20 Sep 2020

"ހަމަ ކޮންމެ ދުވަހަކު ވެސް ތިން ހަތަރު ފަހަރު ބޮވޭ. އަބަދުވެސް ބޮވިބޮވި ހުންނަނީ. ނޯމަލްކޮށް މީހާ ނުހުރޭ ހަމަ އެންމެ ވަގުތަކު ވެސް. އަދި ލިބޭ ގޮތް ވެސް އެހާ ފަސޭހައީ."

ފަހަރެއްގައި މިއީ ލޯބީގެ އަސަރުގަދަ ވާހަކަ އެކެވެ. ނުވަތަ މަސްތުވާތަކެތީގެ ވަކިން ހަޔާތް ޝިކާރަވެ ބަރުބާދުވި އަންހެނެއްގެ ވާހަކަ އެވެ. ނުވަތަ ބުނަންވީ، 13 އަހަރު ވަންދެން "ހަކުރު" ބުއި އަންހެނެއްގެ ވާހަކައޭ ހެއްޔެވެ؟

ކޮންމެ ގޮތަކަށް، ކޮންމެ ދިމާލަކުން މި ވާހަކަ ފެށިޔަސް، މިއީ އަހަރެމެންގެ މި މުޖުތަމައުގެ ހާލަތު ބަޔާންކޮށްދޭ ސާފު ތަސްވީރެކެވެ.

މަރިޔަމް (އަސްލު ނަމެއް ނޫން) އަށް މިހާރު 35 އަހަރެވެ. އޭނާ އަކީ 13 އަހަރުގެ ފިރިހެން ކުއްޖަކާއި ކުޑަ އަންހެން ކުއްޖެއްގެ މަންމައެކެވެ. ފުރާވަރުގެ ދުވަސްތަކުން މަސްތުވާތަކެތީގެ ތެރެއަށް ވަން މި އަންހެން މީހާ އެކަމުން ސަލާމަތްވުމަށް ފަށާފައިވާ ދަތުރު އަދިވެސް ފުރިހަމައެއް ނުވެ އެވެ. ހެރޮއިން އެޑިކްޝަނުން އަރައިގަތުމަށް މިހާރު އޭނާ ނަގަނީ މެތަޑޯނެވެ.

ސާފުކޮށް ހުންނަތާ މިހާރު ތިން އަހަރުވީ އެވެ. މިއީ އޭނާގެ ވާހަކަ އެވެ.

ބޭނުންވީ ނައިސްވާން! އެކަމަކު ނައިސްވުމަކީ ކޮބައި ކަމެއް އޭރަކު ނޭނގޭ!

"ހަކުރު ބޯ އަންހެން ކުއްޖެއްކަން އެނގިއްޖެއްޔާ މި އުޅޭ ފިރިހެނުންތައް ވަރަށް ގިނައިން ގުޅާނެ. ގުޅާފަ ބުނާނެ ލާރި ދޭނަމޭ އަހަރެން ބުނާ ކަމެއް ކޮށްލަދިނީމަ. ނޫނިއްޔާމު އަހަރެން ކައިރިއަށް އައީމަ ހަކުރު ދޭނަމޭ،" މަރިޔަމްގެ ވާހަކަ ފެށި އެވެ.

"އެފަދަ ފިރިހެނުންގެ ވާހަކަތަކުގައި ޖެހިގެން ވަރަށް ގިނަ އަންހެން ކުދިންނަށް ލަނޑު ލިބޭ. ނަހަލާލަށް ބަލިވެ އިނދެ ދަރިން ވެސް ވިހަން ޖެހޭ. އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް، ލަނޑެއް އަހަންނަށް ނުލިބޭ."

އެހެންވީމަ، މަރިޔަމް އަށް ކެހި ލިބުނީ އެކުގައި އުޅުނު ގާތް އެކުވެރިންނާއި ލޯބިވެރިއެއްގެ ގޮތުގައި އޭނާގެ ހަޔާތަށް ވަން ޒުވާނެއްގެ ސަބަބުން ހެއްޔެވެ؟

އަމީނިއްޔާ ސްކޫލްގެ ގްރޭޑް އަށެއްގައި ރިޕީޓްވެގެން އޭނާ ސްކޫލުން ކަނޑާލީ 1997 ގަ އެވެ. އޭރު އޭނާ އަށް 17 ނުވަތަ 18 އަހަރެވެ. ރަނގަޅު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވުނު މަރިޔަމްގެ ތައުލީމީ ހަޔާތް ހަލާކުކޮށްލީ ދުންފަތް އެކުވެރިޔަކަށް ހެދި ހިސާބުންނެވެ. އޭރު އުޅެނީ ގްރޭޑް ހަތެއްގަ އެވެ.

ބެސްޓް ފްރެންޑްގެ ހެދުމުގައި ހުރި އެކުވެރިޔާއާ އެކު ރޯކޮށްލި ސިނގިރެޓާ އެކު ތައުލީމީ ހަޔާތް އަނދައިގެން ދިޔައީ އެވެ. ސްކޫލް ކަޓުވާލައިގެން ގޮސް އެހެން މައިދާންތަނުގައި ހޯދި އުފާތަކާ އެކު ސްކޫލަށް ފޫހިވި އެވެ.

"ފެގް (ސިނގިރޭޓް) ބުއި ފުރަތަމަ ދުވަހު ވަރަށް ބިރުގަތް. ކޮށި އަރައިގެން ގޮސް އަވަހަށް ފެގް އެއްލާލާފައި ގޮސް ދަތް ވެސް އުނގުޅިން. އެއީ މަންމަމެންނަށް ވަސް ދުވާފާނެ ކަމަށް ބިރުން،" މައުސޫމްކަން ގެއްލިގެން ދިޔަ ސަފުހާތައް އުކަމުން މަރިޔަމް ދިޔަ އެވެ.

"އެހެން އުޅެނިކޮށް ފެގް ބޯކަން އެނގުނީ މަންމަ އަށް. އެހިސާބުން ނިންމިން ސިނގިރޭޓް ނުބޯން ވެސް. އެކަމަކު ވެސް، ހަމަ އެކުގައި އުޅޭ ކުދިންނާ ޖެހުނީމަ ސިނގިރޭޓް ވެސް ބޮވެނީ. ހުއްޓޭ ގޮތެއް ނުވީ."

"ދެން އެހެން އުޅެނިކޮށް ހަކުރަށް ދިޔައީ. މަސްތުވާ އެއްޗަކަށް އެންމެ ފުރަތަމަ ވެސް ބޭނުންކުރީ ހަކުރު."

މަސްތުގެ ދުނިޔެއަށް އޭނާ ތައާރަފްކޮށްދިނީ ފުރާވަރުގެ ބެސްޓް ފްރެންޑްގެ ގޮތުގައި އަބަދު އެކުގައި އުޅުނު އެހެން އަންހެން ކުއްޖެކެވެ. ދެ މީހުންނަށް ވެސް އޭރު 17 އަހަރެވެ.

"އެންމެ ފުރަތަމަ ނޭނގޭ އެއީ ކިހިނެތްވާ އެއްޗެއް ކަމެއް ވެސް އަސްލު. ބައްޔެއްވާ އެއްޗެއް ކަމެއްވެސް. ނައިސްކޮށްލާ އެއްޗެއް ކަމެއްވެސް. އެއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ،" މަރިޔަމް ބުންޏެވެ.

މަސްތުގެ ޝޮޓަކާ އެކު އޭނާގެ ހަޔާތަށް ދެން ބިންދާލި ރާޅު އެރީ 19 އަހަރުގައި ކުރި އަލަތު ކައިވެނީގެ ތެރެއިންނެވެ. އޭނާ އަށް ކައިވެނިކުރެވުނީ މަސްތުގެ ދުނިޔެއަށް ގޮސް ހަލާކުވެފައި ހުރި ޒުވާނަކާ އެވެ.

އިނދެގެން، ކައި، ބޮއެ، މަސްތުވީ!

ނަމަވެސް ދެ މީހުން ވެސް ކައިވެނީގެ ގޮށް ޖެހީ، މަސްތުވާތަކެތި ދޫކޮށް އުފާވެރި ހަޔާތަކަށް މަރުހަބާ ކިޔުމަށް ވައުދުވެގެންނެވެ. ހުރިހާ ކަމެއް ހަރާބުވީ ކައިވެންޏަށް މަސް ދުވަސް ފަހުން އޭނާގެ ފިރިމީހާ އަނެއްކާވެސް މަސްތުގެ އަނދިރިކަމުގެ ތެރެއަށް ދަމައިގަތުމުންނެވެ.

އެންމެ ފުރަތަމަ އޭނާ ބުއީ މަރިޔަމް އަށް ވަގަށެވެ. ނަމަވެސް ގެއަށް ނައިސް މާ ލަސްވާން ފެށުމުންނާއި ފާޚާނާގައި މާ ގިނައިރުވާން ފެށުމުން ފިރިމީހާ އަލުން އަނދިރިކަމުގެ ތެރެއަށް ވެއްޓިއްޖެކަން މަރިޔަމް އަށް ޔަގީންވި އެވެ.

"ދެން އޭނާ ބުނެފި އޭނާ އަށް އަނެއްކާވެސް ބޮވެން ފަށައިފިޔޭ. ދެން އަހަރެން ބުނިން އެހެންވިއްޔާ އަހަންނަށް ވެސް ދޭށޭ. އަހަރެން ވެސް ވަރަށް ބޯ ހިތްވެޔޭ. ފެގް ވެސް ވަރަށް ބޯ ހިއްވެޔޭ. ހުއްޓާލީ އޭނަ ބުނީމައޭ. އެކަމަކު މިހާރު އަހަރެން ވެސް ބޭނުމޭ، އަހަންނަށް ވެސް ދޭށޭ.،" މަރިޔަމް ކިޔައިދިނެވެ.

އޭނާ ބުނީ އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް އެނބުރު ދުވަހަކީ އެއީ ކަމަށާއި އެ އަނދިރިކަމަށް އޭނާ ގަންބާލީ ފިރިމީހާ ކަމަށެވެ.

"އަހަރެން އެހެން ބުނީމަ، އޭނަ އަހަންނަށް ދިނީ،" އަޑުގައިވީ ކުރަކިކަމާ އެކު މަރިޔަމްގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަހަރެން ހިތަށް އަރަނީ، އެ ދުވަހު އޭނަ މަށަށް ނުދިންނަމައޭ އޭތި، ބުނި ނަމައޭ، މިއީ ވަރަށް ބަލިވާ އެއްޗެކޭ. ބަލިކޮށްލާނެ އެއްޗެކޭ. ބޯން ފަށައިފި ނަމަ އެއިން ސަލާމަތް ނުވެވޭ އެއްޗެކޭ. އެކަހަލަ އެއްޗިހި ވަރަށް ގިނައިން ހިތަށް އަރާ މިހާރު. އަސްލު އޭނަ އަކީ އަހަރެން ދެކެ ލޯބިވާ މީހެއް ނަމަ މަށަކަށް އެ ދުވަހު އެ އެއްޗެއް ނުދޭނެޔޭ ހިތަށް އަރަނީ މިހާރު."

ފިރިމީހާއާ އެކު މަރިޔަމްގެ ހަޔާތް ވަށާލި އަނދިރި ކަމަކީ މަސްތުވާތަކެއްޗާ އެކު އޭނާގެ ހަޔާތަށް އައި އެންމެ އަނދިރި ދުވަސްތަކެވެ. ދެ މީހުން އެކުގައި އަށް އަހަރު ވަންދެން އެއް ކޮޓަރިއެއްގައި ލޯބިކޮށް، ހަކުރު ބުއީ އެވެ. މަސްތުވާތަކެތި އޭނާ އަށް ގެނެސްދެނީ ފިރިމީހާ އެވެ. މަރިޔަމް ބުނީ، އެހެން އަންހެން ކުދިން ފަދައިން ފިރިހެނުން ގާތަށް "ސަލާން ޖަހަން" ދާ މީހަކަށް އޭނާ ބަދަލުނުވީ ފިރިމީހާގެ ސަބަބުން ކަމަށެވެ.

ދެ މީހުން އެކުގައި މަސްތުގެ އަނދިރީގައި ތިއްބައި "ބަސްޓްވީ" ރޯދަ މަހެއްގަ އެވެ. ފިރިމީހާގެ އާއިލާ އިން އެންމެފަހުން ފުލުހުންނަށް ރިޕޯޓްކުރީ އެވެ. އެއީ 2006 ވަނަ އަހަރެވެ.

މަރިޔަމް އަށް އިއްވީ ހަ އަހަރުގެ ހުކުމެކެވެ. އޭނާގެ ފިރިމީހާ މަސްތުވާތަކެއްޗާ ހަވާލުވުމުން ދިނީ އުމުރު ދުވަހުގެ އަދަބެކެވެ. ދެ މީހުން ބަންދުކުރިއިރު، ކައިވެންޏަށް ލިބުނު ފިރިހެން ދަރިއަށް އޭރު ހަ އަހަރެވެ.

މަރިޔަމް ބުނީ ފިރިހެން ދަރިއަށް ބަނޑުބޮޑުވި ހިސާބުން ވެސް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓައެއް ނުލެވުނު ކަމަށެވެ. ބަނޑަށް އަށް މަސް ވަންދެން އޭނާ އުޅުނީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ދެ ތިން ހަތަރު ފަހަރު ގަދައަށް ބޮއެގެންނެވެ.

"ހަކުރު ބޯކަން މަންމަމެންނަށް އެނގުނީ ވެސް ދަރިފުޅު ލިބުނު ފަހުން. އަދި ފިރިމީހާ އަކީ އެޑިކްޓެއްކަން ވެސް،" އަލަތު ކައިވެނި ރޫޅުމުގެ މަރުހަލާ ފެށުނުގޮތް ކިޔައިދެމުން މަރިޔަމް ބުންޏެވެ.

އެންމެފަހުން ދެ މީހުން ވަރިވީ ފިރިމީހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ހުކުމާ އެކުގަ އެވެ. އެފަހަރު މަރިޔަމް ސަލާމަތްވީ ހަ އަހަރުގެ ހުކުމް ތަންފީޒުކުރަން ފެށިތާ ތިން މަސް ފަހުން ރިހެބަށް ބަދަލުކޮށްގެނެވެ.

އެކަމަކު ދެން ވެސް މަރިޔަމް އާއި ހަކުރުގެ މި ވާހަކަ ނިމޭ ގޮތެއް ނުވި އެވެ.

ހަޔާތުގެ ދޮރު ދެން ވެސް ހުޅުވާލެވުނީ އެޑިކްޓަކަށް!

"އަނެއްކާވެސް ރައްޓެހިވެވުނީ އެޑިކްޓަކާ. އަނެއްކާވެސް ބޯން ފެށުނީ. ރިހެބުން ގޮސް މަސް ދުވަސް ތެރޭގައި ބޯން ފެށިއްޖެ،" މަރިޔަމް ކިޔައިދިނެވެ.

"ނޯމަލް މީހުން އަހަރެމެންނާ މެދު ދެކޭ ގޮތް ވެސް ތަފާތީ. އެއީ ވާ ގޮތަކީ. ކިތަންމެ ރީތިވެފައި، ހަށިގަނޑު ކިތަންމެ ރަނގަޅުކޮށްފައި ހުއްޓަސް ނޯމަލް މީހާ އަހަރެމެންނާ ދިމާލަށް ބަލާ ގޮތް ތަފާތު. އެމީހުން އަހަރެމެންނާ މެދު ދެކޭ ގޮތް ތަފާތު. އެހެންވީމަ އަހަރެމެންނަކަށް ވެސް ނޯންނާނެ ދޯ ނޯމަލް މީހަކާ ރައްޓެހިވެވޭކަށް ވެސް. ކިތަންމެ ބޭނުންވިޔަސް."

އޭނާ އެންމެފަހުން ވެސް "ބަސްޓްކޮށްލީ" އާއިލާގެ މެމްބަރެކެވެ. މާފުށީ ޖަލުން 2010 ވަނަ އަހަރު މިނިވަންވި ގޮތަށް އޭނާ ހުރީ މިހާރު ތަފާތު މީހެއްގެ ގޮތުގަ އެވެ. ދެ ވަނަ ކައިވެނި އޭނާ ސިފަކުރަނީ އަލަތު ކައިވެންޏަށް ވުރެ އުފާވެރި ހަޔާތެއްގެ ގޮތުގަ އެވެ.

"މިހާރު ވަރަށް ސަޅި. ވަރަށް ހެޕީކޮށް މި އުޅެނީ. އެއްވެސް ކަހަލަ ވޮރީއެއް ނުހުރޭ. ކުރިން ވެއްޖެއްޔާމު، ކޮޕެއް ފެނުނަސް ބިރުގަނޭ. މަގު މައްޗަށް ނުކުންނަން ވެސް. ކޮޕެއް ފެނުނަސް ހީވާނީ ޔަގީނޭ އަހަރެން ހުއްޓުވާނެޔޭ. އެއީ އޭރުގަ އަބަދު ބޮއެގެން ވިއްޔަ ހުންނަނީ،" މަރިޔަމްގެ ކިތަންމެ ދިގަސް އޭނާ ވާހަކަ ކުރުކޮށްލި އެވެ.

ނަމަވެސް މަރިޔަމް އާއި ރާއްޖޭގެ މަސްތުވެ ވެށީގައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނާއި އެމީހުންގެ ނިމުނެއް ނެތް ވޭނާއި ކެކުޅުމުގެ ވާހަކަ މިގޮތަށް ގޮސް ނިންމާލެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.

Popular