22 Dec 2019

ސީހައުސްގެ ރަހަ މީރުކޮށްދޭ ޝެފް މޫސަ

ކަވަ ފޮޓޯ: އަލީ ނިޝާން (މިލްޒީރޯ)

ކަވަ ފޮޓޯ: އަލީ ނިޝާން (މިލްޒީރޯ)

By: Aminath Ibrahim

މިއީ 38 އަހަރުގެ ޝެފް މޫސާ ރަމީޒެވެ. އޭނާ އަކީ މަޝްހޫރު ސީހައުސް ކެފޭގެ ހެޑް ޝެފް އަދި މެނޭޖަރެވެ. ކެއްކުމުގެ ދާއިރާގައި 16 އަހަރު ހޭދަކުރުމަށް ފަހު، މޫސަ މި ކިޔައިދެނީ ކަލިނަރީ ދާއިރާގައި ސުމަކުން ފަށައިގެން އެންމެ އުހަށް ވާސިލުވާން އޭނާ މަސައްކަތްކުރި ގޮތާއި އަހުލާގު ބެހެއްޓި ގޮތެވެ. އަދި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް މެންޓޯ އެއްގެ ގޮތުން ދޭން ބޭނުންވާ އިރުޝާދެވެ.

މޫސަ އެންމެ ފުރަތަމަ ބަދިގެއަކަށް ވަނީ 2003 ވަނަ އަހަރު އެވެ. ބައްޕަ ނިޔާވުމާއެކު އާމްދަނީ ހޯދަން ކޮންމެ ފަދަ މަސައްކަތެއް ވެސް ކުރަން ތައްޔާރަށް ހުރެ ހިނގައިގަތުމުން އެންމެ ފުރަތަމަ ލައްވައިލީ ހުޅުލެ އައިލެންޑް ހޮޓަލުގެ ބަދިގެ އެވެ. އެ ވަދެވުނު ގޮތަށް ކަލިނަރީ އާޓްގެ ބިޔަ ދުނިޔޭގައި އޭނާގެ ހިތް ގައިދުވެ، ނުކުންނަ ހިތެއް ނުވި އެވެ. އެޗްއައިއެޗްގައި އަށް އަހަރު ހޭދަކުރުމަށް ފަހު ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެސް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

މޫސަ ވަނީ މާލޭގައި ބޭއްވި ކަލިނަރީ މުބާރާތްތަކުގައި އެކި ފަހަރު މަތިން ބައިވެރިވެ ވަނަތައް ހޯދައި ގޯލްޑް މެޑެލް ވެސް ހޯދައިފަ އެވެ. އަދި ކުރިން ޓީވީއެމުން ގެނެސްދިން "ރިހަފަތް" ޕްރޮގްރާމާއި "ހެނދުނު ހެނދުނާ" ފަދަ ޕްރޮގްރާމްތަކުގައި ވެސް އޭނާ ވަނީ ކެއްކުމުގެ ހުނަރު ދައްކާލައިފަ އެވެ.

ކިޔައިދެވިދާނެތަ ކެއްކުމުގެ ދާއިރާއަށް މޫސަ އަށް ވަދެވުނު ގޮތް؟

މޫސަ: ކަލިނަރީ ދާއިރާގައި އެންމެ ފުރަތަމަ ވަނީ ހުޅުލެ އައިލެންޑް ހޮޓެލްގެ ބަދިގެ އަށް. އޭރު އުމުރުން 22 އަހަރު. އާއިލީ ހާލަތު ހުރި ގޮތުންނާއި އެއްކޮށް އެ ވަގުތު ބޭނުންވީ ލާރި ލިބޭ ވަޒީފާއަކަށް ވަންނަން. އެއްވެސް ޕެޝަން އެއް އޮވެގެނެއް ނޫން ފުރަތަމަ ޖޮއިން ކުރީ. އެކަމަކު މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަދެވި، ހިތް ޖެހުނީމަ ގަބޫލުކުރެވުނީ މުސްތަގްބަލެއް އެބަ އޮތްކަން. އެގޮތުގައި ކުރިއަށް ގޮސް ވަރަށް ގިނަ ކާމިޔާބީތަކެއް މިހާރު ހޯދިއްޖެ.

މޫސަ ސީހައުސްގެ ޓީމާ އެކު: އޭނާ އަކީ މިހާރު އެ ރެސްޓޯރަންޓް ގެ މެނޭޖަރު.

ކެއްކުމުގެ ދާއިރާގައި މޫސަ މަސައްކަތް ކުރާތާ މިހާރު 16 ވަރަކަށް އަހަރު. ދިގު، އެހެނަސް ކާމިޔާބު ދަތުރެއް ތި ކުރީ. އެންމެ ފުރަތަމަ ބަދިގެއަށް ވަދެ އުޅެން ޖެހުނު ގޮތުގެ ހަނދާނެއް ހިއްސާކޮށްލަ ދީބަލަ!

މޫސަ: އެންމެ ފުރަތަމަ ބަދިގެއަށް ޖޮއިން ކުރި އިރު އެއްޗިއްސަށް ކިޔާ ނަންތަކެއް ވެސް ނޭނގެ. އާންމުކޮށް ކައި އުޅޭ ތަރުކާރީ ނޫން އެއްޗިއްސަށް ކިޔާ ނަމެއް އެއްގޮތަކަށް ވެސް ނޭނގެ. އެ ހުރިހާ ކަމެއް މޫސަ ދަސްކުރީ ހަމަ ސުމަކުން. ދެން ވަރަށް ރޫޑް ޝެފުންނާ އެކު ވެސް މަސައްކަތް ކުރަން ޖެހުނު. ކަމެއް ކުރަން ނޭނގުނީމަ އެއްޗެހި ކިޔައި ރޮއްވާލާ ވަރު ކުރާ ޝެފުންގެ ދަށުގައި ވެސް މަސައްކަތް ކުރަންޖެހުނު. އެކަމަކު އެއް ކަންފަތުން އެއްޗެހި ވައްދާލައިފައި އަނެއް ކަންފަތުން ބޭރުކޮށްލަނީ.

ބަދިގެ އެއްގައި މަސައްކަތް ކުރުމަކީ ކިހާ ވަރެއްގެ ކަމެއްތަ؟ ކާމިޔާބުވާން ބޭނުން ނަމަ އެންމެ ފުރަތަމަ އެނގެންވީ ބައެއް ކަންކަން ކިޔައިދީބަލަ!

މޫސަ: ޝެފެއްގެ ވަޒީފާ އަކީ ގިނައިން ލާރި ލިބޭ ވަޒީފާއެއް. އެކަމަކު އެވަރަށް ބުރަ ވަޒީފާ އެއް. ބައެއް ފަހަރު ނުވައެއް ނޫނީ ދިހަ ގަޑި އިރު މަސައްކަތް ކުރަންޖެހޭ. ދުވާލު އެއްކޮށް ކޮޅަށް ހުންނަން ޖެހޭނީ. ބިޒީ ރެސްޓޯރެންޓެއް ވެއްޖިއްޔާ ކާން ދާކަށް ވެސް ނުވާނެ ވަގުތެއް. މަސައްކަތް ނިންމާލާއިރު ވަރަށް ޓަޔަޑް ވާނެ. ފައިކޮޅުގައި ނުހުރޭ ވަރެއް. އަނެއްކާ ވެސް އަނެއް ދުވަހު ޑިއުޓީއަށް. ދެން ވަގުތަށް ހުރުމަތްތެރިކޮށް ހިތަން ނޭނގެންޏާ ޝެފަކަށް ނުވެވޭނެ. ދެން ޑީސެންސީ ހިފަހައްޓަން ދަސްކުރަންވާނެ. ޝެފަކަށް ވެވޭނީ އެ ހުރިހާ ކަމެއް ކުރަން ބޭނުންވެގެން. އެ ހިތްވަރު ހުރެގެން.

މޫސަ ތައްޔާރުކޮށްފައިވާ ބްރެކްފާސްޓް ޑިޝް އެއް.

ބަދިގެއަށް ވަންނަ ހިސާބުން އަދި ޝެފަކަށް ނުވެވޭނެ. މޫސަ ކިޔައިދީބަލަ އަލަށް ވަޒީފާއަށް ވަންނަ ކުއްޖަކު ޝެފަކަށް ބަދަލުވެގެން އަންނަ ގޮތް!

މޫސަ: ހޮޓެލް ސްކޫލް ނިންމާފައި އަންނަ ކުއްޖަކަށް ވެސް، ފުރަތަމަ ބަދިގެއަށް ވަންނަ ދުވަހު ކާއެއްޗެހި ކައްކަން ހަވާލެއް ނުކުރާނެ. އެހެން ނުވެސް ދޭނެ. ފުރަތަމަ ބަދިގެއަކަށް ވަނީމަ އަބަދު ވެސް ހަވާލު ކުރާނީ ފިޔާ މަށަން، ގާލިކް މަށަން، ނޫނިއްޔާމުން އެތަނުން މިވަނި އެއްޗެއް، އެވަނި އެއްޗެއް ގެންނަން، ކުޑަ ކުއްޖެއްހެން އެކި ތަންތަނަށް ދުވަން ޖެހޭނީ. އެ ދުވަސްކޮޅު ޖެހޭނެ ކެތް ކުރަން. އަލަށް ވަންނަ ކުއްޖަކު ވަރަށް ފްރަސްޓްރޭޓް ވެސް ވެދާނެ. މަސައްކަތެއް ހަވާލު ނުކުރެއޭ ހީވެދާނެ. އެކަމަކު ޝެފަކަށް ވުމުގެ ފުރަތަމަ އަދި އެންމެ މުހިއްމު ޓްރެއިނިން އަކީ އެއީ. އެގޮތަށް އެއްޗިސް ބަލައި ގޮސް އައިސް ހަދަން ފެށީމަ ބަދިގެ އެ ދަސްވަނީ. އެއްޗިއްސަށް ކިޔާ ނަންތައް. ހުރި ތަންތަން. ހުރި ގޮތް. ހުރި ނެތް ވަރު. ޔޫ ވިލް ކުކް. އެކަމަކު އިޓް ވިލް ޓޭކް ޓައިމް. ދެން ޝެފުންގެ ވެސް އެކި ލެވެލްތައް ހުންނާނެ. އެ ކުއްޖެއްގެ ހިއްވަރު ހުރި ވަރަކުން ކުރިއަރާ ސްޕީޑް ޑިޕެންޑް ވާނީ.

މޫސަ ކައްކާ އަކަށް ދިޔައީ 2003 ވަނަ އަހަރު. އޭރާއި މިހާރާއި އެއް ގޮތެއް ވެސް ނޫން. ކަލިނަރީ ދާއިރާއަކީ ޒުވާން ފިރިހެން ކުދިން ވަރަށް މަދުން ނޫނީ ނުވަންނަ ދާއިރާއެއް. އޭރު ކިހާވަރަކަށް ސަޕޯޓް ލިބުނުތަ؟

މޫސަ: ކެއްކުމަކީ ކަޑަ، ރަނޑު މަސައްކަތެއް ގޮތަށް ދެކެވިފައި އޭރު އޮންނަނީ. ފުރަތަމަ އެޗްއައިއެޗް އަށް ޖޮއިން ކޮށްފައި، ބަދިގެ އެއްގައި ވޯކް ކުރަން ފެއްޓީމަ އާއިލާއާ ރައްޓެހިންގެ ފަރާތުން ނެގެޓިވް ކޮމެންޓްސް އައި. ބުނާނެ، ކީއްކުރަންހޭ ކައްކަނީ. ތިނޫން ކޮންމެވެސް އެހެން ކަމެއް ކުރަންވީ ނޫންހޭ. އެކަމަކު މީހުން ބުނާ އެއްޗެއްސަށް ވިސްނައިގެން ކުރިއަކަށް ނުދާނެ. މިއީ މި ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ފިރިހެން ކުދިންނަށް ވަރަށް މުހިއްމު ނަސޭހަތެއް. އަމިއްލަ ހިތް ބޭނުންވާ ގޮތަށް ކުރިއަށް ދާންވާނީ. މިއީ މުސްތަގްބަލް އޮތް ދާއިރާއެއް.

ޝެފް މޫސާ ރަމީޒް އާއި އޭނާގެ އާއިލާ .

މަސައްކަތުގެ މާހައުލުގައި މޫސަ އެންމެ އިސްކަންދެނީ ކޮން ކަންތައްތަކަކަށްތަ؟

މޫސަ: ހައިޖީން އަކީ ފުރަތަމަ ރޫލް. ތަން ސާފުކުރުމާއި ސާފުކޮށް ބެހެއްޓުން އެންމެ މުހިއްމު ވާނީ. މަސައްކަތް ކުރާ މީހުން ތިބެންވާނީ ސާފުތާހިރުކޮށް. ގައިން ވަސް ދުވެގެން ނުވާނެ. ދެޓް އިޒް ސަމްތިން ޔޫ ކާންޓް ކޮމްޕްރޮމައިޒް. އެހެންވީމަ މޫސަ ލީޑް ނަގައިގެން ހިންގާ ބަދިގެ އެއްގައި މިކަންކަމަށް އެންމެ އިސްކަންދެނީ. ދެން، މޫސަ އަކީ ވަރަށް ޕްރިޕެއާޑް މީހެއް. ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވަން. ހެޑް ޝެފަކަށް އުޅޭއިރު ތަނުގައި ހުންނަން ޖެހޭ ހުރިހާ އެއްޗެއް ހަމަ ވާންޖެހޭނެ. ނެތިއްޔާ ސަބްޓިޓިއުޓް އެއްޗެއް ވިޔަސް ހުންނަން ޖެހޭނެ.

ގޭގަ ކެއްކުމާއި ރެސްޓޯރަންޓެއްގައި ކެއްކުން ކިހާ ތަފާތުތަ؟

މޫސަ: ހޯމް ކުކިން އާއި އިންޑަސްޓްރިއަލް ކުކިން ވަރަށް ތަފާތު ވާނެ. ހޯމް ކުކިންގައި މަންމަ މެން ކައްކާނީ، އެދުވަހުން އެ ދުވަހަށް ގަންނަ އެއްޗެއް އެދުވަހުން އެ ދުވަހަށް. އެއްޗިހި ކޮށާފައި، މިޒެން ޕްލޭސް ރެޑީ ކޮށްފައި ނުއެއް ބަހައްޓާނެ. ކެފޭ ރެސްޓޯރަންޓް ތަކުގައި ވާގޮތަކީ، ކޮންމެ ތަނެއްގައި އޮންނާނެ މެނޫ އެއް. އޭގެ ރެސިޕީތަކާ މެޝާތައް ހުންނާނެ ބުނެފަ. ދެން އޮން ގޮއިންގް ކަސްޓަމާސް އައިސް ގޮސް އައިސް ގޮސް މި ހަދަނީ. ކޮންމެ މީހަކު ވެސް ބޭނުންވާނެ ގިނަ ވެގެން 30 މިނިޓް ތެރޭގައި ކާއެއްޗެހި. އެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ސާވް ކުރަން ބޭނުމިއްޔާ އެބަޖެހޭ އެއްޗެހި ކޮށާފައި ރެޑީ ކުރަން. ކައްކަން ޖެހޭ އެއްޗެހި، ވަކި ވަރަކަށް ކައްކަންޖެހޭ އެއްޗެހި ކައްކާފައި، އެއްކޮށް ކައްކަންޖެހޭ އެއްޗެހި ކައްކާފައި ރެޑީގައި ބަހައްޓަން. އޯޑަރު އައީމަ އެ އެއްޗެހި އެސެމްބްލް ކުރުން އޮންނާނީ. ބައެއް އެއްޗެހި ހާފް ވޭ ތްރޫކޮށް ކައްކާނީ. ދެން ރަހަ ގެންނަން، ޓޭސްޓް ގެނެވޭނެ އެކްސްޕީރިއަންސުން.

މޫސަ ބީފް އިން ތައްޔާރުކޮށްފައިވާ ޑިޝް އެއް.

ޝެފެއްގެ ވަޒީފާގައި މޫސަ އެންމެ ގަޔާވާ ކަމަކީ ކޮބާ؟

މޫސަ: މީހަކަށް މީރުކޮށް އެއްޗެއް ކައްކާފައި ކާން ދެވުނީމަ ވަރަށް އުފާވޭ. ދެން، މޫސަ އަކީ ވަރަށް އެކްސްޕެރިމެންޓް ކުރާ ހިތްވާ މީހެއް. އިޓްސް އެން އެންޑްލެސް ޕޮސިބިލިޓީސް ކުކިންގައި. އަބަދު ވެސް ކޮންމެވެސް އެއްޗެއް މިކްސްކޮށްގެން ކޮންމެ ވެސް ތަފާތު ރަހައެއް ނެރެވޭނެ. އަނެއް ކޮޅުން ވޯކެއް ކުރަން ބަލައިފިއްޔާ މިއީ ވަރަށް މުހިއްމު މަސައްކަތެއް. އެއީ މީހުން ކެއުން ހުއްޓާލާނެ ޒަމާނެއް ނާންނާނެ. ޑިމާންޑަށް ބަލައިފިއްޔާ މިއީ ހަމަ އަބަދު ވެސް ޗާންސް އޮންނާނެ ދާއިރާއެއް.

ދެން ކުޑަކޮށް ޕާސަނަލް ސުވާލެއް ކޮށްލާނަން. މޫސަ ގޭގަ ކައްކައި ހަދަންތަ؟ އެންމެ މީރުކޮށް ހަދަނީ ކޮން ކަހަލަ ކާއެއްޗިއްސެއް؟

މޫސަ: އޮފްކޯޒް، ކައްކަން. އެންމެ މީރުކޮށް ހަދަނީ ސީފުޑް. އެންމެ ކައްކާ ހިތްވަނީ ވެސް ސީފުޑް. އޭތީގައި ހުރޭ ހަދާނެ ބައިވަރު ގޮތްގޮތާއި ރީތި ބައިވަރު ގޮތްތައް. އެކަމަކު ބީފް ސްޓޭކް ވެސް ހަމަ ހަދާ ހިތް ވޭ.

ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހަކަށް މޫސަގެ އެންމެ އަގުހުރި ނަސޭހަތަކީ ކޮބާ؟

މޫސަ: އެއް ލެވެލެއްގައި ހުންނަން، ނޫނީ މަސައްކަތަކަށް މަސައްކަތެއް ކުރަން ނުހުންނާށޭ. އަބަދުވެސް ކިޔައި ދަސްކޮށް، ކަންކަން ޓްރައިކޮށް، ކޮމްޕެޓިޝަންތަކުގައި ބައިވެރިވެ، ހުނަރު ދައްކައިގެން މޮޅު މީހަކަށް ވާން މަސައްކަތް ކުރަންވާނެ.

ކެފޭ/ރެސްޓޯރެންޓް

Popular