28 Mar 2023

ނޮވެމްބަރުގެ ވާރޭ - 6

ނޮވެމްބަރުގެ ވާރޭ - 6

ދެން އެހެންވިއްޔާ އަހަރެން މިތަނުން ދިޔައީމަ އަލްޔާއަށް އަލުން ފުރުސަތު ދޭން ވީނު. އޭނަ އަދިވެސް އިންޓްރެސްޓް ހުރޭ ކަންނޭނގެ..." އަހަންނަށް ބުނެވުނު ވާހަކައިން މިފަހަރު ކުލަ ބަދަލުވީ ސަރްވާންގެ މޫނުމަތިންނެވެ.

އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ޒޯޔާ އަބަދު ދާ ވާހަކަ ދައްކާތީ..." ސަރްވާންއަށް އިވުނީ އަހަރެންދެއްކި ވާހަކައިން އެތަންކޮޅު އެކަނި ކަހަލަ އެވެ.

އެކަމަކު އަހަރެން މިވާހަކަ ދެއްކިއަސް ނޫނީ ނުދެއްކިއަސް ހަޤީޤަތް ބަދަލެއް ނުވާނެ. އަދި ސަރްވާން ޖެހޭނެ އެވަގުތަށް ތައްޔާރުވާން..." އަހަރެން ރައްދު ދިނީމެވެ.

ސަރްވާން ވަގުތުން އިންތަނުން ތެދުވިއެވެ. އަހަރެންގެ ލޮލުން ކަރުނަ ފޭދުނެވެ. އެކަރުނަތަކާއި ހަނގުރާމަ ކުރުމުގައި އަހަރެން އެތައް އިރަކު އިނީމެވެ. ދުލުން ބުނެލަން ކިތަންމެ ފަސޭހަޔަސް، ވަކިވުމުންގެ ހިޔާލުން ހިތް ތޮރުފައިލައެވެ. ދުނިޔެއާއި ގުޅިލާމެހިފައިވަނީ މާބޮޑަށެވެ.

ކައި ނިމިގެން އެތަނުން ދާންދެން ވެސް ސަރްވާން ދެން އެނބުރިއެއް ނައެވެ. ކޮޓަރިއަށް ދިޔައިރު އޭނަ އޮތީ ނިދާފައިކަމެއް ނޫނީ ނިދާފައިކަމަށް ހެދިގެން ކަމެއް ނޭނގެއެވެ. އަހަރެން އޮށޯވެލީ މަގަތަށް އެނބުރި އޮވެއެވެ. އިރުކޮޅެއް ނުވެ ސަރްވާން ކައިރިއަށް ޖެހިލާފައި ފަހަތުން ބައްދައިލިއެވެ. އަހަރެންގެ މެއަށް ފިނިވިއެވެ. ލިބުނު ސިހުމުގައި މުޅިހަށިގަނޑަށް ބާރުލެވުނެވެ. އެކަމަކު އިރުކޮޅެއް ވުމުން ހަމަޖެހިލެވުނެވެ. ސަރްވާންގެ ހަށިގަނޑުގެ ހޫނުން ހިތްހަމަޖެހުން ގެނެސްދިނެވެ. އަހަންނަށް ނިދުނީ އެހެން އޮވެއެވެ.

މަޑުމަޑުން ސަރްވާން ބަދަލުވަމުން އައިކަން އަހަންނަށް ފާހަގަވަމުން ދިޔައެވެ. ހަމައެކަނި ވާޖިބު ނަމާދުތަކުން ފުއްދާލައިގެން ހުރި މީހާ އިތުރަށް މަސައްކަތްކުރަން އުޅޭތަން އަހަންނަށް ފެނުނެވެ. ފަސްމިނިޓް ފަހުން ބާއްވަން ވިއަސް އޭނަ ޚަތިމު ނަގާތީ ފެންނަން ފެށިއެވެ. އެކަމަކު ފޫހިވެގެން ހުއްޓާލައެވެ. ހަށިގަނޑަކީ އަހަރެމެންނަށް ހެއްދެވިފަރާތުން ދެއްވާފައިވާ އަމާނާތެއްކަމާއި ސިއްހަތަށް ބަލައިގެން ކާން ޖެހެނީ އަހަރެން އެކަނި ނޫންކަން ހަނދާންކޮށްދިން ފަހުން އޭނަވެސް ކެއުމަށް ބޮޑަށް ބަލަން ފެށިއެވެ.

ކިހިނެތްތަ ޒޯޔާ ކިޔަވާހެން އަހަރެން ކިޔަވާނީ؟ ޚަތިމު ނަގާއިރަށް އާފުރެން ފަށާ..." ސަރްވާން އެއްދުވަހަކު އަހަރެން ކިޔަވަން އިންދާ އައިސް އެހިއެވެ.

"އަސްލު ބުނަންތަ؟ އެންމެ މުހިންމު ކަމަކީ ނިޔަތް. އެކަމަކު އެވަރަކުން އަދި ނުވާނެ. ޖެހޭނީ އާދައަކަށް ހަދަން. އެއިރުން ވަރަށް ފަސޭހަ ވާނެ. ސްޓާޓް ސްމޯލް. މިހާރު ތިގެންދާހެން ފަސްމިނިޓްވެސް އޯކޭ. ކޮންމެދުވަހަކު ވައްޓާނުލާ ކުރަންވީ. މެދުކެނޑިއްޖެއްޔާ އެ މެދުކެނޑުން ދިގުނުކޮށް އަނެއް ދުވަހު ފަށަންވީ...އަދި ބުނަންތަ ކިޔަވަން ފެށުމުގެ ކުރިން އަބަދުވެސް އަމިއްލައަށް ބުނެލަން ވީ ކިޔަވަން މިއުޅެނީ އާލަމްތަކުގެ ވެރިރައްބުގެ ކަލާމްފުޅުކަން...މިއޮތްބޮޑު ކަނޑުތަކާއި ފަރުބަދަތަކާއި ކާއިނާތާއި ދުނިޔެ ވަށައިގެން އެނބުރޭ ޕްލެނެޓްތަކާއި ހުރިހާ އެއްޗެއް އުފެއްދެވި ކުޅަދުންވަންތަ ކަލާނގެ ބަސްފުޅުކަން. އިންޝާﷲ މަޑުމަޑުން ރަނގަޅުވާނެ.. އަދި އެންމެ މުހިންމު ކަންތައް. ދުޢާގައި އެދެންވީ ޤުރުއާނަށް ލޯބި ޖެއްސެވުމަށް." އަހަރެން ސަރްވާންގެ ކޯތާފަތުގައި މަޑުމަޑުން ތަޅާލައިފައި ނިކަން ގަޔާވެފައި ކިޔައިދިނީމެވެ.

ސަރްވާން ހިނިތުންވެގެން ބަލަން އިނދެލާފައި ކުއްލިއަކަށް އަހަރެންގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ. އެހަރަކާތުން މަޑުޖެހުން ގެނުވީ ހަމައެކަނި އަހަންނަކަށް ނޫނެވެ. އޭނަވެސް ސިހިފައި މަޑުޖެހިލިއެވެ. ދެން ކުއްލިއަކަށް ދުރަށް ޖެހިލާފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. އަހަރެން ގާތަށް ހިނިއައެވެ. ސަރްވާން އެދިޔައީ ލަދުންނެވެ.

އެރޭ ކުޑައިރުކޮޅަކު ނިދާލަން އޮވެފައި އަހަންނަށް ހޭލެވުނީ ގަދައަށް ބޮލުގައި ރިއްސާތީ އެވެ. ތެދުވަން އުޅެ ނުވެސް ތެދުވެވުނެވެ. ކޮޓަރިތެރެ ހީވަނީ އެނބުރޭ ހެންނެވެ. އަހަންނަށް ލޯމަރައިލެވުނެވެ. މޭބޮޑު ކުރާގޮތްވެފައި ހޮޑުލެވިދާނެހެން ހީވިއެވެ.

"ސަރް..ވާން.." އަހަރެންނަށް ރޮވުނެވެ.

"ޒޯޔާ؟ ކިހިނެއްވަނީ؟" ސަރްވާން ފުންމައިގެން ތެދުވެފައި އަހަރެން ކައިރިއަށް އައެވެ.

"ހޮޑުލަވަނީ... ބޮލަށް ވެސް..." އަހަރެންނަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

ސަރްވާން އަހަރެން ނަގަން އުޅުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ލޯ ހުޅުވާލެވުނުއިރު އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ބޮލުގައި އަދިވެސް ރިއްސައެވެ. ގައިގައި ވަރުދެރައެވެ. އަހަރެން އިން އެނދުގެ މަގަތުގައި ސަރްވާން އިނެވެ. ދެއަތުގެ އުޅަބޮށި ވިއްދާލައިގެން މުށްކަވާލެވިފައިވާ ދެއަތުގައި ނިތްޖައްސާލައިގެން އިންގޮތުން ހީވަނީ ނިދިޖެހިފައި ކަހަލަ ގޮތަކަށް އިން ހެންނެވެ. އައިވީ ގުޅާފައި އޮތް އަތަށް ގުޑުން އެރުވުމެއް ނެތި ކުޑަކޮށް އަރިވެލާފައި އަހަރެން ސަރްވާންގެ އަތުގައި ކޮށްޓާލީމެވެ. ސިހިފައި ސަރްވާން ދެއަތް ތިރިކޮށްލިއެވެ. ދެވަނަ ސިކުންތުގައި އިންތަނުން ތެދުވެފައި އަހަންނާއި ދިމާއަށް ގުދުވެލިއެވެ.

"ޒޯޔާ! މިހާރު ކިހިނެއް ހާލު؟" ސަރްވާންގެ އަޑުގައި އޯގާތެރިކަމެވެ.

އަހަރެން މިތަނަށް ގެނައީ އަނބުރައި ގަނެގެންތަ؟" ބަލިއަޑަކުން އަހަރެން އަހައިލީމެވެ. ވާހަކަދެއްކުނީވެސް ހިތްވަރުންނެވެ. ކަރުތެރެ ހިކި ހިންދިރުވައިލަން އުދަނގޫވިއެވެ.

"ޒޯޔާއަށް ފިޓު ޖެހުނީ..." ސަރްވާންގެ ދެލޯ ފެންކަޅިވިއެވެ.

"އައިމް ސޯ ސޮރީ ޔޫ ހެޑް ޓު ސީ އިޓް..." އަހަންނަށް ބުނެވުނެވެ.

"ނޫން..." ސަރްވާން އަޑަށް ބާރުލާފައި އަހަރެންނަށް ބުނެލިއެވެ.

ދެވަނަ ސިކުންތުގައި ފަހަތަށް އެނބުރިފައި ނިތުގައި ހިފައިލިތަން ފެނުނެވެ. ދެން އެނބުރުނުއިރު ކުރިއަށްވުރެ ހުރީ ހަމަޖެހިފައެވެ. އަހަރެން ނުވެސް ބުނަނީސް ސަރްވާން ފެންތަށްޓެއް އަޅާފައި ހިފައިގެން ކައިރިވިއެވެ. އޭނަ އަހަރެން ކޮނޑުގައި ހިފާލައިފައި ކުޑަކޮށް ތެދުވެލަން އެހީވިއެވެ. އަނެއް އަތުން ފެންތަށި އަހަރެންގެ ތުމުގައި ޖެއްސިއެވެ. އަހަރެން ދެކޯވަރެއް ބޯލާފައި ދުރުކޮށްލުމުން ސަރްވާން އަހަރެން ބާއްވާފައި ފެންތަށި ކުރިން ހުރި ތަނުގައި ބެހެއްޓިއެވެ. ފެންފޮދު އަރުން އެތެރެވީ ވަގުތުވެސް އަހަންނަށް އުދަނގޫ އިހްސާސްކުރެވުނެވެ.

"ޒޯޔާ! އަހަރެންނަށް ފެންނަނީ ދެން ޒޯޔާ ބައްޕަ ކައިރީ ބުނަން..." ސަރްވާން ގޮނޑީގައި އިށީނދެފައި އަހަރެންގެ އަތުގައި ހިފާލައިގެން އިނދެ ވާހަކަދެއްކި އެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟" އަހަރެން އަހައިލީމެވެ.

އަހަރެންނަށް އެނގުނީ ސަރްވާން އެގޮތަށް އެވާހަކަދައްކަނީ ކަންތައްތައް ކުރިއަށްވުރެ ގޯސްވެގެން ކަމެވެ

"ފަހުން އެނގުނީމަ ބައްޕަ ކިހާ ދެރަވާނެ. މުޅި އުމުރަށް ރިގްރެޓްކުރާނެ. އަހަންނަށް ޔަޤީން ބައްޕަ ޒޯޔާ ދޫކޮށެއްނުލާނެ. އަންނަންވެސް އަންނާނެ ޒޯޔާއަށް ޚިދުމަތް ކުރަން.." ސަރްވާންގެ ވާހަކަ ހުރީ އޭނަ ކުރިން ދެއްކި ވާހަކައާ ގުޅުވާފައެވެ. އޭނަ މަސައްކަތްކުރީ އަހަރެންގެ ސުވާލަށް ޖަވާބުނުދީ ވޭތޯ އެވެ.

"ޑޮކްޓަރު ބުނިތަ މީ އެންމެފަހުގެ ސިމްޓަމްތަކޭ؟" އަހަރެން އަނެއްކާވެސް އެހީމެވެ.

"އެންމެފަހުގެ ސިމްޓަމްތަކުގެ ފެށުން..." ސަރްވާން ކަރުއެލުވައިލިއެވެ.

އޭނަ ދެއަތުން މޫނު ފޮރުވާލައިގެން އިނދެފައި ދެއަތް ނެގިއިރު އެދެލޮލުގައި ކަރުނައެވެ

"ޒޯޔާ އަހަރެން ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އެބައޮތް..." ސަރްވާން ކުރެހިފައިވާ އަޑުން ވާހަކަދެއްކި އެވެ.

ސަރްވާންގެ ޖުމްލަ އެއީ މޭގައި ޖަހައިލެވުނު އެތިފަހަރެއް ފަދައެވެ. އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލޮލުން ހޫނު ކަރުނަތައް ފޭދިގަތެވެ. ފުރަތަމަ އަހަރެންގެ ބަލީގެ ޚަބަރު ލިބުނުދުވަހު ބިރުގަތްފަދައިން ބިރުގަތެވެ. މަރު އަހަރެންނާއި ކިހާ ކައިރިވެއްޖެކަން އިހްސާސްވެފައި ކުޑަހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ހިތްވަރު ނެތިގެން ދިޔައެވެ. ކިތަންމެ ސާބިތުކަންމަތީ ދިރިއުޅެން މަސައްކަތްކުރިއަސް ހިތަށް ގުޑުން އަރައިފިއެވެ. ހަމައެއާއެކު އަހަރެން ހަނދާންވިއެވެ. އަހަރެންގެ އެހިތަށް ހަމަޖެހުން ގެނެސްދެވެން އޮތީ އެންމެ ފަރާތަކަށެވެ.

" ނަމާދުކުރަން ބޭނުން...ވުޟޫ...ކުރަން..." އަހަންނަށް ޖުމްލަ ފުރިހަމަ ނުވަނީސް އަޑު ބެދިއްޖެއެވެ.

ސަރްވާން ބުނީ ފަތިސް ބަންގި ގޮވަން އަދި ވިއްސަކަށް މިނިޓް އޮތްކަމަށެވެ. އެކަމަކު އަހަރެން މިއުޅެނީ ކޮންމެހެން ފަތިސް ނަމާދުކުރާކަށް ނޫނެވެ. އަހަރެންގެ ބަލިކަށި ހިތަށް ޝިފާއެއް ހޯދައިދޭށެވެ. އަހަރެންދެކެ އެންމެ ލޯބިވާ އަހަރެންނަށް އެންމެ އަޅައިލާ ފަރާތާއި ބައްދަލުކުރާށެވެ. އަހަރެންގެ ހިތަށް ތަސައްލީއެއް ދެވޭނީ އެފަރާތަށެވެ. އެއީ އަހަރެން ދުނިޔެއަށް އައީއްސުރެ އަހަރެން ނުވެސް އެދެނީސް ނިޢުމަތްތަކުން އަހަރެންގެ ދިރިއުޅުން ފުރާލަދިން ﷲ އެވެ. ނުކުޅެދުންތެރިކަމެއް ނެތް އިންސާނެއްގެ ގޮތުގައި އަހަރެން ލެއްވި ﷲ އެވެ. މިއަދާއި ޖެހެންދެން އަހަރެން ކުރި އެއްވެސް މަސައްކަތެއް ނެތި އަހަރެން ފުރިހަމަ ސިއްހަތެއްގައި ލެއްވި ފަރާތެވެ. އެއްވެސް މަސައްކަތެއް ނެތި ނޭވާލުމަށް އަހަންނަށް ތަނަވަސްކޮށްދިން އަހަރެންގެ ވެރި ރައްބެވެ. ދިރިއުޅުމުގެ ބޮޑު ނިޢުމަތް އަހަންނަށް ދެއްވި ފަރާތެވެ.

ސަރްވާން އަހަރެން އެދުނު ފަދައިން އަހަންނަށް ފެން ގެނެސްދީ ވުޟޫކުރެވޭނެހެން އަހަންނަށް ހުރިހާގޮތަކުން އެހީވިއެވެ. ކޮޅަށް ނީދެވޭނެތީ އިށީނދެ އިނދެ ނަމާދުކުރެވޭނެހެން ޤިބްލައަށް އިންނަން ތަން ތަނަވަސްކޮށްދިނެވެ. ނަމާދުކުރަން ފެށުމާއެކު ހުރިހާކަމެއްގެ މަތިން އަހަރެން ހަނދާން ނެތުނެވެ. އިމްތިހާނުތައް ކުރިމަތި ކުރުވަނީ ﷲ އެކަލާނގެ އަޅުތަކުން އެކަލާނގެ މަގަށް ގެންދިއުމަށޭ، އެކަލާނގެއާ ގުޅުވުމަށޭ އެބުނާ ބުނުން އަހަންނަށް އެރޭ ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. އެރޭގެ އެނަމާދަކީ އަހަރެންގެ މުޅި ހަޔާތުގައި ކުރެވުނު ދެވަނައެއް ނުވާ ނަމާދެކެވެ. އެގުޅުމަށްޓަކައި އެއްހާސް ހަޔާތްވެސް ޤުރުބާނެވެ.

ދުވަހެއް ދުވަހަކަށް އަހަރެންގެ ހާލު ދަށަށް ދާން ފެށުމުން ސަރްވާންއަށް މަޖުބޫރުވީ އަހަރެންގެ އާއިލާއަށް ހަޤީޤަތް އަންގާށެވެ. އެހާލަތުގައި އަހަރެންގެ ހިތަކުވެސް އިތުރަށް ދެކޮޅުހެދުމުގެ ނިޔަތެއް ނެތެވެ. ބައްޕަ ދުވަމުން އައިސް އަހަންނާއި ބައްދަލު ކުރީ އައިސީ ޔޫއަށް އަހަރެން ބަދަލުކުރި ދުވަހުގެ ކުރީ ދުވަހެވެ. ނަމާދަށް ނޫނީ ސަރްވާން އެންމެ ހިނދުކޮޅަކަށްވެސް ލޯ ކުރިމަތިން ދުރަކަށް ޖެހިނުލަ އެވެ.

އަލްޔާ އާއި އަމީން އާއި ހަސަންވެސް އައެވެ. ދޮންމަންމަ އާއި ދެބެންގެ ދެދަރި ކުދިންނެވެ. އޮފީހުގައި އެކު އުޅުނު އެކުވެރިންނާ ދެކެފަރިތަ މީހުންނެވެ. ކިރިޔާ ފުރުސަތެއް ލިބޭއިރަށް ސަރްވާން އައިސް އަހަރެންގެ އަތުގައި ހިފާލައެވެ. އައި ސީޔޫއަށް ވެއްދި ފުރަތަމަ ދެދުވަހު އަހަންނަށް ވާނުވާއެއް ނޭނގެއެވެ. ތިންވަނަ ދުވަހު ތަންކޮޅެއް ރަނގަޅެވެ. އަހަރެން ލޯހުޅުވާލިއިރު އެދުވަހުވެސް އެންމެ ކައިރީގައި އިނީ އަހަރެންގެ ފިރިމީހާ އެވެ. ފެންފޮދެއް ބޯނަންތޯ އެހިއެވެ. އަހަރެން ބޯ ޖަހައިލުމުން ފެން ދިނެވެ. ވުޟޫ ކުރަން ބޭނުންތޯ އެހިއެވެ. އަހަރެން ބޯޖަހައިލުމުން ވުޟޫ ކުރަން އަހަންނަށް އެހީވިއެވެ. ނަމާދުކޮށް ނިމިގެން އަހަރެން ޤުރުޢާން ކިޔަވަންދެން ޚަތިމު ހުޅުވައިގެން އަހަރެންނަށް ފެންނާނެހެން ހިފަހައްޓައިދީގެން އިނެވެ.

ވަރުބަލިވެގެން ހުއްޓާލުމުން އަހަރެންނަށް އަޑު އިއްވައިދޭން ކިޔަވަން ފެށީ ޚުދު އޭނައެވެ. ނުހަނު ރީތި އަޑަކުން އެހާމެ ރީތި ރާގެއްގައެވެ.

"ކުޑައިރު އެންމެންވެސް މުބާރާތުގަ ވަނަ ހޯދަން ދަސްކޮށްދެއެއްނު. ފަހުން ޚަތިމުގަ އަތްލައިތޯ ނުބެލިއަސް..." އަހަރެން ހައިރާންވިކަން އެނގިގެން ސަރްވާން ބުނެދިނެވެ. ދެން އަނެއްކާވެސް އަޢޫޒު ކިޔާފައި ކިޔެވުން ކުރިއަށް ގެންދަން ފެށިއެވެ. އޭނަ އަނެއްކާވެސް މެދުކަނޑާލި އަޑަށް އަހަންނަށް ލޯ ހުޅުވައިލެވުނެވެ. ސަރްވާން އިނީ އަހަރެންގެ މޫނަށް ބަލާށެވެ. ދެން ތެދުވެގެން ގޮސް ޚަތިމު މޭޒުމަތީ ރީތިކޮށް ބާއްވާފައި އެނބުރި އައިސް މަގަތުގައި އިށީނދެލައިފި އެވެ.

އަހަރެން މިވާހަކަ ނުބުނެ އިތުރަށް ލަސްކުރާކަށް ބޭނުމެއް ނޫން." ސަރްވާން ގަޑިއަށް ނަޒަރެއްދިނެވެ. އެތާގައި މަޑުކުރަން އޭނައަށް ލިބިފައިވާ ވަގުތުކޮޅު ނިމުމަކަށް އަންނަނީއެވެ.

ފުރަތަމަ ފެށިއިރު އިސްޖަހައިލިގޮތުން އޭނަގެ އަމަލުތަކާއިމެދު ލަދުގަނެފައި ހުރިކަން ދޭހަކޮށްދިނެވެ. ހަތަރުކަޅި ހަމަކޮށްލީ އަހަރެންނަށް އޭނަ އެދޭވަރު ބުނަންވެގެންނެވެ. އެކަމަކު އެދެ ވާހަކައިންވެސް ހައިރާންކަމެއް އަހަންނަކަށް ނުލިބުނެވެ. އަހަންނަށް އެކަންކަން ނޭނގުނަސް ކޮންމެވެސް ވަރަކަށް އެފަދަ އިހްސާސެއް ވެފައިވެއެވެ.

އެކަމަކު ޒޯޔާ ބޭނުމިއްޔާ އަހަރެން މިހުރީ ކުށަށް އިއުތިރާފް ވާން. އަހަރެންގެ ހަޤީޤީ މަޤުސަދު ބުނެފަ މާފަށް އެދެން ތައްޔާރަށް.." ސަރްވާން އަސަރާއެކު ބުނެލިއެވެ.

އަހަރެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލީމެވެ. އަހަރެން އެނގޭކަށް ބޭނުމެއް ނޫނެވެ. އަހަންނަށް އެވަރުން ފުދިއްޖެއެވެ.

ސަރްވާން އިތުރަށް ވާހަކަދައްކަން ބޭނުންވި ނަމަވެސް އެތަނުން ނިކުންނަން ޖެހުމުން ފުރުސަތު ގެއްލުނީއެވެ. ނިކުންނަންދެން އޭނަ ދިޔައީ ފަސްއެނބުރި ބަލަމުންނެވެ. އަހަރެންވެސް އޭނަ ގެއްލެންދެން ކަޅިޖަހާނުލާ ބަލަން އޮތީމެވެ. އަހަންނަށް ސަރްވާން ފެންނާނެ ފަހު ފަހަރު ނޫންކަމެއްވެސް ނޭނގެއެވެ.

-- ނުނިމޭ --

ނޮވެމްބަރުގެ ވާރޭ

Popular