ފޯނު ބޭއްވިއިރު އަހަރެންގެ ހިތުގެ ހިނގުން އިހަށް ވުރެވެސް އަވަސް ވެއްޖެއެވެ. ބޭރަށް ނުކުމެ ދެތިން ފިޔަވަޅު އަޅާފައި ހުއްޓެވުނެވެ. ދޮރާށިން އެތެރޭ ބިންމަތީގައި އޮތީ ރަތް ފިނިފެންމަލެކެވެ.
"އޯ އިޝާން! މީގެ މާނައަކީ ކޮބާ؟ " އެ މާ މޭމަތީގައި ބާއްވާލައިގެން އެނދުގައި އޮށޯވެގެން އޮވެ އަހަންނަށް ބުނެލެވުނެވެ. ލޯމަރާލުމުން އަހަރެންގެ ކުރިމަތިން އޭނާ ފެންނަން ފެށިކަހަލައެވެ. އެކި ދުވަސް ދުވަހު އަހަންނާ ހަތަރުކަޅި ބައްދަލުވެފައިވާ މަންޒަރު ތަކެވެ. ވަމުންދިޔަ ހިނިތުންވުން ތަކެވެ. އެދެލޮލުން ކޮންމެވެސް މެސެޖްތަކެއް އަހަންނަށް ލިބޭހެން ހީވި ފަހަރުފަހަރެވެ.
އަހަންނަކަށް ނޯވެވުނެވެ. ކުރިއެކޭ އެއްގޮތައް އިޝާންގެ ފޮޓޯއާ ވާހަކަ ދައްކާ ހިތްވީއެވެ. އެފޮޓޯއަށް ދޮނެއްދީފައި މި މާދިނުމުގެ ސިއްރަކީ ކޮބައިތޯ އެހީމެވެ. އަހަންނާ ދިމާލަށް ސިއްރު ސިއްރުން ބަލަނީ ކީއްވެތޯއާއި އެނާގެ ހިތުގައި އަހަންނަށް އޮތީ ކޮންއެއްޗެއްތޯ ސުވާލު ކުރީމެވެ. އެންމެ ފަހުން އަހަރެން ގިޓާނެގީމެވެ. ކުރިއެކޭވެސް އެއްގޮތަށް އޭނާއާއި މުޚާތަބުކޮށް އެކިއެކި ލޯބީގެ ލަވަތައް ކިޔައިދިނީއެވެ.
22 އޭޕްރިލް 1994 ވީ ހުކުރު ދުވަހަކީ އަހަރެންގެ އަށާރަވަނަ އުފަންދުވަހެވެ. އެއީ މަންމަމެންނާއި ނުލާ ފާހަގަ ކުރަންޖެހުނު ފުރަތަމަ އުފަން ދުވަސްކަމުން އަހަރެން އެއްކަމެއްވެސް ކުރާކަށް ބޭނުމެއްނުވިއެވެ. އެއާއިއެކު ޝެރީން ނިންމީ އައިސްކުރީމް ބޯން ސްކޫޕްއަށް ދާށެވެ. އައިންތުއާއި ނާސިހާ ވެސް ގޮވައިގެންނެވެ.
އައިންތުއާއި ނާސިހާއަކީ އަހަންނާއި ޝެރީން ފަދައިން ކުޑައިރުއްސުރެ ބެސްޓުފުރެންޑުންނެވެ. އަހަރުމެން ހަތަރުމީހުން އެއްކޮށް އުޅެންފެށީ ނުވަވަނަ ކުލާހުން ފެށިގެންނެވެ. ވަޒީފާއަށްވަދެ މިވީ ދެމަހެއްހައި ދުވަހުގެތެރޭ ހަތަރު މީހުންނަށް ދިމާވެވުނީ އަދި އެންމެ ފަހަރަކުއެވެ. އެހެންކަމުން އެންމެން އެކީގައި ދިމާވެ ހީ ސަކަރާތްޖަހާލަން އަހަރެން ހުރީ ވަރަށްބޭނުންވެފައެވެ.
އެރޭ ބޭރަށްދާން އަހަރެން ލީ މޭމަތީގައި ވެލި ފޮތި ޖަހާފައި ހުރި ރަތް ކުލައިގެ ކުރުހެދުމެކެވެ. އެއީ ދޮންބޭބެ އެންމެ ފަހުން ސިންގަޕޫރުން އަންނަމުން މަގޭ އުފަންދުވަހަށޭ ކިޔާފައި ގެނެސް ދީފައިވާ ހެދުމެކެވެ. އަހަރެންގެ އިސްތަށި ގަނޑުވެސް ދޫކޮށްލާ، ވެޓްލުކް އުނގުޅާ ސްޓައިލް ކޮށްލީމެވެ. ރީތިވެ ނުނިމެނީސް ދޮންބެދައްތަ ކޮޓަރީގައި ޓަކި ޖަހާލާފައި ޝެރީންމެން ބަލާ އައިސްފިކަމުގައި ބުނެލިއެވެ. އަހަރެން އަވަސްކޮށްލައިގެން ގޮސް ކޮޓަރި ދޮރު ހުޅުވާލުމާއި އެކު 'ސަޕްރައިޒް' އޭ ކިޔާފައި އެންމެން ހަޅޭއްލަވައިގަތެވެ. ޝެރީން ނާސިހާ އައިންތު އަދި އަހަރުމެންނާއި އެއްކުލާހުގައި އުޅެފައިތިބި އެހެންދެތިން ކުއްޖަކުވެސް އައިސް ތިއްބެވެ. އެމީހުންއައީ ކޭކާއި ހެދިކާތައްވެސް ހިފައިގެންނެވެ.
"މިޕާރޓީ މީ މަގޭ ހަދިޔާ ރަނގަޅުތަ؟" ޝެރީން އަހަރެންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.
"ތެންކިޔޫ! ތެންކިޔޫ!" އަހަރެން އުފާވިއެވެ.
އިސާހިތަކު ގޭތެރޭގެ މާހައުލު ޕާޓީއަކަށް ބަދަލުވެއްޖެއެވެ. ދޮންބޭބެ މާލޭގައި ހުރި ދުވަސްކޮޅަކާއި ދިމާވިކަމުން ދޮންބޭބެ ބޮޑު ސްޕީކަރު ގުޅާ ލަވަޖަހަން ފެށިއެވެ.
" ދެން ނެތްތަ އިތުރު ސަޕްރައިޒެއް؟" އަހަރެންނަށް އަހާލެވުނެވެ.
"ތިބުނީ؟" ޝެރީން ސުވާލުކޮށްލިއެވެ. އޭރު ޝެރީންއާއި ދޮންބެދައްތަ އުޅެނީ ހެދިކާ ތަށިތައް އަތުރާށެވެ. އަހަރެން އެއްކަމަކާ ވެސް ކައިރިވިއަކަ ނުދިނެވެ.
"ނޭނގޭނެއެންނު އަހަރެންގެ މަންމައާއި ބައްޕަވެސް ގެންނަން ރާވާފައި އޮވެދާނެއެންނު!" އަހަރެން އޮޅުވާލީމެވެ. ހިތުގައި އޮތީ އަހަންނަށް ލިބުނު ރަތްފިނިފެންމަލެވެ.
އެމީހުން ވަރަށް މިސްވޭ ދޯއޭ ޝެރީން ބުނެލިއެވެ. އެއާއިއެކު އަހަރެން ދެރަވިއެވެ. ޝެރީން އަނެއްކާވެސް ބާރަށް އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި ބުރަކަށީގައި ފިރުމާލިއެވެ.
"އަޅެ ، އަހަންނަށް ދީބަލަ ތި އިސްތަށި ގަނޑު!" އޭނާ އަބަދުވެސް ބުނާ އެއްޗެއް ތަކުރާރުކޮށްލިއެވެ.
އެއާއިއެކު އަހަރެންވެސް އަބަދުވެސް ޖަވާބު ދޭ ގޮތަށް ބަދަލު ކުރަން ހިނގާށޭ ބުނީމެވެ. އަހަންނަށް އޭނާގެ އެ އޮންނަ ފަންފަން ކުރު އިސްތަށި ކޮޅު މާރީއްޗެވެ. ގެންގުޅެން ހާދަ ފަސޭހަ ވާނެޔޭ އަހަރެން އަބަދުވެސް ހިތަށް އަރައެވެ.
"ރީނާ ކޮންމެވެސް ބަޔަކު އަތުވެއްޖެ!" ސިޓިން ރޫމްގެތެރެއިން އައިންތު ގޮވާލުމުން އަހަރެން ހިނގައިގަތީމެވެ. ގޭތެރެއަށް ވަންނަ ދޮރު ހުޅުވާލުމުން އަހަންނަށް ފެނުނީ ސަމީރުއެވެ.
" ވާހް، ރާނިޔާ ނުވެސް އެނގުނު!" ސަމީރު ބުނެލިއެވެ. އޭނާގެ ފަހަތުން އިޝާން ފެނުނީ އެވަގުތުއެވެ.
އަހަރުމެން ދެމީހުން ހަތަރުކަޅި ހަމަވެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވަގުތުގެ ހިނގުން ހުއްޓުނު ކަހަލައެވެ.
" މިރޭ ރިސޯޓަށް ނުދަނީތަ؟" އަހަރެންގެ ފުރަގަހުން ޝެރީންގެ އަޑު އިވުނު ހިސާބުން އަހަންނަށްޓަކައި ހުއްޓިފަ ހުރި ވަގުތުކޮޅު ނިމުމަކަށް އައެވެ.
"އާނ! މިރޭ ކެންސަލް ވީ، ބާތުޑޭ ގާރލު ހާދަ ނަލައޭ އިނގޭ!" އަހަންނާއި ސަލާމް ކުރަމުން ސަމީރު ބުނެލިއެވެ.
" ހެޕީ ބާރތުޑޭ" އިޝާން އަހަންނާ ސަލާމަށް އަތްދިއްކޮށްލިއެވެ. އެ ސަލާމުގައިހުރީ ކޮންކަހަލަ އަސަރެއް ކަމެއް ނޭނގެއެވެ. އެނގެނީ އެވަގުތު އަހަރެންގެ ހިތާއި ހަށިގަނޑަށް ވެރިވެގެންދިޔައީ އާދައިގެ އިހުސާސްތަކެއް ނޫންކަމެވެ.
އިޝާންމެންނަށް ސައިދިނުމުގެ ކަންތަކުގައި އަހަރެން ނުބުންޏަސް ޝެރީން އިސްވާނެކަން އަހަންނަށް އެނގުނެވެ. އެމީހުން ޝެރީންއަށް ދޫކޮށްލާފައި އަހަރެންގޮސް އެހެން ކުދިންގެ ކައިރީގައި އިށީނީއެވެ. އޭރު އަހަންނަށް އިނދެވެނީ އުފަލުން ހިނިތުންވެވިފައެވެ. ޕާރޓީއަށް އައި އެންމެ މެހެމާނެއްގެ ސަބަބުން ޕާރޓީ ފުރިހަމަ ވެގެން ގޮސްފިކަމަށް ގަބޫލުކުރެވުނެވެ.
ޝެރީން ކޭކު ގެނެސް ސިޓިންރޫމުގައި ހުރި ކުޑަމޭޒުމަތީގައި ބެހެއްޓިއެވެ. ކޭކުފަޅަން ދާން އަހަރެން ތެދުވި ވަގުތު ޓީވީ ރެކުގެމަތީގާހުރި މާޖަހާއެއްޗަށް ޖަހާފާއިން ރަތްފިނިފެންމާ ނާސިހާއަށް ފެނިގެން އެއީ އަސްލުމަލެއްތޯ ސުވާލުކުރިއެވެ.
ވަގުތަކީ ލަވަނިމި މުޅިތަނަށް ހަމަހިމޭންކަން ވެރިވެފައިއޮތް ވަގުތުކޮޅެކެވެ. އެހެންކަމުން ނާސިހާކުރި ސުވާލުގެއަޑު އެންމެންނަށް އިވުނެއެވެ. އަދި އެންމެންގެ ސަމާލުކަން އެމަލަށް ހުއްޓުނެވެ. އަހަރެން ހާސްވިއެވެ. ހިތްތެޅިގަތެވެ. އަހަރެން އާނއެކޭ ބުނީމެވެ.
"ތީއަހަރެން ބިންމަތިން ހޮވިމަލެއް!" މިހެންބުނަމުން އަހަރެންނަށް ހިނިތުންވެލެވުނެވެ. ބޭއިޚްތިޔާރުގައެވެ.
"ހޮވި އެއްޗެކޭ؟" ޝެރީން ހައިރާންވިއެވެ. އަހަރެންނަށް ހީކުރެވުނީ ރަނގަޅަށެވެ. އިޝާން އެމާ ދިންކަމެއް އޭނާއަކަށް ނޭނގެއެވެ.
"އާނ! ތިޔައީ ރޭގައި މިގޭތެރެއަށް ވެއްޓިފައި އޮތް މަލެއް ..." އަހަރެން އެހެން ބުނެފައި ސިއްރުސިއްރުން އިޝާންއަށް ބަލައިލީމެވެ. އިޝާން އަހަރެންގެ މޫނަށް ބަލަން އިންތަންފެނުނެވެ. ލާނެއް ހިނިތުންވުމެއް އޭނާގެ ތުންފަތުން ފެނިގެން ދިޔަހެން އަހަންނަށްހީވިއެވެ. އަހަރެންގެ ހިތުގެތެޅުމަށް ލޮޅުމެއްއައިކަން އިހުސާސްވިއެވެ.
" ތިއުޅެނީ ނުބުނާން ޔަގީން ތީ ކޮންމެވެސްކަމެއް.!" އައިންތު ވާހަކައިގަ ބައިވެރިވިއެވެ. "ތިކަހަލަ ރަތްފިނިފެންމަލެއް ދޭނީ ރީނާއަށް ހިތްކިޔާމީހަކު. ދޯ ޝެރީން" އައިންތު ބުނެލިއެވެ.
"އާނ. އެހެން ކަމަށް ވާނީ" ޝެރީންވެސް އަހަންނާ ދިމާކޮށްލުމުގައި ބައިވެރިވިއެވެ.
އެހިނދު އަހަންނަށް އިސްއުފުލާ އިޝާންއާއި ދިމާލަށް ބަލައިލާކަށް ނުކެރުނެވެ. އަހަރެން ސަމީރު ކޮބައިތޯ ހޯދާލީމެވެ. އޭނާ އިނީ އަހަރެންގެ ކުލާހުގައި އުޅުނު ސީމާއާއި ވާހަކަދައްކާށެވެ. ދެކެވެމުން ދިޔަވާހަކައެއް އޭނާއަކަށް އަޑުއިވުނު ހެނެއްވެސް ހިޔެއްނުވެއެވެ.
ކޭކުގެ އުއްބައްތި ރޯކޮށް ކޭކު ފަޅަންތައްޔާރުވީމެވެ. އެ ހުޅުކޮޅު ތަކުގެތެރެއިން އަހަންނަށް އެމޫނު ފެނުނެވެ. ފުމެލަމުން އަހަރެންލޯ މަރާލީމެވެ.
" އޭ ވިޝް ކުރިންތަ؟" ކޮންމެވެސް ކުއްޖަކު ބުނެލިއަޑު އިވުނެވެ.
"އާނ!" އަހަރެން މަޑުމަޑުން ބުނެލީމެވެ. "އެކަމަކު އެކަން ވާނެހެނެއް ހިޔެއްނުވޭ!"
އަހަރެންގެއަޑު އެކަކަށްވެސް ނުއިވި އެންމެން އެކީގައި ކިޔަމުންދިޔަ 'ހެޕީ ބާރތުޑޭ' ލަވައިގެތެރެއަށް ގޮސް ގެއްލުނެވެ.
ކޭކު ފަޅާ ނިންމާފައި އަހަރެން ބޭނުންވީ އެތަނުން ދުރަށް ޖެހިލާށެވެ. އަހަރެންގެ އިހުސާސްތައް މައިތިރި ކުރަން ބޭނުންވީއެވެ. ކޮޓަރިއަށް ވަދެ ފާޚާނާ ލޯގަނޑު ކައިރިއަށް ހުއްޓިގެން ހުރީމެވެ. އަހަރެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެހެންހުރިއިރުވެސް އަމިއްލައަށް ހިނިތުންވެވެނީއެވެ. އެމަލުގެ ވާހަކަ ދެއްކިވަގުތު އިޝާން ލާނެއްގޮތަކަށް ހިނިތުންވެލި މަންޒަރު އަހަރެންގެ ހިތަށް ފެންނަންފެށިއެވެ.
އޭނާގެ ހިތުގައި އަހަންނަށް ޚާއްސަ ކަމެއްވަނީ ހެއްޔެވެ؟ ހަމަ ގައިމުވެސް ކޭކު ފެޅިވަގުތު އަހަރެންގެ ހިތަށް އެރީ އޭނާއެވެ. ވިޝް ކުރެވުނީ ކޮންމެވެސް ދުވަހަކުން އަހަންނަށް އޭނާއާއި ހަމައަށް ދޭވޭތޯއެވެ. އެކަންވާނެ ބާވައެވެ؟
ޝެރީން ކޮޓަރިއަށް ވަދެ ފާޚާނާ ދޮރުގައި ޓަކިޖަހާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޝެރީން ގޮވާލާފައި ބުނީ އިޝާން މެން ދާން އުޅޭ ވާހަކައެވެ. އަހަންނަށް އެނބުރި ހަގީގަތަށް އާދެވުނެވެ. ދޮރު ހުޅުވާލާފައި އަވަހަށް ނުކުތީއެވެ.
އިޝާން އަހަންނާއި ސަލާމް ކުރުމުގެތެރެއިން އަހަރެންގެ އަތަށް މަޑުމަޑުންފިތާލި ހެންހީވިއެވެ. ކައިރީގައި ޝެރީން ހުރުމުން އަހަންނަށް އޭނާގެ މޫނަށް ބަލައިލާކަށް ނުކެރުނެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ އައީތީ!" އަހަރެން މުޚާތަބު ކުރީ ސަމީރުއާއެވެ. ސަމީރު އޭނާގެ އާދައިގެ މަތިން ސަމާސާ ކޮށްލިއެވެ. އަހަރެންގެ ކަންފަތް ބުޑުގައި ތިހާރީތިވެގެން އޮފީހަށް ނުދައްޗޭ ބުނެލިއެވެ. އޭރުން ހުރިހާ ފިރިހެނުންގެ ހިތްތައް ކަތިލެވިދާނެ ކަމުގައި ބުންޏެވެ.
އަހަރެން ހިނިތުންވެލީމެވެ. އިޝާން ކޮބައިތޯ ބަލާލެވުނެވެ. އޭރު އޭނާޝެރީންއާއި ވާހަކަ ދައްކަމުންގޮސް ދޮރުން ނުކުންނަނީއެވެ. އެމަންޒަރު ފެނުމުން އަހަރެންގެ މޫޑް އެއްފަހަރުން ބަދަލުވިއެވެ. އިޝާންއަކީ ޝެރީންގެ މީހެކެވެ. ޕާރޓީއަށް އެއައީ އޭނާ ދަޢުވަތު ދިނީމަތާއޭ އަހަރެންގެ ހިތަށްއެރިއެވެ. އެހިސާބުން އަހަރެން އެމީހުންނާއިއެކު ދޮރާށި ދޮށަށް ދާ ހިތް ވެސް ކެނޑުނެވެ. އަނބުރާލާފައި އެތެރެއަށް ވަނީއެވެ.
އަހަރެން ގޮސް ނާސިހާމެން ކައިރީ އިށީނީމެވެ. އަދި އެންމެންވެގެން ސަޕްރައިޒް ޕާރޓީއެއް ބާއްވައިދިން ކަމަށްޓަކައި ވަރަށް އުފާވި ވާހަކަ ބުނެލީމެވެ.
"ތިކަމުގައި އެންމެ އިސްކޮށް އުޅުނީ ޝެރީން އާއި ރީނާގެ ދޮންބެދައްތަ!" އައިންތު ބުނެލިއެވެ. އެވަގުތު ސީމާ އެތަނަށް އައިސް އެފިނިފެންމަލާއި ބެހޭގޮތުން ސުވާލުކުރިއެވެ. ޝެރީންއެކޭ އެއްފަދައިން އަހަރެންވެސް މިހާރު ކޮންމެވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭ ކަމަށް އެމީހުން ޝައްކުކުރިއެވެ. ދިމާކުރަން ފެށިއެވެ.
"އެއީ ޖޯޖް މައިކަލް މަށަށް ފޮނުވި އެއްޗެއް!" އަހަރެން ބުނެލީމެވެ.
ޕާރޓީއަށް އައި އެހެން ކުދިން ގޮސް އަހަންނާއި ޝެރީން އާއި އެކަނި ވުމުން އެމަލާ ބެހޭގޮތުން ސުވާލުކުރިއެވެ. އެއީ އޮފީހުގައި އުޅޭ ކުއްޖަކު ދިން އެއްޗެއްކަމުގައި އަހަރެން ބުނީމެވެ. އެވަގުތު އަހަރެންގެ ސިކުނޑިއަށް އައީ އޮފީހުގައި އުޅޭ މުހުސިނުގެ ނަމެވެ.
"ތި ވާހަކަ ނުވެސްބުނަމެންނު އަހަރެން ކައިރިއަކު!" ޝެރީން ޝަކުވާކޮށްލިއެވެ. "އެއީ ކޮންއިރަކު ކުރިކަމެއް؟"
"ދެން ނޫން! އެއީ މާބޮޑު މީހެއް. މީހަކާ އިނދެގެން ކުދިންވެސް ތިބޭ" އަހަންނަށް މިބުނެވުނީ މާރަނގަޅު ވާހަކައެއް ނޫންކަން ވިސްނުނެވެ. އަދި އެވާހަކަ އިޝާންމެން ކައިރީ ނުބުނުމަށް އެދުނީމެވެ.
"ރީނާއަށް ކަމުދާ މީހަކު އަދިވެސް ނުފެނޭތަ؟" ޝެރީން ސުވާލުކުރިއެވެ.
އެވަގުތު ދޮންބެދައްތަ އައިސް ބަދިގެތެރެއަށް ވަނެވެ. އަހަރެން ބޯ ހޫރާލާފައި ވަރަށް ރީތި މީހެއް ފެނިއްޖެ ކަމުގައި ބުނީމެވެ.
"އޭނާއަށް ކިޔަނީ އާމިރު ޚާން ..... ފިލްމް ދިލް ބަލާނިމުނުއިރު އަހަރެންގެ ހިތް އޭނާ އަތުލައިފި!" އަހަރެން ހަމަ ވަރަށް ސީރިއަސްކޮށް ވާހަކަ ދެއްކީމެވެ.
ދޮންބެދައްތަ ހޭންފެށިއެވެ. އަދި އެއީ ތެދެކޭ ބުނެލިއެވެ.
" ސާބަސް!" ޝެރީންވެސް ހޭންފެށިއެވެ. "ރީނާ ދެން ވެއްޖެއެންނު އަތްފޯރާފަށުގައި ހުރި މީހެއް ހޯދަން!"
"ތިޔަހެން ބުނާއިރުވެސް ޝެރީންއަށް އެނގޭނެ އަހަރެންނަށް ކަމުދާ ދިވެއްސެއް ނުފެންނާނެކަން!" ކުއްލިއަކަށް އަހަރެން ނުތަނަވަސްވިއެވެ. އަހަންނަށް ފެނުނު ހަމައެކަނި މީހާ ތިއުޅެނީ އަތުލައިގެންނޭ ބުނެފާނަމޭ ހިތަށް އެރީއެވެ.
-- ނުނިމޭ --
◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ
