7 Oct 2019

By: Aishath Maaha

މިއީ އުމުރުން 12 އަހަރުގެ އަހްމަދު ނީގް ނިޔާޒެވެ. ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު ތިނެއް ޖަހާއިރު ޓްރެކް ސަރަހައްދުން ނީގް ފެންނާނެ އެވެ. އިންޓަ ސްކޫލް އަދި ފެތުމުގެ އެހެން މުބާރާތްތަކުން ނީގް ފެންނާނެ އެވެ. މިއީ ފެތުމުގެ ކުޑަ އެކަމަކު ބޮޑު ޗެމްޕިއަނެކެވެ.

ތާޖުއްދީން ސްކޫލްގެ ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ ނީގްގެ މި ކެރިއަރު ފެށުނީ އުމުރުން އެންމެ ފަސް އަހަރުގަ އެވެ. ގްރޭޑް އެކެއްގައި އުޅެމުން ފެތުމުގެ މުބާރާތްތަކުގައި ވާދަކުރަން ފަށައި ހުރިހާ މުބާރާތްތަކެއްގައި ވާދަކުރަން ފެށި އެވެ. އަދި ކޮންމެ މުބާރާތަކުން ވަނަތައް ވެސް އަންނަނީ ހޯދަމުންނެވެ.

"އާންމުކޮށް ނާންނާނެ އެއްވެސް އެއްޗެއް ނުލިބިއެއް. ވަރަށް ސަކްސެސް. އޭޖް ގްރޫޕުން ވަނައެއް ހޯދާނެ. އެންމެ ފަހުން އިހަށް ދުވަހު އައްޑޫގައި އޮތް ކޮމްޕެޓިޝަނުން ވެސް އޭޖް ގްރޫޕުން ބެސްޓް ސްވިމާ. ނީގް އެކަނި ސްކޫލުން ދިޔައީ. ސްކޫލަށް ލިބުނު ދެވަނަ،" ނީގްގެ ކާމިޔާބީގެ ވާހަކަ އޭނާގެ މަންމަ ފާތިމަތު ނަސްރީނާ (ނައްޓި) ކިޔައިދިނެވެ.

ބައިވެރިވި ކޮންމެ މުބާރާތަކުން ވެސް ނީގް ވަނައެއް ހޯދާ

ނީގްގެ މި ކެރިއަރާއި ޝައުގުވެރިކަން ފެށިގެން އަންނަނީ މަންމަ ނައްޓިގެ ކިބައިންނެވެ. ނައްޓި ބުނީ އޭނާ އަކީ ޑައިވަރަކަށް ވާތީ ނީގް އެންމެ ކުޑައިރުން ފެށިގެން ވެސް މޫދު ދެކެ ލޯބިވާ ކުއްޖަކަށް ހަދަން ބޭނުންވި ކަމަށެވެ.

ނީގް ކުޑައިރުން ފެށިގެން މޫދަށް ގެންގޮސް އުމުރުން ފަސް އަހަރުގައި ފަތަން ދަސްކޮށްދިނީ އެހެންވެ އެވެ. ނީގް ލިބުމާއެކު ރަސްމީކޮށް ޑައިވްކުރަން ހުއްޓާލި ނަމަވެސް ނީގް އަށް ފަތަން ދަސްކޮށްދީ ހާއްސަ ކޯޗެއްގެ އިރުޝާދާއެކު ފެތުމުގެ މުބާރާތްތަކުގައި ބައިވެރިކުރަން ފެށީ އެހެންވެ އެވެ.

ނީގް: ފެތުމުގެ ގިނަ މުބާރާތްތައް ކާމިޔާބުކޮށްފަ

"އެހެން ކުޑައިރުން ފެށިގެން މޫދަށް ގެންދާތީ ނީގް ވެސް ވަރަށް ފޯރި ހުންނާނެ މޫދަށް. މިހާރު ޑައިވް ވެސް ކުރާނެ. ޖޫނިއާ އޯޕަން ވޯޓާސް ހަދާ ސެޓިފައިޑްވެފަ ނީގް ވެސް މިހުރީ. މިހާރު ވީކެންޑްސްގައި ފްރީ ވެއްޖެޔާ ދަން ޑައިވިން އަށް ނީގް ވެސް،" ނައްޓި ބުންޏެވެ.

ނަމަވެސް ފުރަތަމަ ދުވަސްކޮޅު ބައެއް ދުވަސް ދުވަހު ބިރުން މޫދަށް ނުދާން ނީގް އުޅުނެވެ. އެކަމަކު އަނެއް ދުވަހު ވެސް މޫދަށް ދާން ބުނުމުން ދެ އެވެ.

ނީގް އޭނާގެ މަންމައާ އެކު ޑައިވިނަށް ގޮސް

"އޭރު ބުނާނެ ނުދާނަމޭ ކޯޗު މާ ހާޑުކޮށް ޖައްސަނީ އޭ. އެކަމަކު އަނެއް ދުވަހު ނުހުންނާނެ ހަނދާނެއް އޭރު ކުޑަވީމަ. ދާން ބުނާއިރަށް ދާނެ."

"ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް މިއީ. ފެތުމަކީ ވަރަށް ހެލްތީ ކަމެއް. ވަރަށް ކުޑައިރު ފަތަން ފެށީ. އޭރު ކުޑަކޮށް ބިރުގަތް. އެކަމަކު ފަރިތަކުރަމުން ގޮސް މުބާރާތްތަކުގައި ބައިވެރިވާން ފެށީ،" ނީގް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

ނީގް މިހާރު ތައްޔާރުވަނީ ގައުމީ ޓީމުން ފުރުސަތެއް ހޯދަން

ފެތުމުގައި ނީގް ހޯދާފައިވާ ބައެއް ކާމިޔާބީތަކުގެ ލިސްޓް ވަރަށް ދިގުވާނެ އެވެ. އިންޓަ ސްކޫލް ސްވިމިން މުބާރާތުން މި އަހަރު އަހަރު އަދި މިދިޔަ އަހަރު ވެސް ވަނީ އެއް ވަނަ ހޯދައިފަ އެވެ. ސްވިމިން އެސޯސިއޭޝަންގެ މުބާރާތްތަކުން ވެސް ވަނީ އެއް ވަނަ ހޯދައިފަ އެވެ. މިދިޔަ އަހަރު އޮތް ގައުމީ ދިގު ފެތުމުގެ މުބާރާތުން ނީގް ވަނީ ތިން ވަނަ ހޯދައިފަ އެވެ.

"މިނިވަން ފަންސާހުގެ ވިލިނގިލިން މާލެ އަށް އޮތް ފެތުމުގައި ވެސް ނީގް ބައިވެރިވެ އޭޖް ގްރޫޕުން ފަސްޓް ލިބުނު. ހުރިހާ އެއްޗެއް ނެތް ހަނދާނެއް ވެސް. އަހަރަކު ހަތަރު ވަރަކަށް ކޮމްޕެޓިޝަން އޮންނާނެ. އެއްވެސް މުބާރާތެއް ނުހުންނާނެ ނީގް އަށް ވަނައެއް ނުލިބޭ،" މިހާރު ނީގްގެ އަމާޒަކީ ގައުމީ ސްވިމިން ޓީމުން ޖާގައެއް ހޯދުމެވެ. މީގެ ކުރިން ގައުމީ ޓީމުން ނީގަށް ޖާގަ ނުލިބުނީ އުމުރު ހަމަ ނުވާތީ އެވެ.

ފެތުމުގެ އިތުރުން ފުޓު ބޯޅަ މުބާރާތްތަކުގައި ވެސް ނީގް ބައިވެރިވެ އެވެ. ސްކޫލް މުބާރާތްތަކުގައި ކުޅެ އަމިއްލަ ގޮތުން ޓީމަކަށް ފުޓުބޯޅަ ކުޅެ އެވެ. ފެތުމާ އެއްވަރަށް ފުޓުބޯޅައިގައި ހަރަކާތްތެރިވި ނަމަވެސް ނީގް ބޮޑަށް ޝައުގުވެރިވަނީ ފެތުމަށެވެ.

ނީގް އަކީ ޖޫނިއާ އޯޕަން ސެޓިފައިޑް ޑައިވަރެއް

"ފުޓްބޯލް އާއި ސްވިމިން ތެރެއިން ޗޫޒް ކުރަންޏާ ނީގް ނަގާނީ ސްވިމިން. ބޭނުން ނެޝަނަލް ރިކޯޑެއް ބްރޭކްކުރަން. އެހެންވެ ޓްރެއިނިން އަށް ގޮސް ކޯޗު ބުނާ ގޮތް ހަދައި ހެލްތީ އެއްޗެހި ކަނީ. ނީގް ބޭނުން އޮލިމްޕިކްސްގައި ބައިވެރިވެ ވަނައެއް ހޯދަން،" ނީގްގެ އުންމީދަކީ އެއީ އެވެ. އެކަމަކު ބޮޑުވެގެން އޭނާ ވާން ބޭނުންވަނީ ޕައިލެޓަކަށެވެ.

ނީގްގެ އުމުރުން ފަސް އަހަރުން ފެށިގެން ނީގް ގޮވައިގެން ފެތުމުގެ ކަންކަމުގައި ހަރަކާތްތެރިވެ ނައްޓި ވެސް މިވަނީ ފަތަން ފަށައިފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނައްޓިގެ ޑެއިލީ ޝެޑިއުލްގައި ވެސް ފެތުމަކީ މުހިންމުކަމެކެވެ.

ފެތުން ސްވިމިން އެސޯސިއޭޝަން

Popular