19 Nov 2019

By: Ifraz Ali

ޖާދޫގައި ޖެހެނޭ ފެނިފާ ތިބާ... ލަވަ އިން އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ)ގެ ރީތި ހަށިގަނޑު ފެނި ޖާދޫގައި ޖެހުނު ބައިވަރު މީހުން ތިބޭނެ އެވެ. އެ ލަވައިގައި އައްލޯ ދެއްކި އޭނާގެ ރީތި ހަށިގަނޑު އަދިވެސް އެ ހުރި ގޮތަށް އެ ހުރީ އެވެ. ނުވަތަ އެއަށް ވުރެ ވެސް ފިޓުކޮށް ހުރުމަކީ ހަމަ ޖާދޫއެއް ކަހަލަ ކަމެކެވެ. އައްލޯ އަށް 50 އަހަރުވީ އިރު ވެސް އޭނާގެ މި ހަށިގަނޑަށް ބަލައިފައި، ވަރަށް ޒުވާނޭ ހީވާނެ އެވެ.

ފިޓް ހަށިގަނޑެއް ގެންގުޅެން ބޭނުންވާ މީހުންނަށް، އެ ލަވައިގެ ދެ ވަނަ ކަޑީގައި ބުނާހެން، އައްލޯ އަކީ "ތިޔައީ މިސާލޭ ހަމަ ރީތި ކަލާ" އޭ ބުނާ ވަރުވޭ ދޯ އެވެ.

ޖޭމް އައްލޯގެ މޭކްއޯވާ އިންޓަވިއު. -- ވީޑިއޯ އެންޑް އެޑިޓިން: އަފްޝީން ނަސީރު

މިފަހަރު "ދޯ" ގެ މޭކްއޯވާގެ އާ ސީޒަންގައި ފުރަތަމަ މި ގެނެސްދެނީ ފިޓްނަސް ޓްރެއިނާ އައްލޯ އެވެ؛ ނަވިން ސައީދުގެ މޮޅު ފޮޓޯގްރެފީ އާއި ޖަސްޓިންގެ ހެޔޮވަރު މޭކަޕާއި ސްޓައިލިންނާ އެކު، އައްލޯގެ 26 އަހަރުވީ ދިގު ފިޓްނެސް ކެރިއަރުގެ ވާހަކަތަކާއި އޭނާގެ ކުރީގެ ބައެއް ފޮނި ހަނދާންތަކެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

އޭގެ ކުރިން އައްލޯ އަށް، ޖޭމް އައްލޯ ކިޔުނު ގޮތް ކިޔައިދޭނަމެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭމް ދޮންކަމަނަ އަކީ އައްލޯގެ ބޮޑުދައިތައެކެވެ. އާއިލާގެ ތެރޭގައި ބައެއް މީހުންނަށް ކިޔާ ނަންތައް ފާހަގަކުރަން ގޮތެއް ހަދަން ޖެހުނީ ބައިވަރު އައްލޯ އުޅޭތީ އެވެ. އޭނާ ކީ ޖޭމް އައްލޯ އެވެ. ޖޭމް ކުރިއަށް ލީ އެމީހުންގެ މުސްކުޅި ގެއަށް ކިޔާ ނަމަކީ ޖޭމްގަސްދޮށުގެ އަށް ވެސް ވީމަ އެވެ.

ފިޓްނެސްގެ ތެރެ އަށް ވަނީ މަސުލް ލޯޑް ހުޅުވިތަނުން

ވަޒީފާއެއްގެ ގޮތުގައި އައްލޯ ފުރަތަމަ މަސައްކަތް ކުރީ ހުޅުލޭ އެއާޕޯޓްގައި އިލެކްޓްރީޝަނެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ކުރަން އެހާ ޝައުގުވެރި ކަމަކަށް ނުވީތީވެ، އެ ވަޒީފާ އިން ކެނޑިގެން ދެން ގޮސް ސީދާ ވަނީ ފިޓްނަސްގެ ތެރެއަށެވެ. އެއީ މަސުލް ލޯޑް ޖިމް ހުޅުވި، 1994 ވަނަ އަހަރު އެވެ. އެތަނުގައި ވޯކްއައުޓްތައް ހަދައި، މީހާގެ ބޮޑީ މެއިންޓެއިންކޮށް، އެކަމުގެ މައުލޫމާތާއި ތަޖުރިބާ ލިބި، ޓްރެއިނަރަކަށް ވީ އޭގެ ދެ އަހަރު ފަހުންނެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

އެ ދިޔަ ދުވަސްތަކުގެ ތެރޭގައި މޮޑެލްކުރުމާއި ވީޑިއޯ ލަވަ ކުޅުމާއި އިޝްތިހާރު ކުޅުމާއި ފޮޓޯ ނެގުން ކަހަލަ ކަންކަމުގައި ވެސް އައްލޯ އުޅުނެވެ. އެކަމަކު މިކަންކަމާ މިހާރު އޭނާ އުޅެނީ ވަރަށް ދުރުގަ އެވެ. ހަމައެކަނި ދޫކޮށްނުލީ ފިޓްނެސް އަށް އޮތް ލޯތްބެވެ.

"އަހަންނަކީ އަހަރެންގެ މި ހަށިގަނޑު ދެކެ ވަރަށް ލޯބިވާ މީހެއް ވީމަ އެކަން ދޫނުކޮށް ކުރިއަށް ގެންދެވުނީ. ބުނެވޭނީ މި ކާމިޔާބީގެ އަސްލަކީ ކޮންސިސްޓެންސީއޭ،" އަބަދު ވެސް އެންމެ އިސްކަންދެނީ އަމިއްލަ މީހާގެ ސިއްހަތަށް ކަމަށް އައްލޯ ބުންޏެވެ.

އައްލޯ އަކީ ރާއްޖޭގައި ބޮޑީބިލްޑިން ފަށައިގަނެ، ފުރަތަމަ ބޭއްވި ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި މީހުންގެ ތެެރެއިން އެކަކެވެ. އެ ފަހަރުގެ މުބާރާތުގެ ގަދަ ތިނެއްގައި ވެސް އޭނާ ހިމެނުނެވެ. އޭގެ ފަހުން ރާއްޖޭގައި ބޭއްވި ހަތަރު މުބާރާތަކާއި ރާއްޖެއިން ބޭރުގައި ބޭއްވި ތިން މުބާރާތެއްގައި ވެސް ބައިވެރިވި އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

އެކަމަކު އައްލޯގެ ބޮޑީގެ ގޮތުން، މާ ބޮޑު ކާމިޔާބީތަކެއް އެ މުބާރާތްތަކުން ނުލިބުނެވެ. ފިޓްނެސް ޓްރެއިނަރަކަށްވެ، އެކަމަށް ބޮޑަށް ވަގުތު ހުސްކުރަން ފެށީ ވެސް އެހާ ހިސާބުންނެވެ. އޭނާ ބޮޑަށް ހާއްސަވީ ވެއިޓް ޓްރެއިނިންނަށެވެ. ފަހުން ބޮޑީ ބިލްޑިން މުބާރާތްތަކަށް އެހެން މީހުން ޓްރެއިންކޮށްދީ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ވެސް ހޯދައިދިނެވެ.

މި ދާއިރާ އަށް ހިދުމަތް ކުރުމުން، އައްލޯ އަށް ސަރުކާރުން ގައުމީ އިނާމު ވެސް ދިނެވެ.

"އެހެން މީހުނަށް މި ކިޔައިދޭން ބޭނުންވީ އަހަންނަށް ވެސް އެހާ ބޮޑު ޗޭންޖެއް އައީމަ އެހެން މީހުންނަށް ވެސް އެ އެއްޗެހި ކިޔައިދީ ބުނެދޭން ބޭނުންވާތީވެ،" ޓްރެއިނަރަކަށް ވުމުގެ އެންމެ ބޮޑު ބޭނުން ކިޔައިދެމުން އައްލޯ ބުންޏެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

އައްލޯ ބުނީ މިކަމުގައި އޭނާއަށް އެންމެ ބޮޑަށް އެހީވި މީހުންނަކީ މަސުލް ލޯޑްގެ ކެސްޓޯ އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދް ދީން ފަދަ ބޭފުޅުން ކަމަށެވެ. އަދި ކެއުމުގެ ކަންކަން ބެލެހެއްޓުމުގައި އޭނާގެ އަންހެނުން ކަމަށެވެ. މި ދެމަފިރިންގެ ކައިވެންޏަށް ވެސް މިހާރު 26 އަހަރުވެއްޖެ އެވެ. މި ކައިވެންޏަށް 24 އަހަރުގެ ފިރިހެން ކުއްޖެއް ވެސް ލިބިފައި އެބަހުއްޓެވެ.

އައްލޯގެ ކަންބޮޑުވުމާއި ނަސޭހަތް

އެންމެ ކަންބޮޑުވާ ކަމަކަށް އައްލޯ ބުނީ މިހާރު ގިނަ ފިޓްނެސް ޓްރެއިނަރުންގެ ހުންނަ މައުލޫމާތާއި ތަޖުރިބާ ދައްކަމަށެވެ. އެހެންވީމާ އޭނާ ދިން ނަސޭހަތަކީ އަލަށް މިކަމުގެ ތެރެއަށް ވަންނަ މީހަކު، މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހޯދުމެވެ. މިއީ ބައެއްގެ ސިއްހަތާ ގުޅުން އޮންނަ ކަމަށް ވާތީވެ މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށް ބުންޏެވެ. އަދި ކަސްރަތަށް ދާ މީހާ ވެސް މި ކަންކަމަށް ސަމާލުވާން އެދުނެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

"ކޮންމެ މީހަކަށް އަދި ޓްރެއިނާއަކަށް ނުވެވޭނެ. ވޯކްއައުޓް ހަދައިގެން ބޮޑީ ރީތިވިއަކަސް އަދި ޓްރެއިނާއަކަށް ނުވެވޭނެ. އެގައި ދަސްކުރަންޖެހޭ ބައިވަރު އެއްޗެހި ހުންނާނެ،" އައްލޯ ބުނީ އޭނާ މި ދާއިރާގައި މަސައްކަތް ކުރާތާ މިހާ ގިނަ ދުވަސްވީއިރު ވެސް އަދި ވެސް މިކަމުގެ މޮޅު ތަޖުރިބާކާރުންނާއި ބައްދަލުކޮށް އާ ކަންކަން ދަސްކުރަމުން އަންނަ ކަމަށެވެ.

"ހަމަ އެގޮތަށް މަސައްކަތެއް ނުކޮށް ރަނގަޅު ބޮޑީއެއް ވެސް ނުބެހެއްޓޭނެ. އެފަޓެއް ލައިގެން ނޫނީ އެކަމެއް ނުވާނެ،" ކަސްރަތެއް ނުކޮށް، އެހެން ކަހަލަ އެކި ފަސޭހަ ކަންކަން ކޮށްލައިގެން ބޮޑީ މެއިންޓެއިން ކުރުމުގެ ނަމުގައި ބައެއް މީހުން އުޅޭތަން މިހާރު ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

އައްލޯ ބުނީ އެންމެ ދެރަވަނީ ބޮޑީބިލްޑިންގެ ކަންކަމުގައި، ދާއިރާގެ ދުވަސްވީ އިސް މީހުންގެ އަގުވަޒަން ނުކުރުމާއި ބޮޑީބިލްޑިން އެސޯސިއޭޝަނުން އިވެންޓެއް ބޭއްވިޔަސް އެމީހުނަށް ދައުވަތު ވެސް ނުދީ، އަދި އެމީހުން ވީ ގުރުބާނީގެ އަގުވަޒަން ކުރުމަށް އެއްވެސް ކަމެއް ނުކުރާތީ ކަމަށެވެ.

"އަހަރެން ނެތް ދުވަހެއްގައި އަހަރެންނަށް ދަސްކޮށްފައި ހުރި އެއްޗެއް އެހެން މީހަކަށް ކިޔާދީފައި ދިޔުން ކަންނޭނގެ އެންމެ ރީތި ގޮތަކަށް ވާނީ،" މިހާރު ވެސް ވަރަށް ބައިވަރު ކުދިން ޓްރެއިނަރަކަށް ވުމަށް ބޭނުންވެގެން އޭނާ ކައިރިން މިކަން ދަސްކުރަން އަންނަ ކަމަށް ވެސް ބުންޏެވެ.

އަމިއްލަ އިންސްޓިޓިއުޓެއް ހުޅުވައިގެން މިކަން ދަސްކޮށްދިނުމަކީ އައްލޯގެ ހުވަފެނެކެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

ލަވައެއް ކުޅެލަން އަދިވެސް ބޭނުންވޭ

އައްލޯގެ ދިރިއުޅުމުން މީހުންނަށް އެންމެ ހާއްސަވާނެ ވާހަކަތައް މި ބޭއްވީ އެންމެ ފަހަށެވެ. މޮޑެލް ކުރުމާއި ވީޑިއޯ ލަވަ ކުޅެ އުޅުނު ދުވަސްވަރެވެ. މޮޑެލް ކުރަން ފުރަތަމަ ފުރުސަތު ލިބެން ފެށީ އޭނާގެ ހަށިގަނޑުގެ ރީތިކަން ދައްކައިލަން އޭރު ނެގި ފޮޓޯތަކެއް ބަޔަކަށް ފެނިގެންނެވެ.

ފަހުން ލަވަ އުފައްދާ ޕްރޮޑިއުސަރުންނަށް ޖިމުން އައްލޯ ފެނި، ވީޑިއޯ ލަވަތައް ކުޅެން ފުރުސަތު ދިނެވެ. އޭގެ ފަހުން ފަސް ލަވައެއް ކުޅުނެވެ. މީގެ ތެރެއިން އެންމެ ހާއްސަ ލަވަތަކަކީ ފިލްމު އުފެއްދުންތެރިޔާ އަހްމަދު ނިޔާޒް (ޓެޑްރީ) އުފެއްދި، އައްލޯގެ އެންމެ މަޝްހޫރުވި ދެ ލަވަ ކަމަށްވާ "ޖާދޫގައި ޖެހޭނޭ" އަދި "ވިސްނާ ވިސްނާ" އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ޖަސްޓިން

"އެހާ ބޮޑަށް ލަވައިގެ ތެރެއަށް ވަންނަ ހިތެއް ވެސް ނުވޭ ވަގުތު އޮންނަ ގޮތަކުން. އެކަމަކު ވަރަށް ރަނގަޅު ޗާންސެއް އައިސްފި ނަމަ އަދިވެސް ހަމަ ބޭނުން ލަވައެއް ކުޅެލަން،" ކުރިން ލަވަ ޕްރޮޑިއުސަރުން ގެންގުޅޭ ކަހަލަ އެޕްރޯޗެއް ފަހުން ފަހުން އައިސް ނެތުންވީ އޭނާ އެކަމާ ދުރުވި ސަބަބަށެވެ.

ސިއްހަތު ފިޓްނެސް ބޮޑީ ބިލްޑިން

Popular