By: Ifraz Ali
ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބޮޑުތަކުރުފާނުގެ ހަނދާނުގައި ގައުމީ ދުވަސް ފާހަގަކުރިތާ ދެތިން ދުވަސް ފަހުން މިއަދު މި ބައްދަލުކުރީ ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު އުދުވާނީ ހަމަލާއިން މި ގައުމަށް ނަސްރު ލިބުނު ދުވަހެވެ. މި ގައުމުގެ ދިފާއުގައި ދުޝްމަނުންނާ ކުރިމަތިލި ޝަހީދު ހުސެއިން އާދަމާއި ދިވެހި އެތައް ދަރިންތަކެއް ގައުމަށްޓަކައި ޝަހީދުވި ދުވަހެވެ.
ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގެ ވާހަކަ ކިޔާލަން ލިބެނޭ ކިތައްމެ ފޮތެއް އެބަހުއްޓެވެ. މި ހުރިހާ ވާހަކަތަކެއްގެ ތެރެއިން ވެސް، ދުޝްމަނުން ސިފައިންގެ އަށް ދިން ހަމަލާތައް ހުއްޓުވުމުގައި އެންމެ ފުރަތަމަ ޝަހީދުވި ހދ.ކުޅުދުއްފުށީ މާވާގެ ހުސައިން އާދަމް ހާއްސަވާ ކިތަންމެ ސަބަބެއް ފެނުނެވެ. އޭނާގެ ހިތްވަރު ގަދަކަމާއި ގައުމަށް އޮތް ލޯބި ފެނެ އެވެ.
ފޮތްތައް ކިޔައި ނިންމާފައި މިއަށް އިތުރުކުރާނެ ވާހަކަތައް ހޯދަން ފުރަތަމަ ވެސް ބެލީ ހުސެއިން އާދަމްގެ މައިންބަފައިންނާ ވާހަކަދައްކާލެވޭތޯ އެވެ. އެކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ދެން ދިމާވީ ފުރާވަރުގައި ހުސެއިންގެ އެންމެ ގާތް އެކަކު އަދި ހުސެއިންގެ ކޮއްކޮއާ ކައިވެނިކޮށްގެން އުޅޭ، އޭނާގެ ޅިޔަނު އަބްދުﷲ މުހައްމަދެވެ.
އަބްދުﷲ ބުނީ ހުސެއިން އާދަމްއާ ގުޅޭ ގޮތުން އެންމެ ދުރު ހަނދާނަކަށް އޭނާ ހުންނަނީ ދުނިދަނޑި ހަދައިގެން ދިމަ ދިމާލަށް އަމާޒުކޮށް އުޅުނު ދުވަސްތައް ކަމަށެވެ. އޭނާގެ ދުނިތަކުގެ އަމާޒު ވަރަށް ސީދަލެވެ.
"އިލޮށިން އަމިއްލައަށް ދުނިދަނޑި ހަދައިގެން މި ގޭގައި ހުންނަ ބަނބުކެޔޮ ގަހުގެ ފަތާއި، ބަނބުކޭލަށް ޖަހާނެ. ނުހުންނާނެ ސަލާމަތުން ހަމަ އެކައްޗެއް ވެސް. މަންމަމެން ތިހެން ނަހަދާށޭ ބުނާއިރަށް ބުނާނެ، އަދި ފަހުން ރަނގަޅުވާނޭ،" މިހާރު ވެސް އެ ބަނބުކެޔޮ ގަސް އެ ގޭގައި ހުންނަ ކަމަށް އަބްދުﷲ ބުންޏެވެ.
"އެ ހުނަރާއި އޭނާގެ އެ ދިއުމާ އެއްވެސް ތަފާތެއް ނެތް. އެއް ގޮތަށް ސީދަލަށް އެ ދިޔައީ،" ހުސެއިންގެ ވަކިވެދިއުން އަބްދުﷲ ސިފަކުރީ މިހެންނެވެ.
ޝަހީދު ހުސެއިން އާދަމް އެއާޕޯޓް ސެކިއުރިޓީގައި.
އަބްދުﷲ ބުނީ ހުސެއިން އާދަމް ކުޅިވަރުތަކުގައި މާބޮޑަށް ނޫޅޭ ކަމަށާއި އެކަމަކު އީދާ ދިމާކޮށް ރަށުގައި އޮންނަ "މަތިގެ" ހެދުމުގައި ހުސައިން ބައިވެރިވެ ފޯރީގައި އުޅުނު ކަމެކެވެ.
ހުސައިން އާދަމްގެ ތައުލީމީ ހަޔާތް ހޭދަކުރެއްވީ ކުޅުދުއްފުށީގައި އޭރު ހުރި ހަމައެކަނި ސްކޫލް، އަމީރް އަމީންގަ އެވެ. އޭރު ސްކައުޓްގައި ވެސް އުޅުއްވި އެވެ. ސިފައިން ގެއަށް ވަނުމަށް ފުރުސަތު ވެސް ލިބުނީ އެހެންވީމާ ކަމަށް އަބްދުﷲ ބުންޏެވެ.
ހުސައިންއާ އެކު އެ ފަހަރު އެ ރަށުން އަށެއްކަ ކުއްޖަކު ސިފައިން ގެއަށް ވަންނަން ފޮނުވި އެވެ. އެކަމަކު ހުސެއިންއާއެކު ޓެސްޓުތަކުން ފާސްވެ، ފުރުސަތު ލިބުނީ އެންމެ ހަތަރު ކުދިންނަށެވެ.
އިސްކޮޅުގައި ފަސް ފޫޓް ހަތަރު އިންޗި ހުރި ހުސެއިން، ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތް އިރު އޭނާ އަކީ ސިފައިންގެ ތެރޭގައި ހުރި އެންމެ ޒުވާން އެއް މެންބަރެވެ. ބައެއް ފޮތްތަކުގައި ބުނެފައިވާ ގޮތުގައި ހުސައިން އާދަމްގެ ހަގު ކަމުން، ސިފައިންގެ ތެރޭގައި ވެސް ބައެއް މީހުން އޭނާ އަށް ދިމާކޮށް އުޅުނު ކަމަށްވެ އެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވި ސިފައިން
"މިހާރު ދިވެހިން 3 ނޮވެމްބަރު 1988 ދަންނަނީ ކިހާވަރަކަށް؟" ނަމުގައި 2013 ވަނަ އަހަރު ނޮވެލްޓީން ޗާޕުކުރި ފޮތުގައި އޭގެ މުސައްނިފް މަރްހޫމް އަލީ ހުސެން ލިޔުއްވާފައިވާ ގޮތުގައި "ކަލޯ އަށް ކުރެވޭނީ ކީއްހޭ" ބުނީމާ ހުސައިން އާދަމް ރައްދު ދެއްވި އެވެ.
"އަހަރެންގެ އުމުރަކަށް، ޅަކަމަކަށް ބަލާނެކަމެއްނެތޭ. ތިއެއް އެނގޭނީ ކަމެއްޖެހުނީމައޭ. ކަމެއްޖެހޭ ދުވަހަކުން ކަލޯމެން ބޮޑެތި މީހުންނަށް ނުކުރެވޭނެ މަސައްކަތެއް އަހަރެން ކުރާނަމޭ. އެކަހަލަ ދުވަހެއް އަތުވެއްޖެ ނަމަ، ކަލޭމެނަށް އެކަން ދައްކާލާނަމޭ، ބަލަންތިބޭށޭ" ބުނި ކަމަށްވެ އެވެ.
ހަނގުރާމަވެރިންގެ އުންޑަތަކުގެ ކުރިމަތީގައި ފިލަން ނޫޅެ، ބަނޑޭރިގޭ ބޭރު ގޭޓްގެ ހުޅަނގު ފަޅީގެ ޑިއުޓީގައި ހުރެ ގައުމަށްޓަކައި ޝަހީދުވި މި ފަހުލަވާނުގެ މައިންބަފައިން ދައްކާފައި ހުރި އޭނާގެ ކުޑައިރުގެ ވާހަކަތައް ވެސް ފޮތުގައި އެބަހުއްޓެވެ. އެއް ވާހަކައަކަށް އޮތީ އޭނާ އަށް އެންމެ މީރު ކެއުމެވެ. ރޮށްޓާއި ރިހަ އަދި ފިހުނު މަހެވެ. އެކަމަކު ގޭގައި ކޮންމެ އެއްޗެއް ތައްޔާރުކުރިޔަސް އެއްވެސް ޝަކުވާއެއް ނުކޮށް އެ ކައެވެ.
ހުސައިން އާދަމް ޝަހީދުވެފައި އަދި އޭނާގެ އެކި ހަނދާންތައް
ހުސެއިންގެ ޅިޔަނު ދެއްކި ދުނިދަނޑީގެ ވާހަކަތައް ވެސް މި ފޮތުގައި އެބަ އޮތެވެ. އަދި މީގެ ކުރިން ހުސައިން އާދަމްގެ ބައްޕަ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވެސް އެ ވާހަކަ ހަމަ އެގޮތަށް ދެއްކި އެވެ.
"ބަޑި ޖަހަން. އަމާޒަށް ބަޑި ޖަހަން، ދުނި އުކަން އެކަހަލަ ކަންތައް ކުރަނީ. ރަށަށް އައިސް ވެސް އަމިއްލައަށް ބަޑި ހަދައިގެން ގަހަށް އަރައިގެން ފަތަށް ޖަހާނީ،" އޭނާގެ ބައްޕަ ކިޔައިދީފައިވެ އެވެ.
ހުސައިން އާދަމް ސިފައިންގެ ވަޒީފާއާ ގުޅުނުތާ ތިން އަހަރުވީ ފަހުން އަބްދުﷲ މާލެއަށް އައެވެ.
"މާލެ ދާން ހެދީމާ އޭނާގެ މަންމަ ބުނެފި އަބްދުﷲ އޭ ކަމެއް ކޮށްދޭ. މަ ގޯތި ހުސޭނު މަށާ ހަމައަށް ގެނެސްދޭން ވާނޭ،" އަބްދުﷲ އޭނާގެ ހާއްސަ ހަނދާނެއް އާކުރި އެވެ.
ސިފައިންގެއިން ދުވަސްކޮޅަށް ޗުއްޓީ ހޯދައިގެން، އަބްދުﷲ އެ ފަހަރު އެނބުރި ރަށަށް ދިޔައީ ހުސެއިން ގޮވައިގެންނެވެ. މިއީ ސިފައިންގެއަށް ވަން ފަހުން ހުސައިން އާދަމް ރަށަށް ދިޔަ ހަމައެކަނި ފަހަރު ކަމަށްވެ އެވެ. މައިންބަފައިންނާ ވެސް ބައްދަލުވި ފަހު ފަހަރެވެ.
"އެ ފަހަރު ރަށަށް އައިސް އެއް ދުވަހު ބޭރަށް ނިކުމެ އުޅެމުން، މޭލެއްހާ ދުރުގައި ތިބި ބަޔަކު ދައްކާފައި ބުނެފި ޅިޔަނާއޭ ސިފައިންގޭގައި ހުންނަ ބަޑިތަކުން އެ މީހުން އެ ތިބަ ހިސާބަށް ވަޒަން ފޮނުވާލެވޭނޭ،"
އެހެެން ބުނުމާއެކު، ފުރުސަތު ލިބިއްޖެ ނަމަ އެކަން ކުރަން ކެރޭނެތޯ އަބްދުﷲ ސުވާލުކުރި އެވެ.
ޝަހީދު ހުސެއިން އާދަމްގެ ޑައިރީގެ ބޭރުގަނޑު.
ޝަހީދު ހުސެއިން އާދަމްގެ ޑައިރީން ސަފުހާއެއް.
"ޖަވާބުގައި އޭނާ ބުނީ އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިނުލާނަމޭ،" އަބްދުﷲ ބުނީ ހުސައިން އާދަމްގެ ވާހަކަ ސީދާ ކަމަށާއި އޭނާ ފަސްޖެހި ފިލަން ނޫޅުނު ކަމަށެވެ.
ހުސައިން އާދަމް ގަވާއިދުން ޑައިރީ ވެސް ލިޔަމުން ގެންގޮސްފައިވެ އެވެ. ސިފައިންގޭގެ ތަޖުރިބާތަައް މި ޑައިރީގައި އެބަހުއްޓެވެ.
ހުސެއިން އާދަމް ޒަވާޖީ ހަޔާތެއް ފެށުމުގެ ވާހަކަ ބައެއް މީހުން ކައިރީ އޭނާ ދެއްކި ކަމަށް ބުންޏަސް ވަކިވެގެން ދިޔައިރު ވެސް މައިންބަފައިންނާ އެކަން ހިއްސާކޮށްފައެއް ނުވެ އެވެ. އެހެންވެ މިއީ ހުސައިން އާދަމާ ބެހޭ ގޮތުން ފޮރުވިފައި އޮތް ވާހަކައެކެވެ.
ސިފައިން ގެއަށް 4 އަހަރާއި 5 މަހާއި 24 ދުވަސް ވަންދެން ހުސެއިން ހިދުމަތްކޮށްދެއްވި އެވެ. އުމުރުން އެންމެ 20 އަހަރުގައި އޭނާ ޝަހީދުވީ، ނޮވެމްބަރު ތިނެއްގެ ހާއިނުން ސިފައިންގެ މައިމަރުކަޒަށް ހަމަލާ ދިން ވަގުތު އެ މަރުކަޒުގެ މައި ގޭޓުގައި ޓާސްކް ފޯސް ޑިއުޓީގައި ހުންނަވަނިކޮށެވެ.
މި އުދުވާނީ ހަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅު ތެރޭގައި ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެކަކީ ވެސް ހުސެއިން އެވެ.