28 May 2020

By: Ifraz Ali

އަބަދުވެސް ބަހުސްތައް ބޮޑު ސޯޝަލް މީޑިއާގައި ރޭ ވަރުގަދަ ހުޅުގަނޑެއް ރޯވީ މޯލްޑިވިއަން އައިޑޮލް އިން ތައާރަފުވެ، ގިނަ ބަޔަކަށް އެނގުނު ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގެ ސަބަބުންނެވެ. އެ ސްޓޭޓަސްގައި ޒަކިއްޓެ ލިޔެފައި އޮތީ، ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ، އަދިވެސް ދިވެހިންގެ ހިތްތަކުގައި ރަސްކަންކުރާ، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް، އޭނާގެ ކެރިއަރުގައި ކިޔާފައިވާ ގިނަ ލަވަތަކަކީ އެހެން އާޓިސްޓުންގެ ލަވަތަކުން "އިރާލައިގެން" ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ.

ރޯވި ހުޅުގަނޑު ބޮޑުވެ ޒަކިއްޓެ އަންދާލުމުން އޭނާ މިހާރު ވަނީ ގޯހެއް ހެދުނު ކަމަށް ގަބޫލުކޮށް މާފަށް އެދިފަ އެވެ. އެކަމަކު އޭނާ ބުނަނީ މިހާ ވަރު ކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޒަކިއްޓެ އެ މާނަކުރީ އަލީ ރަމީޒްގެ ގިނަ ލަވަތަކަކީ ކޮޕީ ރާގުތަކަށް ވުން ކަމަށް ބެލެވެ އެވެ. ކުރީގެ ގިނަ ދިވެހި ލަވަތައް ހަދާފައި ވަނީ ހިންދީ ރާގުތަކަށެވެ. އަލީ ރަމީޒްގެ ބައެއް ލަވަތައް ވެސް ހިންދީ ރާގުތަކަށާއި އެހެން ބައެއް ރާގުތަކަށް ހަދާފައި އެބަހުއްޓެވެ. އެއީ ކިހާ ޕަސެންޓެއްގެ ކޮޕީ ރާގު ކަމެއް ސީދާ ބުނާކަށް ނޭނގެ އެވެ. އެކަމަކު ޒަކިއްޓެގެ ހިސާބުން ދައްކަނީ އެއީ "80 ޕަސެންޓް" ކަމަށެވެ. އަލީ ރަމީޒް ވިދައިލި ދުވަސްވަރު އެކަން އޮތީ އެހެންނެވެ.

މައްސަލަ އަކީ ހަމަ އަލީ ރަމީޒް ކޮޕީ ރާގު ކިޔުންތަ؟

އަލީ ޒަމީޒާއި ކުރީގެ މަޝްހޫރު އެހެން ގިނަ ލަވަކިޔުންތެރިން ވެސް ގިނައިން ކިޔާފައި ހުރީ ހަމަ ކޮޕީ ރާގުތަކެވެ. އަލީ ރަމީޒް އަކީ އޭނާގެ ކެރިއަރުގައި ހަމައެކަނި ލަވަކިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި އާޓިސްޓެކެވެ. މިއުޒިކް ޕްރޮޑިއުސަރުންގެ އަލްބަމްތަކަށް އޭނާ ލަވަކިޔައީދީ އުޅުނެވެ. އެކަމަކު އޭނާ އަކީ އެއްވެސް ވަރަކަށް މިއުޒިކް އުފެއްދުމުގެ މަސައްކަތްކުރި އާޓިސްޓެއް ނޫނެވެ.

އަލީ ރަމީޒާ އެކު ކުރިން ވަރަށް ގާތްކޮށް މަސައްކަތް ކުރި މީހަކު ނަން ނުޖަހާ ގޮތަކަށް ބުނީ އަލީ ރަމީޒް މަޝްހޫރުވެ، ގިނަ ބައެއް ލޯތްބާއި އިހުތިރާމް ލިބުނީ އޭނާގެ ރީތި އަޑާއި، ހިފެހެއްޓި ރަނގަޅު އަހުލާގުގެ ސަބަބުން ކަމަށެވެ. އޭނާ ދެކޭ ގޮތުގައި މިއަދު ގިނަ އާޓިސްޓުންގެ ކިބައިން ނުފެންނަ އެންމެ މުހިންމު ސިފަ އަކީ ރަނގަޅު އަހުލާގެއް ނެތުމެވެ. ޒަކިއްޓެގެ ސްޓޭޓަސްގެ މައްސަލާގައި ވެސް މި ފެންނަނީ އެކަމެވެ.

ޒަކިއްޓެ އަލީ ރަމީޒާ ބެހޭގޮތުން ޖެހި ސްޓޭޓަސް.

އަމިއްލަ ދާއިރާގައި މަސައްކަތް ކޮށްފައި ތިބި ލެޖެންޑްރީ އާޓިސްޓުނާ ދިމާލަށް ހުތުރު ބަސް ބުނުމަކީ އާޓިސްޓެއްގެ ކެރިއަރުގައި ޖެހޭނެ އެންމެ ބޮޑު ލައްގަނޑު ކަމަށް އޭނާ ބުންޏެވެ.

"އަސްލު ވާ ގޮތަކީ ފޭނުން ވެސް އާޓިސްޓުން ވެސް އަދިވެސް މާ ބޮޑަށް އަލީ ރަމީޒް މަތިން މިސް ވަނީ. ކޮންމެހެން އޭނާ ކޮޕީ ރާގު ކިޔައިގެން މައްސަލައަކަށް ވެގެންނެއް ނޫން މި އުޅެނީ. ހަގީގަތަކީ އަދި މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް އަދި ނެތް އަލީ ރަމީޒާ ގާތްކުރާ ވަރަށް ވެސް ލަވަ ކިޔާލެވޭ އާޓިސްޓެއް އަދި އެހާ ރީތި އަޑެއް ވެސް،" މިއީ އެހެން އާޓިސްޓުނަށް ބުނާ ބަދު ބަހެއް ނޫން ކަމަށާއި އެކަމަކު އިހުތިރާމު ލިބޭނީ އިހުތިރާމު ދީގެން ކަމަށް އޭނާ ބުންޏެވެ.

"އެއީ ކޮޕީ ރާގުތަކަށް ވިޔަސް އަދިވެސް އެހާ ގިނަ މީހުން އަޑުއަހާ އަދި މަޝްހޫރު ދިވެހި ލަވަތަކެއް ނެތް،" ބަޔަކަށް ހަޖަމުކުރަން ދަތިވި ނަމަވެސް، ހަގީގަތަކީ އެއީ ކަމަށް އޭނާ ބުންޏެވެ.

ޒަކިއްޓެ އަށް ހެދުނު ގޯހަކީ ކޮބާ؟

ޒަކިއްޓެގެ ސްޓޭޓަސްގައި އޮތީ މުޅިން ދޮގު ވާހަކައެއް ވެސް ނޫނެވެ. އަލީ ރަމީޒް ގިނައިން ކިޔާފައި ހުރީ ކޮޕީ ރާގުތަކެވެ. އެކަމަކު އެ ސްޓޭޓަސްއާ މެދު ހިތްހަމަނުޖެހި ކޮމެންޓް ކުރި މީހުންނަށް ދިން ޖަވާބުތަކުގައި ޒަކިއްޓެ ހުތުރުކޮށް ވާހަކަދެއްކުން އެއީ އޭނާ އަށް ހެދުނު ބޮޑު ގޯހެކެވެ. އަދި އަލީ ރަމީޒް އަކީ "ޓީވީއެމުން އުފެއްދި ޕަޕެޓެއް" ކަމަށް ބުނާއިރު، މިއަދު ޒަކިއްޓެ އަށް ލިބިފައިވާ މަޝްހޫރު ކަމަކީ ވެސް ހަމަ އެ ޓީވީއެމުން ގެނެސްދިން "މޯލްޑިވިއަން އައިޑޮލް" އިން ތައާރަފުވެ، އޭނާ ލިބުނު ނަމެއްކަން ދަންނަން ވާނެ އެވެ.

ހަސަން އިރުފާން (ޒަކިއްޓެ): އޭނާ ވިދާލީ މޯލްޑިވިއަން އައިޑޮލް އިން.

ޒަކިއްޓެ އަކީ ލަވަކިޔުންތެރިއަކަށްވެ ހުރެ، މި ކަހަލަ ވަރުގަދަ ސްޓޭޓަސްއެއް ޖަހާއިރު، އަދި އެހާ ބޮޑު ފޭން ބޭސްއެއް އޮތް އާޓިސްޓަކާ ވިއްދާ އެއްޗެއް ލިޔާއިރު، ވަރަށް ގިނަ ބައެއް ފާޑުކިޔުންތައް އަންނާނެކަން އަމިއްލަ އަށް ވެސް އެނގެން ވާނޭ ކަމަށް މީހުން ބުނެ އެވެ. އަދި އެ ފާޑުކިޔުންތައް ބަލައިގަނެ ޖަވާބު ވެސް ދޭންޖެހޭނެ އެވެ. އެކަމަކު ޖަވާބުގައި އަލީ ރަމީޒަށް ކުޑައިމީސްކޮށް ވާހަކަދެއްކުން ގިނަ ބަޔަކަށް ބަލައެއް ނުގަނެވުނެވެ.

"މިއީ އެހެން އާޓިސްޓަކު ހޯދާފައިވާ ކާމިޔާބީއާ މެދު ހަސަދަވެރިވުން. ކުރިއަށް ދެވޭނީ އެހެން އާޓިސްޓުންގެ މަސައްކަތްތަކަށް ވެސް އިހުތިރާމްކޮށްގެން،" ޒަކިއްޓެ މިހާރު ޑިލީޓްކޮށްފައިވާ މި ސްޓޭޓަސް އަށް މީހަކު ކުރި ކޮމެންޓްގައި ލިޔެފައި އޮތެވެ.

ކަންތައް މާބޮޑުކޮށްލީ!

ރޯވި ގަދަ ހުޅުގަނޑުގައި ޒަކިއްޓެ ރަނގަޅަށް ވެސް އަންދާލައިފި އެވެ. މި ސްޓޭޓަސް އަށް ލިބުނު ފުރަތަމަ ދިހަ ވަރަކަށް ކޮމެންޓުގައި ވަރަށް ބިނާކުރަނިވިކޮށް މީހުން ފާޑުކިޔާފައި ހުއްޓެވެ. އެކަމަކު އޭގެ ފަހުން ގިނަ މީހުން ހުރީ މުޅިން ވެސް އިހުތިރާމް ކުޑަވާ ގޮތަށް ޒަކިއްޓެއަށް އެއްޗެހި ލިޔެ، ޒާތީ ބަހުގެ ހަމަލާތައް ދީފަ އެވެ. އެހިސާބުން ކަންތައްގަނޑު ވަރަށް ގޯސްވި އެވެ. އަދި ޒަކިއްޓެ އޭނާގެ ދިފާއުގައި އެއްޗެހި ބުނަން ފެށި އެވެ. ހަމައިން ވެސް ނެއްޓުނީ އެވެ.

ޒަކިއްޓެ ޝޯއެއްގައި ޕާފޯމްކުރަނީ. -- ފޮޓޯ: ވިޝާހް ޒަރީރް

ޒަކިއްޓެ އާންމުކުރި ޕޯސްޓެއްގައި ބުނީ އާންމުން އޭނާ އަށް ފުރައްސާރަކޮށް، އޭނާ އާއި އޭނާގެ އާއިލާ އަދި ރަށްޓެހިންނަށް އަނިޔާކުރާނެ ކަމަށް ވެސް އިންޒާރުދޭ ކަމަށެވެ. އަދި މަރުގެ އިންޒާރުތައް ވެސް ދޭ އަންނަ ކަމަށް ބުންޏެވެ. އަދި އޭނާ އާއި އޭނާ ލޯބިވާ މީހުންނާ ގުޅުވައި ސޯޝަލް މީޑިއާގައި ވަރަށް ހުތުރު މީމްތަކާއި ޖޯކުތައް ހަދާ ފުރައްސާރަ ކުރަމުންދާކަން ފާހަގަކުރި އެވެ. މި ކަންތައްގަނޑު ބޮޑުވެ، ރޭ އެންމެފަހުން ޒަކިއްޓެ އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓް ވެސް ކުރި އެވެ.

ޒަކިއްޓެ އަށް ގޯހެއް ހެދުނުކަން އޭނާ ގަބޫލުކޮށްފި އެވެ. އެކަމަކު އޭނާ އަށް މިވަރު ކޮށްލަންޖެހޭ ކަމަށް ގަބޫލެއް ނުކުރެ އެވެ.

އޭނާ ފާޅުކުރީ އޭނާ ހިޔާލެވެ. އިންޒާރުތައް ދޭންޖެހޭ ވަރުގެ ގެއްލުމެއް އޭނާ މީހަކަށް ނުދެ އެވެ.

މާފަށް އެދެފި، ދެން ހުއްޓާލާ!

ރޭ ދެއްކުނު ވާހަކަތަކަށް މާފަށް އެދި ޒަކިއްޓެ ވަނީ މިއަދު އޭނާގެ ފްރައިވެޓް ފޭސްބުކް އެކައުންޓްގައި ސްޓޭޓަސްއެއް ޖަހައިފަ އެވެ. މީހުންނާ ދިމާލަށް ކިޔުނު އެއްޗެއްސަށް އޭނާ މާފަށް އެދޭ ކަމަށާއި އެހެން ނަމަވެސް އޭނާ ޖެހި ސްޓޭޓަސްގައި އޮތީ -- އަލީ ރަމީޒްގެ ގިނަ ލަވަތަކަކީ ކޮޕީއެއް ކަމަށް -- ދޮގު ވާހަކައެއް ކަމަށް އަދިވެސް އޭނާ ގަބޫލުނުކުރާ ކަމަށް ބުނެފައިވެ އެވެ.

ޒަކިއްޓެ މައާފަށް އެދި ޖެހި ސްޓޭޓަސް.

"އެ ސްޓޭޓަސް އަށް ފަހު އަހަރެން ދެއްކި ބައެއް ވާހަކަތައް އެހާ ރަނގަޅެއް ނޫން. އެއްބަސްވަން ވަރަށް އިހުތިރާމް ކުޑަކުރެވުނު ކަމަށް. އެކަމަކު އެއީ އަހަރެން ވެސް ގަސްތުގައި ކުރި ކަމެއް ނޫން،" ކެރިއަރާ ގުޅޭ ކަންކަމުގައި އަބަދު ވެސް އަމިއްލަ މީހާ ވަރަށް ބޮޑަށް ދިފާއުކުރާ ކަމަށާއި އެއީ އޭނާ އަށް މިހާ ހިސާބަށް އާދެވުނީ އަމިއްލައަށް ކުރި ވަރަށް ބުރަ މަސައްކަތުން ވީމަ ކަމަށް ޒަކިއްޓެ ބުނެފައިވެ އެވެ.

"އަމިއްލަ ނަފުސާއި އެހެން މީހަކާ އަޅާކިޔުން އެއީ އަހަންނަށް ހެދުނު ގޯހެއް، އެ ގޯސް ދެން ތަކުރާރެއް ނުކުރާނަން،" ކުރިއަށް އޮތް ތަނުގައި ރަނގަޅަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެމުން އޭނާ ބުނެފައިވެ އެވެ.

ޒަކިއްޓެ މާފަށް އެދުނު މި ސްޓޭޓަސް އަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ބަހުގެ ހަމަލާތައް ދީފަ އެވެ. އެކަމަކު އޭނާ މާފަށް އެދުމުން އެކަން ބަލައިގަތް މީހުން ވެސް މަދެއް ނޫނެވެ. އަދި އޭނާ މާފަށް އެދިފައި ވާތީ، އެކަކު އަނެކަކަށް އެއްޗެހި ނުގޮވައި، މި ބަހުސް މިހާ ހިސާބުން ހުއްޓާލުމަށް ވެސް ވަރަށް ގިނަ މީހުން ވަނީ ބުނެފަ އެވެ.

Popular