30 Mar 2023

ޔާރާއެ ހިތް އެދޭ - 1

ލޯގަނޑުކުރިމަތީ ހުރެ ބުރުގާއަޅަމުން ދިޔައިރު ޑްރެސިންޓޭބަލް މަތީ އޮތް އަހަރެންގެ ފޯނު ވައިބްރޭޓްވަމުން ދިޔައެވެ. މަލީހާގެ ކޯލެއްކަން އެނގޭތީ އަހަރެން ނަގާކަށް ނޫޅެމެވެ. ބެލީ ފުރަތަމަ ބުރުގާއަޅައި ނިންމައިލެވޭތޯ އެވެ. ފޯނުގައި އަތްލެވެންވާއިރަށް އެ ކެނޑިއްޖެއެވެ. އިރުކޮޅެއްނުވެ އެހުމެއް ކެހުމެއްނެތި އަހަރެންގެ ކޮޓަރި ދޮރު ހުޅުވާލައިފައި މަލީހާ ވަދެއްޖެއެވެ.

"އެއްކަލަ ސާބި. އަހަރުމެން ޖަނާޒާއަކަށްތަ މިދަނީ ކަޅުހެދުންލައިގެން ތި ތައްޔާރުވީ؟" މަލީހާއަށް އަހަރެން ފެނިގެން ހުއްޓިފައި އުކުޅުގައި އަތްވިދެލިއެވެ.

އަހަރެން އޭނާގެ ހެދުމަށް ބަލައިލިއިރު އޭނާ މިހުރީ ރަތްކުލައިގެ ހެދުމެއްގަ އެވެ. ބާނިތަކެއްހެން ސްޓައިލްކޮށްފައިވާ އިސްތަށިގަނޑު އެއްފަރާތުން ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލައިފައެވެ. ގަދައަށް މޭކަޕްކޮށްފައި ހުރިއިރު އޭނާގެ ރީތިކަން އިތުރުވެފައި ވިއެވެ.

"ކަމްއޯން. އިޓްސް ޔުއަ ޕާޓީ. ޔުއަ ބޯއިފްރެންޑް އެން އެވްރީތިން...." އަހަރެން ވައިގެތެރޭ އަތް ގެންގުޅެލަމުން ހިނިތުންވެލާފައި ރައްދުދިނީމެވެ.

"ހޫމ ދެން ހެވޭ އިތުރަށް ޗޭންޖްކުރަން އުޅެގެން ހައްތަހާ ލަސްވާނީ. ހިނގާ ނައްޓާލަން..." މަލީހާ އައިސް އަހަރެންގެ އަތުގައި ހިފިއެވެ.

އޭނަ އަހަރެންގެ އަތަށް ދަމައިގަތުމުގެ ކުރިން ކިރިޔާ އަހަންނަށް ފޯނު ނެގުނުކަމެވެ.

ކެއުން އޮތީ މަލީހާގެ ލޯބިވެރިޔާ މެހެރާން އެސިސްޓެންޓް ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ރެސްޓޯރެންޓްގައެވެ. އަހަންނާއި މަލީހާގެ އިތުރުން ވެސް އޭނަގެ ބައެއް ގާތް އެކުވެރިންނަށް އޮތީ ދައުވަތުދީފައެވެ. އެކަން އަހަންނަށް އެނގުނީ ވެސް ގޮސް ވަންފަހުންނެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ދެދުވަހެއް ކުރިން މަލީހާ ދައްކާފައި އޮތް ވާހަކައެކެވެ. އެއީ އޭނައަށް މެހެރާންގެ ކޮޓަރިން އޭނާ ގެންގުޅޭ އެއްޗެހިތަކުތެރެއިން އަނގޮޓިއެއް ފެނުނު ވާހަކައެކެވެ. މެހެރާން އޭނައަށް ޕްރޮޕޯސް ކުރަން އުޅޭކަމުގައި އޭނާ އެވަގުތުން ފެށިގެން ޝައްކު ކުރަން ފަށައިފިއެވެ.

"ވެދާނެ އޭނަގެ ރޫމު މޭޓުގެ އެއްޗަކަށް ވެސް. މަލްއަށް ފެނުނުހެން އޭނަގެ ރޫމްމޭޓްގެ ގާލްއަށް ފެނިދާނެތީ މެހެރާންގެ އެއްޗެހިލާ ތާކަށް ލާފަ ކަމަށް ވެސް ވެދާނެއެއްނު..." އަހަރެން ބެލީ މަލީހާގެ ވިސްނުން ބަދަލުކޮށްލެވޭތޯ އެވެ. އެކަމަކު އޭނަ އަހަރެންގެ ވާހަކައަކަށް އަޅައެއްނުލި އެވެ.

އަދި އެ އަނގޮޓި ފެނިގެން މަލީހާގެ ފަރާތުން ފެނުނު ކަންތައްތަކަކީ ވެސް އަޖައިބެކެވެ. އަހަރެން ހީކުރީ އޭނަ އެކަމާ ކަންބޮޑުވެގެން ކޮންމެވެސް ފިޔަވަޅެއް އަޅާނެކަމަށެވެ. ކައިވެނީގެ ނަން ބުންޏަސް އޭނައަކީ ދުވެފިލާ އަންހެންކުއްޖެކެވެ. އެއްވެސްމީހަކާއެކު ގިނަ ދުވަހު ރަތްޓެހިވެގެންވެސް އުޅެވިފައެއް ނެތެވެ. އެހާ އަވަހަށް އެމީހަކުދެކެ ފޫހިވެދާނެ އެވެ. ނޫނީ ކޮންމެވެސް އެހެން މީހަކަށް ހިތް ކިޔައިގެން އެގުޅުން ނިމުމަކަށް ގެނެއެވެ.

އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. މަލީހާ އުންމީދުކޮށްގެން އެއުޅެނީ މެހެރާން މިއަދު ކައިވެނިކުރަން ހުށަހަޅާނެ ކަމަށެވެ. އެންމެނަށް ދައުވަތުދީގެން ގެނެސްގެން އެ އުޅެނީ ވެސް ހީވާގޮތުން އޭނަ އަމިއްލައަށެވެ. އޭނަގެ ދައްތަވެސް އައިސް އެބަ އިނެވެ.

އަހަރެމެން ހަމަ ވަންތަނާ މެހެރާންއަށް ފެނިގެން އަތުވެއްޖެއެވެ. އެވަގުތު ވެސް އޭނަ ހުރީ އެތަނުގެ އެޕްރޯން އަޅައިގެންނެވެ. އެކަމަކު ލައިގެން ހުރީ ޔުނީފޯމެއް ނޫނެވެ. އޭނަ އަހަރުމެންނަށް ހާއްސަ މޭޒުދޮށުގައި ބައިންދާފައި އެތެރެއަށް ވަދެއްޖެއެވެ. ދެން އެނބުރި އައީ ކޭކު ހިފައިގެންނެވެ. އަދި އެޕްރޯން ނާޅާއެވެ. އޭނައާ އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދެ ކުއްޖަކުވެސް އިތުރު ތަށިތަކެއް ހިފައިގެން އައެވެ. މާބޮނޑިއާއެކު ކޭކު ފަޅާނެ ވަޅި ދީފައި މަލީހާ ގޮނޑިން ނެގީ ވެސް މެހެރާންއެވެ.

އެހެން އެންމެންނާ އެކު އަތްޖަހަޖަހައި އިންއިރު ހިތުގެ ތެޅުން ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުންނެވެ. ކޭކު ފެޅުމަށްފަހު ކާއެއްޗެހި ގެންނަން އިޝާރާތްކޮށްލާފައި މެހެރާން ބައިވެރިވީ އަހަރުމެންނާ އެކު ކެއުމުގައެވެ. މަލީހާ ފަދައިން އަހަރެންގެ ހިތަކުން ވެސް އެއަނގޮޓީގެ ހިޔާލެއް ނުދިޔައެވެ.

"ވެއިޓް އިނގޭ އެބަ އަންނަން.." ޑެޒަޓް ގެންނަނިކޮށް މެހެރާން ތެދުވެގެން ދިޔައެވެ.

ކުޑައިރުކޮޅެއް ފަހުން އަހަރެން ތެދުވީ ފާޚާނާއަކަށް ދިއުމުގެ ބަހަނާގައެވެ. އަހަރެންގެ މަގްސަދަކަށްވީ މެހެރާން ހޯދުމެވެ.

"ސާބިއާ ވެއިޓް!" ފާޚާނާބައިގެ ދޮރު ހުޅުވާލައިފައި ވަންނަން އުޅެނިކޮށް ފަހަތުން މެހެރާން ވާހަކަދެއްކިއެވެ.

އަހަރެން ތަޅުން އަތް ދޫކޮށްލާފައި އެނބުރުނުއިރު މެހެރާން ކުރިމަތީ ހުއްޓެވެ. އަހަންނަށް އިސްޖަހާލެވުނީ އެހާ ކައިރިން ސީދާ ސީދާ ބަލަން އުދަނގޫވެފައެވެ.

***

އަހަންނަށް ހޭލެވުނުއިރު އަޞުރުން ތިރިވެއްޖެ އެވެ. ގަޑި ބަލައިލުމަށް ފަހު އަދި އިރުކޮޅަކު އެނދުގައި އޮތީމެވެ. ސީލިންގަށް ބަލަން އޮއްވައި ކުއްލިއަކަށް ސިއްސައިގެންދިޔައެވެ. އެއީ އަހަރެންގެ ކޮޓަރީގެ ސީލިންގެއް ނޫނެވެ. ދެން ކުއްލިއަކަށް ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވާލިއިރު ފައިޖެހުނީ މަޑުފައިވާނެއްގައެވެ. އެރި އިރު އަހަންނަށް ހަމަ ހެއުވަރެވެ. ވަށައިގެން ލޯ ހިންގާލިއިރު އެއީ އަހަރެންގެ އެނދެއްވެސް ނޫނެވެ. އަހަރެންގެ ކޮޓަރިއެއް ވެސް ނޫނެވެ. ކިންގް ސައިޒުގެ އެނދާއި އެތަނުގައި ހުރި ފަރުނީޗަރަކީ އަހަރެންގެ ފެންވަރެއްނޫނެވެ. އަހަރެން މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ އަހަރެން އަނބުރައިގަތީ ހެއްޔެވެ؟ އަހަރެން ހަނދާން ކުރަން މަސައްކަތް ކުރަމުން ކޮޓަރި ދޮރު ހުޅުވާލައިފައި ނިކުތީމެވެ.

އަހަންނަށް ނިކުމެވުނީ ލިވިންރޫމަކަށެވެ. އެ ވެސް އެހާ ތަނަވަސް ލިވިންރޫމެކެވެ.

"ހެލޯ!" އަހަރެން ގޮވާލީމެވެ.

އެވަގުތުން ލިވިންރޫމްގެ ކަނާތްފަރާތުގައި ހުރި ދޮރަކުން މީހަކު ނިކުމެއްޖެއެވެ.

އެއީ މެހެރާން އެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަދި އޭނަ ކުއްލިއަކަށް ކުރިއަށްވުރެ ދުވަސްވެފައި އެހުރީ ކީއްވެ ހެއްޔެވެ؟

އަހަރެން އެތަނަށް ގެނައީ މެހެރާން ހެއްޔެވެ؟ އެކަމަކު އެއީ މެހެރާންގެ ވެސް ގެއެއް ނޫނެވެ. އަހަންނަށް އެކަން އެނގެނީ އަހަރެން އޭނަގެ ގެއަށް ކުރިން ގޮސްފައި ހުރީމައެވެ. މެހެރާން އަކީ އަހަރެންގެ އެކުވެރިޔާ މަލީހާގެ ބިޓެވެ. އަހަރުމެން ތިންމީހުން ތެރެއިން އެންމެ ފެންވަރުގައި އުޅޭ މީހަކީ މަލީހާއެވެ. އެކަމަކު އެއީ މަލީހާގެ އެޕާޓްމެންޓެއް ވެސް ނޫނެވެ.

"ހޭލެވުނީތަ؟" މެހެރާން އައީއަހަރެން ކައިރިއަށެވެ.

އައިގޮތަށް އައިސް އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައިފައި ނިތުގައި ތުންފަތް ޖައްސާލައިފިއެވެ.

"މެހެރާން!!" އަހަންނަށް ހައިރާންވެފައި ގޮވާލެވުނެވެ. ހަމައެއާ އެކު އޭނަ ދުރު ވެސް ކޮށްލެވިއްޖެއެވެ.

"ކީއް ތި ކުރަނީ؟ މަލީހާ ރުޅިއަންނާނެކަމެއް ނޭނގޭތަ؟" އަހަރެންނަށް ސުވާލުކުރެވުނެވެ.

"އަހަރެންގެ ވައިފްއާ އަހަރެން ކައިރިވެގެން އޭނަ ކީއްވެ ރުޅި އަންނަންވީ؟" މެހެރާން ހިނިތުންވެލިއެވެ.

އަހަންނަށް އަނގަމަތީ އަތްއެޅުނެވެ. ހަމައެއާ އެކު ކުރިއަށްވުރެ ފަހަތަށް ޖެހިލެވުނެވެ.

"މޮޔަވީތަ؟ އައިމް ނޮޓް ޔުއާ ވައިފް.... ކޮންތާކަށް އަހަރެން ގެނެއްސަމިހުރީ؟" އަހަރެން ވަށައިގެން ނަޒަރު ހިންގައިލީމެވެ.

މެހެރާން އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަން، އަނގައިން ނުބުނެ ހުއްޓެވެ.

"މީ އަހަރުމެން ދެމީހުންގެ ގެ." މެހެރާން ޖަވާބުދިނެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން.." އަހަރެން ވަގުތުން ރައްދު ދިނީމެވެ.

މެހެރާން އަނެއްކާވެސް ހިމޭނުން ބަލަން ހުއްޓެވެ.

"ޑެޑީ؟" މެހެރާން ނިކުތް ކޮޓަރީގެ ތެރެއިން ޅަކުއްޖަކު ގޮވާލިއަޑު އިވުނެވެ.

އަހަންނާއި މެހެރާނަށް އެދިމާއަށް ބަލައިލެވުނެވެ. އޭނަ އެނބުރި އަހަންނަށް ބަލާލައިފައި ގޮސް ނިކުތްދޮރުން ވަދެއްޖެ އެވެ. އަހަރެން ޖެހިލުންވެ ހުރެގެން ނިކަން މަޑުމަޑުން ގޮސް ބޯދިއްކޮށްލައިފީމެވެ.

އެއީ ތުއްތު ކުއްޖަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޮޓަރިއެކެވެ. އުޑު "ތީމް" އަކަށް ބަލައިގެން ޑިޒައިން ކޮށްފައިވާ ފާރުތަކުގައި ވިލަ އާއި ވިއްސާރަ ދުންޏާއި ހޮޓްއެއާ ބެލޫން ފަދަ ކުރެހުންތައް ވެއެވެ. ސީލިންގްގައި އެކީއެކަށް ތަރިތަކެވެ. ފާރުގައި ރީތި ފޮންޓަކުން "ސޯފީ" ލިޔެފައިވެއެވެ. އެއާ ޖެހިގެން ބަހައްޓާފައިވާ ކުޑަ އެނދުގައި ތުއްތު ކުއްޖަކު އެބައިނެވެ. ފަންފަން ކަޅު އިސްތަށިކޮޅަކާއި ލޯބި ލޯބި މޫނެކެވެ. އަބަދު ކަމަކަށް ޝައުޤުވެރިވެފައި ހުންނަފަދައިން ބޮޑުކޮށްލެވިފައިވާ ދެލޮލެވެ. ކުޑަކުޑަ ރަތް ތުންކޮޅާއި ފުއްޕާލައިފައިވާ ދެއަތްތިލައެވެ.

މެހެރާން އެވަގުތު އެއްފަރާތެއްގައި ފުޅި ގިރަން ހުރެފައި އަހަރެން ފެނިގެން ބަލައިލި އެވެ.

ތުއްތު ކުއްޖާއަށް ވެސް އަހަރެން ފެނުނީ އެގަޑީގައެވެ. ތިރީގައިވާ ދެދަތްބުރި ފެންނަވަރަށް ހީގެންފައި އެކުއްޖާ އެނދުމައްޗަށް ކޮޅަށް ތެދުވެ އަހަންނާ ދިމާއަށް ދެއަތް ދިއްކޮށްލައިފިއެވެ.

"މަންމީ!...." އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ.

"ނަގާބަލަ!" އަހަރެން އެއްވެސް ހަރަކާތެއް ނުކޮށް ހުންނަން ފެށުމުން މެހެރާން ވާހަކަދެއްކިއެވެ.

އަހަންނަށް ހިނގައިގަނެވުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ކައިރިއަށް ގޮސް އެކުއްޖާގެ ދެކިހިލިފަތްދަށަށް އަތްލައި އުފުލައިލުމާ އެކު އެކުއްޖާ ފުންމައިލިއެވެ. އަހަންނަށްވުރެ ކުރިން އެކުއްޖާ އަހަރެންގެ ގައިގައި ބައްދާލައިފިއެވެ. އެވަގުތު ހިތަށް އެކުރެވުނު އިހްސާސަކީ ދުވަހަކުވެސް ބަޔާންކޮށްދެވޭނެ އިހްސާސެއް ނޫނެވެ. ދުރުކޮށްލުމެއްނެތި އަހަންނަށްވެސް އެކުއްޖާ ކުރިއަށްވުރެ ބޮޑަށް މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. މެހެރާން ދުރުގައި ބަލަން ހުރެފައި ހިނިތުންވެލިއެވެ. އޭނަ އިރުކޮޅަކުން އައިސް އަހަރެން އަތުން ތުއްތު ކުއްޖާ ނަގާފައި އެނދުގައި އަލުން ބޭންދުމަށްފަހު ފުޅިދިނުމާ އެކު އެކުއްޖާ ފުޅި ބޯންވެގެން އޮށޯވެއްޖެއެވެ.

އަހަންނަށް ކަޅި ޖަހާލަން ނޭނގިފައި ބަލަން ހުރެވުނެވެ. މެހެރާންގެ ބާރުގަދަ ދެއަތުން އަހަރެންގެ އުނަގަނޑު ވަށާލުމާއެކު ކުޑަކޮށް ސިހިފައި ދެވަނަ ސިކުންތުގައި ހަމަޖެހިލެވުނެވެ. އެ މޭގައި ލެނގިލެވުނީ އެއީ އަހަރެން ކޮށްފަރިތަވެފައިވާ އަމަލެއް ފަދައިންނެވެ. އެވަގުތު ނޭފަތުގައި ހަރުލި މެހެރާންގެ ސެންޓް ވަހަކީ ވެސް އަހަރެންނަށް އާދަވެފައިވާ ވަހެއްފަދައެވެ.

"މީ އަހަރެމެންގެ ގެ. އަހަރެމެންގެ ބޭބީ. އަދި މިކޮޓަރިއަކީ ވެސް ސާބިގެ ހުނަރުން ޑިޒައިންކޮށްފައިވާ ކޮޓަރިއެއް. ބަލާބަ އެހެރަ ކުރެހުންތައް ވެސް ސާބި ކުރެހީ." މެހެރާން ކިޔައިދިނެވެ.

އަހަންނަށް އަދިވެސް އެއްފަހަރު ކޮޓަރީގެ ޑިޒައިނަށް ބަލައިލެވުނެވެ. އަހަންނަކީ ކުރިން ކުރެހުމުގެ ހުނަރު ހުންނަ މީހަކީމެއް ނޫނެވެ. އަދި ތަންތަނުގެ އާ ޑިޒައިނާއި އިންޓީރިއާގެ ވެސް އެއްވެސް އިލްމެއް ނެތެވެ.

"މައި ލަވް..." މެހެރާންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ހީލިކަރުވައިގަތެވެ.

އަނެއްކާވެސް ތެޅިގަނެފައި ދުރަށް ޖެހިލަން އުޅުމާއެކު މެހެރާން ކުރިއަށްވުރެ ބާރަށް އެދެއަތުގެ ތެރޭގައި އަހަރެން ހައްޔަރުކޮށްލިއެވެ. ކެނޑިނޭޅި ކުރަން ފެށި ގޯނާއިން އަހަރެންގެ ހިއްސުތައް ހޭލިއެވެ. އަދި މެހެރާންއަށް އެދެވެން ފެށިއެވެ. ސޯފީގެ ކޮޓަރިން ނިކުމެގެން އަހަރެން ނިދަން އޮތް ކޮޓަރިއަށް އެނބުރި ދެވުނު ގޮތެއްވެސް އަހަންނަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަންނާއި މެހެރާން ހުރީ ކެތްމަދުވެފައި ކަމެވެ. ކޮންމެ ބީހިލުމަކާއިއެކު އަހަރެންގެ ހަށިގަނޑަށް އިހްސާސްވަމުން ދިޔައެވެ. އެއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެއީ އަހަންނަށް ފަރިތަ އިހްސާސެކެވެ.

***

ފޯނު ރިންގް ވާން ފެށިއަޑަށް އަހަންނަށް ލޯ ހުޅުވައިލެވުނެވެ. މިފަހަރު އަހަންނަށް އޮވެވުނީ އަހަރެންގެ ކޮޓަރީގައެވެ. ވަގުތުން ފުންމައިގެން ތެދުވެ ފޯނު އަތަށް ނެގީމެވެ. ސްކްރީނަށް އަރާފައިވާ މަލީހާގެ ނަން ފެނުމާ އެކު ބަލަހައްޓައިގެން އިނދެވުނީއެވެ. ފޯނު ކެނޑުމާ އެކު ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ބޭރު ބަލައިލީމެވެ. ރޭގަނޑުވީއެވެ. އެކަމަކު އަހަރެން ގެއަށް އައީ ކޮން އިރަކު ހެއްޔެވެ؟ އަދި އެ ހުވަފެން... ހުވަފެން އެހާ ތަފްޞީލުކޮށް ފެނޭ ހެއްޔެވެ؟ މެހެރާންގެ ބީހުމާއި މެހެރާންގެ ހަށިގަނޑުން ދުވި މީރު ވަސް އެވަގުތު ވެސް ނޭފަތުގައި ހަރުލާފައި ހުރިކަހަލަ އެވެ. އަދި އަހަރެމެންގެ ދަރިފުޅު.. އަހަރެންގެ ހިޔާލުތައް މެދުކަނޑާލީ އަނެއްކާވެސް ފޯނު ރިންގް ވާން ފެށީމައެވެ.

"ހަލޯ.." އަހަރެން މަލީހާގެ ފޯނަށް ޖަވާބުދިނީމެވެ.

"ސާބި ކޮބާ ތެދުވެވިއްޖެ؟ ކިހިނެއް މިހާރު؟ މެހެރާން އަހަންނަށް އުދަނގޫކުރާވަރުން އޮބިނޯވެގެން މިގުޅީ. އަހަރެން މި ކިޔަނީ ސާބި މާބޮޑަށް ސްޓްރެސްވެގެން ވީގޮތެކޭ. އަރާމުކޮށްލާ ނިދާލީމަ ރަނގަޅުވެދާނެއޭ. އެކަމަކުވެސް މީނަ ވެއްޖެ ސާބި ނިދިއަ ވެސް ނުދީ ގުޅަން.. މިހާރު އެބަ އިން އަހަރެން މިހެން ބުނީމަ މޫނު ހަދައިގެން..." މަލީހާގެ ވާހަކަތައް އަހައިފައި އަހަންނަށް މެހެރާން ސިފަކޮށްލެވުނެވެ.

"އައިމް އޯކޭ.." އަހަރެން ޖަވާބުދިނީމެވެ.

ބޭނުންވީ އަވަހަށް މަލީހާ ފޯނު ބޭއްވުމެވެ. އެކަމަކު ހަޤީޤަތުގައި އަހަރެން ރަނގަޅެއް ނޫނެވެ. އަހަރެންގެ ހިތުގައި އެއަށްވުރެ މާބޮޑަށް އެބަރިއްސައެވެ. އެހުވަފެން އަހަރެންގެ ހިތް އިތުރަށް ޒަޚަމްކޮށްލައިފިއެވެ. އަޑެއް ދޭން އަހަރެން ދެކޮޅުހަދަމުންދިޔަ އިހްސާސްތަކަށް އަމިއްލަ އަޑެއް ދީފިއެވެ.

ފެންކަޅިވެފައި ހުރެގެން އަހަރެން އިށީނދެލީ ލިޔާމޭޒު ކައިރީގައެވެ. ހަނދާން ނެތުމުގެ ކުރިން އެ ހުވަފެނުގެ ކޮންމެ ތަންކޮޅެއް ވަކިވަކިން ލިޔަން ފެށީމެވެ.

-- ނުނިމޭ --

ޔާރާއެ ހިތް އެދޭ

Popular