By: Aminath Ibrahim
ޖަމާލުއްދީން ސްކޫލުން މިދިޔަ އަހަރު އޯލެވެލް އިން ހުރިހާ ގޮތަކުން އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ޔޫސުފް ޔާނިއު މުހައްމަދު ހާސިލް ކުރީ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ ގަދަ އެކެއްގައި ވެސް ހިމެނިގެންނެވެ. އަދި ބައޮލޮޖީ އިން ދުނިޔޭގެ ނުވަ ވަނައިގައި ވެސް ހިމެނިގެން ނެވެ.
ޔާނިއުގެ ކާމިޔާބީގެ ލިސްޓަށް ދިއުމުގެ ކުރިން ދައްކަން އޮތީ އޭނާގެ ތަފާތު ދިރިއުޅުމުގެ ވާހަކަ އެވެ. މޮޅަށް ކިޔަވަން މަސައްކަތް ކުރާ ގިނަ ކުދިންނާ ވަރަށް ތަފާތު ލައިފްސްޓައިލަކަށް ކުޑައިރުން ފެށިގެން ހޭނިފައިވާ ޔާނިއުގެ ސާނަވީ އަހަރުތަކުގެ އެންމެ ބޮޑު އެއް ހައިލައިޓަކީ ކުޅިވަރަށް ދިން ސަމާލުކަމެވެ.
ޓޮޕް އެޗީވާސް އެވޯޑްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔާނިއުއަށް އިނާމު ހަވާލުކޮށްދެއްވަނީ.--
އޭނާ އަކީ އަބަދުވެސް ގްރޭޑުގެ އެންމެ މޮޅު ދަރިވަރެވެ. އެކަމަކު ސްކޫލުގައި ބައިވެރި ނުވާ ހަރަކާތެއް ނޯވެ އެވެ. ގްރޭޑް ހަޔަކުން ފެށިގެން ޖަމާލުއްދީން ސްކޫލްގެ ޕްރިފެކްޓެކެވެ. ގްރޭޑް އެކަކުން ފަހަކާ ހަމައަށް އިންޓަ ސްކޫލް ގުރުއާން މުބާރާތްތަކުގައި ބައިވެރިވި އެވެ. އަދި ސްކައުޓާއި ބޭންޑުގައި ވެސް އުޅުނެވެ. އިންޓަ ސްކޫލް ބާސްކެޓް، ހޭންޑްބޯލް، ޗެސް އަދި ކެރަމް މުބާރާތްތަކުގައި ވާދަކޮށް ވަނަ ވެސް ހާސިލްކުރި އެވެ.
"ކެރަމް އިން ކަލާޒް އެވޯޑަށް ޗާންސް ވެސް ހޯދިން. ގްރޭޑް ދިހައެއްގެ އަހަރު ވެސް ޗެސް މުބާރާތުގައި ބައިވެރިވިން،" ޔާނިއު ބުންޏެވެ.
ގްރޭޑް ނުވައަކުން ފެށިގެން ކަސްރަތަށް ހިތް ޖެހުނު ގޮތަށް އޭނާގެ ޝެޑިއުލުން ކޮންމެވެސް ވަގުތުކޮޅެއް އަބަދުވެސް ދުވުމުގައި ހޭދަކުރެ އެވެ. ސީއެޗްއެސްއީ ގައި ކިޔަވަމުން މިހާރު ޖިމަށް ދާން ވެސް ފަށައިފި އެވެ. ކަސްރަތަކީ އޭނާގެ ހަޔާތުގެ ބޮޑު ބައެކެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ސީއެޗްއެސްއީގެ ޕްރައިޒްޑޭގައި ޔާނިއުއަށް އިނާމު ހަވާލުކޮށްދެއްވަނީ.
"ޓެސްޓު ތެރޭގައި ވަކިން ހާއްސަކޮށް ދުވާނެ. ޓްރެޑްމިލް އަށް އަރައި ހުރެގެން ހަމަ ދުވާނީ. އޭނަގެ ބައްޕައާ އެކު ޗެސް ކުޅުމުގަ ވެސް ހޭދަކުރާނެ. އަޅުގަނޑު ހުންނަނީ ހިތް ބިރުގަނެފަ. ޓެސްޓުން ރަނގަޅު ނުވެދާނެތީ. އެކަމަކު އަބަދުވެސް ބުނާނެ. މަންމަ ބެންޗުގަ ބަލަން އިންނާށޭ. ނަތީޖާ ނެރެދޭނަމޭ. އެކަން ކޮށްފި،" ޔާނިއުގެ މަންމަ މައިމޫނާ ސައީދު ބުންޏެވެ.
ޔާނިއު ބުނި ގޮތުގައި ގިނަ މާއްދާތަކުން ޓިއުޝަން ނަގާތީ ދުވާލެއްގެ މައްޗަށް އޭނާ ކިޔަވަން ހޭދަކުރަނީ ގާތްގަނޑަކަށް ދެ ގަޑި އިރެވެ. އެކަމަކު ސްކޫލާއި ޓިއުޝަން ކްލާސްތަކުގައި ކިރިޔާ ވެސް އޮޅުމެއް އޮތިއްޔާ އަހައި ސާފުކުރާ ކަމަށް ބުންޏެވެ.
ޔާނިއު ސްކޫލް އެސެމްބުލީގައި ވާހަކަދައްކަނީ.
ޔާނިއު މި ކިޔައިދެނީ އޭނާ ކިޔަވަން މަސައްކަތްކުރި ގޮތެވެ؛
- ޓިއުޝަން ގަޑިތަކާއި ނައިޓް ކްލާސް ގަޑިތަކަށް ދާއިރު، ނޭނގޭ ހުރިހާ އެއްޗެއް އޮޅުންފިލުވައި ސާފުކުރޭ.
- ސިކުނޑި ހަމަޔަކަށް އަޅުވައި ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓަން ކަސްރަތަށް ވަގުތު ހޭދަކުރޭ.
- ޓެސްޓު ތެރޭގައި ނަމަ ފަތިސް ގަޑީގައި ފިލާވަޅުތައް މުތާލިއާ ކުރޭ
- ސްކޫލާއި ޓިއުޝަންގައި ދަސްވާ އެއްޗެހީގެ އިތުރަށް ސެލްފް ސްޓަޑީ އަށް މަދުވެގެން ދެ ގަޑި އިރު ހޭދަކުރޭ.
- ކުޑަ އިރުއްސުރެ ސްކޫލުން ބާއްވާ ކަރިކިއުލާ އެކްޓިވިޓީސްތަކުގައި ބައިވެރިވޭ.
- ދީނީ ކަންކަމަށް އިސްކަންދީ މައިންބަފައިންގެ ބަސް ގަބޫލުކުރޭ
ޔާނިއު އޭނާގެ އާއިލާއާ އެކު.
ޔާނިއު އަކީ މިހާރު ސީއެޗްއެސްއީގެ ކެޕްޓަނެވެ. އޭނާގެ އުންމީދަކީ، ސީއެޗްއެސްއީ ނިންމާއިރު އެ ސްކޫލުން ވެސް އެއް ވަނަ ހާސިލްކުރުމެވެ. ކެންސަރުގެ ހާއްސަ ޑޮކްޓަރަކަށް ވުމަށް ކުރާ އުންމީދު އެންމެ ފުރިހަމައަށް ހާސިލްކުރެވެން އޮތީ އެވަރަށް ހިތްވަރުކޮށްގެން ކަމަށް ވެސް ބުންޏެވެ.
"މީގެ ދެ އަހަރެއް ކުރިން އަޅުގަނޑާ އެންމެ ގާތްކޮށް އުޅޭ ބޮޑުދައިތައެއް ކެންސަރު ބަލީގައި ނިޔާވި. ފަހު ސްޓޭޖުގައި ހުއްޓާ އެނގުނީ ވެސް. އެ ދުވަހު ހިތަށް އެރި، ރާއްޖޭގައި މިއީ ޑޮކްޓަރުން މަދު ދާއިރާއެކޭ. ބޮޑުދައިތަ ފަދަ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރަކަށް ވެވިއްޖެ ނަމަ ފުރުސަތު ލިބޭނެޔޭ،" ކެންސަރު ބަލީގެ ޑޮކްޓަރަކަށް ވާން އަޒުމް ކަނޑައެޅި ގޮތް ޔާނިއު ކިޔައިދިނެވެ.
އޭނާގެ ނަޒަރުގައި ކަސްރަތާއި ކުޅިވަރަކީ ކިޔަވާ ކުއްޖަކަށް ނުހަނު ބޭނުންތެރި ބައެކެވެ. ކިޔެވޭނީ، ރަނގަޅު ނަތީޖާ ނެރެވޭނީ ހުސް އެކަނި ފޮތް ކިތޔައިގެންް ނޫންކަން ކާނިއު ސާބިތުކޮށްދީފި އެވެ.