3 Dec 2020

By: Aminath Ibrahim

އަރަބިއްޔާ ސްކޫލުގެ ދަރިވަރު އިބާ އާމިރު އަބްދުﷲ "ދޯ"ގެ އާޓިކަލްއެއްގައި ފުރަތަމަ ފަހަރަށް ފީޗާ ކުރީ މިދިޔަ ޖުލައި މަހު ތެރޭގަ އެވެ. އެ ފަހަރު އެއީ، ދުނިޔޭގެ 66 ގައުމަކުން އެތައް ހާސް ކުދިންނެއް ބައިވެރިވި ކުރެހުމުގެ މުބާރާތަކުން އެންމެ މޮޅު 100 ކުރެހުމުގެ ތެރޭގައި އިބާ އާއި އޭނާގެ ކޮއްކޮ، އަބާން އާމިރު އަބްދުﷲ ގެ ކުރެހުން ހިމެނިގެންނެވެ. އަނެއްކާ ވެސް މިއޮތީ އިބާގެ މޮޅު ކާމިޔާބީއެއްގެ ވާހަކަ އެވެ.

ޖަޕާނުގެ ނެޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ އިން 2019 އިން 2020 އަށް ޗިލްޑްރެންސް އެނިކީ ފެސްޓާގެ ނަމުގައި ކުރެހުމުގެ ބޮޑު މުބާރާތެއް ބޭއްވި އެވެ. އޭޝިއާގެ 24 ގައުމަކުން ކުދިން މި މުބާރާތުގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި އިބާ އާއި އަބާންގެ އިތުރުން ރާއްޖޭގެ ކުދިން ވެސް ހިމެނެ އެވެ. އިބާ އަށް ވަނީ މި މުބާރާތުގެ އެއް ވަނަ އަށް ހޮވި، "ގްރޯން ޕްރީ" މެޑެލް ލިބިފަ އެވެ.

ޖަޕާނުގެ ރަސްމިއްޔާތު ކެންސަލްވުމުން އިބާގެ އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ

"ގްރޯން ޕްރީ" އަކީ އެނިކީ ފެސްޓާގެ އެންމެ ޝަރަފުވެރި އިނާމެވެ. މި އިނާމަށް ހޮވާނީ އެއް ކުއްޖެކެވެ. އިބާ އެއް ވަނައަށް ހޮވުނީ، "އަހަރެންގެ ދިރިއުޅުމުން 5 ދުވަސް" ގެ ނަމުގައި އޭނާ ފޮނުވި ފަސް ކުރެހުން ވެސް މޮޅުވެގެންނެވެ.

އިބާގެ ދިރިއުޅުމުން އެންމެ ހާއްސަ ފަސް ހަނދާނުގެ ތެރެއިން ހަނދާނެއް ތަސްވީރަށް ތިލަކޮށްފައި: މިއީ އީދު ނަމާދަށް އިބާ ދިޔަ ދުވަހެއްގެ ތަސްވީރެއް
މި ކުރެހުމުގައި އިބާ ދައްކައިދީފައި އެވަނީ ގޭގެ ބެލްކަނީގައި ހައްދާފައިވާ ބަގީޗާގައި ކޮއްކޮ އާއި އެކު ކުޅެން އުޅުނު ދުވަހެއްގައި ފެނުނު ކޮކާ ފަންޏެއް ބަލައި އެ ކޮކާ ފަނި ކޮކާލަކަށް ބަދަލުވަންދެން ކޮންމެ ދުވަހަކު ދެކުދިން އުޅުނު ގޮތެވެ.

"އިބާ އަށް ވަރަށް އުފާވެރި ސަޕްރައިޒަކަށް މި މެޑެލް ވެގެން ދިޔައީ. އިނާމާ އާ ހަވާލުވާން ޖަޕާނުން އިބާއަށް ދައުވަތު ވެސް ފޮނުވި. އެކަމަކު ކޮވިޑްގެ ހާލަތާ ހެދި ރަސްމިއްޔާތު ކެންސަލްކުރަން ޖެހުނީ މި ފަހަރު،" އިބާގެ ބައްޕަ އަދި ކުރެހުންތެރިޔާ އާމިރު އަބްދުﷲ ބުންޏެވެ.

އިބާ އޭނާގެ މަންމަ، ރޭޑިއޯ ޕްރެޒެންޓަރު ނުޒުހަތު ޝަމީމް އައި ބައްޕަ، އާމިރު އަބްދުﷲ އާއި އެކު

މުޅި މުބާރާތުގެ އެއް ވަނަ އަށް އިބާ ހޮވުނު އިރު، ދެ ވަނަ އަށް ދޭ އެންމެ ޝަރަފުވެރި ޔުނެސްކޯ އެވޯޑަށް ދިވެހި ތިން ދަރިވަރަކު ހޮވުނެވެ. އެއީ ފުވައްމުލަކު ސިޓީގެ، މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އިބްރާހިމް ޔޫސަމް ސާމިއު އާއި ހަމަ އެ ސްކޫލްގެ އައިޝަތު މިޝީލް ބިންތި އިބްރާހިމް އާއި ހއ.ވަށަފަރު ސްކޫލުގެ ފާތިމަތު ލައިޝަ މުހައްމަދު އެވެ.

އެކްސެލެންސް ހޯދި ކުދިންގެ ތެރޭގައި އިބާގެ ކޮއްކޮ އަބާންގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ އައިޝަތު ދާނާ އިޔާޒާއި ހުރަވީ ސްކޫލުގެ ޒެއިނާ އަޒްމަތު އަހުމަދުގެ އިތުރުން ފުވައްމުލަކު ސިޓީ، މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އާމިނަތު ލައިބާ އިހުސާން ހިމެނެ އެވެ.

ކުޑަކުދިން ތައުލީމް އާޓިސްޓް

Popular