2 Dec 2019

By: Aminath Ibrahim

ސައިކަލް ވިޔަފާރީގައި ލިޓަސް އޮޓޮ މޮބައިލްސް ކުރިއަރައިގެން ދިޔައި ވަރަށް އަވަހަށެވެ. މިހާރު އެއީ ރާއްޖޭގައި މި ވިޔަފާރީގައި އެންމެ ވަރުގަދަ އެއް ނަމެވެ. ކުންފުނީގެ އެކި މަގާމުތަކުގައި ހީވާގި ޒުވާނުން އެބަތިއްބެވެ. މިއީ އޭގެ ތެރެއިން ވެސް ހާއްސަ ނަމެކެވެ.

ސ. މަރަދޫ އަށް އުފަން އާމިނަތު ރަޝީދް (އަމީ) އަކީ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސީނިއާ އެގްޒެކެޓިވް އެވެ. މީގެ ހަތަރު އަހަރު ކުރިން ކުންފުންޏާ ގުޅުނު، އުމުރުން 25 އަހަރުގެ އަމީގެ މަސައްކަތުގެ އަހުލާގާއި ޝައުގުވެރިކަމަކީ ކުންފުނީގެ ވިޔަފާރި އަށް ބޮޑު އެހީއެކެވެ.

އަމީ މި ކިޔައިދެނީ، ލިޓަސްގައި އޭނާ އަދާކުރާ ވަޒީފާގެ ޒިންމާތަކާއި މިހާރު އޭނާ ހުރި މަގާމަށް ވާސިލުވާން މަސައްކަތްކުރި ގޮތެވެ. ޒުވާނުންނާއި އަލަށް މަސައްކަތަށް ފަށައިގަންނަ މީހުންނަސް އަމީގެ ވާހަކަ މުހިންމެވެ.

އާންމު ގޮތެއްގައި ކުރަންޖެހޭ ބައެއް މަސައްކަތްތައްް ކިޔައިދީބަލަ؟

އަމީ: ވަޒިފާ މި އަދާކުރަނީ އޮޕަރޭޝަންސް ޑިޕާޓްމަންޓްގަ. އެހެންވީމަ މަގާމުގެ ޒިންމާތަކުގެ ތެރޭގައި ބޮޑަށް މި ހިމެނެނީ ނެޓްވޯކް ހޭންޑްލް ކުރުން. އޭގެ ތެރޭގައި އެބަ އާދޭ ކަސްޓަމާ ކެއާ ވެސް. ލިޓަސް އިން މީހަކު ސައިކަލެއް ނަގާ ހިސާބުން އެ ކަސްޓަމަރާ ޑީލްކުރުން، ބެންކާ ޑީލްކުރުން، މާލެ އިން ބޭރަށް ފޮނުވާ ސައިކަލުތައް މޮނިޓާކުރުން، އޭތި އެކޮޅަށް ދިޔަތޯ، އެކޮޅުން އޭތި ޑިސްޕެޗް ކުރޭތޯ. އެކޮޅުން އެ ބޭނުންވާ ޑޮކިއުމަންޓްސް ފޮނުވާތޯ، މި ހުރިހާ ކަމެއް ބަލައި ޗެކް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. އެހެންވީމަ ވަރަށް ބޮޑަށް ކުރާ މަސައްކަތަށް ފޯކަސްވެގެން ކުރެވޭ ކަހަލަ ގިނަ މަސައްކަތްތައް މި ހުންނަނީ.

ލިޓަސްގެ އިވެންޓެއްގައި އަމީ ވާހަކަ ދައްކަނީ: އަމީ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ލިޓަސްގެ ގިނަ ހިދުމަތްތަކެއް ދަސްކޮށްފައި --

ލިޓަސްގައި ވަޒީފާ އަދާކުރާތާ މިއީ ފަސް ވަނަ އަހަރު، އެންމެ ފުރަތަމަ ވަޒީފާ އަށް ވަން އިރުގެ ހަނދާނެއް ހިއްސާކޮށްލެވިދާނެ؟

އަމީ: ލިޓަސްގެ ވަޒީފާއަށް އެޕްލައި ކުރި އިރު 20 އަހަރު ވެސް ނުފުރޭ. ފުރަތަމަ އެޕްލައިކުރީ ކްރެޑިޓް ކޮންޓްރޯލް އެސިސްޓެންޓަކަށް. އޭރު ހަމަ އެކަނި އެނގެނީ ލިޓަސް އަކީ ސައިކަލު ވިއްކާތަނެއް ކަން. މާ ބޮޑު އިތުރު ޑީޓެއިލް އެއް ވެސް ނޭނގެ. ވަޒީފާ ލިބޭނެ ކަމެއް ވެސް ނޭނގި ހުއްޓާ މަހެއް ފަހުން ޖޮބް ލިބުނުކަން އަންގަން ކުންފުނިން ގުޅީ. ވަޒީފާ އަށް ނުކުތްއިރު އަމީ އަށް އެކައްޗެއް ވެސް ނޭނގެ. ކިހިނެއްކަމެއް މި ވަނީ، ކީއް ކަމެއް ކުރަން ޖެހެނީ، އެއް ކަމެއް ވެސް ނޭގެ. އެކަމަކު ވަޒިފާ އަށް ވަދެވުނީމަ ބޭނުންވީ ހިތްވަރުކުރަން. އެއްޗެއް ނޭނގުނީމަ، އެވަގުތަކު ހުރި މީހެއް ކައިރީ އަހަނީ. އެ ވަޒީފާގައި ހަ މަސް ކޮށްފައި އިންޓާނަލް ޓްރާންސްފާ އަކަށް އަމިއްލަ އަށް ރިކްއެސްޓް ކޮށްގެން ބަދަލުވީ އޮޕަރޭޝަންސް އަށް. ހަމަ އެސިސްޓެންޓަކަށް. އެ މަސައްކަތް ފެށި ގޮތަށް އަދިވެސް ކުރިއަށް މިދަނީ.

އެހެންވީމަ އަމީގެ އެންމެ ބިޒީ ދުވަހެއްގަ މިހާރު މަސައްކަތް ކުރާ ގޮތް ކިޔައިދީބަލަ؟

އަމީ: ބިޒީ ވާ ދުވަހެއް ވިއްޔާ އެނގޭނެ ކުރީބައިގަ. އެހެންވީމަ ވަރަށް ހަމަޖެހިލައިގެން ދުވަސް ފަށާނީ. ފުރަތަމަ ވެސް މެއިލް ޗެކް ކޮށްލާފަ، ދުވަސް ފަށަން ވަރަށް މުހިއްމު ވާނެ ކަޅު ސައި ތައްޓެއް. އަމީ އަކީ ކޮފީ މީހެއް ނޫން. އެހެންވީމަ، މެއިލް ޗެކް ކޮށްލާފަ ބަލާނީ ކޮން ކަންތައްތަކެއްތޯ އެންމެ އަވަހަށް ނިންމަން ހުރީ، ނޫނީ ކުރަން ޖެހިފަ ހުރި މަސައްކަތުގެ ތެރެއިން އެ ދުވަހުން ދުވަހަށް ކޮން ކަންތައްތަކެއްތޯ ނިންމޭނީ. ޓާސްކް ލިސްޓެއް ތައްޔާރުކޮށްލަނީ. ސްޓިކާ، ބޯޑު ހުރިހާ އެއްޗަކަށް އެބަ މަސައްކަތް ކުރަންޖެހޭ. ބިޒީ ދުވަހެއް ވެއްޖިއްޔާ ބޮޑަށް ފޯކަސް ވާނީ ޑިސްޕެޗިން އަށް. މިސާލަކަށް، ސްޓިކާއެއް ވެއްޖިއްޔާ އެބަ ޑީލްކުރަން ކުރަންޖެހޭ ޓްރާންސްޕޯޓް، މީރާ، ނަންބަރު ބޯޑު އެއްޗިސް ވެއްޖިއްޔާ އައުޓްސޯސް ކުރަން ޑިލްކުރަންޖެހޭ. އެޓް ދަ ސޭމް ޓައިމް ޓްރާންސްޕޯޓް މިނިސްޓްރީ އާ ވެސް ޑީލް ކުރަން ޖެހޭނެ.

އަމީ ލިޓަސް ގެ އިވެންޓެއްގައި: އޭނާ އަކީ ކުންފުނީގެ މަސައްކަތްތަކަށް ފަރުވާތެރި މުވައްޒަފެއް -

އަމީ އަދި ވަރަށް ޔަންގް. އެކަމަކު މިހާރު ތި ހުރީ ފުދޭ ވަރެއްގެ ސީނިއާ މަގާމެއްގަ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތުގެ ކުރިއެރުމާއި ކާމިޔާބީ ހާސިލްކުރަން ކޮން ގޮތަކަށް މަސައްކަތްކުރީ؟

އަމީ: ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މި ހިސާބަށް އާދެވުނީ. އަމިއްލަ ވަގުތާއި ޑެޑިކޭޝަން އޭ އަސްލު ބުނާނީ. އެއީ އެންމެ ތިރިން އަމީ ފަށައިގެން މި ހިސާބަށް އައިސް މި ހުރީ. ފުރަތަމަ އޮޕަރޭޝަންސް އަށް ބަދަލުވެގެން ވެސް 8:30 ގައި އޮފީހަށް އަންނަ ގޮތަށް ކާން ވެސް ގެއަކަށް ވަރަށް ނުދަން. ބޭރުން އެއްޗެއް އޯޑަރުކޮށްގެން، އޮފީހުގައި މުޅިން ވެސް އުޅޭނީ. ބައެއް ދުވަހު އެބަ މަޑުކުރަން ރޭގަނޑު 8 ނޫނީ 9 ޖަހަންދެން ވެސް. މަސައްކަތުގެ ގޮތުން، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ހަމަޔަކަށް އަޅުވާލަން ވެގެން މަޑުކުރަނީ. އޭރުން އަނެއް ދުވަސް ފަށައިރު މީހާ ހުންނާނީ ފުދޭ ވަރަކަށް ހަމަޖެހިފަ. އެހެންވެ، ލަސް ވަންދެން މަސައްކަތް ކޮށްލާފަ އަނެއްކާ ހެނދުނު މަސައްކަތަށް ނިކުންނަނީ. އެކަމަކު އަސްލު މަސައްކަތު ގަޑި ނިމޭނެ، ހަވީރު ފަހެއްގަ.

އުމުރުގެ ގޮތުން ވެސް ރައްޓެހިންނާ އެކު ބޭރަށް ގޮސް މަޖާކޮށްލާ ހިތްވާނެ. ތިހާ ބިޒީކޮށް އުޅެމުން ސޯޝަލް ލައިފަށް ވަގުތު ހޯދަނީ ކިހިނެއްތަ؟

އަމީ: ވަރަށް މަދުން ބޭރަށް ދެވެނީ. އެކަމަކު ރައްޓެހިންނާ އެކު ބޭރަށް ގޮސް މަޖާކުރަން ވެސް ވަގުތު ހޯދަން ދޭތެރެ އަކުން. އަނެއްހެން އެހާ ގިނައިން ތަންތަނަށް ގޮސް މާ ގިނަ ޕްލޭންސްތަކެއްގެ ތެރޭގައި ނޫޅެން. އޮފީސް ނިންމާފަ ގެއަށް އައިސް ވެސް ތަނެއްގަ ހަމަޖެހިލައިގެން އޮވެވޭނީ ފޭސްބުކް ސްކްރޯލް ކޮށްލަން. އަނެއްހެން މާ ބައިވަރު ހޮބީސްތަކެއް ވެސް ނުހުރޭ.

އަމީ ލިޓަސްގެ އިވެންޓެއްގައި ވާހަކަ ދައްކަނީ

ވަޒީފާގެ ކުރިއެރުން ހޯދަން އަޒުމްގައި މަސައްކަތްކުރާ ނަމަަ އެންމެ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގަ ގަބޫލުކުރަނީ؟

އަމީ: ޕަންޗުއަލް ވާންޖެހޭނެ. އަބަދުވެސް މަސައްކަތް ކުރަން ގަޑި ނުޖެހި އޮފީހަށް ދެވޭތޯ. ވަރަށް މަދުން، ވިއްސާރަ ދުވަހެއް ކަހަލަ ދުވަހެއްގަ ގަޑި ޖެހިފަ ހުރެދާނެ. އެކަމަކު މިހާރު ފަސް ވަނަ އަހަރު މިއީ، ދުވަހަކު ވެސް އޮފީހަށް އިންފޯމް ނުކޮށް، ނޫނީ، ވާނުވާ ނާންގައި އޮފީސް ސްކިޕެއް ނުކޮށްލަން. މިސާލަކަށް ބަލިވެއްޖިޔާ ވެސް އަންގަން. ދެން، އަބަދުވެސް ބަލަން ނޭނގޭ ކަންކަން ދަސްކުރަން. އަމީގެ މަސައްކަތަށް ވަރަށް ކޮމިޓެޑް ވާނެ. ކޮންމެ ދުވަހަކު ވެސް ބޮލު ތެރޭގައި ބައިންދަން ޓާގެޓް ތަކެއް. މިވެނި ކަމެއް ކޮށްފަ އޭ ގެއަށް ދާނީ. ސޯ، އެކަމެއް ނިންމާފަ ގެއަށް ދާނީ. ވަރަށް ބޮޑަށް ބަލަން، ހެދޭ މިސްޓޭކް ދެވަނަ ފަހަރަށް ތަކުރާރު ނުކުރަން.

އަމީ މިހާރު ތި އަދާކުރާ ވަޒީފާގެ އެންމެ ގަޔާވާ ކަމެއްގެ ގޮތުގައި ކުރެވޭ ކަންތައްތަކަކީ ކޮބާ؟

އަމީ: ފުރަތަމަ ކަމަކަށް، ބުރަކޮށް އުޅެން ޗާންސް ލިބޭ. ބިޒީ ވަންޏާ، ވަރަށް ބިޒިކޮށް މަސައްކަތްކުރަން ބޭނުންވަނީ. ދެން ކަސްޓަމަރުންނާ ޑީލްކުރުން. މިސާލަކަށް ލިޓަސް އިން ގެންދިޔަ ސައިކަލެއް ގެންދިޔަ ފަހުން މައްސަލައެއް ޖެހުނީ. އެކި މިޒާޖުގެ ކަސްޓަމަރުން އަންނާނެ. އެމީހުންގެ ވާހަކަތައް އަޑު އަހާފައި އެމީހުންގެ މައްސަލަތަކަށް ހައްލު ހޯދަން ނޫނީ، އެކަށޭނަ ޖަވާބެއް ދޭން ކުރަންޖެހޭ މަސައްކަތް ވެސް ވަރަށް ކުރާ ހިތްވޭ. އެއީ ވަރަށް ޕޭޝަންސް ބޭނުންވާ ކަމެއް. ކުރާ ހިތުން ކުރެވޭ ކަމެއް.

ލިޓަސް ގެ މުވައްޒަފަކަށް ވިތީ އުފާވޭތަ. އެހެން ނަމަ އެއީ ކީއްވެ؟

އަމީ: ލިޓަސް އަކީ މުވައްޒަފުން އުފާކޮށްދީގެން ގެންގުޅެން އެނގޭ ކުންފުންޏެއް. ސްޓާފުން ދަތުރުވެސް ދާނެ ހަމަ ގަވާއިދުން. ދެން އަމީ ވަޒީފާ އަށް ވަދެގެން މި އައި ކުރިއެރުމެއް ލިބުނީ، ހަގީގަތުގަ ކުންފުނީގެ އެހީތެރިކަން ލިބުނުލެއް ބޮޑުވީމަ. އެކައްޗެއް ވެސް ނޭގޭ މީހަކު މި ހިސާބަށް އަންނާނީ ކޮންމެވެސް ބަޔަކު އެއްޗިހިތަކެއް ދަސްކޮށްދީގެން. ކިޔައިދީގެން. ލިޓަސްގަ، އެންމެ ޓޮޕް މެނޭޖްމަންޓްގައި އުޅޭ މީހުން ވެސް އެންމެ ލޯ ލެވެލް ސްޓާފުންނާ ވެސް ވާހަކަ ދައްކާނެ. ހާލު ބަލާނެ. އެއީ ވަރަށް ކަމުދާ ސިފަ އެއް.

އަމީ ލިޓަސްގެ އިވެންޓެއްގައި --

އަލަށް މަސައްކަތް ފަށާ މީހަކަށް އަމީގެ ޓިޕް!

އަމީ: އަލަށް މަސައްކަތް ފަށާ ކުއްޖަކަށް ބުނެލަން ބޭނުން ވަނީ، ގިވް އަޕް ނުކުރާށޭ. ކޮންމެ ކަހަލަ މަސައްކަތު މާހައުލެއްގަ ވެސް ޕްރެޝާ އަންނާނެ. އެކަމަކު ތިމާ ވާން ޖެހޭނެ ޕްރެޝާ ހޭންޑްލް ކުރަން ދަންނަ މީހަކަށް. ނޭނގޭ އެއްޗެއް އޮވެއްޖިއްޔާ އަހަން ވާނެ. އެއް ފަހަރު ނޭނގިއްޖިޔާ ދެފަހަރު އަހަންވާނެ. ދެން، ތަނެއްގަ ވަރަށް ބައިވަރު ކަންކަން ހިނގާނެ. އެކަމަމު ތިމާގެ ފުރަތަމަ ޕްރައޮރިޓީ އަކަށް ވާންޖެހޭނީ އަމިއްލަ މަސައްކަތާއި ޒިންމާތައް ވީ އެންމެ ރަނގަޅަކަށް ނިންމުން. އިތުރު ހަރަކާތާއި އޮފީސް މަޖަލުގަ ބައިވެރި ވާންވާނެ. އެކަމަކު ފުރަތަމަ މަސައްކަތް، ދެން އެހެން ކަންކަން. ޕަންޗުއަލިޓީ އާއި ޑެޑިކޭޝަން މީގެ އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ. އަމީ އަށް ވަންޏާ، އެހެން ކުދިންނަށް ވެސް ވާނެ.

ޒުވާނުން

Popular