18 Mar 2020

By: Aminath Ibrahim

އިންސްޓަގްރާމްގައި ހިންގާ އަބުޑީ މޯލްޑިވްސް ކިޔާ އެކައުންޓެއް ފެނުނު ހެއްޔެވެ؟ ބަލައިލާށެވެ. އަތްތެރި މަސައްކަތަށް ހިތް ޖެހޭނެ އެވެ. ފަށުވީގެ ޖާދޫގައި ޖެހޭނެ އެވެ.

އަބުޑީ މޯލްޑިވްސް އަކީ އާމިނަތު ޝިހާނާ (އަބުޑީ) ގެ ވާޗުއަލް ފިހާރަ އެވެ. ޝިހާނާ އަކީ އާޓިސްޓެކެވެ. ސްޓިޗް އާޓިސްޓެކެވެ. މިއީ ރޮދީގެ މަސައްކަތެވެ.

ކުރެހުންތެރިއަކު ކުލަ ފިހިން ކުރާނެ ހުރިހާ މަސައްކަތެއް ސްޓިޗް އާޓިސްޓަކަށް ކުރެވޭނެ އެވެ. ޝިހާނާގެ މަސައްކަތުން އެކަން ސާބިތުވާނެ އެވެ.

މިއީ ޝިހާނާ ސްޓިޗް އާޓިސްޓަކަށް ވި ގޮތުގެ ޝައުގުވެރި ވާހަކަ އެވެ.

އާއިލާއަށްޓަކައި 20 އަހަރު!

ޝިހާނާ އަކީ ގެވެހި އަންހެނެކެވެ. ސްކޫލުން ނިމިގެން، އުމުރުން 18 އަހަރު ވީތަނާ މީހަކާ އިނީ އެވެ. ކައިވެންޏަށް އަހަރެއް ފުރުނު އިރު ދަރިއަކު ލިބެން އުޅޭތީ އޭނާގެ ދިރިއުޅުމުގެ މަގްސަދާއި، މުސްތަގުބަލަށް ކުރެހި ހުރިހާ ތަސްވީރެއްގެ މިސްރާބު، ލިބެން އުޅޭ ދަރިފުޅަށްޓަކައި ބަދަލުކޮށްލި އެވެ. އޭނާ 24 ގަޑި އިރު އިންނާނީ ދަރިފުޅުގެ ހިދުމަތުގައި ކަމަށް ނިންމި އެވެ.

ޝިހާނާ އާއި އޭނާގެ ފިރިމީހާ؛ ޝިހާނާގެ މަސައްކަތުގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ އާއިލާއިން

އެހެންވެ، އޭނާ އާއި ފިރިމީހާ، އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ)ގެ ހުރި ހަމަ އެކަނި ދަރިފުޅަށް، އަމިއްލަ އަށް އުޅެވޭ ވަރު ވަންދެން ހުރިހާ ކަމެއް ކޮށްދޭން، ދަރިފުޅުގެ ހިދުމަތުގައި 20 އަހަރު ވަންދެން ގޭގައި އިނީ އެވެ. އެ 20 އަހަރުގެ ތެރޭގައި އޭނާ ބޭނުންވި ގޮތަށް ދަރިފުޅު ތަރުބިއްޔަތުކުރި އެވެ. ފިރިމީހާއަށް ދޭން ޖެހޭ ފުރިހަމަ ލޯތްބާއި ހިދުމަތުގައި ދެމިހުއްޓެވެ. ލިބޭ ހުސް ވަގުތުގައި ގަސް އިންދައި، ގަސްތަކަށް އަޅައިލި އެވެ.

ގަސް އިންދުމަކީ ޝިހާނާގެ ހޮބީ އެއް؛ މަސައްކަތާ ދުރުން ގޭގައި ހޭދަކުރި 20 އަހަރުގައި އޭނާގެ ހިތްހަމަ ޖެހުމަށް ކުރި މަސައްކަތަކީ ގަސް އިންދުން

ހައުސްވައިފް އެއްގެ ވަޒީފާ އިން ވެސް ރިޓަޔާކުރެވޭނެ!

ޝިހާނާގެ ވާހަކައިން ނެގޭނެ އެންމެ ބޮޑު ފިލާވަޅަކީ، އަދި އިންސްޕިރޭޝަނަކީ ވެސް މިއީ އެވެ. ދަރިފުޅާއި އާއިލާ އަށް 20 އަހަރު ހިދުމަތް ކުރުމަށް ފަހު ދެން އޮތީ އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމުގެ ފަހަރެވެ. މިފަހަރު އޭނާ އެކަންޏެއް ނުވާނެ އެވެ. ގާތުގައި އަޅައިލާނެ ބޮޑު ދަރިއަކު އެބަހުއްޓެވެ. ފިރިމީހާގެ ސަޕޯޓް އެބަ އޮތެވެ. އެހެންވެ އަބަދުވެސް ދެކެމުން އައި ބޮޑު ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި، މާޖަހާ ކޯހެއްގައި ބައިވެރިވި އެވެ.

View this post on Instagram

A post shared by Abudy MALDIVES (@abudymaldives) on

"ސްކޫލްގައި އުޅުނު އިރު ކޮންމެވެސް ވަރަކަށް އެ އެއްޗެހި ދަސްވެފައި ހުރީ. ސްކޫލުގައި އޭރު އޮންނާނެ ހޯމް ސައިންސް ކްލާހާއި ނީޑްލް ވޯކާއި އެ ހުރިހާ އެއްޗެއް. ދެން އޭރުން ފެށިގެން ވެސް އެ ހުރިހާ ކަމަކަށް އިންޓްރެސްޓް ހުރޭ. އެހެންވެ، ސަރަނގު ޝަމީމާ [މިހާރު ނިޔާވެފަ] ގާތަށް މާޖަހަން ދަސްކުރަން ދިޔައީ. އެއީ އެންމެ މޮޅު މާޖަހާ އޭރު މާލޭގައި ހުރި. ޝަމީމާ ކައިރި އަށް ގޮސް ކޯހެއް ވެސް ނިންމިން،"

"އެފަހުން އަނެއްކާ ދިޔައިން، ލިޒީ ކިޔާ މީހަކު ހިންގި ކޯހަކަށް ވެސް. އޭނަ އަކީ މައުރަޒު ތަކުން ވަނަ ވެސް ގެނެސްފައި ހުރި މީހެއް. އޭނަ ކައިރިއަށް ދިޔައިން ރިބަން އެމްބްރޮއިޑަރީ އާއި ޕޭޕާ ކުއިލިން ހަދަން. އޭނަ ކައިރިއަށް ގޮސްލާފަ، އެކަންތަކަށް ޝައުގުވެރި ވެގެން އިތުރަށް އެ އެއްޗިހި ދަސްކުރަން ވެގެން ލަންކާ އަށް ދިޔައީ." އެމްބްރޮއިޑަރީ އާއި ރޮދީގެ ކަވި މަސައްކަތް ދަސްކުރުމާއި އެ ދާއިރާއިން ކެރިއަރުގެ ބިންގާ ވަރުގަދަ ކުރި އެވެ. އޭގެ ފަހުން އޯޑަރަށް މަސައްކަތް ކޮށްދޭން ފެށި އެވެ.

View this post on Instagram

A post shared by Abudy MALDIVES (@abudymaldives) on

ކެރިއާ ބިނާކުރަން ވަކި އުމުރެއް ނެތް، މިއީ ހެކި!

ޝިހާނާގެ ރޮދީގެ ކަވި މަސައްކަތްތައް ހަމައެކަނި ބާލީސް އުރަ އާއި ތުއްތު ކުދިންގެ ހެދުންކޮޅުތަކާ ހިސާބުން ނިމުނީއެއް ނޫނެވެ. އަތްދަބަސްތައް ބޭނުން ޑިޒައިނަކަށް ޑެކަރޭޓް ކުރުމާއި ހަނދާނީ އަލްބަމްތައް ޑެކަރޭޓްކުރުމަކީ ވެސް އޭނާ އަށް އުނދަގޫ ކަމެއް ނޫނެވެ. ފަށުވިން ކުރެވޭނެ ކޮންމެ ކަމެއް އެއީ އޭނާ އަށް ޗެލެންޖެކެވެ.

View this post on Instagram

A post shared by Abudy MALDIVES (@abudymaldives) on

އޭނާގެ އިންސްޓަގްރާމް ބަލައިލާށެވެ. އެއީ މި ހުނަރަކާއި މަސައްކަތްތެރިކަން ސިފަކޮށްދޭން ބުނާނެ އެންމެ ފުރިހަމަ ބަސްތައް ސިކުނޑި އަށް ނާންނާތީ އެވެ. މިދިޔަ އަހަރު ފަންނު އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އޭނާގެ މަސައްކަތް ދުށް މީހުންނަށް އެކަން އެނގޭނެ އެވެ.

ފަންނު އެކްސްޕޯ އަށް ރޮދިން ޝިހާނާ ތައްޔާރުކުރި ކުރެހުމެއް؛ މިއީ މައުރަޒުން ވަނަ ލިބުނު މަސައްކަތްތަކެއް

އެ މައުރަޒުން އަތްތެރި މަސައްކަތުގެ އެހެނިހެން ކެޓަގަރީން ވާދަވެރި ތިން ވަނަ އޭނާ ގެނައީ ލޯ މައްޗަށް ޖާދޫއެއް ދައްކައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެ މައުރަޒުގައި އޭނާ ހިމެނި މޮޑެލްތަކުގެ ތެރޭގައި ފަށުވިން ކުރަހާފައި އޮތް ހަތް ފޫޓުގެ ރާއްޖޭގެ ޗާޓެއް ހުއްޓެވެ. ރާއްޖޭގެ އެންމެ އަގުހުރި އަދި ދުވަސްވީ ގައުމީ ބިނާތައް، މޮޅު ކުރެހުންތެރިއަކު ކުރަހާނެ ފެންވަރަށް، އެ ޑީޓެއިލް ތަކާއި އެކު ރޮދިން ކުރަހައި ކުލަކޮށްފައި ހުއްޓެވެ.

ފަންނު އެކްސްޕޯ އަށް ރޮދިން ޝިހާނާ ތައްޔާރުކުރި މާލޭގެ ހުކުރު މިސްކިތުގެ ކުރެހުމެއް؛ މިއީ މައުރަޒުން ވަނަ ލިބުނު މަސައްކަތްތަކެއް

"އާންމުކޮށް ރޮދީގެ ކަވި މަސައްކަތޭ ބުނީމަ، މީހުން ހިތަށް އަރަނީ މާޖެހުން، ބާލީސް އުރަ ހެދުން ކަހަލަ ކަންކަން. އެކަމަކު އަބުޑީ ބޭނުންވީ ތަފާތުކޮށްލަން. ފަންނު މައުރަޒަށް އަބުޑީ ހެދި އެއްޗެހިތައް ފެނިފައި މީހުން ތިބީ ހައިރާންވެފަ. މި ކްރޮސް ސްޓިޗް ކަހަލަ މަސައްކަތް މިއީ ވެސް ވަރަށް ޝައުގުވެރި ކަމެއް،" ޝިހާނާ ބުންޏެވެ.

ޝިހާނާގެ ސްޓިޗް އާޓް މިހާރު އެންމެންނަށް!

ޝިހާނާ އަދިވެސް ދަސްކުރަނީ އެވެ. އެކަމަކު އެނގޭ ވަރަކުން އެހެން މީހުންނަށް އޭނާގެ މަސައްކަތް ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރެ އެވެ.

ޝިހާނާގެ އެމްބްރޮއިޑަރީ ކްލާސް ކުރިއަށްދަނީ؛ އޭނާގެ މަސައްކަތުގެ ބޮޑު ފޯކަސް އެއް މިހާރު ދަނީ ކްލާސްތައް ހިންގުމަށް

"ގޭގައި ތިބޭ މަންމައިން ގާތުގައި ވެސް އަބުޑީ ބުނެލަން ބޭނުންވަނީ، ދަރިފުޅު އެކަނި ކޮށްލާފައި ދާން ބޭނުން ނުވެގެން ގޭގައި އިންނަން ހަދައިގެން ހުވަފެންތައް ފަހަރެއްގައި ދޫކޮށްލެވިފައި ހުރެދާނެ އޭ. އެއީކީ މައްސަލައެއް ނޫނޭ. އަދި ވެސް ވަގުތު ފާއިތެއް ނުވޭ. އަހަރެމެން މަންމަ އިންނަކީ ވަގުތަށް އަމާންދީފައި ތިބޭ ވަރަށްވުރެ މާ ހިއްވަރުގަދަ ބައެއް. އެހެންވީމަ، މިހާރު ވެސް މަސައްކަތް ފަށައިގަންނަންވީ ހުވަފެނެއް އޮތިއްޔާ،"

.

ޝިހާނާގެ ދަރިފުޅަށް މިހާރު 24 އަހަރެވެ. ދަރިފުޅާއި އާއިލާ އަށް 20 އަހަރު ހަދިޔާ ކުރުމަށް ފަހު ފަށުވީގެ ހިތްގައިމު ކެރިއަރެއް ބިނާކުރަން މަސައްކަތް ފެށިތާ މިއީ ތިން ވަނަ އަހަރެވެ. މިހާރު އޭނާގެ ވިޔަފާރި ވެސް އޮވެގެން ފުޅާ ވަނީ އެވެ. ދުވަހެއް ދުވަހަކަށް މަސައްކަތުގެ ބުރައާއި ޒިންމާތައް އިތުރުވަނީ އެވެ.

"ފެށި އިރު އޮތީ މިގޮތަކަށް ނޫން. އިންސްޓަގްރާމް އިން މަސައްކަތް ފުޅާކުރަން ފަށައިގެން ފުރަތަމަ ކޮޅުގައި ވަރަށް މީހުނެއް ވެސް ނުވާނެ. އެހެންވެ، ގިވް އަވޭ އެއްޗިއްސާއި ޕްރޮމޯޝަންތައް ޖައްސައިގެން ވިޔަފާރި ވައިގައި ހިފުވީ، ބައެއް ފިހާރަތަކަށް ވެސް ދިޔައިން، އެއްޗެހި ވިއްކަން ލެވޭތޯ. ނުވި. އެކަމަކު ގިވްއަޕް ކުރަން ބޭނުން ނުވީ. މިހާރު ވަރަށް އުފާވޭ ގިވްއަޕް ނުކުރެވުނީމަ،"

އަތްތެރި މަސައްކަތް

Popular