16 Feb 2021

By: Aishath Maaha

ސްކޫލް ދައުރު ނިމުނު އިރު ވެސް ކުރިއަށް ދާނެ ދާއިރާއެއް ހައްވާ ރިފާޝާއަކަށް ނޭނގުނެވެ. އެނގޭ ކަމަކީ ބޭރަށް ނުކުމެ އެހެން މީހަކަށް ވަޒީފާ އަދާކޮށްދޭން އޭނާ ބޭނުން ނުވާކަމެވެ. ގްރޭޑް ހަތެއް، އަށެއްގައި އުޅުނުއިރު ގޭގައި، ފަހަރި ކޭކު އަޅާތީ އެކަމަށް ހުރީ ޝައުގުވެރިކަން އުފެދިފަ އެވެ. ނަމަވެސް ސްކޫލް ނިންމާލާފައި ހުރިހާ ވަގުތެއް ހުސްކޮށްލާނީ ކޭކުއަޅަން ކަމެއް ރިފާޝާގެ ހިތަކަށް ނާރަ އެވެ.

މިއީ އިންސްޓަގްރާމްގައި "ކޭކް ކްރިއޭޝަން"ގެ ނަމުގައި ކޭކުގެ ވިޔަފާރި ކުރަމުން އަންނަ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ރިފާޝާގެ މި ވިޔަފާރި އޮތީ އުފަން ރަށް ރ. އަލިފުށީގަ އެވެ.

ރިފާޝާ އެންމެ ފުރަތަމަ ކޭކު އަޅަން ފެށީ ގްރޭޑް ނުވައެއްގައި އުޅުނުއިރު އެވެ. ތިމާގެ ކުދިންގެ އުފަންދުވަހު ކޭކު އަޅައިދެނީ އޭނަ އެވެ. އާއިލާގެ ތެރޭގައި އޭރު ވެސް ރިފާޝާގެ ކޭކުތައް މަގުބޫލެވެ.

ނަމަވެސް އޭ ލެވެލް ނިންމާފައި މައިންބަފައިންގެ އެދުމަށް، 2018 ވަނަ އަހަރު ރިފާޝާ މާލެ ދިޔައީ ޤުރުއާން ޓީޗިން ހަދާށެވެ.

"އެއްވެސް އިންޓްރެސްޓެއް ނެތް ޓީޗިން އަކަށް، އެހެންވެ ވަކި ހިސާބަކުން ކޯސް ހުއްޓާލީ، ދެން އޭރު މާލޭގައި އުޅުނީ، އެންމެން ކިޔައިފި ކޭކު އިޝްތިހާރުކުރަން އިންސްޓަގްރާމް އެކައުންޓެއް ހަދަން، މާލޭގައި މީހުންނަށް އެނގޭނީ އޭރަށްތާ،" ކޭކް ކްރިއޭޝަން އުފެދިގެން އައި ގޮތް ރިފާޝާ ކިޔައިދިނެވެ.

View this post on Instagram

A post shared by Cake Creation (@cake._creation)

ނަމަވެސް ދުވަސްކޮޅެއް ފަހުން ބައްޕަ ނިޔާވުމާއެކު އެނބުރި ރަށަށް ބަދަލުވެ ކޭކުގެ ވިޔަފާރި ފަށައިގަތީ ރަށުގަ އެވެ. އަލިފުށީގައި ރިފާޝާގެ ކޭކުތައް މިހާރު މަގުބޫލެވެ.

"2018 ޖޫންގައި ރަށަށް އައިސް ރަސްމީކޮށް ފުރަތަމަ ކޭކެއް އެޅީ ފްރެންޑަކަށް، އޭތި ސްޓޯރީއަށް ލީމަ ދެން އޯޑަރުތައް ލިބެން ފެށީ،" މިހާރު މަހެއްގެ މައްޗަށް 20 ވަރަކަށް 30 ވަރަކަށް ކޭކު އޯޑަރު ލިބޭ ކަމަށް ރިފާޝާ ބުންޏެވެ.

އުފަންދުވަހުގެ ކޭކާއި، ވެޑިން ކޭކާއި، ޓްރެސް ލޭޗް، ބަޓާ ކޭކް، ބްރައުނީސް، ޑޯނަޓް، ޑޯނަޓް ބޯލްސް، މެކަރޫނީސް އާއި ޗޮކްލެޓް މޫސް ކޭކު ފަދަ އެތައް ޕޭސްޓްރީސް އެއް މިހާރު ރިފާޝާ އަޅަ އެވެ. މިއިން އެއްވެސް އެއްޗަކީ ކޯހެއް، ނުވަތަ ތަމްރީނެއް ހަދައިގެން ދަސްކުރި ކަންކަމެއް ނޫނެވެ.

ރިފާޝާގެ ވެސް ޓީޗަރަކީ ޔޫޓިއުބެވެ.

"ފުރަތަމަ ފަހަރު ހަމަ ފެއިލްވަނީ ގިނަ އެއްޗެހި ހަދާއިރު، ދެން އެހެން ހަދަމުން ގޮސް ރަނގަޅަށް ދަސްވަނީ ކޮންމެ އެއްޗެއް ވެސް،"

ރިފާޝާގެ މި ކޭކުތައް ކިތަންމެ މަގުބޫލު ނަމަވެސް "އަގުބޮޑު" ކަމަށްބުނެ ޝަކުވާތައް އިވޭކަމަށް ރިފާޝާ ބުންޏެވެ.

"އެކަމަކު މާލޭގައި ކޭކު އަޅައިދޭ އަގަށްވުރެ މާހެޔޮކޮށް މިހާރު ވެސް ކޭކު އަޅައިދެނީ، ބާތުޑޭ ކޭކުތައް އަގު މި ފެށެނީ 200 އިން، އެކަމަކު މީހުން އެކަހަލަ ވާހަކަ ދައްކާ އަޑުއިވޭ، ދެން އެންމެ އުނދަގޫވަނީ އެންމެ ފަހު ވަގުތު ކޭކަށް އޯޑަރު ދޭތީ، މާދަން ބޭނުންވަންޏާ މިރޭ އޯޑަރުދޭނީ،"

ރިފާޝާގެ ކޭކުތައް މަގުބޫލީ އަލިފުށީގައި އެކަންޏެއް ނޫނެވެ. ރ. އަތޮޅުގެ ގިނަ ރަށްތަކުން ވެސް ކޭކު އޯޑަރުތައް އާދެ އެވެ.

ފިރިމީހާ އަދި މަންމަ ފަރާތުން ލިބޭ އެހީތެރިކަމާ އެކު މަސައްކަތް ފުޅާކުރަމުން އަންނަ ރިފާޝާ އެ ހުރީ ރަށުގައި ކޭކު ޝޮޕެއް ހުޅުވޭނެ ދުވަހެއްގެ ހުވަފެނުގަ އެވެ.

ޒުވާނުން ކޭކް ޑެކޮރޭޝަން ރ. އަލިފުށި

Popular