17 Sep 2020

By: Ahmed Nadym

މި ލޯބި ލޯބި ކަޕްލްގެ ވާހަކަ "ދޯ" އޮންލައިން ގައި ވާނީ ކުރިން ވެސް ގެނެސްދީފައެވެ. މި އާޓިކަލް ކިޔަމުން ތިރިއަށް ދާއިރު އެ އިންޓަވިއުއެއް ފެންނަވަރު ކޮށްދޭ ނަމެވެ. އެކަމަކު މިފަހަރު މި އޮތީ މި ޖޯޑެއްގެ މުޅިން އެހެން "އެޑްވެންޗާ" އެކެވެ. ތިރީހަކަށް އަހަރުވީ ހަޔާތުގެ ފޮށިތަންމަތި ބަނދެގެން މާލޭގެ ކޮންކްޓްރީޓް ޖަންގަލި ދޫކޮށް "ކޮންކްރީޓް ހަނދާންތައް" ހިފައިގެން އެމީހުން ރަށަށް ބަދަލުވީ އެވެ. އަލަތު ދަރިފުޅާއި މަންމަ އާއި ބައްޕަ ވެސް ގޮވައިގެންނެވެ. -- މި ވާހަކަ ހާއްސަވެފައި މުހިންމު ވަނީ ކޮންމެހެން މި ދެ މީހުން އެކަން ކުރީމައެއް ނޫނެވެ. ކޮވިޑްގެ ބަލިމަޑުކަމާއި މުސީބާތުގެ މި ހާލަތުގައި މިއީ ހަމަ ކޮންމެ އާއިލާއަކަށް ވެސް ވަރަށް އިންސްޕަޔަރިން ވާހަކައަކަށްވާތީ އެވެ. މާލޭގެ ކުއްޔާއި ކޮންކިރީޓުގެ މި ހޫނާއި ކޯވިޑްގެ ބިރުވެރިކަމުން ސަލާމަތްވާން ބޭނުންވެފައި ތިބި ހަމަ އެންމެންގެ އިހުސާސާއި ވާހަކަ އަށް މި ވާހަކަ ވާތީ އެވެ.

"އަހަރެމެން ދެ މީހުންނަކީ އަބަދުވެސް ތަންތަނަށް ޓްރެވަލްކޮށް ރަށްރަށަށް ދަތުރު ދާން ބޭނުންވާ ދެ މީހުން. އާންމުކޮށް އެ ތަނެއް ނުވަތަ ރަށެއްގެ ހިތްފަސޭހަކަން އެނގެނީ އެގޮތަށް ގޮސް އެ ރަށެއްގައި އުޅެލެވުނީމަ. އެގޮތަށް ދެވޭ ފަހަރުތަކުގައި ހިތަށް އަރާ އަދި ބުނެލެވޭ ރަށެއްގައި އުޅެލަން ލިބޭނެ ނަމަ މާލޭގައި ނުވެސް ތިބޭނަމޭ،" ކޯވިޑްގެ ހާލަތުގައި ތާށިވެ މާލޭގެ ދިރިއުޅުމުގައި ކަރަށް ފިތި، ނޭވާލާން އުނދަގުވުން އެންމެފަހުން އައްޑު އަށް ފުރައިގެން ގޮސް ހިތަދޫގައި މިހާރު ދިރިއުޅެމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނާން މުހައްމަދާއި އޭނާގެ ފިރިމީހާ ފިރިމީހާ ރިލުވާން ލަތީފު (ރިލޭ) އެމީހުންގެ އާ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭން ފެށީ ކުރީގެ ހަނދާންތަކާއި ކުރަން ބޭނުންވި ކަންކަމުންނެވެ.

މާލެ އިން ރަށަށް ގޮސް ކަރަންޓީނުގައި ހޭދަކުރި ދުވަސްތަކުގައި ރިލޭ ގޯތި ތެރޭގައި ގަސްތަކެއް ބަލަހައްޓަނީ.

ނަމަވެސް ދެ މީހުންގެ އެ ހުވަފެން އޮތީ ކޮވިޑާ ހަމަ އަށް ވެސް ހަގީގަތަކަށް ނުވެއެވެ. މާލޭގެ މި ހަރުކަށި ދިރިއުޅުމަށް އަޅުދާސްތުވެފައި ތިބެވުނީ އެވެ. އެހެން ތިއްބައި ދަރިއަކު ލިބި ބޮޑުވާން ވެސް ފެށީ އެވެ. އަދި އެންމެފަހުން ކޯވިޑްގެ މުސީބާތެއް ލައިގަތީ އެވެ.

ހަނާން އާއި ރިލޭ ބުނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅުމުގެ ވިސްނުން އެންމެ ކުރިއަށް ނެރެން މަޖުބޫރުކުރުވި ހާލަތަކީ ކޯވިޑާއެކު ދެ މީހުންގެ ހަޔާތަށް ބިންދާލި ރާޅެވެ. ލިބޭހާ ރުފިޔާއެއް ކުއްޔާ ބިލަށް ހޭދަކޮށްގެން ދަރިފުޅާ އެކު ކޮންކްރީޓް ބްލޮކެއްގެ ތެރޭގައި އުޅެމުން ދަނިކޮށް ބޮލަށް ވެއްދި ހިޔާލާއި މާޔޫސްކަމެވެ.

"މި ނިންމުން ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ދަރިފުޅު. މާލޭގައި ގެއިން ނުނިކުމެ ދަރިފުޅު ގޮވައިގެން އަބަދު އުޅެން ޖެހުމުން އޭނަ އަށް ވެސް އަންނަން ފެށި ބަދަލުތަކާ ހެދި ބަދަލުވާން ނިންމީ. ނަފުސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް އޭނާގެ ކިބައިން ފެންނަން ފެށީ،" އައްޑޫގައި ތިބެ ފޯނުން މެދުވެރިކޮށް ކިޔައިދެމުން ހަނާން އާއި ރިލޭ ބުންޏެވެ.

"ރަށަށް ބަދަލުވުމާ އެކު ދަރިފުޅުގެ ކިބައިން އަލުން އުފާވެރިކަން ފެނިއްޖެ. އޭނަގެ ގްރޯތަށް ކުއްލިއަކަށް ރަނގަޅު ބަދަލެއް އައިކަން އިހުސާސުކުރެވޭ މިހާރު ވެސް،" ހަނާން ބުންޏެވެ.

ހަނާން އޭނާގެ ބައްޕަގެ ގޯތީގެ ބޭރުގައި ޖައްސާލައިގެން: ހަނާން އާއި ރިލޭ މާލެ ދޫކޮށް ރަށަށް ބަދަލުވީ ކޯވިޑްގެ ހާލަތާއެކު ކުރިމަތިވި ހީނަރުކަމުން ސަލާމަތްވުމަށް. ދެ މީހުން ވެސް މިހާރު ބުނަނީ ރަށުގެ ދިރިއުޅުން މާ ސަޅި ކަމަށް.

ރިލޭ ބުނީ ކޮވިޑްގެ މި މާޔޫސްކަންމަތީ މާލޭގައި ތިބި ނަމަ މިހާރު ތިބޭނީ އެއްކޮށް އިނދަޖެހިފައި ކަމަށެވެ. ޒުވާން މި ދެމަފިރިންނަކީ ހަނާންގެ އާއިލާގެ ވިޔަފާރިއެއްގެ ބެލެހެއްޓުމުގެ އިތުރުން އަމިއްލަ ކުދިވިޔަފާރިތަކެއް ވެސް ކުރަމުން ގެންދިޔަ ދެ މީހުންނެވެ. ނަމަވެސް އެ ވިޔަފާރިތައް ވެސް ހިންގި ތަންތަން ދޫކޮށް މިހާރު ވަނީ ހާލަތަށް ކަތާ ވަރުގެ ޖާގަތަކާއި ޖީބަށް ކުޅަދާނަވާ ވަރުގެ ސެޓަޕްތަކަށް ބަދަލުކޮށްފައެވެ.

އެއަށް ފަހު ހަނާންގެ އުފަން ރަށް، ސ. ހިތަދޫގައި ދިރިއުޅެމުން އަންނައިރު ދެ މީހުން ވެސް ބުނަނީ އެމީހުންނަށް މިފަދަ ފިޔަވަޅެއް ނެގުނުކަމީ ބޮޑު ނަސީބެކޭވެ.

"ރަށަށް ބަދަލުވި ވާހަކަ އެނގުނީމަ އެންމެން ވެސް ސުވާލުކުރަނީ ކިނެތް ހެއްޔޭ ދެން ލާރި ހޯދާނީ؟ މަސައްކަތް ކުރާނީ؟ ބަލިވެއްޖެ ނަމަ ކިހިނެތްހޭ ހަދާނީ؟ ސެލޫނެއް ކޮބައި ހެއްޔޭ؟ ފިހާރަކުރާނީ ކޮންތާކުން ހެއްޔޭ؟ މިކަހަލަ ސުވާލުތައް،" ހަނާން ބުންޏެވެ.

"ފުރަތަމަ އަހަރެމެން ވެސް ހީކުރީ، ވަރަށް އުނދަގޫވާނެ ކަމަށް. އެކަމަކު މިކޮޅަށް އައިސް ތަންތަނަށް ވަދެ ބަލައިލީމަ މި އެނގެނީ މާލެ އިން ނުލިބޭ އެއްޗެހި ވެސް ބައެއް ފަހަރު އެބަ ލިބޭ މިތަނުން. ހޯދައި ބަލާ މީހަކަށް ވަރަށް ބައިވަރު ފުރުސަތު އެބަހުރި މިތަނުގައި،" ވަރަށް ބޮޑު އެކްސައިޓްމަންޓަކާ އެކުގައި ކިޔައިދެމުން ދެ މީހުން ބުންޏެވެ.

ރިލޭ ބުނީ މާލެ ދޫކޮށް ދެވުމުން ހީވީ ބޮލުން ބޮޑު ބަރެއް ވެއްޓުނުހެން ކަމަށެވެ.

"ބޮޑު ނަސީބެއް މިއީ. ހީވީ ބޮލުން ބޮޑު ބަރެއް ވެއްޓުނުހެން،" ރިލޭ ބުންޏެވެ.

ދަރިފުޅު ގޮވައިގެން ހަ މަސް ވަންދެން މާލޭގެ އެޕާޓްމަންޓެއްގައި ބަންދުވެގެން ތިބުމަށް ފަހު ރަށެއްގެ ހިތްފަސޭހަ މާހައުލަކަށް ދެވުމުން ދެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް އެކްސައިޓްވެފައެވެ. ކޯވިޑްގެ ކަންތައްގަނޑު ނިމުނަސް އެނބުރި މާލެ އައުމުގެ ހިޔާލެއް ބޮލަށް ނުވެސް ވަންނަ ވަރަށެވެ.

ހަނާން އާއި ރިލޭގެ ދަރިފުޅު ބަގީޗާއެއްގެ ތެރޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރަނީ: ކޮންކްރީޓް ޖަންގަލިން ނުކުމެވުމުގެ ބަދަލު ވަރަށް ބޮޑަށް ފެންނަ ކަމަށް ރިލޭ އާއި ހަނާން ބުނޭ.

"އެންމެނަށް މި ޕްރިވިލެޖަސް އާއި ފެމިލީގެ ބެކިން ނުލިބިދާނެ. އެކަމަކު ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ހަމަ ކޮންމެ ވެސް ކޮޅެއްގައި ގޮސް ޖެހޭނެ. ރަށުގައި އަމިއްލަ ގެ ނެތަސް، މާލެ އަށް ވުރެ ހެޔޮއަގުގައި ކުއްޔަށް ހިފައިގެން ވެސް ހިތްހަމަޖެހިގެން މާ އުފަލުގައި އުޅެވޭނެ ތަންތަން އެބަހުރި ރަށްރަށުގައި،" ރިލޭ އާއި ހަނާން ބުނެލިއެވެ.

Popular