10 Dec 2020

ދުނިޔޭގެ އެންމެ ސަޅި ޖޮބްގައި އުޅޭ ދިވެހިން

ކަލީމް އާއި މޮސްޓީ ބުނާ ގޮތުން މިއީ އެ ދެމީހުންގެ ވެސް "ޑްރީމް ޖޮބް"

ކަލީމް އާއި މޮސްޓީ ބުނާ ގޮތުން މިއީ އެ ދެމީހުންގެ ވެސް "ޑްރީމް ޖޮބް"

By: Ifraz Ali

ޅ.އަތޮޅުގައި އޮންނަ ހުރަވަޅި އައިލެންޑް ރިސޯޓްގެ ދެ ޑައިވަރުން ކަމަށްވާ އަހްމަދު ކަލީމާއި މުހައްމަދު ޝަމީމް އަލީ (މޮސްޓީ)، އެ މީހުންގެ ވަޒީފާ ސިފަކުރީ "ދުނިޔޭގެ އެންމެ ސަޅި ޖޮބް" ގެ ގޮތުގަ އެވެ. މި ދެ ޑައިވަރުންނަކީ އެ ރިސޯޓްގެ އެންމެ ޝައުގުވެރި އެއް ތަން ކަމަށްވާ، މޫދު އަޑީގައި ބިއްލޫރިން އިމާރާތްކޮށްފައި ހުންނަ "5.8" ކިޔާ ރެސްޓޯރެންޓްގެ ބޭރު ސާފުކުރާ ޒުވާނުންނެވެ.

"އާނ. އަހަރެމެން މި މަސައްކަތްކުރަނީ ދުނިޔޭގެ އެންމެ ސަޅި ޖޮބްގައި. ކޮންމެ ދުވަހަކު 5.8 ސާފުކުރަން. ކޮންމެ ދުވަހަކު މިތަން އެބަ ފެނޭ. އަހަރެމެން އެއްވެސް ވަރަކަށް ފޫއްސެއް ނުވޭ،" ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ އެމްއެމްޕީއާރްސީން ސީއެންއެން ޓްރެވަލްއާ ގުޅިގެން ހިންގާ ކެމްޕޭނެއްގައި އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި ކަލީމް ބުންޏެވެ.

ކަލީމް އަދި މޮސްޓީ "5.8" ސާފުކުރަނީ.-- ފޮޓޯ:ސީއެންއެން ޓްރެވަލް ވީޑިއޯގެ ސްކްރީންޝޮޓެއް.

ކަލީމް އާއި މޮސްޓީ ބުނާ ގޮތުން މިއީ އެ ދެމީހުންގެ ވެސް "ޑްރީމް ޖޮބް" އެވެ.

އެ ދެމީހުންގެ މަސައްކަތަކީ ކޮންމެ ދުވަހަކު ދެ ފަހަރު، 5.8 މީޓަރު އަޑީގައި ހުންނަ މި ރެސްޓޯރެންޓްގެ ވަށައިގެންވާ ބިއްލޫރިގަނޑު ސާފުކުރުމެވެ. އެއީ މެންދުރުގެ ކެއުމުގެ ކުރިންނާއި ރޭގަނޑު ކެއުމުގެ ކުރިންނެވެ. ކޮންމެ ފަހަރަކު ސާފުކުރުމަށް ބައިގަޑިއެއްހާއިރު ހޭދަކުރެ އެވެ. އެ ދެމީހުން ވެސް ބެލީ މި ރެސްޓޯރެންޓަށް ކާން އަންނަ މެހުމާނުންނަށް މި ބިއްލޫރިގަނޑުން، ވީހާ ވެސް ސާފުކޮށް، މޫދުގެ ދިރުންތައް ފެންނާނެ ވަރު ކޮށްދެވޭތޯ އެވެ.

ސީއެންއެން ޓްރެވަލްގެ ވީޑިއޯ.

"މި ތަނުން ފެންނަ ބައެއް އެއްޗެހީގެ ނަންތައް ކިޔާ ނަމަ، މަންޓާ ރޭސް އާއި އީގަލް ރޭސް އާއި ނެޕޯލިއަން ފިޝް، ގްރޫޕާސް، މިޔަރު އަދިވެސް ބައިވަރު އެއްޗެހި،" ކަލީމް ލިސްޓެއް ކިޔައިދިނެވެ.

މޮސްޓީ ބުނީ އެތަން އަދި މާ ހާއްސަވެފައި ތަފާތު ވަނީ ފެންނަ ކުދިކުދި ދިރުންތަކުގެ ސަބަބުން ކަމަށެވެ.

ކަލީމް އިންޓަވިއު ދެނީ.-- ފޮޓޯ:ސީއެންއެން ޓްރެވަލް ވީޑިއޯގެ ސްކްރީންޝޮޓެއް.

"އެއީ އެހެން އެއްވެސް ތަނަކުން ފެންނާނެ ބައެއް އެއްޗެއްސެއް ނޫން. އަހަރެން ބުނާނީ އެއީއޭ އަސްލު 5.8 ސާފުކުރަން ދިއުން އަހަންނަށް އެންމެ ހާއްސަވާ ސަބަބަކީ،" ނޯމަލް ޑައިވްތަކުގައި އެ އެއްޗެހި ނުފެންނާތީ ސާފުކުރަން ދާއިރު އަބަދުވެސް މިފަދަ ކުދިކުދި އެއްޗެހި ފެނޭތޯ ބަލާ ކަމަށް މޮސްޓީ ބުންޏެވެ.

ކަލީމް އާއި މޮސްޓީ ދިމާވީ ވެސް މި ވަޒީފާ އިންނެވެ. މިހާރު އެ ދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިން ވެސް މެ އެވެ. އަދި ކަލީމްގެ ޑްރައިވިން އިންސްޓްރަކްޓަރަކީ ވެސް މޮސްޓީ އެވެ.

ފޮޓޯ:ސީއެންއެން ޓްރެވަލް ވީޑިއޯގެ ސްކްރީންޝޮޓެއް.

"އަހަންނަށް އަދި އެންމެ ސަޅި ކަމަކީ، މޫދު އަޑީގައި އުޅުމާއި މޫދު އަޑިއަށް މި ދެވެނީ އަބަދު ވެސް އެކީގައި އުޅޭ، އިތުބާރުކުރެވޭ މީހަކާ އެކުގައި ކަމަށް ވުމުން. އެއީ ކަމެއް ވިޔަސް އެހީވާނެ މީހަކު ކައިރީގައި ހުންނާނެ ކަން ޔަގީންވާތީ،" އެ ދެމީހުންގެ ތިން އަހަރުވީ އެކުވެރިކަމާ އެކު މޮސްޓީ ބުންޏެވެ.

ޓޫރިޒަމް ޓޫރިޒަމް މިނިސްޓްރީ ފީނާމީހުން

Popular