2 Jul 2020

By: Ifraz Ali

މީގެ ހަތަރު އަހަރު ކުރިން، ފިލްމީ ތަރި ޖުމައްޔިލް ނިމާލް، އޭނާގެ ދެބެއިންގެ ދެދަރި އަންހެން ކޮއްކޮއަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާ އަށް ތިލަކޮށް، ކަން ހިނގި ކަމަށް ބުނާ ގޮތް އެ އަންހެން މީހާގެ ދުލުން މިއަދު ބަންޑުންކޮށްލައިފި އެވެ.

ޖުމައްޔިލަށް ތުހުމަތުކުރާ މި ސީރިއަސް މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތްކަން އެ އޮފީހުން "މިހާރު" ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީޖީ އޮފީހުން ބުނީ ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމާފައި ކަމަށެވެ. އެކަމަކު އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ޖުމައްޔިލްގެ މައްޗަށް އުފުލި ކަމަށާއި އެކަމަކު ދައުވާ ފޯމުތަކުގެ މައްސަލައެއް އުޅޭ ކަމަށް ބުނެ ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އެ މައްސަލަ އޮތީ އިސްތިއުނާފު ނުކޮށް ކަމަށް ޕީޖީން ބުންޏެވެ.

މި ވާހަކަ މި އައީ ރާއްޖޭގައި އުޅޭ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެ މިފަދަ އަނިޔާތަކުގެ ވާހަކަ ފާޅުގައި ދެއްކުމުގެ ތެރެއިންނެވެ.

ޖުމައްޔިލަށް ތުހުމަތުކޮށް އަންހެން މީހާ ކުރި ދިގު ތަފުސީލީ ޓުވީޓްތަކާ ގުޅިގެން ޕީޖީ ހުސެން ޝަމީމް ކުރެއްވި ރިޕްލައި ޓްވީޓެއްގައި، އެ މައްސަލަ އަށް ވެފައި އޮތް ގޮތް ބައްލަވައި އޭގެ ތަފުސީލު އޮޅުންފިލުއްވައި އެއްވެސް އެހީތެރިކަމެއް ވެދެވެން އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވި އިރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.

މި ތުހުމަތުތަކާ ގުޅިގެން ޖުމައްޔިލްގެ ބަހެއް ހޯދަން "ދޯ" އިން ގުޅުމުން ޖުމައްޔިލް ބުނީ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

މައްސަލައާ ގުޅޭ ގޮތުން ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓް

އަންހެން މީހާގެ ޓްވީޓްތަކުގައި އޭނާ ބުނެފައި ވަނީ އެކަން ހިނގާފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރު ކަމަށާއި މިކަން ހިނގިތާ ހަތަރު އަހަރުވެފައި ވިޔަސް އިންސާފެއް ނުލިބި އަދިވެސް އެ އަނިޔާވެރި ހަނދާންތަކުގެ އުނދަގޫވާ ކަމަށް ބުނެފައިވެ އެވެ.

ޖުމައްޔިލްގެ ނަން ހާމަކުރަމުން، ބުނެފައިވަނީ އޭނާގެ ސަބަބުން ދިރިއުޅުން ބަރުބާދުވެފައިވާ ކަމަށެވެ.

"މިކަންތައް ވެގެންދިޔަ ފަހުން، [ޖުމައްޔިލަށް] އަހަންނަށް މެސެޖުކުރަން ވެސް ކެރުންކަން. އަދި އެވެސް ދެ ފަހަރެއްގެ މަތިން. ޖަވާބެއް ނުދިން ނަމަވެސް، އަހަންނަށް މެސެޖުކޮށްފައި އެ ރޭ އަހަންނަށް ކުރެވުނީ ކޮން ކަހަލަ އިހުސާސެއްތޯ އެހި. އެނގޭތަ އަހަންނަށް އެ ރޭ ކުރެވުނު އިހުސާސް؟ އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއް،" އަންހެން މީހާ ލިޔެފައިވެ އެވެ.

އަންހެން ކުއްޖާ ކުރި ތަފުސީލީ ޓުވީޓް.

އޭނާ ބުނެފައިވަނީ އަނިޔާތަކުގެ ސަބަބުން ޑިޕްރެޝަނަށް ގޮސް، ތެރަޕީ އާއި ކައުންސެލިން ހޯދަން ޖެހުނު ކަމަށެވެ. އެކަމަކު އެއްވެސް ކަމެއް ނުވާ ކަމަށް ހެދިގެން، އޭނާގެ ރައްޓެހިންނާއި އާއިލާގެ މެމްބަރުންގެ ގާތުގައި ޖުމައްޔިލް ދޮގު ހަދާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

އޭނާ ތުހުމަތުކުރަނީ ނުފޫޒުގެ ބޭނުންކޮށްގެން މި މައްސަލަ ހުއްޓުވާފައި އޮތް ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ފޮރުވާފައި ބޭއްވިޔަ ނުދޭނެ ކަމަށާއި އިންސާފު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ވިކްޓިމްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޖިންސީ އަނިޔާ ރޭޕް

Popular