By: Ifraz Ali
އުފަން ރަށް، ފ.ބިލެއްދޫގައި ސާނަވީ ތައުލީމު ނިންމުމަށް ފަހު، މަތީ ސާނަވީ ކިޔަވަން މާލެ އަންނާކަށް އަލީ އަހުނަފް އެންމެ ފުރަތަމަ ބޭނުމެއް ނުވި އެވެ. ނަމަވެސް ދައްތަމެންނާއި ބޭބެމެން ދިން ނަސޭހަތް ގަބޫލުކޮށް، 19 އަހަރުގެ އަހުނަފް މާލެ އަށް ބަދަލުވީ ރަށުން ނުލިބޭ ފުރުސަތުތަކާއި ކާމިޔާބީތައް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. އެ އުއްމީދާ އެކު، ސްކޫލް ދައުރުގައި އޭނާ އަބަދުވެސް އެންމެ ބޭނުންވި ދެ ކާމިޔާބީ މިހާރު ހާސިލުވެއްޖެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަހުނަފެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަލީ އަހުނަފަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޓްރޮފީ ހަވާލު ކޮށްދެއްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
"މިއަދު ގަބޫލުކުރަނީ އެ ދުވަހު އެ ނިންމުން ނިންމުނީ އެންމެ ރަނގަޅަށޭ. އޭގެ ފައިދާ ވަރަށް ބޮޑަށް ވެސް ލިބިއްޖެ،" އަހުނަފް ދެން އެންމެ ބޭނުންވީ ސްކޫލް ކެޕްޓަނުކަން ކުރާށެވެ. ރަށު ސްކޫލުގައި ވެސް ޑެޕިއުޓީ ކެޕްޓަން ކަމަށް ކުރިމަތިލައިގެން އޭނާ އަށް އެކަން ކާމިޔާބެއް ނުވި އެވެ.
އެ ކާމިޔާބީ ހާސިލުވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އޭނާ އަކީ އެ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަނެވެ.
އެ ހިސާބަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހުނެވެ. އެންމެ މޮޅު ދަރިވަރަށް ވުމަށް ޓާގެޓުކޮށް، ކިޔެވުމުގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވި އެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ޓީޗަރުން ދެއްވި ނަސޭހަތާއި އިރުޝާދު ގަބޫލުކޮށް އަދި އަމިއްލަ އަށް ވެސް ގިނަ މަސައްކަތްތަކެއް ކުރި އެވެ.
އޭލެވެލް ހެދި އިރު އަހުނަފަށް އެންމެ ބޮޑު ސަޕޯޓެއް ދިން ރައްޓެހިން: ރާޔާ، ޒާއިން އަދި އީޝާ
ސްކޫލްގައި ބޭއްވި ހުރިހާ ހަރާކާތެއްގައި ހެން އަހުނަފް ބައިވެރިވި އެވެ. އިސްކަން ދިނީ އެހެން ކުދިންނާ ވެސް ގުޅިގެން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށެވެ. އެ ހަރަކާތްތަކަށް ވަގުތު ހުސްކުރީ، ކިޔެވުމަށް ވެސް ގިނަ ވަގުތު ދެމުންނެވެ. ދެ ކަމަށް ވަގުތު ދީގެން ވެސް ރަނގަޅު ނަތީޖާއެއް ލިބިދާނެކަން އޭނާ ސާބިތު ވެސް ކޮށްދީފި އެވެ.
އޭލެވެލްގެ އިސްލާމް، ދިވެހި، އިކޮނޮމިކްސް އަދި ބިޒްނަސް އިން އަހުނަފަށް އޭ ސްޓާ ލިބުނެވެ. އަދި އިކޮނޮމިކްސް އިން ދުނިޔޭގެ ރޭކިންގެ 10 ވަނާގައި ހިމެނުނެވެ.
އޭލެވެލް ޓޮޕް އެޗީވާސްގެ އިނާމު ދިނުމުގެ ޖަލްސާގައި އަހުނަފް އިނާމާ ހަވާލުވަނީ.
"ގުރުއާން މުބާރާތާއި ބަހުސް މުބާރާތައި ޑްރާމާ އާއި ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވިން،" ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވެ، އެ މުބާރާތުގެ ގަދަ 10 ގައި ވެސް ހިމެނުނެވެ. އެއީ ގައުމީ މުބާރާތެއްގައި އޭނާ ވާދަކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަހުނަފް އެންމެ ކިޔަވާ ހިތްވާ މާއްދާއަކީ އިސްލާމެވެ. އިސްލާމިކް ނޮލެޖަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ސްކޫލް ނިންމައި އޭނާ ކުރިއަށް ދާން ބޭނުންވާ ދާއިރާ އަކީ އިސްލާމިކް ޝަރިއާ ކަމަށް ވެސް ނިންމައިފި އެވެ. މިހާރު އޭނާ އަންނަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އިސްލާމިކް ޝަރީއާގެ ޑިގްރީއަށް ކިޔަވަމުންނެވެ.
އަހުނަފް އާއި އޭނާއެކު ސްކޫލްގައި ކިޔެވި ބައެއް ރައްޓެހިން.
އަހުނަފް މި ކިޔައިދެނީ އޭނާ ކިޔަވަން މަސައްކަތްކުރި ގޮތެވެ؛
- ހުރިހާ ނަމާދެއްކޮށް، ދީނީ ހުރިހާ ކަންކަމަށް ސަމާލުކަން ދޭ
- ގުރުއާން ކިޔެވުމާ ދުރަށް ނުދިއުމަކީ އަބަދުވެސް އަޒުމެއް
- މައިންބަފައިންނާއި މުދައްރިސުންގެ ބަސް ގަބޫލުކުރުން
- ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރީ އެންމެ މޮޅު ދަރިވަރުގެ ޓައިޓަލް ހޯދުމަށް އަޒުމް ކަނޑައަޅައިގެން
- ފޮތް ކިޔައި ދަސްކުރަނީ ފަތިހު ހަތަރެއް ޖަހާއިރު ހޭލައިގެން އަދި ރޭގަނޑު 9 ގެ ފަހުން. އޭނާއަށް އެއްޗެހި ދަސްކުރަން އެންމެ ފަސޭހަ ވަގުތުތަކަކީ އެއީ
- ދަށް މާކްސް ލިބުނަސް ހިތްވަރު އެލުވައި ނުލައި، އަނެއްކާ ވެސް އާ ގޯލްއަކާއެކު މަސައްކަތްކުރޭ
- އަބަދު ވެސް އެންމެ މަތިން ހޯދުމަށް ޓާގެޓުކުރޭ
- ކޮންމެ މާއްދާއެއްގައި ވެސް ހުންނަ ޓޮޕިކްތައް ވަކިވަކިން ދަސްކޮށް، އުނދަގޫވާ ޓޮޕިކްތައް ދެނެގަނެ ރަނގަޅު ކުރަން މަސައްކަތް ކުރޭ
އޯލެވެލް ޓޮޕް ޓެން އިނާމު ދިނުމުގެ ޖަލްސާގައި އަހުނަފް އިނާމާ ހަވާލުވަނީ.
އެންމެ ދެރަވީ އޭލެވެލް ގަދަ 10 ގެ 1 ގައި ނުހިމެނުމުން!
މަތީ ސާނަވީ ނުވަތަ އޭލެވެލް އިމްތިހާނު ނިންމާލީ ޓޮޕް ޓެންގެ އެއް ވަނައިގައި ހިމެނޭނެ ކަމަށް އުއްމީދުކޮށްގެންނެވެ. އެކަމަކު އަހުނަފް ހިމެނުނީ އޭލެވެލް ޓޮޕް ޓެން ތިނެއްގަ އެވެ. އެކަން ކާމިޔާބު ނުވި ނަމަވެސް، ސްކޫލުން މި ލިބުނު ބޮޑު ކާމިޔާބީއާ މެދުގައި އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ސާނަވީ ނުވަތަ އޯލެވެލް އިމްތިހާނުގެ ޓޮޕް ޓެންގެ ދެ ވަނާގައި ވެސް އޭނާ ހިމެނުނެވެ. މައިންބަފައިންނާއި، އާއިލާ، ޓީޗަރުން އަދި ރައްޓެހިންގެ ފަރާތުން ލިބުނު އެހީއެއަށް އޭނާ ޝުކުރުވެރިވެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވި އަހުނަފު (މ) އޭނާގެ މަންމަ (ކ-2) އަދި ދައްތަ، ޔޫތު މިނިސްޓަރު މަހުލޫފު (ވ-2) އަދި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެންމެ ބޮޑު ހުވަފެނަކީ ގައުމަށް ރަނގަޅު ހިދުމަތެއް ކޮށްދިނުން،" ބައެއް ފަހަރު ނާކަމިޔާބީއާ ކުރިމަތިވި ނަމަވެސް، އެހިސާބުން ހިތްވަރު އެލުވައި ނުލައި އަދިވެސް ކުރިއަށް ދެވިދާނެ ކަމަށް ވިސްނާ އެގޮތުގައި މަސައްކަތް ކުރާ ކަމަށް ބުންޏެވެ.
ފުރަތަމަ މާލެ އައިސް މާހައުލަށް އެޖެސްޓުވަމަށް ވެސް އޭނާ އަށް އުނދަގޫވި އެވެ. ރަށުގައި ނަމަ އަމިއްލަ ގޭގައި އެއްވެސް މީހެއްގެ އުނދަގުލެއް ނެތި ފަސޭހަކަމާއެކު ފިލާވަޅުތައް ދަސްކޮށް ހެދުނެވެ. އަދި ގެއިން ބޭރުގައި އަތިރިމަތި ކަހަލަ ހިތްފަސޭހަ ތަނަކަށް ގޮސް އިނދެ ވެސް އެކަން ކުރެވުނެވެ. އެކަމަކު މާލޭގައި އެ ކަހަލަ މާހައުލެއް ނެތުމުން ކިޔަވަން އުނދަގޫވެ، ފުރަތަމަ ސެމިސްޓާގައި ދަށް ނަތީޖާއެއް ވެސް ލިބުނެވެ.
"އެކަމަކު ދެން ވެސް ހިތްވަރު އެލުވައެއް ނުލަން. މިކަން ކުރެވޭނެކަން އަމިއްލަ އަށް ގަބޫލުކުރިން. އަލްހަމްދުލިﷲ އެކަން ވެއްޖެ،" ކިޔަވާ ކުއްޖަކަށް އޭނާ ދޭން އޮތް އެންމެ ބޮޑު ނަސޭހަތަކީ މީހާގެ ހުރި ގާބިލުކަމާ މެދުގައި ޝައްކުނުކޮށް ކުރިއަށް ދިއުމެވެ. އަދި އަބަދު އެންމެ މޮޅު ގޮތް ނުވެދާނެކަން ސިކުނޑީގައި ބާއްވައިގެން ކުރިއަށް ދިއުމެވެ.