1 Apr 2020

By: Ahmed Nadym

ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާ ވައިރަސް ކުރެއްދު އައިލެންޑް ރިސޯޓުން ފެނުނުއިރު ލަވަކިޔުންތެރިޔާ މުހައްމަދު ޝައްމޫނާއި އޭނާގެ މަޝްހޫރު މިއުޒިކް ބޭންޑް، އިކްއެޓިކް ވައިބްގެ މެމްބަރުން ތިބީ އާދައިގެ މަތިން އެމީހުންގެ ރަސްމީ ރިސޯޓު ގިގަށް ފުރަން ތައްޔާރުވެގެންނެވެ. ކުރެއްދު އަކީ، ދިރިއުޅުން ދެކޮޅު ޖެއްސުމަށް އެމީހުންކުރާ މަސައްކަތުގައި ކޮންމެ ހަފުތާއަކު ވެސް ގޮސް މިއުޒިކް ކުޅޭ ތިން ރިސޯޓުގެ ތެރެއިން އެއް ރަށެވެ. ނަމަވެސް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭސްތަކާ އެކު ކުރެއްދު ލޮކްޑައުންއަކަށް ދާން މަޖުބޫރުވުމުން ޝައްމޫނާއި ބޭންޑްގެ އެހެން މެމްބަރުންނަށް ވެސް މަޖުބޫރުވީ ޓޯޓަލް އައިސޮލޭޝަނަށް ދާށެވެ. ކުރެއްދުއަށް ނުދާން ނިންމުމަށް ފަހު ބޭންޑުން ދެން ނިންމީ، އެމީހުން ގިގު ކުޅެމުން ދިޔަ ދެ ވަނަ ރިސޯޓު، ހުރަވަޅި އަށް ވެސް ނުދާށެވެ. އޭރު އެމީހުން ކުޅެމުން ދިޔަ ތިން ވަނަ ރިސޯޓުގެ ދޮރު ވެސް ވަނީ ބަންދުކޮށްފައެވެ. ވަޒީފާގެ ހުރިހާ ދޮރެއް ބަންދުވެ، އިނދަޖެހުނު ގޮތަށް ޝައްމޫނާއި އޭނާގެ ބޭންޑްގެ ހުރިހާ މެމްބަރުން ވެސް މިހާރު ތިބީ ގޭގައި މަޑުކޮށްލައިގެންނެވެ.

"އަހަރެން މިއީ އޭރު ބޭންޑާ އެކު ގޮސް ކޮންމެ ހަފުތާއެއްގެ ތިން ރޭ ރިސޯޓުގައި ކުޅުމަށް ފަހު ސޯލޯކޮށް އަނެއް ތިން ރޭ އެހެން ތަންތަނުގައި ކުޅެންދާ މީހެއް. އެ ހުރިހާ ކަމެއް މިހާރު މި ވަނީ ހުއްޓުމަކަށް އައިސްފައި،" ޝައްމޫން ކިޔައިދިނެވެ.

"ކޮންމެ ހަފުތާއަކު ވެސް ފެމިލީއާ އެކު ފްރީވާނީ އެންމެ ރެއަކަށް އޭރު. އެއީ ބުރާސްފަތި ދުވަސް. ދެން ހުރިހާ ދުވަހެއްގައި ވެސް އާއިލާ ދޫކޮށްލާފައި ދަނީ މިއުޒިކް ކުޅެން. އާމްދަނީ ހޯދަން ކުރާ ހަމައެކަނި މަސައްކަތަށް އެކަންވީމަ."

އިކްއެޓިކް ވައިބްސްގެ ލީޑް ވޯކަލިސްޓް ޝައްމޫން. --ފޮޓޯ:އިކްއެޓިކް ވައިބްސް

ނަމަވެސް މިހާރު ދުވަހުގެ ހުރިހާ ވަގުތެއް އޭނާ ވެސް ހޭދަކުރަމުން ދަނީ އަންހެނުންނާއި ދަރިފުޅާއެކު އެމީހުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުގައެވެ. މި އައިސޮލޭޝަން އޭނާ ސިފަކުރަނީ ކުޑައިރުގެ ހަނދާންތައް އާވާ ދުވަސްތަކެއްގެ ގޮތުގައެވެ.

"ވީހާ ބޮޑަށް މި ބަލަނީ މިހެން އުޅޭއިރު ވެސް ލަވަކިޔައި ލައިވް ސެޝަންސްތައް ޖައްސާލައިގެން ވެސް އެ ގުޅުން ކުރިއަށް ގެންދެވޭތޯ. އޭގެ އިތުރުން ގޭތެރެ ސާފުކުރުމާއި އެރޭންޖުމަންޓްސް ބަދަލުކުރުން ދެން އޮންނަނީ. މިހެން އިންނައިރު އެންމެ ބޮޑަށް ވަނީ ކުޑައިރުގެ ހަނދާންތައް. އަނެއްހެން ބުނާކަމަށްވަންޏާމު ކުޑައިރު އެއްވެސް ކަމެއް ނުކޮށް ގޭގައި ހުންނަ ހަނދާން،" ޝައްމޫން ބުންޏެވެ

"އޭރު ސްކޫލަށް ދިޔަޔަސް، ސްކޫލަށް ނުގޮސް އެ ލިބޭ ދެ ދުވަހުގެ ޗުއްޓީއެއްހެން މިހާރު މި ދުވަސްތައް ހީވަނީ. އެ ދުވަސްތަކުގައި މުޅި މަސް ދުވަހު އުޅެން ޖެހިފައިވާހެން ހީވަނީ މިހާރު."

ޝައްމޫން ބުނަނީ މި ހާލަތުގައި އޭނާ ވިސްނައި ފިކުރުކުރާނެ ކަމެއް ނެތަސް ދިރިއުޅުން ދެކޮޅުޖައްސާނެ އާމްދަނީއެއް ކުރިއަށް އޮތް ދެ ތިން މަހަށް ނުލިބުން ވެގެންދާނީ ބޮލުރިހުމަކަށް ކަމަށެވެ.

"އާންމުކޮށް މައްސަލަ ޖެހެނީ އަނބިދަރިންނާ. އެއީ ދޮގެއް. އަސްލު އަހަރެން ހަމަ މިހާރު އެއްވެސް ކަމަކާ ވިސްނާ ފިކުރުކުރާކަށް ނުޖެހޭ. ހަމައެކަނި މައްސަލައަކީ އާމްދަނީއެއް ނުލިބޭނެކަން. ކުއްޔަށް އުޅޭއިރު ކުލި ވެސް ދައްކަން ޖެހޭނެ. އެކަހަލަ ކަންތައް ބޮލުގައި ހުރީ. އަނެއްހެން ކަމެއް ނެތް،" ޝައްމޫން ބުންޏެވެ.

"ބޭންޑްގެ އެންމެންނަކީ ވެސް އާއިލީ ޒިންމާތަކާ އެކު ބޭންޑްގައި މަސައްކަތްކުރަމުން ދިޔަ ކުދިން. މިފަދަ ހާލަތެއް މެދުވެރިވުމަކީ ހުރިހާ އެންމެނަށް ވެސް ހަމަ އޭގެ އަސަރުކުރާނެ ކަމެއްދޯ."

ބޭންޑްގެ އެހެން މެމްބަރުންނާއެކު ޝައްމޫން (ކ). --ފޮޓޯ:އިކްއެޓިކް ވައިބްސް

މި ވަގުތަށް ރަސްމީ ވަޒީފާތައް ހުއްޓުމަކަށް އައިސްފައިވިޔަސް ޝައްމޫން ބުނީ ހާލަތު ރަނގަޅުވިހާ އަވަހަކަށް އަދި ގެސްޓުން ގެނައުމުގެ ހުއްދަ ރިސޯޓުތަކަށް ލިބުނުހާ އަވަހަކަށް އެމީހުންގެ ރަސްމީ ވަޒީފާ އަށް އެނބުރި ދެވޭނެ ކަމުގެ ޔަގީންކަން ރިސޯޓުތަކުން ދީފައިވާ ކަމަށެވެ.

"ރިސޯޓުތަކުން ބުނެފައި ވަނީ ހާލަތު ރަނގަޅުވުމުން އަނެއްކާވެސް އަހަރެމެންނަށް ފުރުސަތު ދޭނެ ކަމަށް. ހުރަވަޅިން ވެސް ޔަގީންކަން ދީފައި އޮތީ. ކުރެއްދޫ އިން ވެސް ބުނެފައި ވަނީ ގެސްޓުން އަލުން ގެނެވެންފެށީމަ އަހަރެމެންނަށް ވެސް ފެށޭނެ ކަމަށް. އެގޮތުން އެންމެ ލަސްވެގެން ވެސް ޖޫންގައި ފެށޭނެ ކަމަށް އަންގާފައި ވަނީ،" ޝައްމޫން ބުންޏެވެ.

ސަރުކާރުން ރިސޯޓު މިއުޒީޝަނުންގެ އަތުގައި ހިފުން ވަރަށް މުހިންމު!

"އަޑުއިވިފަ ވަނީ ސަރުކާރުން ރިސޯޓު މިއުޒީޝަނުންނަށް ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެއޭ. އެގޮތުން އެފަދަ އެހީތެރިކަމެއް ލިބޭނެ ނަމަ އަޅުގަނޑުގެ އަމިއްލަ ހިޔާލަކީ އެންމެން ވެސް ކުއްޔަށް މިގޮތަށް އުޅެން ޖެހޭއިރު، ބިލްސް ދައްކަން ޖެހޭއިރު އެފަދަ ކަންކަމުގައި ސަރުކާރުން ލުއިގޮތްތަކެއް ފަހިިކޮށްދިނުން. އޭރުން ހީވަނީ އެއްވެސް މައްސަލައެއް ދިމާނުވެ ތިން ހަތަރު މަސް މިހެން އުޅެވިދާނެހެން،" މިއީ ހަފުތާގެ ހަ ދުވަހު ރިސޯޓު މިއުޒިކުން އާމްދަނީ ހޯދަމުން ދިޔަ ޝައްމޫންގެ ހިޔާލެވެ.

"ވާގޮތަކީ މި ވަގުތުގެ ގޮތުން މުޅި ބޭންޑްގެ އެންމެން ވެސް މިތިބީ ދެން ވާނެ ގޮތެއް ނޭގިފައި. އަންނަ މަހު ފެށޭނެތޯ ނުވަތަ ނޫންތޯ ނޭނގި ސުވާލެއްގެ ތެރޭގައި. އެކަމަކު މިހެން އުޅޭއިރު އަހަރެމެން މި ދަނީ މި ހާލަތުގައި ބައެއްކަންކަން ފާހަގަކޮށް ނޯޓު ނަގަމުން. އަދި އަހަރެމެންގެ އެ ހުށަހެޅުންތައް ރަސްމީ ފަރާތްތަކާ ވެސް ހިއްސާކުރަން ބޭނުންވަނީ."

އިކްއެޓިކް ވައިބްސްގެ ލީޑް ވޯކަލިސްޓް ޝައްމޫން. --ފޮޓޯ:އިކްއެޓިކް ވައިބްސް

އަލްބަމެއް ހެދޭ ވަރަށް އާ ލަވަ ހެދިއްޖެ!

އެކަހެރިކަމުގައި އުޅެމުން އަންނައިރު ޝައްމޫން ބުނަނީ ކޮންމެ ދުވަހަކީ ވެސް މިއުޒިކާއި އާލާތްތަކާ ގުޅުން ބޮޑު ދުވަހެއް ކަމަށެވެ. އެގޮތުން މިހާރުވެސް އާ އަލްބަމެއް އުފެއްދޭ ވަރަށް ނިއު މެޓީރިއަލްސް އެއްކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މި ދަނީ ހަމަ އާ ލަވަތައް ވެސް ހަދަމުން. މިއީ ދުވަސްކޮޅުގައި ވެސް ހައެއްކަ ލަވަ ހެދިއްޖެ. ލިޔެ މެލޮޑީއާ އެކު ނިމިފަ ހުރީ،" ޝައްމޫން ބުންޏެވެ.

"މި ހާލަތުގައި ލަވަ ހެދިޔަސް މި ހާލަތަށް ހާއްސަ ލަވަތަކެއް ހަދަން ބޭނުމެއް ނުވޭ އަހަރެން. އަހަރެން ބޭނުންވަނީ އެންމެން ވެސް ތަންކޮޅެއް ޕޮޒިޓިވް ވައިބެއްގައި ބައިތިއްބަން އަސްލު. އެންމެން ވެސް ބިރުން އުޅޭއިރު އިތުރު ޕެނިކަކަށް ގެންދާކަށް ބޭނުމެއް ނޫން."

Popular