2 Dec 2019

By: Ifraz Ali

އަބްދުލް މަސީހް އަބްދުއްރަހީމް ވީޑިއޯ ގޭމް ކުޅެން ފެށީ ސްކޫލުގައި އުޅެމުންނެވެ. މަންމަ އިންޑިއާ އަށް ދިޔަ ފަހަރަކު ގެނެސްދިން ޕްލޭސްޓޭޝަނަކުން އެކި ގޭމްތައް ކުޅެމުން ގޮސް، ޕްރޯ އިވޮލިއުޝަން ސޮކާ ނުވަތަ ޕެސް އަށް ހާއްސަވީ އެވެ.

މިދިޔަ މަހު އިންޑިއާގައި ބޭއްވި ޕެސްގެ އިންޓަނޭޝަނަލް ޓޯނަމެންޓް "ނޭޝަން ކަޕް" ގައި ރާއްޖެ ތަމްސީލުކޮށް އުމުރުން 22 އަހަރުގެ މަސީހް ވަނީ 3 ވަނަ ހޯދައިފަ އެވެ. މިއީ ޕެސްގެ އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އުފަން ރަށް، ލ.ހިތަދޫގައި ދިރިއުޅޭ މަސީހް މާލެ އައިސް ފުރަތަމަ ބައިވެރިވީ، މި ޓޯނަމެންޓުން އޭނާ އަށް ފުރުސަތު ހޯދައިދިން މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން ބޭއްވި ޕެސްގެ ގައުމީ ޓޯނަމެންޓެއްގަ އެވެ.

އިންޑިއާގައި ބޭއްވި ޕެސްގެ އިންޓަނޭޝަނަލް ޓޯނަމެންޓްގައި މަސީހް ތައްޓާ ހަވާލުވަނީ.

"ރަށުގައި ހުއްޓައި ފޭސްބުކުން ފެނުނީ އީސްޕޯޓްސްގެ ޕޯސްޓެއް. ނޭޝަނަލް އެތުލީޓެއް ސެލެކްޓުކުރުމަށް ގައުމީ ޓޯނަމެންޓެއް އެމީހުން ބޭއްވީ. އެއިން ޗެމްޕިއަންކަން ހޯދީ. ހޯދީމަ ލިބުނީ މި ފުރުސަތު،" މިދިޔަ މަހު 26 އިން 28 އަށް އިންޑިއާގައި ކުރިއަށް ދިޔަ މުބާރާތުން ފުރުސަތު ލިބުނު ގޮތް މަސީހް ކިޔައިދިނެވެ.

"ނޭޝަނަލް ޓޯނަމެންޓަަށް މާލެ އައީ އެހާ ބޮޑަށް ރެޑީވެގެންނެއް ނޫން. އެކަމަކު އިންޑިއާ އަށް ދިޔައީ ވަރަށް ބޮޑަށް ޕްރެކްޓިސްކޮށް ރެޑީވެގެން،" ފިޒިކަލް އެޑިއުކޭޝަން އިން ޓީޗިން ކިޔަވަމުން، ރަށުގައި އުޅޭ މަސީހް ބުންޏެވެ.

މި މުބާރާތުގައި ވަރަށް ގިނަ ގައުމުތަކުން ބައިވެރިވި އެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން އިންޑޮނީޝިއާ، ވިއެޓްނާމް، ނޭޕާލް، ސްރީ ލަންކާ، ޖަޕާން، ސައޫދީ އަރަބިއާ، ނިއުޒިލޭންޑް، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި ކޮރެއާ އެވެ.

މަސީހް އިންޑިއާގައި ބޭއްވި ޕެސްގެ އިންޓަނޭޝަނަލް ޓޯނަމެންޓްގައި.

ކުއާޓާ ފައިނަލްގައި ސްރީ ލަންކާގެ ކުޅުންތެރިޔާގެ މައްޗަށް 8-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ސެމީ ފައިނަލްގައި އިންޑިއާ ކުޅުންތެރިޔާ ފަހު ވަގުތު ކާމިޔާބު ކުރި ޕެނަލްޓީއަކުން މަސީހް ބަލިވީ އެވެ.

ތިން ވަނަ ލިބުނީ، މުބާރާތުގެ ތިން ވަނަ ހޮވި މެޗްގައި އުޒްބެކިސްތާނުގެ ކުޅުންތެރިޔާ 4-0 އިން ބަލިކޮށްގެންނެވެ.

"އެކޮޅުގައި ޗެލެންޖަކަށްވީ މިކޮޅުން ރެޑީވެގެން ދިޔައީ އެންމެ ފަހުގެ ވާޝަން އަށް ކުޅެން، އެކަމަކު އެކޮޅުގައި ކުޅެންޖެހުނީ ކުރީގެ ވާޝަންއަކަށް،" ޕްރެކްޓިސް ކުރީ އިންޓަނެޓް ބޭނުންކޮށްގެން ކަމަށް ވެފައި މުބާރާތުގައި އިންޓަނެޓް ބޭނުން ނުކުރާތީ ވެސް އުނދަގޫވި ކަމަށް މަސީހް ބުންޏެވެ.

މަސީހް އިންޑިއާގައި ބޭއްވި ޕެސްގެ އިންޓަނޭޝަނަލް ޓޯނަމެންޓްގައި.

އެކަމަކު މި ކަހަލަ މުބާރާތަކުން ތިން ވަނަ ވެސް ލިބުމުން މަސީހް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"މިހާރު މި އެނގުނީ މިކަން ކޮށްގެން ވެސް މީހާ އަށް ކުރިއެރުމެއް ލިބިދާނެކަން،" މިކަން ކުރަން ބޭނުންވާ މީހެއް ހުރި ނަމަ، މަސީހް ބުނީ މިކަން ހަމަ "ސަޅި" މަށެވެ.

މަސީހް ދެން ތައްޔާރުވާނީ އަންނަ އަހަރު ފެބްރުއަރީ މަހު ޗައިނާގައި ބާއްވާ ޕެސްގެ އިންޓަނޭޝަނަލް ޓޯނަމެންޓަށެވެ.

ވީޑިއޯ ގޭމް ޕްލޭސްޓޭޝަން

Popular