11 Oct 2020

By: Ifraz Ali

ކަމެއް ގޯސްކޮށް ހިނގަމުންދާ ނަމަ، އަބަދުވެސް އެކަމުގެ ތެރެއަށް ވަދެ، ވީވަރަކުން އެކަމަކާ ދެކޮޅަށް އަޑުއުފުލާނެ އެވެ. ދިވެހި އެފްއެމްގެ ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭނެ މަރިޔަމް ތަސައްނުމް ވަހީދު (ތާތު) އަކީ ރޭޑިއޯ އިން އެ އިވުނު އޭނާގެ ރީތި އަޑުގެ އިތުރުން، އެކި ކަންކަމުގައި އެހެން މީހުންގެ އަޑު އިއްވައިދިނުމަށް ވެސް އެހީވާން ފަސްނުޖެހޭ އާޓިސްޓެކެވެ. -- ތާތު މިހާރު ފަށައިގެން އުޅޭ އޭނާގެ އަމިއްލަ "ތާތު ޕޮޑްކާސްޓްސް" މަގުސަދަކީ ވެސް ތަފާތު އެކި މައުލޫތަކަށް ވާހަކަދައްކާ އަޑުއުފުލުމެވެ.

ޔޫޓިއުބްގައި ރިލީޒްކުރާ މި ޕޮޑްކާސްޓްގެ އެޕިސޯޑެއް ކޮންމެ ހަފުތާއަކު ނުކުންނާނެ އެވެ. އަދި ކޮންމެ އެޕިސޯޑެއްގައި ތާތުއާ އެކު މެހުމާނަކު ވެސް ބައިވެރިވާނެ އެވެ. ފުރަތަމަ އެޕިސޯޑް ނެރުނީ އިއްޔެ އެވެ. އެ އެޕިސޯޑްގައި ތާތުއާ އެކު ބައިވެރިވީ ރޭޑިއޯ/ޓީވީ ޕްރެޒެންޓަރު މިޒްނާ އަހްމަދު (މިޒޫ) އެވެ.

ތާތު ޕޮޑްކާސްޓްސްގެ ފުރަތަމަ އެޕިސޯޑް.

ފުރަތަމަ އެޕިސޯޑް: ރާއްޖޭގައި ރޭޑިއޯގެ ހާލަތު!

"ރާއްޖޭގައި އާންމުކޮށް ނެގެޓިވް ކޮނޮޓޭޝަން ހުންނަ ކަހަލަ ކަންކަމަށް ވާހަކަދައްކާނީ. މިސާލަކަށް ފުރަތަމަ އެޕިސޯޑްގައި އަހަރެމެން މި ދައްކަނީ ރާއްޖޭގައި ރެޑިއޯއާ މެދު މީހުން ނެގެޓީވް އެސްޕެކްޓަކުން ދެކޭތީ، އެ ކަހަލަ ކަންކަމާއި ބެހޭގޮތުން އަހަރެމެންގެ އަމިއްލަ ތަޖުރިބާ ހިއްސާކޮށްލާއި، ކުރިއަށް އޮތް ތަނުގައި އެއަށް ވާނީ ކިހިނެއްތޯ އާއި އެހެން ތަންތަނުގައި އެކަން އޮންނަ ގޮތުގައި ވާހަކަތައް،" ތާތު ބުންޏެވެ.

"އެހާ ސީރިއަސް މައުލޫތަކެއް ނޫން. އެކަމަކު އާންމުކޮށް އަހަރެމެންގެ ސަމާލުކަމަށް ނައިސް ހުންނަ ކުދިކުދި މައުލޫތަކަށް ވާހަކަދައްކާނީ، ވަރަށް ކެޒުއަލްކޮށް،" މި ޕްޑޮކާސްޓް ގެނެސްދެނީ ރައްޓެހިންތަކެއް ކޮފީއަކުން ދިމާވެގެން ދައްކާ ވާހަކަތަކެއްހެން ސިފަވާނެ ކަހަލަ ގޮތަކަށް ކަމަށް ބުންޏެވެ.

ރޭޑިއޯ ޕްރެޒެންޓަރު މަރިޔަމް ތަސައްނުމް ވަހީދު (ތާތު).

ކޮންމެ މައުލޫއަކަށް ވާހަކަދައްކާފައި އަދި އޭގެ ހައްލު ވެސް އެމީހުންގެ ނަޒަރުގައި ބުނެދެ އެވެ.

"އަހަރެމެން އެންމެން ވަރަށް ދުވަސް ވެއްޖެ ވަރަށް ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އުޅޭތާ. އެ މައްސަލަތަކާއިގެން ނޫޅޭށެކޭ ނޫން، އެކަމަކު އެއާ ހެދި އަހަރެމެންގެ ތެރޭގައި ހުރި ކުދިކުދި މައްސަލަތަކުގެ މަތިން އެބަ ހަނދާންނެތޭ،" މިއީ އެ ކަހަލަ މައުލޫތައް ހަނދާން އާކޮށްދޭނެ ޕޮޑްކާސްޓެއް ކަމަށް ބުންޏެވެ.

ޕޮޑްކާސްޓަކީ ރާއްޖެއަށް އަދި ވަރަށް އާ އެއްޗެއް ނަމަވެސް، ތާތު ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕޮޑްކާސްޓުތަކުގެ ސަބަބުން، މުޖުތަމައުއަށް ހީނުކުރާވަރުގެ ރަނގަޅު ބަދަލުތައް އައިސްފައި އެބަހުރި ކަމަށެވެ. އެހެންވެ، ތާތު ވެސް އުއްމީދު ކުރަނީ މިކަމުގައި އެހިސާބަށް ދިއުމަށެވެ.

ރޭޑިއޯއާ މާ ތަފާތު ކަމެއް!

ތާތު ދިވެހި އެޕްއެމް އިން ވަކިވިތާ މިހާރު އަހަރެއް ވެއްޖެ އެވެ. އޭގެ ކުރިން ވެސް އެހެން ރޭޑިއޯ ސްޓޭޝަނެއްގައި މަސައްކަތްކުރި އެވެ. އެކަމަކު ރޭޑިއޯތަކުގައި ކުރިން މަސައްކަތް ކޮށްފައި ހުރި ނަމަވެސް، އަމިއްލަ ޕޮޑްކާސްޓެއްގެ މަސައްކަތް ކުރަން ޖެހުމުން އޭނާއަށް ކުރެވުނު ތަޖުރިބާ އަދި މާ ތަފާތެވެ.

ރޭޑިއޯ ޕްރެޒެންޓަރު މަރިޔަމް ތަސައްނުމް ވަހީދު (ތާތު).

"ރޭޑިއޯގައި އުޅުނުއިރު، ބެކިންގައި ތިބޭނެ ވަރަށް ބައިވަރު މީހުން. ޕްރޮގްރާމެއް ޕްރޮޕޯޒްކޮށްގެން ދިޔާމަ ނުވަތަ ޕިޗްކޮށްގެން ދިޔާމަ، އެއަށް ފާޑުކިޔާނެ، އެއަށް ބްރެއިންސްޓޯމްކޮށްދޭނެ މީހުން ތިބޭނެ. އެކަމަކު އަމިއްލަ މިކަން ކުރަންވީމަ މި އެނގުނީ ކިހާ އުނދަގޫ ކަމެއްކަން،" މި ޕޮޑްކާސްޓްގެ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށް ކަމަށް ތާތު ބުންޏެވެ.

Popular