އިރުކޮޅަކުން ފޯނު ވައިބްރޭޓްވިއެވެ.
ބަލާލިއިރު މެހެރާންގެ މެސެޖެކެވެ. އަހަރެންގެ ހިތް ތެޅިގަތެވެ.
"ޔޫ އޯކޭ؟" މެހެރާން ލިޔެފައި އޮތެވެ.
އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. "އައިމް އޯކޭ.." އަހަރެން ޖަވާބު ފޮނުވައިލީމެވެ.
ފޯނަށް ބަލަން އިނދެ އިނދެ ދެން އިތުރު މެސެޖެއް ނައެވެ. މެހެރާން ބޭނުންވީ އަހަރެން ރަނގަޅުތޯ ޔަޤީންކުރަން ކަންނޭނގެ އެވެ. ފޯނު އަނބުރާ ބާއްވާފައި އަހަރެން ލިޔަން ފެށީމެވެ.
އަހަންނާއި މެހެރާން ފުރަތަމަ ބައްދަލުވީ މަލީހާގެ އެކުވެރިއެއްގެ ޕާޓީއަކުންނެވެ. މުޅި ޕާޓީތެރެއިންވެސް އެތަނަށް ނިސްބަތްނުވާ މީހެއްގެ ކުލަ އަހަރެން ދުށީ މެހެރާންގެ މޫނުންނެވެ. އަނެއްކޮޅުން އަހަންނަކީވެސް މަލީހާގެ ބާރުގައި އެފަދަ ހަފްލާތަކަށް ގޮސް އުޅޭ މީހަކީމެވެ. އެހާ ފަސޭހައިން އަހަރުމެން ދެމީހުންނަށް އެދުވަހު އެކަކު އަނެކަކު ހޯދުނީ މިސަބަބާއިހުރެ ކަމަށް ވެދާނެއެވެ. އަހަރެން ބެލްކަންޏަށް ނިކުމެލީ ހަމައެކަނި ތާޒާ ވައިކޮޅެއް ހޯދުމަކަށް ނޫނެވެ. ގަދަ މިއުޒިކާއި އެމާހައުލުން އުފާ ލިބިގަންނަމުންދިޔަ އެތައްބައެއްގެ އަޑުތަކާއިވެސް ދުރަށެވެ.
މެހެރާން ކުރީއްސުރެވެސް ހުރީ އެތަނުގައެވެ. އަހަރެން ފަދައިން އޭނަގެ އަތުގައިވެސް ޖޫސްތަށްޓެއް ހުއްޓެވެ. އަތްދިގު ހުދު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރި ޒުވާނާގެ އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލެވިފައެވެ. މެދުމިނަކަށް ކޮށާލާފައިވާ ތުނބުޅިއާ މަތިމަހުން އެމޫނަށް ފިރިހެންވަންތަކަން ގެނެސްދީފައި ވެއެވެ. އިސްކޮޅުން ދިގެވެ. ބާމަތި ފުޅާވެފައި ހަށިގަނޑު ވަރުގަދަކަމަށް ދައްކައެވެ. ފެންނަ ފެނުމަށް މާ ހާއްސަ ނޫނަސް ރީތިމީހެކެވެ. ވަގުތުން އަހަރެންގެ ހިތާއި ހިތުން އެއްބަސްވެވުނެވެ.
މެހެރާން އަހަރެންގެ އަޑު އިވިގެން އެނބުރި ބަލައިލާފައި އެއްފަރާތަކަށް ޖެހިލީ އަހަންނަށް ތަން ދައްކަންވެގެންނެވެ. އަހަރެން ގޮސް ހުއްޓިލީ ބެލްކަނީގެ އަނެއްކޮޅުގައެވެ. ދެމީހުންގެ ދެމެދުގައި ފުދޭވަރަކަށް ހުސްތަން އޮތެވެ.
"ނާޒްގެ އެކުވެރިއެއްތަ؟" އަހަރެން އިސްވެ ވާހަކަދެއްކީމެވެ.
ނާޒްއަކީ މަލީހާގެ އެކުވެރިޔާއެވެ. ޕާޓީގެ "ހޯސްޓް" އެވެ.
"ނާޒްގެ އެކުވެރިއެއްގެ އެކުވެރިއެއް.." މެހެރާން ޖަވާބުދިނެވެ.
"އެހެންތަ؟ އަހަންނަކީވެސް ނާޒްގެ އެކުވެރިއެއްގެ އެކުވެރިއެއް..." އަހަރެން ޖަވާބުދީ ނިމުމާއެކު ދެމީހުންނަށް އެކީގައި ހެވުނެވެ.
"ޕާޓީ ކަމުނުދަނީތަ؟" އަހަރެން އިތުރަށް އެހީމެވެ.
"އެހާ މީހުންގިނަ ތަންތަނަކާ ގަޔައެއް ނުވޭ.." މެހެރާން ޖަވާބުދިނެވެ.
"ސޭމް." އަހަރެން ޖަވާބުދިން އަޑަށް މެހެރާން ބަލައިލީ ހައިރާންވެފައި ކަންނޭނގެއެވެ. އެމޫނުން ފެނުނީ އެފަދަ ކުލަވަރެކެވެ. އިތުރަށް ތަފްސީލުކޮށްދޭން އަހަރެން ބޭނުންވީ އެހެންވެއެވެ.
"އަހަރެން އަންނަން ބޭނުންނުވިއަސް އަހަރެންގެ ފްރެންޑް ދަމާފަވެސް ގެންނާނެ.." އަހަރެން ޖަވާބު ދިނީމެވެ.
މެހެރާން ބޯޖަހައިލިއެވެ. އެއާއެކު އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ދުރުން ފެންނަމުންދިޔަ އިމާރާތްތަކުގެ އައްޔާއި ތިރިން ފެންނަން އޮތް މަގުގައި ދުއްވާފައިވާ އުޅަނދުތަކަށް އަހަރުމެންގެ ނަޒަރު ހުއްޓިފައިވިއެވެ.
"އަހަންނަށް ކިޔަނީ މެހެރާން..." މެހެރާން އިސްވެ އަމިއްލަ ތައާރަފްދިނެވެ.
އަހަންނަށް އެމޫނަށް ބަލައިލެވުނެވެ. ޚުދު އޭނަވެސް ބަލައިލިއެވެ.
"ވަރަށް ތަފާތު ނަމެއް..." އަހަންނަށް ބުނެވުނެވެ. މެހެރާން ހިނިތުންވެލިއެވެ. ހީވަނީ އޭނައަށް އަލަށް އިވުނު އެއްޗެއް ނޫން ހެންނެވެ.
އޭނަ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރަމުންދިޔަކަން އެނގުނީ ދެވަނަ ފަހަރަށް ބަލައިލީމައެވެ. އަހަރެން ހަނދާންވިއެވެ. މީހަކު އަމިއްލަ ތައާރަފް އިސްވެ ދޭނީ އަނެކާގެ ތައާރަފަށްވެސް އެދިގެންނެވެ.
"ސާބިއާ." އަހަރެން ތައާރަފްދިނީމެވެ.
"ސާބިއާ.." މެހެރާން އަހަރެންގެ ނަން ދޫމައްޗަށް ޓެސްޓްކޮށްލަން ކިޔާލިކަހަލަ އެވެ. އެކަމަކު އެއަޑުން އަހަރެން ނަން ކިޔާލުމާއެކު ބެލްކަނީގައި އަޅުވާލެވިފައިވި އަތުން ހީބިހި ނަގައިގަތެވެ. އަހަންނަށް އެއަތް ތިރިކޮށްލެވުނީ މެހެރާންއަށް ފާހަގަވެދާނެތީއެވެ.
"ފުޑް ޓޭސްޓިންއަކަށް ދައުވަތު ދިނިއްޔާ ޤަބޫލުކުރާނަންތަ؟ އެހާ މީހުން ގިނައެއް ނުވާނެ..." މެހެރާން އަނެއްކާވެސް ވާހަކަދެއްކިއެވެ.
އަހަރެންނަށް އެމޫނަށް ބަލައިލެވުނެވެ. މެހެރާން އަހަރެން "ޑޭޓް" އަކަށް ގެންދަން ދައުވަތުދެނީ ހެއްޔެވެ؟
"އޯކޭ.." އަހަރެންގެ އަނގައިން ނިކުތެވެ. އޭނައާ އަހަރެން ބައްދަލުވީ ދެންމެ ކަމުގައިވީ ނަމަވެސް އެދައުވަތަށް ދެކޮޅެއް ނުހެދުނެވެ.
މެހެރާން ދުރުބަލައިލި ނަމަވެސް އޭނަގެ ހިނިތުންވުން އަހަންނަށް ފާހަގަވިއެވެ.
"މަޑުކޮށްބަލަ! ތީ ޝެފެއްތަ؟" އަހަންނަށް ވިސްނާލެވުނީ އަދި އިރުކޮޅަކުންނެވެ.
މެހެރާން އަހަންނާއި މަގަތަށް ވާނެހެން އެނބުރިފައި ބޯޖަހައިލިއެވެ.
"ވޯހ... ސަޅި. އަހަންނަކީ ލިއުންތެރިއެއް..." އަހަންނަށް ބުނެވިއްޖެއެވެ. ކުއްލިއަކަށް އަހަރެން މިހާ އަނގަ ގަދަވީ ކޮންއިރަކު ހެއްޔެވެ؟ ނުދަންނަ ބީރަތްޓެހިންނަށް އަމިއްލަ ޒާތީ ވާހަކަތައް ކިޔައިދޭން ފެށީ ކޮންއިރަކު ހެއްޔެވެ؟ އެހެނޫނަސް އެއީ އަހަރެން ވަޒީފާއެއް ގޮތަށް އަދި ފެށިވެސް ކަމެއް ނޫނެވެ. ހޮބީއެއްގެ ގޮތުން ކުރާ ކަމެއްވެ އަހަރެން އެއްވެސް މީހަކު ކައިރީ ލިއުންތެރިއެކޭ ބުނެ ތައާރަފެއް ނުވެސް ދެމެވެ. މެހެރާން އަހަންނަށް މިޖެއްސީ ކޮންފަދަ ޖާދޫ އެއް ހެއްޔެވެ؟
"ލިއުންތެރިއަކާ އަދި އަލަށް މި ދިމާވީ..." މެހެރާން ތަރުހީބުދޭން އަތް ތަޅާލިއެވެ.
"އެކަމަކު އަހަރެން ކިޔާކަށް ނުދެން އެކަކަށްވެސް..." ނުތަނަވަސްވެފައި އަހަރެން އަމިއްލަ ދިފާޢުގައި ބުނެލީމެވެ.
"އަހަރެން މީ ސާބިއާގެ އެންމެ ފުރަތަމަ ކިއުންތެރިޔާއަށް ވާނީ އުފަލާއެކު..." މެހެރާން ދިނީ އަހަރެން އުންމީދުކުރިފަދަ ޖަވާބެއް ނޫނެވެ. އެއެދުމާއި ދެކޮޅުހަދަން އަހަރެން ބޭނުމެއްވެސް ނުވިއެވެ.
"ސާބަހޭ ކަލޭމެންނަށް. އަހަރެން ތިދެމީހުން ހޯދާތާ ކޮން އިރެއް؟" މަލީހާގެ އަޑުން އަހަރެމެން ދެމީހުންގެ އެހާއްސަ ވަގުތުކޮޅު ނިމުމަކަށް އައެވެ.
"ދެމީހުން...؟" އަހަންނަށް އެއްފަހަރު މަލީހާއަށް އަނެއްފަހަރު މެހެރާންގެ މޫނަށް ބަލައިލެވުނީ ހައިރާންވެފައެވެ. މަލީހާއަށް މެހެރާން އެނގޭ ހެއްޔެވެ؟ މެހެރާން އެބުނި ނާޒްގެ އެކުވެރިޔާއަކީ މަލީހާ ހެއްޔެވެ؟ އެހެންވީއިރު އަހަންނަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ނުދަންނަ މަލީހާގެ އެކުވެރިއަކު މަދުވާނެއެވެ.
"ދެމީހުންނަށް އެކަކު އަނެކަކު ތައާރަފް ލިބިއްޖެކަމަށް މިބަލަނީ. ދެން އަހަރެން ކިޔައިދޭނަން. މެހެރާން މީ އަހަރެންގެ ބެސްޓްފްރެންޑް ސާބި. ސާބި މީ އަހަރެންގެ ބޯއިފްރެންޑް.." މަލީހާ ފޮނިވެލާފައި މެހެރާންގެ މުލައްދަނޑީގައި އަތް އަޅުވާލަމުން ތައާރަފް ނިންމައިލިއެވެ.
އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.
ދެލޯ ބޮޑުކޮށްގެން ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުރެވުނެވެ. މެހެރާން އެވަގުތު އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ހުރަސްއެޅީ މަލީހާ އެވެ.
"ސޮރީ ސާބި. ސަޕްރައިޒްކޮށްލަންވެގެން ކުރިން ނުބުނީ.." މަލީހާ އަހަރެންގެ ކޮނޑުގައި އަތް ބާއްވާލައިފައި އެހެން ބުނެލީ ހަޤީޤަތުގައިވެސް ދެރަވެފައި ކަހަލައެވެ.
އަހަންނަށް ވާހަކަދައްކަން އުދަނގޫވެގެން ކަމެއް ނޫނޭ ބުނާފަދައިން ދެފަރާތަށް ބޯހޫރާލީމެވެ. ނާޒްގެ ކޭކު ފަޅަނީއޭ ކިޔާފައި މަލީހާ މެހެރާން ގޮވައިގެން އެތަނުން ދާން ނައްޓައިލިއެވެ. އަހަންނަށް ކުރެވުނު ކަމަކީ ބެލްކަނީގައި ދެއަތް އަޅުވާލާފައި އެދެއަތްމަތީ ނިތްކުރި ޖައްސައިލުމެވެ.
***
ހަފްތާއެއް ވީއިރުވެސް އަހަރެންގެ ހިތަށް އެރޭ އެލިބުނު ހިތްދަތިކަމެއް ނުފިލިއެވެ. އަހަރެން އަދި އުންމީދުކޮށްގެން ހުރީ އެހެން ހުރިހާކަމެއް ވަގުތާއިއެކު ފަސޭހަވާހެން އެކަމަށްވެސް ނަގާނީ ކުޑަދުވަސްކޮޅެއް ކަމުގައެވެ. މަލީހާ އެކިފަހަރު މަތިން އަހަރުމެން ގެއަށް އައިސް އުޅުނުއިރު ފުރަތަމަ މާފަށް އެދުނެވެ. މެހެރާންއާ އޭނަ ބައްދަލުވީ އޭގެ ހަފްތާއަކަށްވުރެވެސް މަދު ދުވަސްކޮޅެއް ކުރިން ކަމުގައި ބުނިވަގުތު އަހަރެންގެ ހިތް ހަސަދައިން އެނދިއެވެ. މަލީހާއަށްވުރެ ކުރިން އަހަންނާއި މެހެރާން ބައްދަލުނުވީ ކީއްވެ ހެއްޔެވެ؟ އެއްގޮތަކުން ބަލާއިރު މަލީހާގެ ދިރިއުޅުމަށް މެހެރާން އައުމާއެކު އަހަރެމެން ގެއަށް އޭނަ އަބަދު އައިސް އެއުޅޭ އުޅުން ބަދަލުވިއެވެ.
މީގެ ކުރިން ވިއްޔާ އަހަރެން އެކަނިވެލަން ވެސް އޮންނާނީ ވަގުތުކޮޅެއް ނުލިބިފައެވެ. އެކަމަކު މިހާރު އޭނަ އަބަދުވެސް މެހެރާންއާއެކު ކޮންމެވެސް ކަމެއް ރާވައިގެން އަހަރެން ކައިރީ އަބަދުވެސް މާފަށް އެދިފައި ގުޅާ މެސެޖު ކުރާނީއެވެ. އޭނަ ކޮންމެހެން މާފަށް އެދޭކަށް ނުޖެހެއޭ ބުންޏަސް މަލީހާއަކީ މަލީހާއެވެ. އޭނަ ކުރާކަމެއް އެކުރާ ގޮތަކަށް ކުރާނެއެވެ. މީހެއްގެ ބަހަކަށް އޭނައެއް ނުގުޑާނެއެވެ.
ހަފްތާއެއް ވީއިރު އަހަންނަށް ދެވަނަ ފަހަރު މެހެރާން ފެނިފައެއް ނުވެއެވެ. އެކަމަކު އޭނަ ކާއެއްޗެހި ރަހަ ބަލަން ދައުވަތުދިންކަން އަހަރެން ހަނދާނެއް ނުނެތެއެވެ. ސުވާލަކީ އޭނަ މިހާރުވެސް އަހަރެން އެތަނަށް ގެންދަން ބޭނުންވޭ ހެއްޔެވެ؟ ނޫނީ މަލީހާއަށް އެނގިގެން އެތަނަށްވެސް ދާނީ އޭނަ ހެއްޔެވެ؟ އެހެންނޫނަސް އަހަރެން ނިންމައިގެން ހުރީވެސް އެތަނަށް ދެން ނުދާށެވެ.
ލިޔަން އުޅެ އުޅެ ބޮލަށް އެއްޗެއް ނުވަދެގެން ކޮފީ ތަށި ހިފައިގެން އަހަރެން ނިކުތީ ބެލްކަންޏަށެވެ. އަހަރެން ކުއްޔަށް ހިފައިގެން އުޅޭ އެއްކޮޓަރިއާއި ސިޓިންރޫމަކީ ރަށު ބަޔަކު އުޅޭ އެޕާޓްމަންޓަކުން ލިބިފައި ހުންނަ ތަންކޮޅެކެވެ. ފަސޭހަ ތަންކޮޅަކީ ބޭރުން ސިޑިއެއްލާފައި ހުންނާތީ އެމީހުންގެ ބަޔަށް ނުވަދެ ވަކިން ކޮޓަރިއަށް ވަދެވެން ހުންނަކަމެވެ. އަހަރެންގެ ބަދިގެއަކީ ސިޓިންރޫމުގެ އެއްކޮޅެވެ. ބޭނުންވަރަކަށް އެކަނިވެރިކަން ލިބިފައި މިނިވަންކަން އޮވެއެވެ. ލިއުމުގެ އިތުރަށް އަހަރެން ކުރާ އަނެއްކަމަކީ ކޮންމެވެސް ވަރަކަށް ގަސް ހެއްދުމެވެ. ބެލްކަނީގައި ބަހައްޓާފައިވާ ޕޮޓްތަކުގައި އާރޯކަމާއެކު ފެންނަން ހުންނަ ފެހި ގަސްތަކުން އަހަރެންގެ ހިތާއި ރޫޚަށް އަބަދުވެސް ތާޒާކަމާއި އުފާވެރިކަން ގެނެސްދެއެވެ. މަލީހާއަކީ އޭގެ އަނެއްކޮޅެވެ. ގަސްތައް ރީތިވެ ފޮޓޯ ނަގަނަގާފައި ހައްދާ ހިތުން ރޯނެއެވެ. އެކަމަކު ރޯކޮށްފައި ދިނަސް އެހާ އަވަހަށް އެ އަޅާނުލާ ހުރެގެން މަރާލާނެއެވެ. އެކަމަކު މަރުވެގެންވެސް ދެރަވެގެން އުޅޭނެއެވެ.
ކޮޓަރި ތެރެއިން ފޯނު ރިންގް ވާ އަޑަށް އަހަރެން ގޮސް ބެލިއިރު ނުދަންނަ ނަންބަރަކުންނެވެ. ވިސްނާލައިފައި އަހަރެން ފޯނު ހިފައިގެން އަނެއްކާވެސް ނިކުތީ ބެލްކަންޏަށެވެ. ކޮފީ ޖޯޑު އެތާހުރި އެކަމަށް ހާއްސަ އެއްޗެއްގައި ބަހައްޓާފައި ޖަވާބުދިނީމެވެ.
"ހަލޯ. ސާބިއާ. މީ މެހެރާން.." އެކޮޅުން މެހެރާން ތައާރަފްދިން އަޑަށް މޭގަނޑު ފިނިވެގެން އައެވެ.
"ހަލޯ.. ސާބި އަޑު އިވޭތަ؟" އަހަރެންގެ ޖަވާބެއް ނައިސްގެން މެހެރާން އެހިއެވެ.
"އިވޭ.." އަހަރެން ދިނީ ވީހާވެސް ކުރު ޖަވާބެކެވެ.
"އަހަރެންދެކެ ރުޅި އައިއްސަތަ؟" މެހެރާން އަހައިލިއެވެ.
އަހަންނަށް ސިހިފައި ދުރު ދުރަށް ދާންދެން ބަލައިލެވުނެވެ. އޭނަ އެހުރީ އަހަރެން ފެންނަ ހިސާބުގައި ހެއްޔެވެ؟
"ކީއްވެ ރުޅިއަންނަންވީ؟" އަހަރެން ބެލީ ޖަވާބު ނުދީވޭތޯ އެވެ.
"އެންމެ ރަނގަޅު ތި މައުޟޫ އިހަށް ބާއްވާ. ހަނދާން އެބަހުރި ދޯ އަހަންނަށް ޕްރޮމިސްއެއް ކުރިކަން. ކާއެއްޗެހި ރަހަބަލަން އަންނަން.. އެހެންވެ އެޑްރެސް ދޭންވެގެން މިގުޅީ." މެހެރާން ކިޔައިދިނެވެ.
"އަހަރެން ޕްރޮމިސްއެއް ނުކުރަން.." އަހަރެން ވަގުތުން ދެކޮޅުހެދީމެވެ.
"ފައިން. ޕްރޮމިސްއެއް ނޫން. އެކަމަކު ބުނީމެއްނު އޯކޭއޭ...؟ މިހާރު ހިޔާލު ބަދަލުވީތަ؟" މެހެރާން ހައިރާންވެފައި ފަހު ސުވާލުކުރިއެވެ.
އަހަރެން ނުދާން އުޅެގެން އޭނަ އެހާ ހައިރާންވާން ޖެހޭ ހެއްޔެވެ؟ އެހެންނޫނަސް މަލީހާ ހުއްޓާ އަހަރެން ގެންދަން އޭނަ އެއުޅެނީ ކީއްވެ ހެއްޔެވެ؟ އެހެން އަހަން އުޅެފައިވެސް އަހަރެން ނިންމީ ނުބުނާގޮތަށެވެ.
"އެޑްރެސް މެސެޖުކޮށްލާ. އިހަށް ބާއްވަނީ.." އަހަރެން މެހެރާން ބުނާ އެއްޗަކަށް ނުބަލާ ފޯނު ކަނޑާލައިފީމެވެ.
އިރުކޮޅެއް ނުވެ މެހެރާން މެސެޖު ކުރިއެވެ. އެޑްރެހާއި ގަޑި ލިޔެފައި އަދި ތިރީގައި ޝުކުރު އަދާކޮށްފައެވެ. ކޮފީ ތަށިން ކޯވަރެއް ބޯލާފައި އަހަރެން ގަސްތަކަށް ނަޒަރު ހުއްޓައިލީމެވެ. އެކަމަކު ހިތާއި ހިތުން ވިސްނެން ފެށީ މެހެރާންއާ ބައްދަލުކުރަން ދާން ލާނެ ހެދުމަކާއިމެދުގައެވެ. އެގޮތުގައި ގިނައިރަކު ނުވެސް ހުރެވުނެވެ. ކޮފީތަށީގެ ބާކީ ބަޔާއެކު ގެންގޮސް ސިންކަށް އަޅާލައިފައި ތަށި ދޮވުމަށްފަހު އަތް ފުހެލައިގެން އަވަހަށް ދުވީ ކޮޓަރިއަށެވެ.
އަލަމާރި ހުޅުވާލައިފައި ކޮނޑުގައި އަޅުވާފައިވާ ހެދުންތައް އެއްކޮޅުން އަނެއްކޮޅަށް ބަލާ ނިމުނުއިރު އަދި ކަމުދާ އެއްޗަކާއި ލައްވައެއް ނުލިއެވެ. ގުޅޭ ޝޯލް އެއްވެސް އަދި ހޯދަން ޖެހޭނެއެވެ. ފަތްޖަހާފައިވާ އަންނައުނުތައްވެސް އެކީ ގެނެސް އެނދުމައްޗަށް އަޅާލައިގެން ނޫނީ ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު ގަޑި ޖެހުނުއިރު އަހަރެން ހުރީ ތައްޔާރު ވެގެންނެވެ.
ކަޅުކުލައިގެ އަބާޔާ ސާދާވެފައި ހަމައެކަނި ހާއްސަ ކަމަކީ ދެއަތުކުރީ ހަރުކުރެވިފައިވާ ކުދި މިނާތަކެވެ. މަޑުފިޔާތޮށިކުލަ އަބަދުވެސް އަހަރެންގެ މޫނާއި ގުޅޭކަމަށް އެކުވެރިން ބުނާނެއެވެ. މަލީހާ ފިޔަވައެވެ. އެހެންވެ އަހަރެން ހިޔާރުކުރީ މަޑުފިޔާތޮށި ކުލައިގެ އަހަރެންނަށް އަޅައިގެންވެސް އުޅެން އެންމެ ފަސޭހަ ޝޯލްއެވެ. ފާހަގަ ނުވާނެހާ މަޑުން ތުންފަތުގައި ކުލަ ޖައްސާލުމަށް ފަހު އާންމުކޮށް ބޭރަށް ދާން އަރާ ހުދު ބޫޓުގައި ނިކުމެވުނީ ޓެކްސީއެއް ހުސްވިތަނަށެވެ. އެޑްރެސް ބުނެފައި އަހަންނަށް ހަމަޖެހި ނުލެވެނީސް މެހެރާން އަހަރެން ލަސްވެގެން މެސެޖުކުރިއެވެ.
ޖަވާބު ފޮނުވުމުގެ ބަދަލުގައި އަހަރެން ބޭނުންވީ މެހެރާން ކުޑަކޮށް ތަޅުވާލާށެވެ.
(ނުނިމޭ)
