7 Oct 2019

By: Aishath Maaha

އަލީ އާޒިމް (ދޮން އައްޔަ) އަކީ މި ދުވަސްވަރު އެންމެ ބުރަކޮށް އުޅޭ އެއް އެކްޓަރެވެ. އައްޔަގެ ގިނަ ފިލްމުތަކާއި ސީރީޒްތައް ފެނިފައިވެ އެވެ. ކުޅޭ ކޮންމެ ރޯލަކުން އައްޔަގެ ހުނަރު އިމްޕްރޫވް ކުރަމުން އައިސް އައްޔަގެ ވިދުން ގަދަވީ އެވެ. އެއާ އެއްވަރަށް އަމިއްލަ ދިރިއުޅުމުގެ ވިދުވަރު ވެސް ވަނީ ގަދަކޮށްލައިފަ އެވެ. އިއްޔެ، ލޯބިވެރިޔާ ހައްވާ ޖީނާ އާ ކައިވެނީގެ ގޮތުން ގުޅުނީ އެވެ.

ކައިވެންޏަށް ފަހު ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ ހިއްސާކުރުމާއެކު ގިނަ ބަޔަކު ވަނީ އައްޔަގެ ދެމަފިރިންނަށް މަރުހަބާ ކިޔަން ފަށައިފަ އެވެ. މިއީ އައްޔަގެ ފޭނުންނަށް އޭނާ ދިން ސަޕްރައިޒެކެވެ.

1. އެންމެ ފުރަތަމަ ކިޔައިދީބަލަ ދެ މީހުން ދިމާވީ ކިހިނެއްތަ؟

އައްޔަ: ކުރީގައި ވެސް އެފްބީ ފްރެންޑްލިސްޓުގައި އިންނަ ކުއްޖެއް. އޭގެން ވާހަކަ ދައްކަން ފަށައިގެން ދެން އިނގެއެއް ނޫން... ހެހެހެ. ދެން ސްނެޕްޗެޓުން އެޑްކޮށް ވާހަކަ ދައްކަން ފަށައިގެން ރައްޓެހިވީ. ދެން ފުދޭވަރަކަށް ދުވަހު ރައްޓެހިވެގެން އުޅެލާފަ ބްރޭކެއް ނަގާފަ އަނެއްކާ ކޮންޓިނިއުކޮށްފަ މެރީ ކުރީ މި.

2. ފިލްމު ޝޫޓިންތަކާއި ކަންތަކުގައި ތިހާ ބިޒީކޮށް އުޅެމުން ކިހިނެއް ރިލޭޝަންޝިޕަށް ޓައިމްދެނީ؟

އައްޔަ: ޓައިމް ހޯދަނީ. ރޭގަނޑު ވަކި ޓައިމެއް އިންނާނެ އޭނަ އަށް. ރޭގަނޑުގެ ވަކި ވަގުތަކުން ފަށައިގެން އުޅޭނީ އޭނައާ އެކީ. މާލޭގައި އުޅެންޏާ އަބަދު ކަހަލަ ގޮތަކަށް އެކުގައި އުޅޭނީ.

3. ޕާސަނަލް ލައިފުގައި އަންނަ ކަމަކާ ގުޅިގެން މިގޮތަށް އާންމުންނާއި މީޑިއާގެ ސަމާލުކަން ލިބުނީމަ ހިތަށް އަރަނީ ކީކޭތަ؟

އައްޔަ: އަސްލު ބޭނުމެއް ނުވޭ ޕާސަނަލް އެއްވެސް އެއްޗެއް ޝެއާ ކުރާކަށް މީޑިއާގައި ވެސް. އެހެންވެ އެހާ ޑަމީކޮށް ވެސް އެކަންކުރީ. ސަޕްރައިޒްކޮށްލަން އެންމެން. ހަމަ ބޭނުންވި ގޮތަށް ދިޔައީ ހުރިހާ ކަމެއް ވެސް. ދެން ވަރަށް އުފާވޭ އެންމެން ވެސް އައްޔަ ފޮލޯކުރާކަށް އެނގޭތީ. ވަރަށް ލޯބިވާކަން ވެސް އެނގޭތީ. ހުރިހާ ފޭނުންނާ ހުރިހާ އެންމެން ވެސް.

ދޮން އައްޔަ އަދި އަންހެނުން ޖީނާ.-- ފޮޓޯ: ޝުހާދު

4. އެހެންވީމަ ހިތަށް އަރާތަ މީހުން ދަންނަ މަޝްހޫރު މީހަކަށް ނުވިނަމަ އޭ؟

އައްޔަ: ނޫން އެހެން ހިތަކަށް ނާރާ. މި ދާއިރާއަށް ނުކުންނައިރު އެނގޭނެތާ އެއްބަޔަކަށް ކަމުދާނެކަން އަނެއް ބަޔަކަށް ކަމުނުދާނެކަން. އެހެން ދޯ އެކަން އިންނާނީ. ކަމުދާ މީހުންގެ ލޯތްބާ އެއްޗެހި ލިބޭތީ ވަރަށް ހިތްހަމަޖެހޭ. މިހާރު އިޓްސް އަ ޕާޓް އޮފް އަ ލައިފް.

5. އައްޔަ ގަބޫލުކުރާ ގޮތުގައި ރައްޓެހިވެގެން ގިނަ ދުވަހު އުޅެފަތަ ކައިވެންޏާ ހިސާބަށް ދާންވީ؟

އައްޔަ: އަސްލު އައްޔަ ގަބޫލުކުރާ ގޮތުގައި ރައްޓެހިވެގެން ނުޖެހޭ ފަސް ހަ އަހަރު އުޅޭކަށެއް. އެހެން އުޅެން ބޭނުންވިއްޔާ ހަމަ އިނދެގެން ވެސް އުޅެވޭނެ. މިހާރު އެންމެން ވެސް ރައްޓެހިވެގެން ރިލޭޝަންގައި އުޅެނީ އިނދެގެން ދެން އެ ސެޓްފިކެޓް ނެތްކަން. އެހެންވީމަ އެ ސެޓްފިކެޓް ހޯދައިގެން ކުރިއަށް ގެންދިޔައީމަ ކަންނޭނގެ ރަނގަޅުވާނީ. އެއީ މެރީކޮށްގެން ވެސް ކިތަންމެ ދުވަހަކު އުޅެފަ ވެސް ވަރިވެދާނެ. ނޫނީ ދެ މަސް ތިން މަސް ކޮށްފަ ވެސް ވަރިވެދާނެ. އައްޔައަށް ވަރަށް ސަޅި ކޮންކަހަލަ ކުއްޖެއްތޯ ބަލާފަ ރަނގަޅު ކުއްޖެއް ވެއްޖެޔާ އަވަހަށް މެރީކުރިއްޔާ ކަންނޭނގޭ ދެ މީހުންނަށް ވެސް ރަނގަޅުވާނީ.

6. އައްޔަމެން ކައިވެނި ކުރީ ރައްޓެހިވެގެން ކިހާ ދުވަހަކު އުޅެފަތަ؟

އައްޔަ: އެންމެ ފުރަތަމަ ރައްޓެހިވާން ވާހަކަ ދައްކާފަ، މި ބުނީ ފުރަތަމަ ރައްޓެހިވި ފަހަރު ރައްޓެހިވާކަށް ނޫން އައްޔަ އެހީ. އިންނަން އެހީ. އެހެން ތިން ވަރަކަށް މަސް ވަންދެން އުޅެފަ ބްރޭކެއް ނަގާފަ ތިން ވަރަކަށް މަހު ރައްޓެހިވެގެން އުޅެފަ މެރީ ކުރީމި. ހީވަނީ ބްރޭކްގަ ވެސް ތިން ވަރަކަށް މަސް ހެން ވާނީ. ސީދާ ޑޭޓުތައް ނެތް ހަނދާނެއް.

7. އައްޔަމެން ގަބޫލުކުރާ ގޮތުގައި އަވަހަށް ޒުވާން އުމުރުގައި ކައިވެނި ކުރުމަކީ ކިހާ މުހިންމުކަމެއް؟

އައްޔަ: އަސްލު ޒުވާން އުމުރުގައި ކައިވެނިކުރަން ސަޅި. އެކަމަކު ދެ މީހުން އަންޑަސްޓޭންޑް ވެގެން ދެ މީހުން ދެމީހުންގެ ކަންކަން ވަރަށް ރަނގަޅަށް އެނގި ޔަންގް އޭޖްގައި ކައިވެނިކުރުމަކީ ވަރަށް ސަޅިކަމެއް. އެކަމަކު އައްޔައަށް މީނީ ތަންކޮޅެއް ފަހުން ކުރެވިފަ.

8. ކިހިނެއްތަ ވެޑިން ޕާޓީ ބޭއްވީ، ކޮން ބަޔަކަށްތަ ދައުވަތު ދިނީ؟

އައްޔަ: ނުބާއްވަން ބޮޑު ޕާޓީއެއް. އެއަށްވުރެ ދެ މީހުން ހެޕީ ޓައިމެއް ސްޕެންޑްކޮށްލަން ބޭނުންވީ. ބޭއްވީ ދެ ފަރާތު ފެމިލީ އާއި ވަރަށް ގާތް ރައްޓެހިން ގެނެސް ކުޑަކުޑަ ޕާޓީއެއް ބޭއްވީ. އައްޔަ ވެސް އޭނަ ވެސް ބޮޑު ޕާޓީއެއް ބާއްވަން ބޭނުން ނުވީ.

9. ކޮބާތަ ހަނީމޫން ޕްލޭނަކީ؟

އައްޔަ: ހަނީމޫންގައި މިއުޅެނީ އެއް ރަށުން އަނެއް ރަށުގައި. މިހާރު ހިންމަފުށީގައި މިހުރީ. ދެން އަނެއްކާ މާދަމާ ދާންވީ އެހެން ރަށަކަށް. މުޅިން ރަށްރަށަށް ބުރުޖެހުން. ޕްލޭންގައި އޮތީ މިހެން އެއް ރަށުން އަނެއް ރަށަށް ދިއުން ނިމޭނީ ރާއްޖޭން ބޭރުން ކަންނޭނގެ.

10. ތި ދެމީހުންގެ އުމުރުގައި ކިހާ ތަފާތެއް ހުރީ؟ ދެ މީހުންގެ އުމުރުގެ ތަފާތު މުހިންމުތަ؟

އައްޔަ: އޭނައަށް 20 އަހަރު. އައްޔައަށް 30 ޕްލަސް ސީދާ އުމުރު ގެސްކޮށްލާ. އައްޔަ އަށް އޭޖަކީ ހަމަ ނަމްބަރެއް. އޭޖް މުހިންމެއް ނޫން. ދެ މީހުންގެ ދެމެދުގައި އޮންނަ އަންޑަސްޓޭންޑިން އާ އެ އިންނަ ރިލޭޝަން ވަރުގަދަވުން މުހިންމީ. އޭޖަކީ އައްޔަ ކައުންޓުކުރާ އެއްޗެއް ނޫން. އޭނަވެސް އެހެން އޭޖް ކައުންޓެއް ނުކުރޭ.

11. ދެން ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުމުގައި ބިޒީވެ އައްޔަ ފެނުން މަދުވަމުން ގޮސް ގެއްލިދާނެތަ ދާއިރާއިން؟

އައްޔަ: އައްޔަ ނުގެއްލޭނެ ދާއިރާއަކުން. ޔަގީން. އަންހެނުން ނުބުނާނެ ފިލްމު ކުޅުން ހުއްޓާލާށެކޭ. އެވަރު ގެރެންޓީ އެބައޮތް.

12. އަންހެނުން ފެނިދާނެތަ ފިލްމީ ދާއިރާއިން؟ އޭނަ ކޮން ދާއިރާއެއްގަތަ މަސައްކަތްކުރަނީ؟

އައްޔަ: އޭނަ އަދި ނުދޭ ޖޮބަކަށް. ގޭގައި ހުންނަނީ. އެކަމަކު އޭނަ ނުފެންނާނެ ފިލްމީ ދާއިރާއަކުން އައްޔަ ފެންނާނީ. އެކަމަކު ރެޑްކާޕެޓް އިވެންޓަކުން ފެނިދާނެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular