- ކިޔަވަނީ ވަކި ހާއްސަ ގަޑިއަކު ނޫން. އެގޮތަށް ކިޔަވާއިރު ބޮޑަށް ޕްރިފާ ކުރަނީ ވީހާ ވެސް މަޑުމައިތިރި ތަނެއްގަ އިނދެ ކިޔަވަން. އެގޮތުން އެންމެ ފަސޭހައީ ނޭޝަނަލް ލައިބްރަރީގަ ކިޔަވަން. ޕްލަސް އެތަނުން އިމްތިހާނަށް ރެޑީވާން ބައިވަރު ރިސޯސެސް ލިބޭ.

- ކޮންމެ ދުވަހަކު ވަކި އިރެއް ވާންދެން ކިޔަވާ ގޮތަކަށް ނޫން ޝެޑިއުލް ކުރަނީ. ހަމަ ވަގުތު ވީ ވަރަކުން އެކަން ކުރަނީ. އެކަމަކު ކިޔަވަމުން ދާއިރު ކޮންމެ 30 މިނިޓް އަކުން 30 މިނިޓް އަކުން ބްރޭކް ނަގަން.

- ރިވިޝަން ގައިޑްތައް ކިޔުމާއި، ގޫގުލްކޮށްގެން، ފިލާވަޅާ ގުޅުންހުރި އާޓިކަލްތައް ކިޔާ އިތުރަށް މައުލޫމާތު މުއްސަނދި ކުރަން މަސައްކަތްކުރަން. އަދި ޕްރެކްޓިސް ކުރަންވެގެން ވަރަށް ގިނައިން ޕާސްޓްޕޭޕަރުތައް ހެދިން.

ރައީސްގެ ސްކޮލަޝިޕުގެ ބޭނުން ހިފާ، އިތުރަށް ކިޔަވަން ޝައްމާހު ހުރީ ތައްޔާރަށް --

މެސެޖަކީ؛

- ހަމަ އެކަނި ސްކޫލުން ދޭ ނޯޓްސްއަށް ޑިޕެންޑް ނުވާތި! އެ ހަދާ އިމްތިހާން ބޯޑަކުން އެންޑޯސް ކޮށްފަ ހުންނަ މެޓީރިއަލްސްތައް ކިއުމަކީ ވަރަށް މުހިންމު ކަމެއް. މިސާލަކަށް އެޑެކްސެލްގެ ރިވިޝަން ނޯޓްސްތަކާ ގައިޑްތައް ޑައުންލޯންޑް ކޮށްގެން އެ ކިޔާ ދަސްކުރަންވީ.

- ޓައިމް މެނޭޖްކުރަން އެންމެ ފަސޭހަވާނީ ކުރަން ހުރި ކަންކަން ލިސްޓްކޮށްލާފަ އެންމެ މުހިންމުކަންތަކަށް އިސްކަން ދީގެން.

- ވަރަށް މުހިންމު ކަމެއް ޕާސްޓްޕޭޕަރު ހެދުމަކީ ވެސް. އޭރުން ބޮޑަށް ޕޭޕަރުގެ ސްޓްރަކްޗަރާ ސުވާލުގެ ސްޓައިލާއި ޖަވާބު ދޭން ޖެހޭ ގޮތުގެ އައިޑިއާއެއް ލިބޭނީ.

- އެކިއެކި މާއްދާތަކަށް ކިޔަވަން ޖެހޭ ގޮތް ތަފާތު ވާނެ. އެހެންވީމަ ކޮންމެ މާއްދާއަކަށްވެސް އެ ކުއްޖަކަށް އެންމެ ކިޔަވަން ފަސޭހަ ގޮތަކީ ކޮބައިތޯ ބަލާފަ އެގޮތް ބޭނުން ކޮށްގެން ދަސްކުރުން ބުއްދިވެރި!

- ސޯޝަލް މީޑިއާ އެއްކޮށް ދުރުވާށެކޭ ނުބުނާނަން. އެކަމަކު ކިޔެވުމާ ސޯޝަލް މީޑިއާ ބެލެންސް ކުރަން ދަސްކުރާށޭ ބުނަން ބޭނުމީ. ހަމަ އެ ގޮތަށް ރިލޭޝަންޝިޕްއެއްގައި އުޅުނަސް ބެލެންސް ކުރަން އެނގެންޏާ ރަނގަޅު ނަތީޖާއެއް ހޯދޭނެ.

Popular