15 May 2019

ކަޅުދަތުރު

ކަޅުދަތުރު

By: Ahmed Nadym

ގަމުން ފުރައިގެން ގޮސް ކަނޑަށް ނުކުމެވުނުއިރު ޑިންގީގަނޑު ހީވަނީ ބަންޑުން ޖަހާލަފާނެ ހެންނެވެ. އެކަމަކު ހުންގާނުގައި ހުރި ފާޒިލުގެ މާމެންދޫ އެކުވެރިޔާ ތަކުރާރުކޮށް ބުނަމުން ދިޔައީ ހާސްވާވަރުގެ ކަމެއް ނެތް ކަމަށެވެ. ގޮށްރާޅުތަކަށް އަރަމުން ލޮނުގަނޑު ކަފަމުން ފުންމަމުން ވަރުވަރަށް ތެޅެމުން ރޫޅެމުން ދިޔަ އެ ޑިންގީގެ މެދުތެރޭގައި ޖައްސާލައިގެން އިން ޝަމާ އިނީ ކައިރީގައި އިން ފާޒިލްގެ އަތުގައި ހިފުނު އެންމެ ބާރަކަށް ހިފަހައްޓާލައިގެންނެވެ. ޝަމާގެ އެ އަތުގެ ބައެއް އިނގިލިތައް އޭރު ވެސް ކޮންމެވެސް ވަރަކަށް ނޫފައިގެންފައެވެ. ބޯއަނބުރާތީ އޭނާ އެހުރީ ހިސާބަކަށް މޭ ވެސް ނުބައިކޮށްފައެވެ. އެ ވާހަކަ ނުބުންޏަސް ފާޒިލަށް އެކަން އެނގެއެވެ.

ގަދަކަނޑުގެ އެ ރާޅުތައް ކަފަމުން ދާއިރު ކުޑަކުޑަ އެ ޑިންގީގަނޑު ގިނަފަހަރަށް ފެނަކު ނުވެސް ޖެހެއެވެ. ދުވެލި ކިތަންމެ ބާރުހެން ހީވިޔަސް އެމީހުންގެ މަންޒިލުވީ ތަނެއް ބުނަން ވެސް ނޭނގޭ ކަހަލަ އެވެ. އެގޮތަށް ދުއްވާތާ ގާތްގަނޑަކަށް ގަޑިއިރަކަށް ވުރެ ގިނަ އިރުވީފަހުން އިންޖީނުގަނޑު ހުއްޓިއްޖެއެވެ. އޭރު މާދުރުން އެމީހުންނަށް ފެންނަން އޮތް ރަށަކީ ސުނާމީގައި ފަޅުކޮށްލި ގާދޫއެވެ. އިންޖީނުގަނޑު ހުއްޓުނީ ތެޔޮ ހުސްވެގެންނެވެ. ތެޔޮއަޅަން މަޑުކޮށްލައިގެން ތިބިިއިރު ހީވަނީ ބިޔަ ރާޅުތަކުގެ އެ ބާނިތައް އައިސް ބޯމަތިން އަރައި އެމީހުންނާއެކު ޑިންގީގަނޑު ގަންބާލަފާނޭހެންނެވެ.

މޭނުބައިކޮށްފައި ހުރި ޝަމާ ކުއްލިއަކަށް ހޮޑުލާން ފަށައިފިއެވެ. ފާޒިލް އޭނާގެ ގައިގައި ހިފެހެއްޓި ނަމަވެސް ދެ މީހުން އެކުގައި އެ ކުޑަކުޑަ ޑިންގީގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. ހޭބޯނާރައި ފަޒީލުގެ އެކުވެރިޔާ އެ ގެންދަނީ އިންޖީނަށް ތެޔޮއަޅަމުންނެވެ. ބިންދަމުން ދިޔަ ރާޅުތަކުން ބުރުވަމުން ދިޔަ ލޮނުތައް އެމީހުންގެ ބޮލަށް ވެހެމުންދަނީ ވާރޭހެންނެވެ. ތެޔޮ އަޅައި ނިމިގެން މާމެންދޫ އެކުވެރިޔާ އިންޖީނު ރޯކޮށް މަޑު ދުވެއްޔެއްގައި ނައްޓާލައިފިއެވެ. އެކަމަކު އޭރު ވެސް ފާޒިލު އެ އުޅެނީ ޝަމާ މައިތިރިނުކުރެވިގެންނެވެ. ޝަމާގެ އަނގައިންނާއި ނޭފަތުން އަނެއްކާވެސް ލޭ އަންނަން ފަށައިފިއެވެ. ހަދާނެ ގޮތް ހުސްވެފައި ފާޒިލް އޭނާގެ އެކުވެރިޔާއާ ދިމާލަށް ބަލައިލުމުން އޭނާ އިންޖީނުގެ ރޭސް ކުއްލިއަކަށް އަރުވާލިއެވެ. އެކަމަކު ޝަމާ އެ އޮތް ހާލަތަށް ބަލާއިރު ފާޒިލަށް މިފަހަރު އޭނާ ސަލާމަތްކުރެވޭނެ ހެނެއް ހީއެއް ނުވެއެވެ. ރޯ މަހެއް ފަދައިން ތެޅެމުންދިޔަ އެ އަންހެން ކުއްޖާގެ ހަރަކާތްތައް ފާޒިލުގެ އަތްދަނޑިމައްޗަށް ހުއްޓުނީ އެހެންއޮންނަތާ ވިއްސަކަށް މިނެޓުވީ ފަހުންނެވެ. ޝަމާގެ ފުރާނަ ހިނގައްޖެކަން ޔަގީންވި ހިނދު ފާޒިލް އޭނާ ދޫކޮށްލާފައި ބިރުން ފަހަތަށް ޖެހިލިއެވެ. އެ މަންޒަރު ބަލަން އިންޖީނު ކައިރީގައި އިން މީހާގެ ހަރަކާތްތައް ވެސް އެވަގުތު ކުއްލިއަކަށް ހުއްޓުން އެރި ކަހަލައެވެ. އިރުކޮޅަކުން އޭނާ އިންޖީނު ނިއްވާލިއެވެ. މާކަނޑުގެ މެދުތެރޭގައި ގަބުރަކަށް ހަދާނެ ގޮތް ނޭނގި މާ ސިންގާ ރާޅުތަކެއްގެ ޝިކާރައަށް ހުށަހެޅިފައި ތިބި އެ ދެ ޒުވާނުންގެ ހަލަބޮލިވި އެ ދުނިޔެ ކުއްލިއަކަށް އެކުގައި ހިމޭންވެ ނިވުނު ކަހަލައެވެ. މާކަނޑުގެ އެ ހިމޭންކަމުން ފާޒިލަށް ނުކުމެވުނީ އިންޖީނުން އަތް ދޫކޮށްލާފައި ޝަމާއާ ދިމާލަށް ފުންމައިގެންދިޔަ އޭނާގެ އެކުވެރިޔާގެ ބަރު ފިޔަވަޅުތަކުގެ އަޑަށެވެ. އެކަމަކު އެމީހުންނަކަށް ކުރެވޭނެ އެއްކަމެއް ވެސް ދެން ނެތެވެ. އަނެއްކޮޅުން އެގޮތަށް ގޮސް، އެހެން ތިބެ، ރަށަށް އެރޭކަށް ވެސް ނެތެވެ.

އިންޖީނު ނިއްވާލައިގެން، ޝަމާގެ ހަށިގަނޑަށް ބަލަހައްޓައިގެން ތިބިއިރު ވަށައިގެން ފެންނަން އޮތް ކަޅު ކަނޑުގެ ރާޅާއި ބިޔަ ބާނިތަކުން ޑިންގީގަނޑު ހަލުވަމުން ދެ އަތަށް ކިރުވަމުން އެއްވެސް މިސްރާބެއް ނެތި ދާނެ ދިމާލަކަށް ބައްސަމުން ގެންދަނީއެވެ. ފާޒިލާއި އޭނާގެ އެކުވެރިޔާގެ ފިކުރު ހުސްވެފައި އެ ވަނީ ނޭފަތާއި އަނގައިން ލެއާއި ފޮނު އަރައިގެން މަރުވެ މުޅި ހަށިގަނޑު ނޫފައިގެންފައި އޮތް ޝަމާ އަށް ހަދާނެ ގޮތަކާ މެދު އެވެ. ވަކިން ހާއްސަކޮށް ފާޒިލަށް އަސަރުކޮށްފައިވާ ވަރު ބޮޑުހެން ހީވެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެކަމަކު ދަތުރުގެ މިހިސާބަކީ ވަކި މީހަކަށް ހަމްދަރުދުވާން އޮތް ވަގުތެއް ނޫނެވެ. މި ހާލަތުގައި އެފަދަ ނާޒުކުކަމެއްގެ ތެރެއަށް ވެއްޓިއްޖެ ހިތެއް ދެން ދުވަހަކުވެސް ސަލާމަތެއް ނުވާނެކަން ފާޒިލާއި އޭނާގެ އެކުވެރިޔާ އަށް ވެސް އެނގޭ ކަހަލައެވެ.

މި ފިކުރުގައި ހުރެފައި، ޝަމާ ކައިރިން ތެދުވެގެން، އެނބުރިގެން ގޮސް ފާޒިލުގެ އެކުވެރިޔާ ހުޅުވާލީ ކެއުޅުކަމުގައި ބޭނުންކުރާ އާލާތްތައް އަޅަން އޭނާ ޑިންގީގައި ގެންގުޅޭ ފޮށިގަނޑެވެ. އިރުކޮޅެއް ވަންދެން އޭގެ ތެރެއަށް ބަލަހައްޓައިގެން އޮވެފައި ވަތް ހާވަމުން ގޮސް އޭނާ ނެގީ ވަޅިއެކެވެ. ވަޅި ނަގައިގެން އަތަށް ހެޔޮވަރުކޮށްލުމަށް ފަހު ފާޒިލާ ދިމާލަށް އެނބުރި ބަލައިލިއެވެ. އޭރު ފާޒިލް އޭނާގެ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ގެންދާ ކަހަލައެވެ. އޭނާއާ ދިމާލަށް ބަލަހައްޓައިގެން ދެ ލޯ ބޮޑުވެފައި ހުރި ފާޒިލް ފެނުމުން އަތުގައި އޮތް ވަޅި އޭނާ، އެކުވެރިޔާއާ ދިމާލަށް އެއްލައިލިއެވެ. އެ ވަޅި ގޮސް ވެއްޓުނީ ފާޒިލުގެ ފައިދޮށަށެވެ. އެއަށް ބަލައިލުމުން، އެކުވެރިޔާ އޭނާ އަށް ދޭ މެސެޖު ސާފުވެފައި އެ ވަޅިހާ ތޫނެވެ. ވަޅި އަށް ބަލަން އިނދެފައި މަޑުމަޑުން ފާޒިލްގެ މޫނު އަނބުރާލީ ކައިރީގައި އޮތް ޝަމާގެ މޫނަށެވެ. އެ ނަޒަރު ދެން ގޮސް ހުއްޓުނީ ޝަމާގެ ބަނޑަށެވެ. އެ ބަނޑުކޮޅު ހީވަނީ ހިސާބަކަށް ދުޅަވެ ފުފިފައި އޮތް ހެންނެވެ.

ރުޅިއަރައިގެންފައިވާ ރާޅުތަކުން ޑިންގީގަނޑަށް ކުރަމުން ދިޔަ ޖެއްސުމަށް ހުށިޔާރުވެ ފާޒިލް އެންމެފަހުން ވަޅި ނަގައިގެން އަތަށް ހެޔޮވަރުކުރަމުން ދެ ފައި މައްޗަށް ތެދުވެއްޖެއެވެ. އެ މަންޒަރަށް ބަލަން ފަހަތުގައި އިން އޭނާގެ އެކުވެރިޔާ ރޯކޮށްލީ ސިނގިރޭޓެކެވެ. އޭރު ޝަމާ ކައިރިއަށް ގޮސް ފާޒިލް ދެކަކޫ ޖަހައިގެން އޮވެ ޝަމާގެ ޓީޝާޓުގެ ފަސްބައިން ތަންގަނޑެއް ކަފާލައި ދެ އަތުން ހިފައި ކުއްލިއަކަށް އިރާލިއެވެ. އަދި ޖީންސުން ގޮށް ނައްޓުވައި ޅިނދުމައްޗަށް ދަމާލިއެވެ. ތުރުތުރު އަޅަމުން ގެންދާ ފާޒިލްގެ ދެ އަތް، ފަހަތުގައި ހުރި އޭނާގެ އެކުވެރިޔާ އަށް ވަރަށް ރީއްޗަށް ފެނެއެވެ. ވަޅީގައި ހިފާނެ ގޮތެއް ފާޒިލް ނޭނގިގެން އުޅޭ ކަހަލައެވެ. ދެ ކަކޫ މައްޗަށް ވެއްޓި އެހެން އޮންނަތާ އިރުކޮޅެއް ފަހުން ބަޑިފަޅައިގެން ގޮސް ފާޒިލަށް ރޮވިއްޖެއެވެ. އޭނާގެ ހިތުގައި ޝަމާ އަށް ފޮރުވައިގެން އުޅުނު ހުރިހާ ޖަޒުބާތެއް އެއްފަހަރާ އެ އުނގަށް ކުއްލިއަކަށް ބަންޑުންވި ކަހަލައެވެ. ފެނުނު މި މަންޒަރަށް ޗޮސް ކަނޑާލާފައި، ބޮމުން ގެންދިޔަ ސިނގިރޭޓުބުރިގަނޑު ކަނޑަށް ހޫރާލާފައި ތެދުވިގެން ގޮސް ފާޒިލުގެ އެކުވެރިޔާ އޭނާގެ އަތުން ވަޅި ޖަހައިގަނެ، ކޮނޑުގައި އަތް އަޅައި ދުރަށް ޖައްސާލިއެވެ. އެއަށް ފަހު ޝަމާގެ ފައިގައި ހިފައި ލަކިޖައްސަމުން ގެންގޮސް ޑިންގީގެ މެދަށް އޭނާ ޖެއްސުމަށް ފަހު ފާޒިލުގެ އެކުވެރިޔާ އެތަނުގައި އިށީނދެއްޖެއެވެ. އިރާލާފައި އޮތް ޓީޝާޓުގަނޑު ޝަމާގެ ބަނޑުގެ ދެ ފަރާތަށް ދަމައި ހުޅުވާލުމަށް ފަހު މޭކަށިގަނޑާ ދިމާލު މަތިން ޝަމާގެ ބަނޑަށް ދެން އޭނާ ކޮށްޕާލީ އަތުގައި އޮތް ތޫނު ވަޅިއެވެ. ހަމައެއާ އެކު ފޫޅުން ތިރިއަށް އެ ވަޅި ދަމައި ޝަމާގެ ބަނޑު ކަފައި ހުޅުވާލިއެވެ. ބޮކިޖަހާލާފައި އޮހޮރިގަތް ލޭތައް ގޮސް ޑިންގީ ތެރޭގައިވީ ލޮނާ އެކުވެ އެތަން ލޭގެ ކަނޑަކަށް ބަދަލުވަމުންދިޔައެވެ. ކަފާލިތަނުގައި ހިފައި ދެ ފަޅިއަށް އެ ބަނޑު އިރާލުމުން ގޮހޮރުގަނޑު އެކުގައި ޑިންގީގެ ތެރެއަށް ފައިބައިފިއެވެ. އެ ގޮހޮރު އޮތީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އެކަމަކު ފާޒިލާއި އޭނާގެ އެކުވެރިޔާ ސިއްސުވާލީ ހެރޮއިން ކެޕްސޫލްތަކެއް ފަޅައިގެން ގޮސް ޝަމާ އަށް ލިބިފައިވާ ގެއްލުމެއް ނޫނެވެ. ގޮހޮރުގަނޑާއެކު އޭނާގެ ބަނޑުތެރެއިން ބޭރަށް ސޮއްސާލި ދަރިދުއްޔެވެ. ވިލާތުބަށްޓެއްގެ ސައިޒުގައި އޮތް ދުލި އެ އޮތީ ފަޅައިގެން ގޮސް، އޭގެ ތެރޭގައި އުފެދެމުންދިޔަ ދަރީގެ މުޅި ގައިގައި ތަތްލަވައިފައެވެ. ދެ ލޯ ބޮޑުކޮށްގެން އެ މަންޒަރަށް ބަލަން ހުރި ފާޒިލް ކުއްލިއަކަށް އޯކަށް ދަމަމުން ގޮސް މުޅި ޑިންގީ ތެރެއަށް ހޮޑުލައިފިއެވެ. އެއަށް ފަހު ތެދުވާނެ ވަރެއް އޭނާގެ ހަތަރެސްފައިގައި ޖެހޭ ގޮތެއް ނުވިއެވެ.

ޝަމާގެ ގޮހޮރު ފަޅާލައިގެން ހެރޮއިން ކެޕްސޫލްތައް ނެގީ ފާޒިލްގެ އެކުވެރިޔާއެވެ. އޭގެ ތެރެއިން ދެ ތިން ކެޕްސޫލެއް ފިޔަވައި އެހެން ހުރިހާ ކެޕްސޫލެއް ވެސް އެ އެތަކެތި ބަންދުކޮށްފައިވީ ގޮތުގައި އަތުޖެހުނެވެ. ގޮހޮރުން ހުސްކުރި ކެޕްސޫލްތައް ދޮވެ ސާފުކޮށް ދަބަހަށް ލައި ބަންދުކުރުމަށް ފަހު ނަގިލީގެ ވާގަނޑު ޑިންގީން މޮހެލައިގެން ގެނެސް ފާޒިލުގެ އެކުވެރިޔާ އެ ވާގަނޑު ދެން އެއްސީ ޝަމާގެ ދެ ފައިގައެވެ. އެއަށް ފަހު، އިންޖީނު ސްޓާޓުކޮށް މަޑުދުވެއްގައި ގޮސް ޑިންގީގެ ބަރު ނަގިއްޔާއެކު ކަނޑުއޮޅިއަށް ފެއްތީއެވެ. އިތުރު ވަގުތެއް އެތަނުގައި ބޭކާރުނުކޮށް ޑިންގީގަނޑުން ވަރުގަނޑެއް އަރުވާލާފައި ރާޅުތައް ކަފަމުން ފާޒިލާއި އޭނާގެ އެކުވެރިޔާ އެމީހުންގެ ރަށާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ނަމަވެސް ކަނުއަނދިރީގައި އެމީހުންނަށް މާ ދުރަކަށް ނުދެވި އުޅެނިކޮށް މާ ސިންގާ ރާޅެއް އައިސް ޑިންގީގަނޑު ނަގައި ބަންޑުން ޖަހާލައިފިއެވެ. ސުންނާފަތިކޮށްލި އެ ބާރުމިނުގައި ބޮކި ޖަހާލާފައި އަޑިއަށް ދަމައިގެން ގެންދިޔައިރު ފާޒިލަށް ހީވީ ނުބައިވެގެންވީ ދެއްވަކުން އައިސް އޭނާގެ ފުރާނަ ޖަހައިގެން ގެންދަނީ ހެންނެވެ.

އެ އަނދިރިކަމުގެ ތެރެއަށް ގެނބި، މަރާ ގާތުގައި ތެޅިލަތެޅިލަ އޮންނަތާ އިރުގަނޑެއްވީ ފަހުން މާ ދުރުން އަލިތަކެއް ދައްކާލައިފިއެވެ. ނަމަވެސް އެކުވެރިޔާ އާއި ޑިންގީގަނޑު އަދި އޭގައިވީ އެއްވެސް ސާމާނަކާއި އާލާތެއްގެ ހިލަމެއް، އެތައް އިރެއްވީއިރުވެސް އެ ކަނޑުގެ އަނދިރިކަމުން ފެންނަވަރެއް ނުވިއެވެ. މައްޗަކަށް އަރާ ގޮތެއް ނުވިއެވެ. އަލި ފެނުނު ދިމާލަށް ފަތަމުން ގޮސް ވަރުބަލިވި ފަހުން ފާޒިލުގެ ދެ ފައި އެންމެފަހުން އެއްގަމުގައި ޖެހިއްޖެއެވެ. ކުލަކުލައިގެ ބޮކިތަކުން ދިއްލި، މިއުޒިކުގެ ހިތްގައިމު އަޑުތަކުން ގުގުމަކުން ދިޔަ އެ ރަށަކީ ރިސޯޓެކެވެ.

*** ** ***

ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް ފަހު ޖެހިގެން އައި ދުވަސް އެކުގައި ފާޒިލު ހޭދަކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، ތަހުގީގީ ކޮޓަރިއެއްގައެވެ. އޭރު، ގިނަ އަދަދެއްގެ ހެރޮއިން ކެޕްސޫލާއެކު ރަށެއްގެ ގޮނޑުދޮށުން ދަބަހެއް ފެނިގެން އުޅޭ ޚަބަރު ފެތުރިގެން އުޅެއެވެ. އެތެރެއަށް ވަދެގެން އައި ފުލުހުންގެ ދެ އޮފިސަރުން ފަށައިގަތީ އެކަނިމާއެކަނި ފާޒިލް ދަތުރުކުރި ޑިންގީގަނޑު ބަންޑުން ޖަހާލި ހިސާބުންނެވެ. އެއީ ފާޒިލް މިހާތަނަށް އޭނާގެ ވާހަކަ އެމީހުންނަށް ކިޔައިދެމުން އައި ގޮތެވެ. އޭނާ ބުނާ ގޮތުން ނަމަ އެ ޑިންގީގައި ދަތުރުކުރީ އޭނާ އެކަންޏެވެ.

ދެ އޮފިސަރުން ގޮނޑީގައި ހަމަޖެހިލުމުން ފާޒިލް އަނެއްކާވެސް އޭނާގެ ވާހަކަ ފަށައިގަތެވެ. (ނިމުނީ)

Popular