28 Mar 2023

● 43 ވަނަބައި

ކޮންމެއަކަސް އެފަހަރު އޭނާ ފުރައިގެން ދިޔައީ އަހަރެންގެ ހިތުގައި ފޮނި އުއްމީދު ތަކެއްގެ ހުޅުކޮޅު ރޯކޮށްފައެވެ. ދުވަސް ކޮޅެއްފަހުން އޭނާގެ އެކުޑަކުޑަ ރަށަށް ބަދަލުވެ ފާތުންގެ ގޮތުގައި މުޅިން އާފެށުމަކުން ފެށުމުގެ ހުވަފެން ފެންނަން ފެށިއެވެ.

އަހަރުމެން ހުސޭނުގެ ރަށަށް ބަދަލުވީ ދެހާސްވަނަ އަހަރުއެވެ. ވަރަށް އުފަލުންހުރެ، މުޅިން އައު މީހެއްގެ ގޮތުގައި އައު ހަޔާތެއް ވޭތުކުރުމުގެ ފޮނި އުއްމީދާއި އެކީގައެވެ. އެހެންނަމަވެސް އަހަރެން އުއްމީދު ކޮށްގެން ހުރި ދިރިއުޅުން ފެށުނީ ކުރިން ހިތަށްނަރާ ބައެއް ކަންކަމަކާއި ވެސް އެކުގައެވެ. ބޯޓުއައިސް ލ. މާމެންދޫ ބަނދަރާއި ކައިރި ކުރުމުގެ ކުރިން ހުސޭނު ދަބަސް ހުޅުވާލާފައި ކަޅު ހެދުމެއް ނަގާ ދިއްކޮށްލިއެވެ.

"ފާތުން.. ސޮރީ ކުރިން ނުބުނެވުނީތީ... އެކަމަކު މަގޭ އަންހެނުން މީހުންނަށް ފެންނަންވާނީ ތިގޮތަށް" ހުސޭނު ބުނެލިއެވެ. ލިބުނު ކުއްލި ސިހުމުގައި އެއްޗެއް ބުނަން ނޭނގިފައި އިންދާ ލައިގެން އިން ހެނދުންމަތިން ކޮށްޕާލާށޭ ބުނެލަމުން އޭނާ އިޒާން އުރާލައިގެން އެތަނުން ދުރަށް ޖެހިލިއެވެ.

އެރަށުގައި ހޭދަކުރި ފުރަތަމަރޭ ހުސޭނުގެ މަންމަ ޓީވީ ބަލަން ކުރިމަތީހުރި ގެއަށް ދާވާހަކަ ބުނެފައި ނުކުތުމުން މަންމައާއިއެކު އެގެއަށް ވަދެ ޓީވީ ބަލަން ނީންނައްޗޭ ހުސޭނު ބުނެލިއެވެ. އެޔާއިއެކު އެއީ ކީއްވެތޯ އަހަންނަށް އަހާލެވުނެވެ.

"މިއުޒިކާއި ލަވަ އެއީ ރަނގަޅު އެއްޗެއްނޫން" އަހަރެންގެ ފިރިމީހާ ބުނެލިއެވެ.

އަހަންނަށް އިސްޖަހާލެވުނެވެ. އެހިނދު، އަހަރެންގެ އަމިއްލަ ނަފުސް އަހަންނަށް މަލާމާތްކޮށްފާ ހޭންފެށި އަޑު އަހަންނަށް އިވުނެވެ. "ތިޔަ ހޯދީ ކޮންކަހަލަ ދިރިއުޅުމެއްހޭ" ބުނާއަޑު އިވުނު ކަހަލައެވެ. މަންމައާއި ބައްޕަ އަހަންނަށް ތިޔަދެވެނީ ބީރައްޓެހި ރަށަކަށޭ ހީނުކުރާ ކިތަންމެކަމަކާ ދިމާވާނެޔޭ ބުނީ ކީއްވެގެން ކަން އަހަންނަށް ވިސްނެންފެށިއެވެ. ކުއްލިއަކަށް އަހަރެންގެ މަންމަމަތިން މާ ބޮޑަށް ހަނދާންވެ ފެންކަޅިވާން އުޅުނެވެ. އަހަންނަށް އެމީހުންނާއި ދުރުގައި މިރަށުގައި އުޅެވިދާނެ ބާވައޭ ހިތަށް އަރަންފެށިއެވެ. އަހަރެން މިރަށަށް އަންނަން ފުރިދުވަހު ގެ ހެދުނު ފުލައިޓުން މަންމަމެން މާލެ ބަދަލުވާނެއެވެ. ދެން އަހަރެން އަނބުރާ ދާނެތަނެއް ނުހުންނާނެއޭ ހިތަށް އެރިއެވެ. އަހަންނަށް ކެތްތެރިވުން ނޫން ގޮތެއް ނެތެވެ.

އެއިރަކު އުޅެން ޖެހުނު ގޮތަކަށް އުޅެން ދިމާކުރީމާ ދިރިއުޅުން ވަރަށް ފަސޭހަވާނެކަމަށް އަހަރެންގެ މާމަ އަބަދުވެސް ބުނާނެއެވެ. އަހަރެން އެ ނަސޭހަތުގައި ހިފައިގެން ދިރިއުޅެން ނިންމީމެވެ. ފުރަތަމަ ކޮޅުގައި އަހަންނަށް އުނދަގޫވިއެވެ. އެއީ ބަދިގެ ތެރޭގައި އުޅޭއިރުވެސް ބުރުގާ ނުބާލާ އުޅެން ޖެހުމާއި، ގަޔަށް ދޫ ކަޅު ހެދުން ލާން ޖެހުމެވެ. އެކަމަކު ދުވަސްކޮޅަކުން އެއަށްވެސް ހޭނިއްޖެއެވެ. އޭގެ ފަހުން ތިން އަހަރު ފާއިތު ވެގެން ދިޔައިރު، އަހަރެންގެ ދިރިއުޅުމާއި ދޭތެރޭ ހިތްހަމަޖެހޭޔޭ ބުނަން ކެރިދާނެއެވެ.

އަހަރެންގެ މައިދައިތަ އަކީ ފަހާ މީހެކެވެ. އެކަން އެނގޭތީ އަހަރެން އައީ ގޭގައި ހުރި ކަރަންޓު ފަހާފޮށި ހިފައިގެންނެވެ. އެފަހާފޮށި ވީ ވަރަށް ބޭނުންތެރި އެއްޗަކަށެވެ. އަހަރެންގެ މައިދައިތަ އަހަންނަށް ފަހަން ދަސްކޮށްދޭން ފެށިއެވެ. ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެން އަމިއްލެއަށް ފަހަން ފެށީމެވެ. މައިދައިތަ ހިތްވަރު ދިނުމުން އަހަރެން، މީހުންގެ އެއްޗިއްސާއި ހަވާލުވެ އަގަށް ފަހަން ފެށީމެވެ. މިހާރު ފަހައިގެން އަހަންނަށް ކޮންމެވެސް ވަރެއްގެ އާމްދަނީ އެއް ލިބެއެވެ. އާސިމާގެ ކޮއްކޮ އާޝިޔާގެ ކައިވެނި ހެދުން ފަހާދިން ހިސާބުން އަހަންނަކީ އެކަހަލަ ޕާޓީ ހެދުން ފެހުމަށް ކުޅަދާނަ މީހެއް ކަމުގައި އެންމެންވެސް ކިޔަންފެށިއެވެ. މިހާރު ކައިރި ރަށްރަށުންވެސް ކައިވެނި ހެދުން ފައްސަން މީހުން އާދެއެވެ.

ހުސޭނު ދަނީ މަހަށެވެ. މާންދޫއަށް ގޮސް މަސްކިރުވާ ހަދާފައި ރަށަށް އާދެވޭއިރު ހުންނާނީ އަށެއްޖަހާ ބޮޑުވެފައެވެ. ގިނަރެރޭ އިޒާން ނިދާނީ އޭނާއާއި އެކީގައެވެ. އޭނާ އިޒާން ދެކެ ވާލޯބި ފެނިފައި އަހަރެންގެ ހިތުގެ ހުރިހާ އުދާސްތަކެއް ފިލައިގެން ދެއެވެ. އިތުރު ކަމަކާއި ޝަކުވާ ކުރާނެ ޖާގައެއް ނެތްކަމަށް ގަބޫލު ކުރެވެއެވެ.

އިޒާން އެއީ އޭނާގެ ދަރިއެއްކަމަށް ރަށު އެންމެން ކައިރީ ބުނަމުން ގެންދިޔަޔަސް، މިރަށަށް ބަދަލުވީ ހިސާބުން އޭނާ ބައްޕައަކަށް ވުމުގެ ފޮނި ހުވަފެންދެކޭކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އޭނާގެ އެ އުއްމީދުގައި ކުލަ ޖެހޭ ގޮތެއް ނުވިއެވެ. އޭނާ މާޔޫސްވެގެން އެވާހަކަ ދައްކާ ފަހަރަކު ކެތްތެރިވާށޭ ވަގުތު ޖެހުނީމާ ހުރިހާ ކަމެއްވެސް ވާނެޔޭ އަހަރެން ބުނަމެވެ.

އަހަރެން ދެރަވާ އޮންނަނީ އެންމެ ކަމެކެވެ. އެއީ އަހަރެންގެ ލޯބިވާ މަންމައާއި ބައްޕަމެންނާއި ދުރުގައި އުޅެން ޖެހޭތީއެވެ. އަދި ބޭނުންހާ ގަޑިއެއްގައި އެމީހުންނަށް ގުޅާލެވެން ނުހުންނާތީއެވެ. ދަރިއެއްހެން ގެންގުޅު އިވާންކޮއްކޮ ބޮޑުވެގެން އަންނަތަން އަހަންނަށް ނުފެންނާނެތީއެވެ.

ވަގުތުގެ ފަރުވާއިން އަހަރެންގެ މަޒީގެ ހަނދާންތަކާ މަޑުމަޑުން ދުރުވެވެން ފެށިއެވެ. ހަނދާން ވާފަހަރަށް ވުރެ ހަނދާން ނުވާ ވަގުތު ގިނަވާން ފެށިއެވެ. އަހަރެންގެ މައިދައިތައާއި އެކީގައި ގޭތެރޭގެ ކަންކަން ކުރުމުގެ އިތުރުން ފަހަން ދަސްކުރަން ފެށި ހިސާބުން ފެށިގެން އަހަރެން އަބަދުވެސް އުޅެނީ އަވަދިނެތިއެވެ. އެހެންކަމުން އަހަރެންގެ މާޒީ އެއްފަރާތް ކޮށްލާފައި ދިރިއުޅުމާއިގެން ކުރިއަށްދާކަށް މާކަ އުނދަގުލެއް ނުވިއެވެ.

މިރެއާއި ޖެހެންދެންނެވެ. ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހު އަހަންނަށް އިޝާން ޓީވީއިން ފެނިއްޖެއެވެ. އޭނާގެ އަޑު އިވިއްޖެއެވެ. ހިތުގައިވާ އެލަކުނުތައް އަލުން ފާރުވެދާނެ ބާވައެވެ؟

"އެއްފަހަރު ލޯބިވާން ހާސް ފަހަރު މަރުވަންވީހޭ؟.. ހާސް އަހަރު ދިރިހުރުމަކުން ހާސްކަމެއް ފިލުވޭނޭހޭ"

އޭނާ ކީލަވައިގެ ތަންކޮޅު އަހަރެންގެ ހިތުގައި ހަރުލާފައި ހުއްޓެވެ. އެލަވަ ހަނދާފައި އެވަނީ އޭނާ އަމިއްލަށް ބާވައެވެ؟ އެ މުހާތިބު ކުރަނީ އަހަންނަށް ހެއްޔެވެ؟ އެނާ ދިވެހި ލަވަ ކިޔަން އެފެށީ އަހަންނަށް އަޑު އިއްވަން ހެއްޔެވެ؟ ވަޅުޖެހިފައިވާ އެހަނދާންތައް މަޑުމަޑު ރިހުމެއްގެ ސިފައިގައި އައިސް އަހަރެންގެ ހިތް ވަށައިލި ވަގުތު އަހަރެން ފެންކަޅިވާން ފެށިއެވެ.

"އަޅެ އިޝާން ދިވެހިލަވަ ތިކީ ކީއްކުރަން؟" އަހަންނަށް ހިތާހިތުން ބުނެލެވުނެވެ.

އަހަރެން އޮތް ޖޯލިން ތެދުވެގެން ގޮސް އެންމެ ފަހު ޖޯލީގައި އޮށޯތީމެވެ. އެޖޯއްޔަށް އާސިމާ މެންގޭ ސިޓިން ރޫމް ތެރޭގައި ހުންނަ ޓީވީ ރީތިކޮށް ފެނެއެވެ. އަހަރެން ބަލާލިއިރު އޭރުވެސް ދައްކަމުން ގެންދަނީ ހަމަ ފިލްމީ އުދަރެސް ޕުރޮގްރާމް އެވެ. އިންޖީނުގެ އަޑާއި ހެދި ކިޔާއެއްޗެތި މާ ސާފުނުވިޔަސް، ޓީވީ އިން ދައްކާ މަންޒަރުތައް ހަމަ ރީތިކޮށް އެ ޖޯއްޔަށް ފެންނާނެއެވެ.

އެޕުރޮގްރާމް ނިމުމާއިއެކު އަހަރެންގެ މައިދައިތަ ނުކުތެވެ. އަހަރެން ފެނިފައި ކިހިނެތްވެފަތޯ ތިއޮތީ އަހާލިއެވެ. އަހަރެން ފިނިކޮށްލަން އޮތީކަމުގައި ބުނުމުން މަންމަ ނިދަން ވަނެވެ. އޭރު އާސިމާ އަހަރެން ފެނިގެން އައިސް ޖެހިގެން ހުރި ޖޯލީގައި ޖައްސާލާފައި ކިހިނެތްވެފަތޯ ތިއޮތީ އަހާލިއެވެ.

އާސިމާ އަކީ މިހާރު އަހަންނާއި އެންމެ ގާތްކޮށް އުޅޭ މީހާއެވެ. އެގުޅުން އުފެދުނީ އަހަރުމެންގެ ދަރިންގެ ސަބަބުންނެވެ. އާސިމާގެ އެއްމާބަނޑު ދެބެން އިޒާންއަށް ވުރެ ދޮށީ އެންމެ އަހަރެކެވެ. އެހެންކަމުން ގޭދޮށުގައި އެތިންކުދިން ކުޅެން އުޅެނީ ވަރަށް އެއްކޮށެވެ.

އަހަރެންގެ މާގިނަ ވަނަވަރެއް އެރަށު މީހުންނަކަށް ނޭނގޭނެއެވެ. އެމީހުންނަށް އެނގޭނީ އަހަރެންގެ މަންމައާއި ބައްޕަ އަދި ކޮއްކޮ ދިރިއުޅެމުން ގެންދަނީ މާލޭގައި ކަމަށެވެ. ބައްޕައަކީ ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރާމީހެއްކަމެވެ. އަހަރެންގެ ފުރިހަމަ ނަމަކީ ފާތުމަތު ހަސަން ކަމުގައި އެންމެން ކައިރީ ބުނަނީ ފަހަރެއްގައިވެސް ލ. ކަޅައިދޫގައި ރާނިޔާ ކިޔާ މީހަކު އުޅޭކަން އެނގިގެން އަހަރެންގެ މާޒީގެ އެއްވެސް މީހަކު ހޯދަން އަތުވެދާނެޔޭ ހީވެފައެވެ.

"އޭ ކިހިނެއް ވެފަ ތިއޮތީ؟" އާސިމާ ދެވަނަފަހަރަށް ސުވާލުކުރިއެވެ. އޭނާއަށް އަހަރެން ކޮންމެވެސް ކަމަކާ ދެރަވެފައި އޮތްހެން ހީވާކަމަށް ބުނެލިއެވެ.

"މިރޭ ކުއްލިއަކަށް މާބޮޑަށް މަންމަމެން މަތިން ހަނދާންވީ!" އަހަރެން ބުނެދިނީމެވެ.

"ސުވާލެއް ކޮށްލަންތަ؟" އާސިމާ ކުއްލިއަކަށް ސީރިއަސް ވިއެވެ. މިރަށުގައި ތިން އަހަރުވެގެން ދިޔައިރުވެސް އެމީހުންކައިރިއަށް ނުދާން އަހަރެން މިހުންނަނީ އެމީހުންނާއި އޮތް ގުޅުން ރަނގަޅު ނޫނީތޯ އޭނާ އަހާލިއެވެ. އަހަރެން ނޫނެކޭ ބުނީމެވެ. އަދި އަހަރެންގެ މާޒީއިން ކުޑަ ތަންކޮޅެއް އޭނާއަށް ކިޔައިދޭން ނިންމީމެވެ. މާލެއާއި ގުޅިފައިވާ އެ ހާދިސާގެ ވާހަކަ ކުޑަކޮށް ކިޔައިދިނީމެވެ. މާލެދާން ޖެހިލުންވާ ސަބަބަކީ އެއީ ކަމުގައި ބުނެދިނީމެވެ. އަދި އެއްވެސް މީހެއްކައިރީ ނުބުނާށޭ ކިޔާފަ އިޒާންގެ އަސްލު ބައްޕައަކީ ހުސޭނު ނޫންކަމުގައި ވެސް އަހަރެން ބުނީމެވެ. އާސިމާ ބޯޖަހާލިއެވެ. އެކަން އެނގޭކަމުގައި ބުންޏެވެ.

"އެކަމު މިރަށު ގިނަ މީހުން ހީކުރާނީ އެއީ ހުސޭނުގެ ދަރިއެއްކަމަށް، އޭނާ އެންމެންކައިރީ ބުނަނީވެސް އެހެން!...ހަރީރަ ދައިތަވެސް އެއުޅެނީ މާމަ ކިޔުއްވައިގެން ވަރަށް ލޯބިންދޯ" އާސިމާ އެހެންބުނުމުން އަހަރެން ބޯޖަހާލީމެވެ.

އެރެއަކީ ހުސޭނު އެން ހިފަންގޮސްވީ ރެއަކަށް ވީރެއެކެވެ. ކޮޓަރިއަށް ވަދެފައި އަހަރެންގެ ޕޮކެޓް ޑިކްޝަނަރީ ހުޅުވީމެވެ. އޭގެ ތެރޭގައި ރައްކާކޮށްގެން ގެންގުޅޭ ފިނިފެންމަލާއި ދިމާލަށް ބަލަހައްޓައިގެން އެތަށް އިރަކު އިނދެވުނެވެ. ނިދަން އޮށޯވެ އެނދުގައި ފުރޮޅި ފުރޮޅި އޮވެވުނީ ޓީވީ ބެލުނު މޮޔަ ހިތަށް އަރާފައެވެ. ފުރަތަމަ ފަހަރަށް ގޭގައި ޓީވީ ނެތީތީ އުފާވިއެވެ.

އެހެންނަމަވެސް ޖެހިގެން އައި ހުކުރު ދުވަހު މެންދުރުފަހު އަހަންނަށް އާސިމާ މެންގެއަށް ދެވުނެވެ. ހެއްޔާންބޯ ޗާޓުން އެލަވަ ފެނިދާނެއޭ ހިތަށް އަރާފައެވެ. އެލަވަ ދެއްކިއެވެ. ލަވަކިޔުން ތެރިޔާ ދައްކާލާ ކޮންމެފަހަރަކު އަހަރެންގެ ހިތުގެ ވިންދު އަވަސްވެގެން ދެއެވެ. ގައިން ހީބިހި ނަގައިގެންދެއެވެ. އެއީ އަލަށް ނުކުންނަ ދިވެހި ފިލްމް 'ހިނިތުން' ގެ ލަވައެއްކަން އެދުވަހު އަހަންނަށް އެނގުނެވެ.

"އެއީ އަހަންނަށް ހާދަ ރީތި މީހެކޭ" އިޝާން ދައްކާލުމުން އަހަރެން ސިއްރުސިއްރުން އާސިމާގައިގައި ކޮށްޓާލީމެވެ. އާސިމާވެސް އެކަމާ އެއްބަސްވިއެވެ. އެލަވަ ވަރަށް ރީތިކަމުގައި ބުންޏެވެ.

އޭގެ ފަހުން އެފިލްމުގެ ލަވައެއް ޓީވީއިން ދައްކާ ކޮންމެފަހަރަކު އާސިމާ އަހަރެންނަށް ގޮވައެވެ. ލަވަ އާއި މިއުޒިކާ ދޭތެރޭ ހުސޭނު ދެކޭގޮތް އާސިމާ މެންނަށް އެނގެއެވެ. އެހެންކަމުން ހުސޭނު އުޅޭ ވަގުތެއްވިއްޔާ ކޮންމެވެސް ދޮގެއް ހަދާފައި ނަމަވެސް އަހަރެން ގެންދެވޭތޯ ބަލައެވެ.

"އާސިމާ ތިވަރަށް އޭނާ ދައްކަންޏާ އަހަރެން އޭނާއަށް ހިތްކިޔާފާނެ!" އަހަރެން ބުނީމެވެ.

"ކިތަންމެހިތް ކިޔަސް އަހަރުމެން ކީއްކުރާނީ؟ ނުލިބޭނެ ވިއްޔަ!، ޓީވީއިން ބަލައިލާފަ މޭގައި އަތްއުނގުޅާލަ އުނގުޅާލަ ތިބެން ޖެހޭނީ!" އާސިމާ ބުނެލިއެވެ.

އާސިމާއަށް އެބުނެވުނީ ވަރަށް ބޮޑުތެދެކެވެ. އެއީ ކުރިން ޖޯޖް މައިކަލު ފެނުނީމަ އަހަރެންގެ ހިތަށްއަރާ އެއްޗެކެވެ. އަހަރެންނަށް އިޝާން ވެސް މިހާރު ހަމަ އެފަދަ ބާވައޭ ހިތަށް އެރުމާ އެކު އަހަރެންގެ ހިތުގެ ރިހުން އިހުސާސް ކުރެވެންފެށިއެވެ.

އިޝާންއާއި އެކު އުޅެވުނުނަމަ އެލަވައިގެ އަންހެންބައި ކިޔާނީ އަހަރެން ކަންނޭނގެޔޭ ހިތަށް އެރިއެވެ. އެއީ އަހަރެން އެންމެ އުއްމީދުކުރި ދިރިއުޅުމެވެ. މިއުޒިކުކުޅޭ މީހަކާއެކު މުޅިން އެހެންދުނިޔެއެއްގައި އުޅުމަކީ އަހަރެން އޭރު ދެކެމުން ދިޔަ ހުވަފެނެވެ. ދެމީހުން އެކުގައި ލޯބީގެ ޅެންތައް ހަދައި އެކި ރާގުރާގުގައި އާންމުންނާ ހަމައަށް އަހަރެމެންގެ ލޯބި ހާމަ ކޮށްދިނުމަކީ އިޝާން ފެނުނު ދުވަހު އަހަރެން ނިންމި ނިންމުމެކެވެ. ދެކެމުން ދިޔަ ހުވަފެނެކެވެ. އެކަމަކު އެހުރިހާ ހުވަފެނެއް ވަނީ ބިލާހަކަށްވެ ވިއްސިވިހާލި ވެފައެވެ. އަދި ނުވިތާކަށް އަހަރެންގެ ހަޔާތުގެ ބައިވެރިއަކީ މިއުޒިކް އަކީ ހަރާމް އެއްޗެއްކަމަށް ދެކޭ މީހެކެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular