2 Dec 2019

By: Aishath Maaha

ކުޑަ ދެ ކުދިން ބަލަމުން ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން، ދެން ހުރި ވަގުތުތަކުގައި ކްރާފްޓް މަސައްކަތްކޮށް އެއިން އާމްދަނީ ހޯދުން އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި ހާއްސަ އެހީތެރިކަން ބޭނުންވާ ނުވަތަ އޯޓިސްޓިކް ކުއްޖަކު ބަލަމުން އެހެން ކަންކަމަށް ސަމާލުކަން ހުސްކޮށްލުން އެއީ ހާއްސަ ކަމެކެވެ. ހދ. ވައިކަރަދޫ އަށް އުފަން އާމިނަތު އިހުސާނާ ހާއްސަވަނީ މި ސަބަބާ ހެދި އެވެ. އޭނާގެ ދޮށީ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެކެވެ.

ނަމަވެސް ކްރާފްޓް މަސައްކަތްތަކަކީ އެންމެ ކުރިން ފެށިގެން ޝައުގުވެރިކަން ހުންނަ މަސައްކަތަކަށް ވާތީ އާމްދަނީ ހޯދަން ވެސް އެ މަސައްކަތް އިހުތިޔާރު ކުރީ އެވެ. ކްރާފްޓްގެ ގިނަ މަސައްކަތް އިހުސާނާ ކުރެ އެވެ. ކަރުދާހުން މާ ހެދުމާއި، ކައިވެނީގެ ރަން، ބުކޭ ހެދުން އަދި ރިސައިކަލްކޮށްގެން އެއްޗެހި ހެދުމެވެ. މިހާރު އިހުސާނާގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓި އާމްދަނީ ހޯދަން ވެސް ކުރާ މަސައްކަތަކީ ބޮލިން ތަފާތު އެއްޗެހި ހެދުމެވެ. ކްރައުން އާއި ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ތަކެތި އިހުސާނާ ހަދަ އެވެ. އާމްދަނީ ހޯދަން މި މަސައްކަތް ފެށިތާ އަދި ވާނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހެވެ.

"ކްރާފްޓިން މަސައްކަތް ފެށީ ވަރަށް ކުޑައިރުއްސުރެ. ބައްޕަ އަކީ ވަރަށް އެކަހަލަ މަސައްކަތްކުރާ މީހެއް ވީމަ. ބައްޕަ އެކަން ކުރާތަން ފެނިގެން ކުރާހިތްވެގެން ފެށި މަސައްކަތެއް މިއީ،" ކްރާފްޓިން މަސައްކަތަށް ޝައުގުވެރިކަން ހުއްޓުނު ހިސާބުން އިހުސާނާ ފެށި އެވެ.

"ކްރާފްޓްގެ ވަރަށް ގިނަ މަސައްކަތް ކުރަން. ދެން އެކި ކަންތައް ކުރަމުން އައިސް ބޮލީގެ އެއްޗެހި ހަދަން ފެށި ހިސާބުން މީހުންނަށް ވަރަށް ރީތިވި ބޮލީގެ އެއްޗެހިތައް. ދެން އެހެންވެގެން ހިތަށް އެރީ ދެން މިހާރު ބޮއްޔަށް ހާއްސަ ވާނީ އޭ. އެހެންވެގެން ބޮލި ބޭނުންކޮށްގެން މިހާރު އެއްޗެހިތައް މި ހަދަނީ،"

ނަމަވެސް އެންމެ ފުރަތަމަ ބޮލި ހޯދުން މާ ފަސޭހަ ކަމަކަށް ނުވި އެވެ. ގޮނޑުދޮށުން ބޮލި ހޮވައިގެން މި މަސައްކަތްކުރަން ފަސޭހައެއް ނުވި އެވެ. ނަމަވެސް އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަމާއެކު ބޮލި ހޯދަން މިހާރު އިހުސާނާ އަށް އުނދަގުލެއް ނޫނެވެ. ވިލިމާލޭގައި ދިރިއުޅުން ވެސް ވީ އިތުރު އެހީ އަކަށެވެ.

އިހުސާނާ ތައްޔާރުކޮށްފައިވާ ކްރައުން އެއް

"މަންމަމެން ވެސް އަތިިރިމައްޗަށް ދެވޭ ކޮންމެ ފަހަރަކު، ގޭ ކުދިން ވެސް އަންނާނެ ބޮލި ހޮވައިގެން. ވިލިމާލޭގައި އުޅެނީ. ދެން ހަވީރު ހިނގާލަން ކުދިން ގޮވައިގެން ވެސް ނުކުމެފައި، ޒާން [އޯޓިސްޓިކް ދަރިފުޅު] އަކީ އަތިރިއަށް ވަރަށް ދާހިތްވާ ކުއްޖެއް. އެހެން ގޮސްފަ ބީޗުގައި ދެކޮޅަށް ދުވާނެ. އެހެން ދުވާ ގަޑީގައި ބޮލި ހޮވައި ކަންތައް ކުރަނީ. ދެން މަންމަމެން ވެސް އަތިިރިމައްޗަށް ގޮސްފަ ވަރަށް ގިނައިން ބޮލި ހޮވައިދޭނެ،"

އެންމެ ކުރިން އިހުސާނާ މި މަސައްކަތް ކުރީ ހިތްހަމަޖައްސައިލަން ނުވަތަ ރައްޓެއްސަކަށް ހަދިޔާއެއް ދޭން ކަހަލަ ގޮތަކަށެވެ. އެކަމަކު ފަހުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ބަދަލުކޮށްލީ އެވެ. ދުވާލު ހަތަރުދަމު ކުދިންގެ ކަންކަމަށް ހުސްކޮށް ރޭގަނޑު ކުދިން ނިންދެވުމަށްފަހު ނޫނީ ގިނަ ފަހަރަށް މަސައްކަތުގައި އަތްލާނެ ފުރުސަތެއް ނުލިބެ އެވެ. "ބޮލިވަށި" ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖުން އިހުސާނާގެ މަސައްކަތްތައް ފެންނާނެ އެވެ.

"ފުލް ޓައިމް މަންމައެއްގެ ގޮތުގައި ކުރަން މިއީ ވަރަށް ބުރަ މަސައްކަތެއް. ދެން އަނެއްކާ ބޮލި ވީމަ، މިހާރު ދޭ އޯޑަރުގެ ގޮތުން އޭތި ގާނާ ހަދަން ވެސް އެބަޖެހޭ. ވަރަށް ވަގުތު ދާކަމެއް މި ކަމަކީ. ދެން އަނެއްކާ މިކަމަށް ބޭނުންވާ އެހެން އެއްޗެހި މާލެ އިން ހޯދުމަކީ އުނދަގޫ ކަމެއް. ވަރަށް ހިނގައިގެން މާލެއިން އެއްޗެއް ލިބެނީ ގިނަފަހަރަށް،"

އިހުސާނާ އޭނާގެ ދެ ކުދިންނާއެކު

އިހުސާނާގެ ޝައުގުވެރިކަން މި މަސައްކަތަށް ހުންނަ މިންވަރު ފެނިފައި ހަގު ދަރިފުޅުގެ ޝައުގުވެރިކަން ވެސް ހުއްޓެނީ ކްރާފްޓް މަސައްކަތަށެވެ.

"މަސައްކަތް އާންމުކޮށް ފެއްޓޭނީ ކުދިން ނިންދަވާފައި. ނުނިންދަވައި ބައެއް ފަހަރަށް ވަގުތު ކުޑަވެގެން އުޅެން ކުރަން. އެ ގަޑީގައި ވެސް ކުޑަ މީހާ އަންނާނެ އޭނަ ޖެހޭނެ ހަދާ ކޮންމެ އެއްޗަކަށް އެއްޗެއް ހަދަން. ދެން އޭނަ އަށް އެހީވަމުން އޭތި ހަދަމުން އޯޑަރަށް ލިބޭ އެތި ހަދަނީ. އެގޮތަށް މަސައްކަތް މި ކުރަނީ،"

ބޮލިން ހަދައި ކްރައުން އެއް ނަމަ އޭގެ އޯޑަރު އިހުސާނާ ނަގާނީ ފަސް ދުވަސް ކުރިންނެވެ. ވަރަށް ކުއްލިއަކަށް ބޭނުންވާ އެއްޗެއް ނަމަ ދެ ދުވަސް ކުރިން އޯޑަރު ނަގަ އެވެ.

އިހުސާނާގެ މަސައްކަތްތަކެއް

"އެއްޗެހި ހޯދުން ބޮޑު މަސައްކަތަކަށް ވާނީ. ގިނަ ވަގުތު ބޭނުންވާނެ. އެއްޗެހި ހޯދާފައި ހުރިއްޔާ ކުދިން ނިންދަވާފައި އެންމެ ރެޔަކުން ވެސް ނިންމާލެވޭނެ،" މަސައްކަތުގައި އިހުސާނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މަސައްކަތް އެހެން މީހުންނަށް ކަމުގޮސް ބަލައިގަތުމެވެ. މިކަން އޭނާ ސިފަކުރަނީ ވެސް ސްޓްރެސް ރިލީވިން ކަމެއްގެ ގޮތުގަ އެވެ. އޯޑަރު ނުލިބުނަސް ސްޓްރެސް އާ ދުރުވެލަން ވެސް ބައެއް ފަހަރަށް ކްރާފްޓް މަސައްކަތް އިހުސާނާ ކުރެ އެވެ.

"ދެ ކުދިން ގޮވައިގެން ކުރަން ވަރަށް ބުރަ ކަމެއް މިއީ، އެކަމަކު ވެސް ކުރާހިތްވާ ކަމެއް ވީމަ ހުއްޓާނުލާ ކުރެވޭތޯ މި ބަލަނީ،" މަސައްކަތުގައި މިހާ ހިސާބަށް އިހުސާނާ އަށް އާދެވުނީ އާއިލާގެ ވަރަށް ބޮޑު އެއްބާރުލުމާ އެކުގަ އެވެ. އެއްޗެހި ޑެލިވަރީ ކުރުމުގައި ކޮއްކޮމެންގެ ފަރާތުން ލިބޭ އެއްބާރުލުން އިހުސާނާ ފާހަގަކުރި އެވެ.

އިހުސާނާގެ ކްރައުން އެއް

ކްރާފްޓް މި މަސައްކަތުގައި އިހުސާނާގެ އެންމެ ބޮޑު ހުވަފެނަކީ ޓޫރިސްޓު ޝޮޕެއްގައި މި ތަކެތި ވިއްކަން ފުރުސަތު ލިބުމެވެ. މަސައްކަތާ އެންމެ އެކަށީގެންވާ އަގެއް ހޯދަން އެންމެ ފަސޭހަވާނީ އޭރުން ކަމަށް އިހުސާނާ ގަބޫލުކުރެ އެވެ.

ކުދިން ގޮވައިގެން ގޭގައި މަސައްކަތެއް ކުރަން ބޭނުންވާ މަންމަމެންނަށް މިއީ އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްގެ ގޮތުގައި އިހުސާނާ މިކަން ފާހަގަކުރި އެވެ.

ދަ ސެޝަން އަތްތެރި މަސައްކަތް

Popular