3 Dec 2022

● 10 ވަނަ ބައި

"ދެން އަޅާނުލާ !" ޝެރީން ބުނެލިއެވެ. އޭނާގެ މަޤްސަދަކީ އިޝާންއާއި އެކަނި ބައްދަލުކޮށްލަން އަހަރެންގެ ކޮޓަރިއަށް ވަންނަންކަން އެނގުނީ އެހެން އޭނަ ބުނީމައެވެ.

"އާނ ތިކަމެއްނުވާނެ!" ޖަވާބު ދިންއިރު އަހަރެން މުޅިން ފިނިވެއްޖެއެވެ.

އެރޭ އަހަންނާއި ދޮންބެދައްތަ ދިޔައީ މަންމަ ގޮވައިގެން ބާޒާރަށެވެ. އެއްފިހާރައިން އަނެއްފިހާރައަށް ވަންނަމުން ހިނގަމުން ދިޔައިރުވެސް އަހަންނަށް ވިސްނެނީ ޝެރީންމެނާއި މެދުއެވެ. އެދެމީހުން ބައްދަލުވާން ދިޔައީ ކޮންތާކަށްބާވައޭ ހަމަ ހިތަށް އަރަނީއެވެ.

ގެއަށް އައިގޮތަށް ޝެރީންއަށް ގުޅީމެވެ. އެކަމަކު އޭނާއެއް ގެއަކު ނެތެވެ. އަހަންނަށް އުނދަގޫވިއެވެ. އެފޯނު ނުކުރެވުނު ނަމައޭ ހިތަށް އެރިއެވެ.

އަނެއްދުވަހު އިޝާން ޝަކުވާކުރިއެވެ. އަހަރުމެންގެއަށް ކާންދާން ވަރަށް ތައްޔާރު ވީން ކަމުގައި ބުންޏެވެ. އަހަރެން ވީގޮތް ކިޔައިދީފައި ވަރަށް ބޮޑަށް ސޮރީއެ ބުނީމެވެ.

"އަހަންނަށް ކެއުމަކަށް ދެރީ އިނގޭ ތި" އޭނާ ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. އެކަމަކު އޭނާއަށް ދަޢުވަތުދީގެން ގެއަށް ގެނައުމަކީ ގޯހެއްކަން އަހަރެންގެ ސިކުނޑި އެވަގުތުވެސް ވިސްނައިދިނެވެ.

އެދުވަހު ހަވީރު ޝެރީން އާއި ދިމާވުމުން އިޝާން އޭނާ ގޮވައިގެން 'ރޮމޭންޓިކް ޑިނަރ' އަކަށް ރެސްޓޯރެންޓް އަކަށް ދިޔަ ވާހަކަ ކިޔައިދިނެވެ. އެނާ ހުރީ ވަރަށް އުފާވެފައެވެ. އެވާހަކަ ދެއްކިންތޯ އަހަރެން އަހާލުމުން އޭނާ ބޯހޫރާލާފައި ނުކެރުނު ކަމުގައި ބުންޏެވެ.

"ކޮންދުވަހަކުން ރީނާ މަންމަމެން ފުރަނީ؟" ޝެރީން ސުވަލުކުރިއެވެ.

"ނޭނގެ.. އަދި އިއްޔެއެއްނު އެއައީ!" އަހަރެން ހިތްހަމަނުޖެހިފައި ބުނެލީމެވެ. މަންމަމެން ފުރިއަސް ހަމަހޭގައި ހުރެ އަހަރެން އެ ފުރުސަތެއް ނުދޭނަމޭ ހިތަށް އަރާފައި ދަތްކުނޑި ވިކާލެވުނެވެ.

ޝެރީން ފުރަން އުޅުނު ދުވަސްކޮޅު ކުރިއެކޭ އެއްގޮތަށް އަހަރުމެން ދެމީހުން ގާތްވިއެވެ. ދަތުރަށް ތައްޔާރުވާން ބާޒާރުކޮށް ހަދާ އެއްޗެތި ޕެކްކުރުމުގައި އެހީތެރިވެދޭން އަހަރެން އެގެއަށް ދިޔައީމެވެ. ފުރަންގޮއްސައި އެއަރޕޯރޓުން އެންމެފަހުވަގުތު އަހަރެންގެ ގައިގަ ބައްދާލާފައި އިޝާން އުޅޭ ނޫޅޭ ގޮތް ބަލާލަދެއްޗޭ ސިއްރުސިއްރުން ބުނެލިއެވެ.

ޖެހިގެން އައިދުވަހު އޮފީހުން އިޝަން ފެނުމުން އޭނާގެ އިހުސާސްތައް އަހާ ހިތްވިއެވެ. އޭނާއަށް ޝެރީން މިސްވާނެ ބާވައެވެ؟ އޭނާ ޝެރީން ދެކެ ވަރަށް ލޯބިވޭ ބާވައެވެ؟ މާލޭގައި ހުރިނަމަ ޝެރީން ފުރުވަން ދިޔައީސް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު އެޔެއް އޮޅުންފިލުވަން އިޝާންގެ ކުރިމައްޗަށް ދާކަށް ނުކެރުނެވެ. އެއީ ކީއްވެގެންކަމެއް ނޭގެއެވެ.

އޭނގެ ހަފްތާއެއްވަރު ފަހުން އެއްދުވަހަކު އަހަރެން ކޮންޕިއުޓަރ ކައިރީ މަސައްކަތެއް ކުރަން އިންދާ އިޝާން އައެވެ. އެއީ އެތާގައި އަހަރެން އެކަނި އިންވަގުތެކެވެ. އޭނާ އައިސް އަހަންނާއި ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން އެއްކަލަހެން އަހަރެންގެ ހިތް އަވަސްވެގަތެވެ. އަހަރެން އަވަސް އަވަހަށް އޭނާ އައީ ކޮންބޭނުމަކުތޯ ސުވާލު ކުރީމެވެ. އެޔާއިއެކު އެނާގެ އަތުގައި އޮތް ފައިލު ދިއްކޮށްލިއެވެ.

"މިމީހުންނަށް ޖަވާބެއްލިޔެދީބަލަ" އެނާ އެދުނެވެ.

އޭނާ ދިއްކޮއްލި ފައިލުގައި ހިފާފައި ބަލާލީމެވެ. އެއީކުރިން އަހަރެން ގެންގުޅުނު މަޝްރޫއެއްގެ ފައިލެކެވެ. "މީން އެކައްޗެއްވެސް މިހާރު ހަނދާނެއް ނެތް!" އިޝާން ބުނެލިއެވެ. އަހަރެން އެ ސިޓީ ކިޔަންފެށީމެވެ. "ކީއްވެގެންތަ އަހަރެންގެ ކައިރީގައި ނީނދެ މިތަނަށް ތިބަދަލުވީ؟" އިރުކޮޅަކަށް ފަހު އޭނާ މަޑުމަޑުން އަހާލިއެވެ. އަހަންނަށް އޭނާއާއި ދިމާލަށް ބަލާލެވުނެވެ. ހަތަރުކަޅި ހަމަވުމުން ހިތުގެހިގުން އަނެއްކާވެސް އަވަސްވެގަތެވެ.

"ޖަވާބެއް ޑްރާފްޓްކޮށްގެން ގެންގޮސް ދޭނަން" އަހަރެން ހަމަޔަކަށް އެޅިލަން މަސައްކަތް ކުރަމުން ބުނެލީމެވެ. އެހެން ބުނީ އޭނާ ދާނެކަމަށް ހީކޮށެވެ. އެހެންނަމަވެސް އޭނާ ދާ ޚިޔާލެއް ނުކުރިއެވެ. އޭނާ އިންހައި ހިނދަކު އެއްވެސް މަސައްކަތެއް ނުކުރެވޭނެކަން އަހަންނަށް ޔަގީނެވެ. ހިމޭން ވަގުތު ކޮޅަކަށްފަހު އަނެއްކާވެސް އިޝާން ވާހަކަދައްކަން ފެށިއެވެ.

"ކީއްވެތަ އަހަންނަށް މިހާރު މިހެންމިވަނީ؟ ...... އަހަންނަށް މިހާރަކަށް އައިސް އެކައްޗެއްވެސް ނުވިސްނޭ! ރާނިޔާ އަހަރެންކައިރީ ނެތީމަ ވަރަށް އުދަގޫ....." އިޝާންގެ އެޖުމްލައިން އަހަރެން މުޅިންފިނިވެގެންދިޔައެވެ. އެހެންނަމަވެސް އަހަރެން އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ.

"ހުމް ..އެގިއްޖެ ތިވާގޮތް! ކުއްޖަކު ފުރައިގެން ދިއުމުން މާބޮޑަށް މިސްވަނީ" އަހަރެން ބުނެލީމެވެ. އޭރު އަހަރެންގެއަޑު ތުރުތުރުއަޅައެވެ.

އިޝާން ބޯ ހޫރައިލިއެވެ. މޫނުމަތިން އެފާޅުވިއަސަރެއް އަހަންނަކަށް ނުވިސްނުނެވެ. އަނެއްކާވެސް އަހަރެންގެ ހިތް އިހަށްވުރެބާރަށް ތެޅެންފެށިއެވެ. އޭނާއަށް އެއަޑު އިވިދާނެތީ އަހަރެން ކަންބޮޑުވިއެވެ.

"ނޫން އޭނަ އެއްނޫން މިސްވަނީ...."

"ދެން ކާކު؟" އަހަންނަށް އެހެންއަހާލެވުނީ ބޭއިޚްތިޔާރުގައެވެ.

"ހަމަ ނޭގޭތަ؟" އޭނާ އެހެންބުނީ ވަރަށްމަޑުންނެވެ. އެހެންނަމަވެސް އޭނާ އެބުނަނީ ކީކޭކަން އަހަންނަށްއެނގުނެވެ.

"ބުނެދޭންވީތަ؟" އަހަންނަށް އެއްޗެއް ނުބުނުމުން އޭނާ ސުވާލު ކޮއްލިއެވެ. އަހަރެން އިސްއުފުލާ ބަލާލީމެވެ. ހަތަރުކަޅި ހަމަކޮއްލެވުނެވެ. އެވަގުތު އަހަންނަށް އެނގުނު އެއްޗަކީ އެދެލޮލުގެ ޖާދޫގައި އަނެއްކާވެސް އަހަރެން ޖެހެންފެށިކަމެވެ.

ކުއްލިއަކަށް ދޮރު ހުޅުވުނު އަޑާއި އެކު އަހަރުމެން ދެމީހުންވެސް ސިހުނެވެ. އެތެރެއަށް ވަނީ މުހުސިނެވެ.

"އާނ މީނީ! އިޝާންއަށް ފޯނެއްވެގެން އެބަހޯދާ!" މުހުސިނު ބުނެލިއެވެ.

"އަހަންނަށް ރާނިޔާ އަނބުރާލިބޭނެ ގޮތެއް ނޯންނާނެތަ؟" އިޝާން ތެދުވަމުން މުހުސިނު އާއި ދިމާލަށް ބުނެލިއެވެ.

"އޭރުން އަހަރުމެންގެ މަސައްކަތޯ؟" މުހުސިނު ސުވާލުކޮށްލިއެވެ.

އެޔަށް އިތުރު އެއްޗެއް ނުބުނެ އިޝާން ނުކުމެގެން ދަމުން ދިޔައީ އޭނާ ގެނައި ފައިލުވެސް ހިފައިގެންނެވެ.

އެރޭ އިޝާންގެ ފޮޓޯއާއި ވާހަކަ ދައްކަން އަހަންނަށް މަޖުބޫރުވިއެވެ. އިޝާން ބުނަންއުޅުނީ ކީކޭތޯ އެހީމެވެ. އެހިތުގައި އަހަންނަށްއޮތީ ކޮން މަގާމެއްތޯވެސް އެހީމެވެ. އަހަރެންވިސްނީމެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް އިޝާންގެ ނަން އަހަރެންގެހިތުން ފަނޑުވެ ނުގޮސް މިހުންނަނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. ރަތް ފިނިފެންމަލުން ފެށިގެން އަހަރެންގެ ހިތްތަޅުވަނީ ކީއްވެތޯ އެހީމެވެ.

އަހަރެން ރުއީމެވެ. އާދޭސް ކުރީމެވެ. އަހަރެން އިޝާންއާއި ދުރުވާންކުރާ މަސައްކަތް ނާކާމިޔާބު ވިޔަނުދޭށޭ ބުނީމެވެ. އަހަރެންގެ ރަހުމަތްތެރިޔާއަށްޓަކައި އަހަރެންގެހިތުގެ އުފާތައް ގުރުބާންކުރަން ބޭނުންވާހަކަވެސް އިޝާންގެ ފޮޓޯގާތު ބުނެދިނީމެވެ.

އަހަރެން މާޔޫސްވާންފެށިއެވެ. އޮފީހަށް ދާހިތްވެސް ކެނޑެންފެށިއެވެ. އިޝާން ފެންނަހިސާބަށް އޮފީސް ތެރެއަށް ނުކުންނަން ޖެހިލުންވާންފެށިއެވެ. ބުރާސްފަތި ދުވަހު އޮފީހަށް ދިޔައިރު އަހަރެންގެ މުޅި ނަފްސަށް ބުނެދޭން ނޭގެކަހަލަ ވަރުބަލި ކަމެއް އިހުސާސް ކުރެވެމުންދެއެވެ. އޮފީސް ނިންމާފައި ގެއަށްދާ ގޮތަށް ނިދާނީއޭ އަހަރެންގެ ހިތަށްއެރިއެވެ.

އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރަށް އުޅުއްވާ ސަލީމާގެ މާމަ ދަރިފުޅު ހިތާނުކޮށްގެން އުޅޭތީ އެރޭ އެގެއަށް ދިޔުމަށް ދަޢުވަތު ލިބުމުންވެސް އެންމެ ފުރަތަމަ އަހަރެން ނުދާންނިންމީމެވެ. އެކަމަކު އޭގޭގައި އިޝާންމެންގެ ބޭންޑު ކުޅޭކަން އެނގުނު ހިނދު އަހަރެންގެ ހިތްއަވަސްވެގަތެވެ. ދާން ބޭނުންވިއެވެ. އިޝާން ލަވަކިޔާ އަޑު އަހާލުމަކީ އަހަރެންގެ ހިތަށް ލިބޭނެ ކުޑަކުޑަ ފަރުވާއެއްކަމުގައި ހިތްބުނެދިނެވެ.

އަހަރެން ވަރަށް ނަލަހެދިލައިގެން ހަފީޒާއާއި އެކީ އެގެއަށް ދިޔައީމެވެ. އޭރު އެގޭތެރޭގައި ވަރަށް މީހުންގިނައެވެ. އޮފީހު ވަރަށް ގިނަމީހުންވެސް އައިސް ތިއްބެވެ. ގަސްދޮށުގައި ހަދާފައިވާ ކުޑަ ސްޓޭޖެއްގެ މަތީ މިއުޒިކް ސާމާނު އަތުރާފައި ހުއްޓެވެ. އިޝާން އާއި ސަމީރު ފެނުމުން ހަފީޒާ އެމީހުންނާއި ދިމާލަށް ހިގައިގަތެވެ.

"އިޝާން ދިވެހިލަވަ އެއް ކިޔާދޭތީ" ހަފީޒާ ގޮސް އެމީހުންކައިރިއަށް ހުއްޓެމުން އެދުނެވެ.

ކިޔާދޭންވީ ކޮންލަވައެއްތޯ އެހުމުން އިޝާންއަށް އެންމެ ރީތި ލަވައެއް ކިޔާދޭށޭ ހަފީޒާ ބުނެލިއެވެ. އިޝާން ހަފީޒާ އާއި ވާހަކަ ދެއްކިއަސް އޭނާ ބަލަމުން ގެންދިޔައީ އަހަންނާއި ދިމާލަށްކަން އަހަންނަށް އެގުނެވެ. އަހަރެން ލައިގެން ހުރީ ޕީޗްކުލައިގެ ހެދުމެކެވެ. އިސްތަށި ގަނޑު އޮތީ ނުއުޅުވާލާފައެވެ. ގޭގައި ލޯގަނޑު ކައިރީ އެތައް އިރެއްވަންދެން ހުރެ އޭނާއަށް މިރޭ އަހަރެން ރީތިވެދާނެ ބާވައޭ ހިތަށް އެރިކަން ހަނދާންވިއެވެ.

"ކޮންލަވައެއް ރާނިޔާއަށް؟" އޭނާ ސުވާލު ކުރުމުން އަހަރެން ސިހުނެވެ.

"ޑޫ ޔޫ ރިއަލި ވޯންޓު ހޯރޓް މީ!" އަހަރެން ބުނީމެވެ. ދެމާނަ ނެގޭގޮތަށެވެ. އޭނައަށް އިތުރު އެއްޗެއް ނުބުނެވެނީސް އަހަރެން ހިގައިގަތީމެވެ. ފަސް އެނބުރި ބަލާލިއިރު އިޝާން އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން އަހަންނަށް ހިނިތުންވެލެވުނެވެ. މިއުޒިކް ބަލަން ގޮނޑީގައި އިށީންއިރު އަހަރެންގެ މޭތެޅެން ފަށައިފިއެވެ. އަހަރުމެން ކައިރީ އޮފީހުގެ ވަރަށް ގިނަ މީހުން ތިއްބެވެ. އަހަރެން ހިތްއަވަސްވެފައި ވާވަރު އެއިން މީހަކަށް ފާހަގަ ވެދާނެތީ ކަންބޮޑުވިއެވެ.

އިޝާން ލަވަކިޔަން ފެށުމާއި އެކު އަހަރެންގެ ހިތުގެ ތެޅުން ހަމައިން ނެއްޓުނެވެ. ހިތުގައި ކަސްތޮޅު އަޅުވާފައިވާ ޖަޒްބާތުތައް ވީއްލުނެވެ. ބައެއްފަހަރަށް ހިތުގެ ވިންދު ހުއްޓޭހެންވެސް ހީވެއެވެ. އަނެއްބައި ފަހަރަށް ހިތްއަވަސްވެއެވެ. އެނތާގައި އިނެއްކަމަކު އަހަންނަށް އިދެވުނީ އެތާކު ނޫނެވެ. އަހަރެންގެ ހިޔާލުތައް އުދުހެމުންގެންދިޔައީ މުޅިން އެހެންދުނިޔެއެއްގައެވެ. އިޝާން އާއި އެކީގައެވެ.

"ދެން އޮތީ މިރޭގެ އެންމެ ފަހުލަވަ!" އިޝާންގެ އަޑު އިވުނެވެ. "މިއީވެސް ރިއުކެސްޓެއް.. ޚާއްސަ ރިކްއެސްޓެއް!" އެހެންބުނަމުން 'ބޯއި ޖޯރޖް' ގެ ލަވަ ފެށިއެވެ.

އެލަވައިގެ މާނަ އަހަންނަށް ވަރަށްފުނެވެ. އޮފީސްތެރޭގައި ދެމީހުން އެކީގައި ހޭދަކުރެވުނު އެކި މަންޒަރު ތައް ވަކިވަކިން އަހަންނަށް ފެންނަންފެށިއެވެ. ކޮންމެ ފަހަރަކު ހަތަރު ކަޅި ބައްދަލުވާ ވަގުތު އެވެރިވާ ޖާދުވީ ހަނުހިމޭން ކަމެވެ. އޭނާގެ ހިތުން އަހަރެންގެ ހިތަށް މެސެޖް ފޮނުވާހެން ހީވާ ވަގުތުތަކެވެ. އޭނާގެ ގައިގާ ބީހޭހާ ކައިރީގައި ހުރެވޭ އިރު އަހަރެންގެ ގައިން ހީބި ނަގައިގެން ދާގޮތެވެ. އޭނާ އެއްޗެއް ބުނަން އުޅޭހެން ހީވެ އަހަރެންގެ ހިތްތެޅި ގަންނަފަހަރު ފަހަރެވެ.

"އިފް އިޓްސް ލަވް ދަޓް ޔޫ ވޯންޓް ފުރޮމް މީ ދެން ޓޭކް އިޓް އަވޭ"........އިޝާން ކިޔަމުންގެންދިޔައެވެ. "ޔެސް އިޝާން!" އަހަރެންގެ ހިތްގޮވާލިއެވެ. އޭނާ ލަވަކިޔަން ހުއްޓާ އެދާގޮތަށްގޮސް ސްޓޭޖްއަށް އަރާ އޭނާގެ ގައިގަ ބައްދާލަން ހިތްއެދުނު ހިނދު އަހަރެން ބިރުގަތެވެ. ނަފްސު ހަމައަކަށް އެޅުވުމަށްޓަކައި އެތަނުން ދުރަށްދާން ވެއްޖެކަމަށް ސިކުނޑި ބުނެދިނެވެ. ހަފީޒާ ކައިރީ އެބަ އަންނަމޭ ކިޔާފައި އަހަރެން ތެދުވެގެން ހިނގައިގަތީމެވެ.

އެގޭތެރެއަށް މީހުން ވަދެ ފުރިފައި އޮތް ވަރު ފެނުނީ އެހިސާބުންނެވެ. ގެއަށް ވަންނަން ހުރިދޮރުމަތިވެސް ފުރިފައެވެ. އަހަންނަށް ކުރިއަށް އިތުރު ފިޔަވަޅެއް ނޭޅުމުން މީހުންގަޑުތެރޭގައި، އިޝާން ނުފެންނާނެހެން މަޑުކޮށްލީއެވެ.

ލަވަ ނިމުމުން އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. ހަފީޒާ ހޯދަން އޭނާ އިންދިމާލަށް ހިގައިގަތީމެވެ. އޭރު އޮފީސް ވަރަށް ގިނަމީހުން އިޝާންމެން ވަށައިލައިގެން ސަލާމްކޮށް ވާހަކަދައްކަން ތިއްބެވެ. އަހަންނަށް އެހިސާބަށް ދާކަށް ނުކެރުނެވެ. ދުރުގައި މަޑުކޮއްލައިގެން ހުއްޓާ އިޝާންއަށް އަހަރެން ފެނުނެވެ. އޭނާ އަހަންނާއި ދިމާލަށް އަންނަން ފެށުމުން އެއްކަލަހެން އަހަރެންގެ ހިތްއަވަސް ވެގަތެވެ. "ތެންކިޔޫ! ލަވަ ވަރަށް ރީތި. ހަމަ ބޯއީ ޖޯރޖް ކިޔާލިހެން ހީވީ!" އަހަރެންނަށް ވާހަކަ ދެއްކުނީ ވަރަށް ހިތްވަރުންނެވެ.

އިޝާން ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ. އެތަނަށް ފެތުރިފައިވާ ފަނޑު ރަތްއަލީގައި އޭނާގެ މޫނު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

"މިރޭ ހާދަ ރިއްޗޭ!" އޭނާ ބުނެލިއެވެ.

އަހަރެން އުފާވިއެވެ. ޝުކުރު އަދާކުރީމެވެ. އެކަމަކު އެވަގުތު އޭނާގެ ކުރިމަތީގައި ހުންނަން އުދަގޫވިއެވެ. އަހަރެން އަވަސްއަވަހަށް ހަފީޒާމެން ހޯދާށޭ ކިޔާފައި ހިނގައިގަތީއެވެ. "ރާނިޔާ މަޑުކޮށްބަލަ!" އިޝާންގެ އަޑުއިވުނެވެ.

އޭނާ އެހެންބުނުމުން އަހަރެންގެ ހިތްބިރުގަތެވެ. އެކަމަކުވެސް އަހަރެން ހުއްޓެވުނެވެ. އެނާއާއި ދިމާލަށް ސުވާލުން ފުރިފައިވާ ގޮތަކަށް ބަލާލެވުނެވެ.

"ގެއަށް ދާންތަ ތިއުޅެނީ؟" އެނާ އަހާލިއެވެ.

އަހަރެން ބޯޖަހާލުމުން އޭނާ ކުރިއަށްވުރެވެސް ކައިރިއަށް ޖެހިލިއެވެ. އޭނާ އާއި އެކީ ދާން މަޑުކުރަން އެދުނެވެ. އޭނާ އެހާކައިރިވުމުން އަހަންނަށް އުނދަގޫވާންފެށިއެވެ. ނޫނެކޭ ބުނަން ބޯހޫރާލަމުން ހިގައިގަތީއެވެ. "ޕުލީޒް!" އިޝާން ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފިއެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular