4 Aug 2021

އަނީސްގެ ދަނޑުގައި އިސްކޮޅަށް ވުރެ ދިގު ކެޔޮގަނޑު!

By: Ahmed Jaishan

އަބްދުﷲ އަނީސް ހައްދާ ފަތްކެޔޮ ގަސްތަކުގައި އާދަޔާ ހިލާފަށް ބޮޑެތި ކެޔޮގަނޑު އަޅާތީ ހައިރާންވެގެން މީހުން އެ ވާހަކަ ދެއްކިޔަސް އަނީސްއަށް އެއީ މާބޮޑު ކަމަކަށް ވެގެންނެއް ނޫޅެ އެވެ. އެކަމަކު އެންމެ ފަހުން އެ ދަނޑުގައި އެޅި ކެޔޮގަނޑުގެ ބޮޑުކަމުން އޭނާ ވެސް ހައިރާން ވި އެވެ. ކެޔޮގަނޑު ކަނޑާލި އިރު އޭގެ ދިގުމިނުގައި 5.5 ފޫޓު ހުއްޓެވެ.

ލ. ފޮނަދޫ، ފެހިއަލި، އަނީސް އަކީ އާމްދަނީ ހޯދަން އެކި މަސައްކަތްތައް ކުރާ މީހެކެވެ. ވަކަރު ކޮށުމާއި ކާށި އަޅައިގެން ވިއްކުމާއި އެ ނޫނަސް އެކި މަސައްކަތް ކުރެ އެވެ. ކެޔޮ ހެއްދުމާއި އެ ބެލެހެއްޓުމަކީ ވެސް އޭގެތެރެއިން އެއް މައްސައްކަތެވެ.

"ކެޔޮ ހެއްދުމުގެ މަސައްކަތް ކުރާތާ މިހާރު ގާތްގަނޑަކަށް 13 ވަރަކަށް އަހަރު ވެދާނެ،" އަނީސް ކިޔައިދިނެވެ.

އޭނާ އަމިއްލައަށް ކެޔޮ ހައްދާ ވިއްކަން ފެށީ އޭނާގެ ދަރިފުޅަށް ލިބުނު ގޯތީގައި ކެޔޮ ހައްދަން ލިބުމުންނެވެ. އޭނާ ބުނި ގޮތުގައި އެ ދަނޑުގައި ހައްދާފައި ހުންނާނީ ހުސް، ފުސް ކޭލެވެ.

"ހަމަ ގައިމު ވެސް ރާއްޖޭގައި އެންމެ ރީތި ކެޔޮ ހައްދާ އެކަކަކީ އަޅުގަނޑަށް ވާނެ ކަން ޔަގީން،" އަނީސް ކިޔައިދިނެވެ.

އަނީސްގެ ކެޔޮގަނޑުތަކުގެ ސިއްރަކީ؟

އަނީސް ބުނި ގޮތުގައި އޭނާ ހައްދާ ކެޔޮގަނޑުތައް ވަރުގަދަވާ ސަބަބުތަކެއް އެބަ އޮތެވެ. އޭނާ ބުނި ގޮތުގައި ބައެއްމީހުން ގަސް ހައްދާއިރު ވަރުގަދަ ކެމިކަލްތަކާއި އޭތިމީތި އެޅިޔަސް އަނީސްގެ ކެޔޮ ގަސްތަކަށް އެކަހަލަ އެއްވެސް ކެމިކަލެއް ނާޅަ އެވެ.

އޭގެ ބަދަލުގައި އޭނާ ހައްދާ ކެޔޮ ގަސްތަކަކީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން، އަޅާލުން ދީގެން ހައްދާ ގަސްތަކެކެވެ.

"ކެޔޮ ގަސްތަކަށް ހަމަ އާންމުކޮށް އަޅަނީ ކެޔޮފަތާއި ފަން ކަހަލަ އެއްޗެހި. ދެން ކޮންމެ ތިން މަހަކުން އެއް ފަހަރު ކޮންމެ ގަހަކަށް ފަސް ލީޓަރުގެ ލޮނު ފެން އަޅަނީ،" އަނީސް ކިޔައިދިނެވެ.

މޫދާ 400 ވަރަކަށް ފޫޓު ދުރުގައި އޮންނަ ދަނޑަށް، މޫދުން ހަންތަކުގައި ލޮނު ގެނެސް އަޅަނީ އެވެ.

މިއީ އެންމެ ބޮޑު ކެޔޮގަނޑެއް ނޫން!

އަނީސް ބުނި ގޮތުގައި އޭނާގެ ދަނޑުން ލިބުނު ކެޔޮގަނޑުތަކުގެ ތެރެއިން އެންމެ ދިގުކޮށް ފެނުނު ގަނޑަކީ އެންމެ ފަހުން ލިބުނު 5.5 ފޫޓުގެ ކެޔޮގަނޑެވެ. އެކަމަކު އޭނާ ބުނީ މިއީ އެންމެ ބޮޑު ކެޔޮގަނޑު ނޫން ކަމަށެވެ.

އަނީސް ބުނި ގޮތުގައި އެންމެ ދިގު ކެޔޮގަނޑުގައި ހުރީ 32 ވަރަކަށް ކިލޯ އެވެ. ނަމަވެސް މިހާތަނަށް ލިބުނު އެންމެ ބޮޑު ކެޔޮގަނޑުގައި 40 ކިލޯގެ ބަރުދަން ހުރި ކަމަށް އޭނާ ބުންޏެވެ.

"އާމްދަނީއެއްގެ ގޮތުން މި ކެޔޮގަނޑުތައް ވިއްކައި އުޅެނީ. އާންމުކޮށް މި ކެޔޮގަނޑުތައް ވިއްކަނީ އަރި އަރިއަށް ވަކި ކޮށްގެން،" އަނީސް ބުންޏެވެ.

އެންމެ ފަހުން ލިބުނު ފަސް ފޫޓަށް ވުރެ ދިގު ކެޔޮގަނޑު ވެސް މިހާރު ވިއްކާލައިފި އެވެ.

އަނީސްގެ ދަނޑުގައި ހައްދާ އެހެން ކެޔޮ ގަސްތައް ވެސް އެހާ ހާއްސަ ކަމަށް އޭނާ ބުންޏެވެ. އެންމެ ކުޑަކޮށް ލިބޭ ކެޔޮދަނޑެއްގައި ވެސް ގާތްގަނޑަކަށް 15 ކިލޯ ހުންނަ ވަރުގެ ކެޔޮ ގަނޑު އަޅާ ކަމަށް އޭނާ ބުންޏެވެ.

އަނީސް ގަބޫލުކުރަނީ މި ހުރިހާ ކަމެއްގެ ވެސް ސިއްރަކީ އޯގެނިކް ތަކެތި ބޭނުންކޮށްގެން ގަސް ހެއްދުން ކަމަށެވެ.

ދަނޑުވެރިކަން ލ. ފޮނަދޫ ދޮންކެޔޮ

Popular