3 Sep 2019

By: Aishath Maaha

ބެލްޖިއަމްގެ ޕިރޭ މަރްކޮލީނީ އޭ ބުނީމަ އެއީ ކިހާވަރެއްގެ ނަމެއްކަން، ޝެފަކަށް ބުނެދޭކަށް ނުޖެހޭނެ އެވެ. ދުނިޔޭގެ ފުޑް އިންޑަސްޓްރީގައި އެންމެ ނުފޫޒުގަދަ ލިސްޓުގައި ހިމެނޭ މި ޝެފްގެ ތައުރީފް ލިބިއްޖެ ނަމަ އެއީ މޮޅު މީހެއް ކަމާ މެދު ޝައްކުކޮށް ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ އެވެ. ދުސިތުތާނީ ރިސޯޓުގައި ޕޭސްޓްރީ ސޫސް ޝެފް މުހައްމަދު އަބްދުﷲ އަކީ މަރްކޮލީނީގެ ތައުރީފް ލިބިފައިވާ ޝެފެކެވެ. އެކަމަކު މި ހިސާބަށް އާދެވުނީ ކުރިމަތިވި އެތައް ބައިވަރު ގޮންޖެހުމެއް ގިރާކޮށް، ހިތްވަރު ކޮށްގެންނެވެ.

ދިރިއުޅުމުގައި ދިމާވި ގޮތުން، ބޮޑު އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހި އުމުރުން 15 އަހަރުގައި ރިސޯޓު އިންޑަސްޓްރީގައި ފަށައިގަތީ ލޭބަރެއްގެ ގޮތުގައި ހުދުވެލި ބީޗް ރިސޯޓުންނެވެ. އެތަނުގައި ދެ އަހަރު ވަންދެން އުޅުނު އުޅުމުގެ ތެރޭގައި ރިސޯޓްގެ ޝެފާ އުފެދުނު އެކުވެރިކަމުގައި މަޑުމަޑުން ބަދިގެއަށް ވަދެ ބަދިގޭގެ މަސައްކަތަކަށް ފަރިތަވި އެވެ. ނަމަވެސް ބަދިގެ އަށް ވަދެ ބަދިގޭގެ މަސައްކަތް މުހައްމަދު ފަށައިގަނެ މިއަދު މި ފެންނަ ޝެފް މުހައްމަދަށް ވުމުގެ ދަތުރު ފެށުނީ އޭގެ ވެސް ދެ އަހަރު ފަހުންނެވެ.

ހއ. އުލިގަމަށް އުފަން މުހައްމަދަކީ މިހާރު ރާއްޖޭގައި ތިބި އެންމެ މޮޅެތި ދިވެހި ޝެފުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ހުނަރުވެރިއެކެވެ.

ޝެފްގެ ކައިރިން އަދި ކައްކާ ފޮތްތަކުގެ އެހީގައި ކައްކަން ފަށައިގެން، އަށް ވަނަ އަހަރު ނިމުނު އިރު މުހައްމަދު ހުރީ އޭރު ރިސޯޓުގައި ތައްޔާރުކުރާ ހުރިހާ ކެއުންތަކަށް ފަރިތަވެ އެސިސްޓެންޓް ޝެފެއްގެ ތޮފި އަޅައިގެންނެވެ. އޭގެ އިތުރުން އިޓަލީ ބަހުން ލިޔަން ކިޔަން ވެސް ހުރީ ފަރިތަވެފަ އެވެ. ބީފް ސްޓްރޯގަންއޮފް އާއި ސްޕެގެޓީ ބޮލޮގްނީސް އަދި މޮރަކަން ލޭމްބް ސްޓިއު އެއީ ފޭވަރިޓްސް އެވެ.

"އަޅުގަނޑަށް އޭރު ޖެހޭނެ ކޮންމެ ދުވަހަކު އެ ދުވަހެއްގެ މެނޫ ލިޔަން ޑިސްޕްލޭއަށް. އެ މެނޫ ލިޔާނީ އިޓަލީ ބަހުން. އޭރު ވަރަށް ފަރިތަވާނެ އިޓަލީ ބަހުން ލިޔަން ކިޔަން،" މުހައްމަދު ކިޔައިދިނެވެ.

މުހައްމަދުގެ ކޭކެއް: ބޭކަރީ އަދި ޕޭސްޓްރީގެ ހުރިހާ ބާވަތެއް ކަހަލަ ގޮތަކަށް މުހައްމަދު ތައްޔާރުކުރޭ

"އެންމެ ފުރަތަމަ އަޅުގަނޑު އުޅުނީ ހޮޓް ކިޗަންގައި. 15 އަހަރު އުޅުނިން ހޮޓް ސައިޑުގައި. އޭގެފަހުން ބޭކަރީގެ ތެރެއަށް ވަދެވުނީ،"

ފަނަރަ އަހަރު ވަންދެން ރިސޯޓުތަކާއި ސަފާރީތަކުގެ ހޫނު ބަދިގޭގެ ދިލަހޫނުގަނޑުގައި ކައްކަމުން ގޮސް މުހައްމަދު ދެން ވަނީ ޕޭސްޓްރީގެ ތެރެއަށެވެ. އެއީ ވެސް މުހައްމަދު އުންމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. މިހާރު އަމިއްލަ އަށް އައިސްކްރީމާއި ޗޮކްލެޓް ތައްޔާރުކޮށް ސާވްކުރަމުން އައި ނަމަވެސް އޭގެ ކުރިން މުޅިން ތަފާތެވެ.

"އޭރު އުޅުނީ ކޮކޯ އައިލެންޑްގައި. އަޅުގަނޑު ކައިރި އެއް ދުވަހަކު ބުނީ ކޭކެއް އަޅަން ވައްތަރެއްގެ. ދެން މުހައްމަދު އެ ކޭކު އެޅީ. އެތަނުގެ އޯނަރަށް އަޅުގަނޑުގެ އެ ކޭކު މާބޮޑަށް ކަމުވެސް ގޮސްފި. ދެން ކިޔައިފި މުހައްމަދު ވަންނަންވީ ނޫންހޭ ޕޭސްޓްރީގެ ތެރެއަށް. އެހާ ހިސާބުން ފެށީ އެކަން ވެސް،" ހޮޓް ކިޗަން ދޫކޮށް ޕޭސްޓްރީ އަށް ބަދަލުވި ގޮތް އޭނާ ކިޔައިދިނެވެ.

މުހައްމަދު ތައްޔާރުކޮށްފައިވާ ޗޮކްލެޓެއް

ޕޭސްޓްރީގައި އޭނާ އަށް ފޮނި ތަޖުރިބާތައް ކުރެވުނެވެ. ދާއިރާގައި އެންމެ ގަދަރުވެރި ލިސްޓުގައި ހިމެނޭ މީސް މީހުންގެ ތައުރީފް ލިބުނެވެ.

"އޭރު އަޅުގަނޑު މަސައްކަތްކުރި ރިސޯޓަށް އައީ ރަމްސޭ. ދެން އޭނަ އައިސްކްރީމް ތައްޔާރުކޮށްފައި އަޅުގަނޑު ގާތުގައި ބުނީ މީތި އަޅަންވީ ނޫންހޭ. އޭރު ވެސް ފަރިތަވާނެ އެކަމަށް. ދެން ނިމުނީމަ އޭނަ ބުނީ ތިމަންނަ މިކަން ކުރާނެ ކަމެއް ނެތެއް ނޫންހޭ މުހައްމަދު ވަރަށް މޮޅޭ،" އިނގިރޭސި ވިލާތުގެ ސެލެބްރިޓީ ގޯޑަން ރަމްސޭއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބި އޭނާގެ ތައުރީފް ލިބުނު ގޮތް ކިޔައިދިނެވެ.

ބޭކިން އަދި ޕޭސްޓްރީގެ ތެރޭގައި ވެސް މުހައްމަދަށް ތައްޔާރުކުރަން ނޭނގޭ ބާވަތެއް ނެތޭ ބުނާހާވެ އެވެ. އޭނަ އަށް އެންމެ ކަމުދަނީ އޮޕެރާ ކޭކް، ހެޒަލްނަޓް މޯޗާ އެންޓްރެމެންޓްސް އަދި އާމަންޑް މެރިންގު ޕަފް ސްލައިސް އެވެ.

އަމިއްލައަށް ތައްޔާރުކުރާ ޗޮކްލެޓާއި އައިސްކްރީމް ވިއްކާ އައުޓްލެޓެއް މާލޭގައި ހުޅުވަން މުހައްމަދު ބޭނުންވޭ. --

ކޮކޯ އައިލެންޑް، ހުވަފެންފުށި، ޑަބްލިއު ރިޓްރީޓް އަދި މިހާރު މަސައްކަތް ކުރަމުންދާ ދުސިތުތާނީގައި މުހައްމަދަކީ ޕޭސްޓްރީ ސޫސް ޝެފެވެ. އޭގެކުރިން މަސައްކަތްކުރި އެސްލިއާ މޯލްޑިވްސް ޕްރައިވެޓް ލިިމިޓެޑް ގްރޫޕްގެ ސަފާރީއެއްގައި މުހައްމަދަކީ ހެޑް ޝެފެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ދަސްކުރީ ޝެފުން ގާތުންނާއި ފޮތްތައް ބަލައިގެން. މިހާރު ވެސް ޔޫޓިއުބް ވީޑިއޯތައް ބަލަން. މަސައްކަތުގެ ޑިސިޕްލިން ހިފަހައްޓައި އަބަދުވެސް އާ އެއްޗެހި ދަސްކުރަމުން މިދަނީ."

ބޭރުގެ ގިނަ ގައުމުތަކުން ދާއިރާގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށް ބައިވެރިވި މުބާާރާތްތަކުން މުހައްމަދު ވަނީ ވަނަ ހޯދައިފަ އެވެ. އެގޮތުން ޑެޒާޓް އިން ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖުން ސިލްވާ އަދި ގޯލްޑް މެޑަލް ހާސިލްކުރި އެވެ. އޭގެ އިތުރުން ދުސިތުތާނީން އެމެރިކާގެ ގުއާމްގައި ހިންގާ ހޮޓަލުގައި ވެސް ދުވަސްތަކެއް ވަންދެން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

ޓޫރިޒަމް ކެއްކުން

Popular