9 Dec 2019

By: Ifraz Ali

ދިވެހި ކުއްޖެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މި ފޮޓޯ ދައުރުކުރާތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ؛ އެކަމަކު އަހަރެމެން ބެލި ބެލުމުން އެނގުނީ މިއީ ދިވެއްސެއް ނޫން ކަމެވެ.

މި ކުއްޖާއަށް ހާއްސަ ސަމާލުކަމެއް ލިބުނީ އޭނާގެ ކަނާތު ލޯ މަޑު ނޫކުލައެއްގައި ހުރެފައި، އޭނާގެ އިސްތަށިގަނޑު މެދުން ހުދު ކުލައިގައި ހުރުމުންނެވެ.

ޝާހިދުލް ނަގައިފައިވާ އެ ކުއްޖާގެ އިތުރު ޕޯޓްރެއިޓެއް. | ފޮޓޯ: ޝާހިދުލް އިސްލާމް ސާހެލް

މިއީ ބަންގުލަދޭޝް ކުއްޖެކެވެ. މި ފޮޓޯ ނަގާފައި ވަނީ ވެސް ބަންގުލަދޭޝްގެ ފޮޓޯގްރާފަރެއް ކަމަށްވާ ޝާހިދުލް އިސްލާމް ސާހެލް އެވެ. ޝަހީދުލް އަކީ މިދިޔަ މަހު މާލޭގައި ފޮޓޯ އެގްޒިބިޝަނެއް ބޭއްވި ހަމަ އެ ގައުމުގެ ކުޅަދާނަ ފޮޓޯގްރާފަރު، ޖީއެމްބީ އާކާޝްގެ ދަރިވަރެއް ވެސް މެ އެވެ.

ޝަހީދުލްގެ ފޭސްބުކްގައި މި ކުއްޖާގެ އިތުރު ބައެއް ފޮޓޯތައް ވެސް އެބަހުއްޓެވެ. އޭނާ ބޮޑަށް ނަގާފައި ހުރީ އެކި މީހުންގެ ފޭސް ޕޯޓްރެއިޓް ފޮޓޯތަކެވެ.

ޝާހިދުލް ނެގި ފޮޓޯއެއް އެ ކުއްޖާއަށް ދައްކާލަނީ. | ފޮޓޯ: ޝާހިދުލް އިސްލާމް ސާހެލް

އެންމެ ފުރަތަމަ މި ކުއްޖާގެ ފޮޓޯއެއް ވެބްސައިޓަކަށް އަޕްލޯޑްކޮށްފައި ވަނީ އެޕްރީލް 11، 2016 ގަ އެވެ. އޭގެ ފަހުން މި ފޮޓޯ ވަރަށް ބޮޑަށް ވައިރަލްވެ، ނައިންގެގްގައި މީހަކު މި ޕޯސްޓުކުރުމުން އިތުރަށް ސަމާލުކަން ލިބުނެވެ. ހަމަ އެ އަހަރު އޮގަސްޓް ފަހެއްގައި އެ ކުއްޖާގެ ބައްޕައާއެކު ނެގި ފޮޓޯއެއް ވެސް ލައިފައި އެބަ އިނެވެ.

މި ކުއްޖާ އަކީ ވާޑެންބާގް ސިންޑްރޯމް ކިޔާ ހާއްސަ ސިއްހީ ހާލަތެއް ހުންނަ ކުއްޖެކެވެ. މިއީ ޖެނެޓިކަލް ކަންތައްތަކެއް ސަބަބުން ދިމާވާ ކަމެކެވެ. ފޮޓޯގެ ކެޕްޝަންގައި ޝާހިދުލް ލިޔެފައި އިންހެން "ވަން އިން އަ މިލިއަން"، މި ސިންޑްރޯމް ހުންނަނީ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން އެކަކުގެ އެވެ.

އެ ކުއްޖާ އޭނާގެ ބައްޕައާ އެކު. | ފޮޓޯ: ޝާހިދުލް އިސްލާމް ސާހެލް

މި ސިންޑްރޯމް ހުންނަ މީހުން ކަންފަތް ބީރުވުމާއި އިސްތަށިގަނޑާއި ހަންގަނޑާއި އަދި ލޮލުގެ ކުލަ ބަދަލުވުން ކަހަލަ ކަންކަން ދިމާވެ އެވެ.

ކުއްޖާގެ ބައްޕާއެކު ނަގައިފައިވާ ފޮޓޯގެ ކެޕްޝަންގައި، ޝާހިދުލް ބަންގްލަދޭޝް ބަހުން ލިޔެފައި އޮތީ އެ ފޮޓޯގެ ފަހަތުގައި ވަރަށް ހިތްދަތި ވާހަކަތަކެއް އޮތް ކަމަަށެވެ. އެ ކުއްޖާގެ ދެ ލޮލަށް ފެންނަ ކަމަށާއި އަދި ދެ ކަންފަތަށް އިވޭ ކަމަށެވެ.

ޝާހިދުލް ނެގި ފޮޓޯތައް އެ ކުއްޖާ އަށާއި އޭނާގެ ބައްޕައަށް ހަދިޔާކުރަނީ. | ފޮޓޯ: ޝާހިދުލް އިސްލާމް ސާހެލް

އެކަމަކު އޭނާގެ ބައްޕަގެ ލޮލަށް ފެނުނު ނަމަވެސް އަޑުއިވުމުން މަހުރޫމުވެފައިވާ ކަމަށެވެ. އެ ބައްޕަގެ ދެ ލޯ ވެސް ހުރީ ނޫ ކުލައިގަ އެވެ. އޭނާގެ ބޭބެގެ ވެސް ދެ ލޯ ހުރީ ހަމަ ނޫ ކުލައިގައި ކަމަށްވެ އެވެ. އެކަމަކު އުމުރުން އެންމެ 16 އަހަރުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އޭނާގެ ބޭބެ ވަނީ މަރުވެފަ އެވެ.

ސިއްހަތު ކުޑަކުދިން ފޮޓޯގްރަފީ

Popular