އެނާ ބޯހޫރާލަމުން ނޫނޭކޭ ބުންޏެވެ. ގަބޫލެއްނުކުރާނަމޭ ބުންޏެވެ.
ދޮންތާ! ރޮނީތަ؟" އަހަންނަށް ލޯ ހުޅުވާލެވުނުއިރު ފެންނަން ހުރީ އިވާން ކޮއްކޮއެވެ.
އޭނާ ކަންބޮޑުވެގެން ކިހިނެތްތޯ ވީ ސުވާލު ކުރަންފެށިއެވެ. އޭރު އަހަރެންގެ ލޮލުން ހަގީގަތުގައިވެސް ކަރުނައައިސްފައި ހުއްޓެވެ.
މޫނު ފޮހެލަމުން ތެދުވެ ވަށައިގެން ހޯދާލެވުނެވެ. ކަންބޮޑުވެފައި ބަލަހައްޓައިގެން ހުރި އިވާން ކޮއްކޮ ކައިރީ މާބޮޑަށް ބައްޕަ މިސްވީ ކަމުގައި ބުނަމުން ބެލްކަންޏަށް ނުކުތީމެވެ. ދާދި ދެންމެއަކު އަހަންނަށް ފެނުނު ހުވަފެނުގައި އިޝާން ހުއްޓިގެން ހުރިތަނުގައި މަޑުކޮށްލީމެވެ.
"އިޝާން! އަޅެ އަސްލުގައިވެސް އަހަރެން ހަނދާން ނައްތާލީތަ؟" އަހަރެން ހިތާހިތުން ސުވާލުކުރީމެވެ
އަނެއްކާވެސް އަހަރެން މާޔޫސްވާން ފެށިއެވެ. ފަހަން އިނދެފައިވެސް ހުއްޓާލާފައި އެ ޚިޔާލުގައި އިނދެވެން ފެށިއެވެ. އަހަންނަށް މާލެ އާދެވުނީ ކީއްކުރަން ހެއްޔޭވެސް ހިތަށް އަރަންފެށިއެވެ. މަޝްހޫރު ޑިޒައިނަރަކަށްވާން ހަމަ އަސްލުގައިވެސް އަހަރެން ބޭނުންބާވައެވެ؟ އަހަންނަކީ ސްކޫލުގައި އުޅުނުއިރުވެސް އެއްވެސް މަޝްހޫރުކަމެއް ބޭނުންވި މީހެއްނޫނެވެ. މިއުޒިކީ ހުނަރުވެސް ސިއްރުކޮށްގެން އުޅުނު މީހަކީމެވެ. އަހަންނަކީވެސް ދުނިޔޭގައި އުޅޭމީހެއްކަން އެންމެނަށް އަންގަން މިބޭނުންވަނީ ހަމަ އިޝާން އެހެންހަދާލުމުން އެއްވެސް އަސަރެއް ނުކުރާކަން ދެއްކުމުގެ ގޮތުން ހެއްޔެވެ؟
ހެދުންތައް ފަހާ ނިންމާލުމުން ހެޔޮވަރުކުރަން ކުދިން ގޮވައިގެން ސޫޒަން އައެވެ. އޭނާ ބޭނުންވާ ދުވަހަށްވުރެ ދެދުވަސް ކުރިން ނިންމާލީތީ އޭނާ ހައިރާންވިއެވެ. މިކަހަލަ ތަޖުރިބާއެއް މިކުރެވުނީ އަލަށް ކަމުގައި ބުންޏެވެ.
އެހެންޏާ ވިއްޔާ އުޅެން ޖެހޭނީ ކުދިން ސްޓޭޖަށް އަރާއިރު ވެސް ތިނޯހާ ބަރަނި ހިފައިގެން ކޮންމެވެސް ތަންކޮޅެއް ރަނގަޅު ކުރަން!" ސޫޒަން އަހަރެންގެ މަސައްކަތަށް ތަޢުރީފު ކުރަމުން ބުނެލިއެވެ. އޭނާ އަހަރެންގެ ގައިގަ ބައްދާލަމުން އަހަންނާއި ދިމާވިކަން އެއީ ހަމަ މިރެކަލް އެއް ކަމުގައި ބުނެލިއެވެ. މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ފުރިހަމައަށް ހެދުން ފަހައިދީފާނެކަމަށް އޭނާ ހީނުކުރާކަމަށް ބުނަމުންނެވެ.
ދެން އޯކޭ ދޯ މާދަން ރަށަށް ދިޔަޔަސް؟ އެކޮޅުގެ ބައިވަރު މަސައްކަތް ބަހައްޓާފައޭ މިއައީ!" އަހަރެން އަހާލީމެ"
"ވަޓް!" ސޫޒަން ބުނެލިއެވެ. އެ ހަފްލާގައި އަހަރެންވެސް ސްޓޭޖަށް އަރަން ޖެހޭނެކަން އެނގުނީ އެހިސާބުންނެވެ. އެހެން ގައުމުތަކުގެ ޑިޒައިނަރުންނާއި ބައްދަލުވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އަހަރެންގެ މަސައްކަތް ސޫޒަން އަށް ކަމުދިޔަވަރުން ބޭރު ގައުމަކަށް އަހަރެންގެ މަސައްކަތް ދައްކާލަން ފުރުސަތު ހޯދަން މަސައްކަތް ކުރާނަން ކަމުގައިވެސް އޭނާ ބުނެލިއެވެ.
"ނެކްސްޓް އިޒް ތައި ސިލްކް ރޯޑު!" އޭނާ ހިނިތުންވެލަމުން އަހަންނާއި ދިމާލަށް ބުނެލިއެވެ. އަދި އަހަންނަކީ ދުނިޔޭގެ ފެންވަރުގައި އިނގޭ މީހަކަށް ހެދުމަކީ އޭނާގެ އަޒުމް ކަމުގައި ބުންޏެވެ.
ސޫޒަން ދެއްކި ހުރިހާ ވާހަކައެއް މަންމަ އަޑުއެހިއެވެ. އެމީހުން ދިޔުމުން މިހާރު ކިހިނެތްވީތޯ ސުވާލު ކުރިއެވެ.
"މަންމާ އަހަންނަކަށް މާލެއަކު ނޫޅެވޭނެ!" ސައީދާއާއި އެކީ ސަޔަށް ދިޔަ ދުވަހު އިޝާން ފެނުނީކަމުގައި ބުނީމެވެ.
"އަސްލު ދެރަވަނީ އޭނާ އަހަންނާއި ވާހަކަ ނުދައްކާތީ.. ކޮންމެހެން އޭނާއާއި އިނދެގެން ދިރިއުޅުމެއް ނުލިބުނަސް، ހިތްހެޔޮ ކަމާއިއެކު އަހަންނާއި ވާހަކަ ދައްކާލާނެ ނަމަ....."
އެއާއިއެކު މަންމަ ދަރިފުޅަށް ތިކިޔޭ އެއްޗެއް އެބަ އެނގޭހޭ ތިއީ ކުޑަކުދިން ދައްކާ ކަހަލަ މޮޔަ ވާހަކައެކޭ ބުނެލިއެވެ.
"މަންމަވެސް ހިތަށް އަރާ ދަރިފުޅުގެ ބައްޕަ މިދުނިޔޭގައި ނެތަސް ކޮންމެ ދުވަހަކު ވާހަކަ ދެއްކޭނެ ނަމައޭ!" މަންމަ ހިނިގަނޑެއް ޖަހާލިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
އިޝާން އަކީ އަހަންނަށް ކިހާވަރެއްގެ މީހެއްކަން އެކަކަށްވެސް ނުވިސްނޭނެކަން އަހަންނަށް އެނގެއެވެ.
ކޮންމެއަކަސް، އޭރު އަހަރެން ގޮތް ނިންމައިފީމެވެ. މިއީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ފެޝަން ޝޯ އެވެ. އަހަރެން ކޮންމެހެން ދުނިޔެއަށް މަޝްހޫރުވާކަށް ބޭނުމެއްނޫނެވެ.
މާލެއައިސް މިކުރިމަތިވި ވޭންދެނިވި އިހުސާސް ތަކާއި ދެން ކުރިމަތިލާކަށް ނެތީމެވެ. އަހަރެންގެ ރަށަށް ގޮސް، އުމުރު ހުސްވަންދެން މި ހިތާމައިގެ ތެރެއަށް ޣަރަގުވެ، އެކަނި މާ އެކަނި ދިރިއުޅޭނީ އެވެ.
ޝޯ އޮތް ރިސޯޓަށް އަހަރުމެން ދިޔައީ އެދުވަހުގެ ހަވީރު އެވެ. އެރެއަށްޓަކައި އެރަށަށް އައިސް ތިބި މީހުން ވަރަށް ގިނައެވެ. ސޫޒަން ދަންނަ ވަރަށް ގިނަ މީހުންނާއި ދިމާވިއެވެ. އެއިން ކޮންމެ މީހަކަށް އޭނާ އަހަރެން ތަޢާރަފު ކޮށްދެމުން ގެންދިޔައެވެ.
ހުރިހާ ކުދިން ތައްޔާރުވެ ނިމުމުން އަހަރެން ރީތިވާން ކޮޓަރިއަށް ވަނީމެވެ. އަހަރެން ލާން ހަމަޖެއްސީ ކަޅު ރަތް ކުލައިގެ ދިގު ހެދުމެކެވެ. ހެދުމުގެ އަތުކުރީގަޔާއި ތިރީގައިވާ ލިޔެލާގެ ޑިޒައިންބޯޑަރު އެ ހެދުމަށް އިތުރު ޒީނަތްތެރިކަމެއް ގެނެސްދެއެވެ. ތައްޔާރުވެގެން ނުކުމެ އަހަރެން ދިގުހެދުން ލާފައި ހުރި ފޮޓޮއެއް ނަގާފައި އާސިމާއަށް ފޮނުވާލީމެވެ.
ވަރަށް ސަޅި" އާސިމާ ހިތެއް ފޮނުވާލާފައި ޖަވާބު ދިނެވެ. އޭނާ އަހަންނަށްޓަކައި އުފާވާ ވާހަކަ ބުނުމުން ޝޯ ނިންމާފައި ގުޅާނަން ކަމުގައި އަހަރެން ބުނީމެވެ.
އަހަރެމެން ތައްޔާރުވެގެން އެތަނަށް ދިޔައިރު ޝޯ ފެށެން ކައިރިވެއްޖެއެވެ. ސްޓޭޖް ކައިރީގައިވާ ގޮނޑިތަކުގައި މީހުން އިށީންނަމުން ދަނީއެވެ.
ޓީވީ ކެމެރާ ތަކާއި އަލިގަދަ ލައިޓްތައް ފެނިފައި އަހަރެން ފިނިވާ ގޮތްވިއެވެ.
"އަހަރެންވެސް ސްޓޭޖައް އަރަންޖެހޭނެތަ ހަމަ؟"
އަހަރެން ސޫޒަން ކުރެން އަނެއްކާވެސް އަހާލީމެވެ. އޭނާ ބޯޖަހާލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލާފައި "ޔޫލް ބީ އޯކޭ" އޭ ބުނެލިއެވެ.
ޝޯ ފެށިގެން ކުރިއަށް ދާން ފެށިއެވެ. އިސާހިތަކު އަހަރުމެންގެ އައިޓަމް އާއި ޖެހުނެވެ.
ޝޭޑުސް އޮފް ބުލޫ ފުރޮމް ދަ މެޖެސްޓިކް މޯލްޑިވްސް!"
އަހަރެންގެ ކުދިން އަރަން ތައްޔާރުވުމާއި އެކު އެނައުންސަރު އިއުލާނު ކޮށްލިއެވެ.
އަދި އެއާއި ބެހޭ ތައާރަފެއް އިނގިރޭސިބަހުން ދެމުން ގެންދިޔައެވެ.
ފަހަރަކު ކުއްޖެއް ސްޓޭޖަށް އަރާ ބެލުންތެރިންނަށް އަހަރެންގެ މަސައްކަތް ދައްކަމުން ގެންދިޔައެވެ.
އެންމެ ފަހު ކުއްޖާ އެރުމުން އަހަރެން ފުންނޭވައެއް ދޫކޮށްލީމެވެ.
'ލޭޑީޒް އެންޑް ޖެންޓުލްމެން!.. ދަ ޑިޒައިނަރ އޮފް ދީޒް ބިއުޓިފުލް ޑުރެސަސް.. މިސް ރާނިޔާ'
އަހަރެންގެ ނަން ގޮވުމާއިއެކު ސްޓޭޖަށް އެރީމެވެ. އެކި ދިމަދިމާލުން ކެމެރާ ފުލޭޝްވެ ފޮޓޯ ނަގާ އަޑު އިވެންފެށިއެވެ. މީހުންގެ ތަރުހީބުގެ އަޑުވެސް އިވެމުން ދިޔައެވެ. ސްޓޭޖުގެ މެދަށް ހުއްޓުނު ވަގުތު އަލި ގަދަކަމުން އެތާނގައި ތިބި ބެލުންތެރިން އަހަންނަށް ވަކިވާވަރެއް ނުވިއެވެ. އެހެންނަމަވެސް މަދު ސިކުންތު ކޮޅަކަށް އަހަރެން ދަންނަ މޫނެއް ފެނުނު ހެން ހީވިއެވެ. އަހަންނަށް ކުޑަކޮށް ހުއްޓުން އަރަން އުޅުނެވެ
ތެންކިޔޫ ރާނިޔާ އެންޑު ޓީމް!" އެނައުންސަރުގެ އެއަޑަށް އަހަރެން ހަމަ ހޭވެރިކަން ވިއެވެ. ބެލުންތެރިންނަށް ކުރުނީސް ކޮށްލުމަށްފަހު ހުރިހާ ކުދިންނާއިއެކު ސްޓޭޖުން ފައިބަން ހިނގައިގަތީއެވެ.
ޔޭ!.. ވީ ޑިޑް އިޓް!"
އަހަރެން ފޭބުމުން ސޫޒަން އައިސް އަހަރެންގެ ގައިގަ ބައްދައިގަތެވެ. "ކޮންގުރެޓްސް!"
މީހަކު ފަހަތުން ބުނެލިހެން ހީވެގެން ބަލާލިއިރު ހުރީ ސަމީރުއެވެ.
"އޭ ސަމީރުވެސް އެބައުޅޭތަ؟"
"މިއޮއް ޚާއްސަ ރޭ މިސްކޮށެއް ނުލާނެއެންނު!" ސަމީރު ޖަވާބު ދިނެވެ.
އެވަގުތު އަހަރެންގެ މާޔޫސްކަމުގެ މަތިން ހަނދާނެއްނެތެވެ.
ލިބިފައިވަނީ އެއަށްވުރެ މާވަރުގަދަ އުފާވެރިކަމެކެވެ. އަހަރެންގެ އުއްމީދެއް، ހުވަފެނެއް ހަގީގަތަކަށް ވެގެން އައީތީ ޙަމްދު ކުރެވުނެވެ.
ކުއްލިއަކަށް އަހަރެން ލަތީފު މަތިން ހަނދާންވިއެވެ.
މިއަދު އޭނާ ހުރިނަމަ ބުނާނީ ކީކޭބާވައެވެ؟
އައި ލައިކު ޔޯރ ޑުރެސް!" ބޭރު މީހަކު އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ. އޭނާ ބޭނުންވީ އަހަރެންގެ ފޮޓޯ ނަގާށެވެ. އޭނާ އަށް އަހަރެން ޝުކުރު އަދާކުރަމުން ފޮޓޮއަކަށް ހުއްޓުނީމެވެ. އެއަށްފަހު ސޫޒަން އާއި މޮޑެލް ކުރި ހަތަރު ކުދިންނާއި އެކީގައި ފޮޓޯ ނެގީމެވެ.
ހިނގާބަލަ އިހަށް ކޮންމެވެސް އެއްޗެއް ބަނޑަށްލާން!" ކުއްލިއަކަށް އަހަންނަށް ބަނޑުހައިކަން އިހުސާސް ކުރެވުނެވެ. އެދުވަހު މެންދުރުވެސް ނުކައި ހުރިކަން ހަނދާންވިއެވެ. އެއާއިއެކު ތިއީ ވަރަށް ރަނގަޅު ޚިޔާލެކޭ ބުނަމުން ރިފްރެޝްމަންޓު ތައްޔާރު ކޮށްފައިވާ ތަނަށް އަހަރުމެން އެންމެން ދިޔައީއެވެ. އެތާނގައި އެކި ފާޑު ފާޑުގެ ކާއެއްޗެތި އަތުރާފައި ހުއްޓެވެ. އަހަރެން އެންމެ ކުރިން ބޭނުމީ ކޮފީއެއް ބޯށޭ ބުނެފައި ކޮފީ ހަދަން ދިޔައީއެވެ. އޭރުވެސް ސްޓޭޖު މަތިން ކޮންމެވެސް ގައުމެއްގެ ފެޝަންތައް ދައްކަމުން ގެންދާ އަޑު އިވިއިވި ހުއްޓެވެ
އަހަރެން ކޮފީ ތަށި ތުނބުގައި ޖެހުނުތަނާ "ޕުލީޒް ވެލްކަމް ދަ މޯލްޑިވިއަން ލެގެންޑަރީ ސިންގަރ އިޝާން!" އޭ އެނައުންސަރު ބުނިހެން އަހަންނަށް ހީވިއެވެ. އެއާއިއެކު އަހަންނަށް ނޭވާ ހިފަހައްޓާލެވުނެވެ. ދެން އިވުނީ އިޝާންގެ އަޑެވެ. ދިހަ އަހަރަށް ފަހު ސްޓޭޖަކަށް އަރަން ނިންމީ މިއީ ވަރަށް ޚާއްސަ ރެއެކަށްވާތީ ކަމުގައި އޭނާ އިނގިރޭސި ބަހުން ބުންޏެވެ. އޭނާ މިރޭ ކިޔައިދެނީ އޭނާގެ ގާތް އަޚެއް ކަމުގައިވާ ހުޒާމްގެ ލަވައެއް ކަމުގައި ބުންޏެވެ. އަދި ލަވަ މި ޚާއްސަ ކޮށްލަނީ އޭނާއަށް ވަރަށް ޚާއްސަ ފަރާތަކަށް ކަމުގައި ބުނަމުން "ހޯޕް ޔޫ އާރ ލިސްނިންގ' އޭވެސް ބުނެލިއެވެ. އެއާއިއެކު އަހަރެންގެ ހިތްތެޅިގަތެވެ.
އާނ އައައާ!" އެއަޑު އިވެންފެށުމުން ކޮފީ ތަށި ދޫކޮށްލާފައި ސްޓޭޖު ފެންނަ ހިސާބަށް ދާން ހިނގައިގަނެވުނެވެ. އަހަރެން ގޮސް ގޮނޑި ޖަހާފައިހުރި ހިސާބުގެ ފަހަތުގައި ކޮޅަށް ތިބި މީހުންތަކުތެރެއަށް ވަނީމެވެ. ސްޓޭޖް މެދުގައި ގިޓާ ހިފައިގެން އިޝާން ހުއްޓެވެ. ސްޓޭޖުގައިވާ އަލީގެ ތެރެއިން އޭނާ ލައިގެން ހުރި ހުދު ގަމީސް ވަރަށް ރީތިކޮށް ދުރަށް ފާޅުވާން ހުއްޓެވެ. އަރިމަތީގައިވާ ސްކްރީނުން ބޮޑުކޮށް ފެންނަންހުރީ އިޝާންއެވެ.
ޔާރާ އަހާށޭ، އާޝިޤު މަގޭތީ...." އެއަޑު އިވެންފެށުމުން އަހަންނަށް އަނގަމަތީ އަތްއެޅުނެވެ. އޭނާ އެލަވަ ކިޔައިދެނީ ކާކަށް ބާވައެވެ؟ އެބުނި ސަމްވަން ސްޕެޝަލް އަކީ އަހަންނަށް ވެދާނެ ހެއްޔެވެ؟ އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ.
އޭނާ އެލަވަ އެކިޔަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ލަވައެއް ނުކީ ކީއްވެ ބާވައެވެ؟ 'ހޯޕް ޔޫ އާ ލިސްނިންގ' އޭވެސް ލަވަ ފަށަމުން ބުނެލިއެވެ. އޭނާ އެ މުޚާތަބު ކުރީ އަހަންނާ ހެއްޔެވެ؟ އެހެންވިއްޔާ އަހަންނާއި ވާހަކަ ނުދައްކާ ދުރުދުރުން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތް ސުވާލު ތަކުން ފުރުނެވެ.
ލޯތްބަށް މިއެދެނީ ހިތްއެދި ގޮވާތީ.' އިޝާން ކިޔަމުން ދިޔައެވެ. އެ މޫނު ސްކްރީނުން ފެނުނު ހިނދު އަހަރެންގެ ހިތާއި ނަފްސު ކޮންޓުރޯލުން ނެއްޓެންދިޔައެވެ. ސްޓޭޖު ބުޑަށް ދާން ހިތް އެދެންފެށިއެވެ. ލަވަ ނިންމާފައި ފޭބުމުން އޭނާގެ ގައިގާ ބައްދާލަމާ ހޭ ކިޔާފައި އަހަރެންގެ ހިތް ވަސްވާސް ލައިދޭން ފެށިއެވެ. އެހިނދު އަހަރެން ބިރުގަތެވެ. އޭނާ އެ މުޚާތަބު ކުރަނީ އެހެންމީހަކަށް ކަމުގައި ވެއްޖިއްޔާ ޔޯއޭ އަހަރެންގެ ސިކުނޑި އަހާލީއެވެ. އެޔާއިއެކު އަވަސް އަވަހަށް އެތަނުން ދުރަށް ދާން ހިނގައިގަތީމެވެ.
ހިނގަމުންގޮސް އަތިރިމައްޗަށް ނުކުމެވުނެވެ. ރެއަކީ ފަޅި ހަނދެއްގެ ހަނދުވަރުގެ އަލިން މުޅި ޖައްވަށް ހިތްގައިމު އަލިކަމެއް ގެނުވާފައިވާ ރެއެކެވެ. ގޮނޑުދޮށަށް ފޭބިވަގުތު ރާސްލާފައި ފައިކައިރިން އެއްޗެތި ތަކެއް ދުއްވައިގަތް އަޑު އިވުމުން އަހަރެން ސިހުނެވެ. މުޅިއެހިސާބުގައި އޮތީ ހުސް ކަކުންޏެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ކަކުނިތައް ފިލަން ދުއްވައިގަނެއެވެ. އަހަރެން އަރައިގެން ހުރި ފައިވާން ބާލާފައި އަތަށް ލައިގެން ހިނގައިގަތީ، އިވެމުން ދިޔަލަވައިގެ އަޑު ނީވޭ ހިސާބަކަށް ދިޔުމުގެ މަގްސަދުގައެވެ. ތަންކޮޅަކަށް ހިނގާލެވުމުން ގޮނޑުދޮށުގައި ގަސްތައް ހެދިފައިވާ ހިސާބަށް ދެވުނެވެ. އެހިސާބުގައި ވަނީ ހަނދުވަރުގެ ހިތްގައިމު އައްޔެވެ. ރަށުތެރޭގައި ދިއްލާފައިވާ އަލިގަދަ ބޮކިތައް ވަނީ ރުއްގަސްތަކުން ފަރުދާވެފައެވެ. ކަނޑު މެދުގައި ބަހައްޓާފައިވާ މިނާފަތި ތަކެއްހެން ދުރުން ރަށްތަކުގެ އަލި ފެންނަން ހުއްޓެވެ. ހަނދުވަރުގެ ރަންދޯދިތައް އެޅިފައި ދިމާލަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނެވެ.
އުޑުމަތީގައި ތަންތަން ކޮޅުގައި ބައިބަޔަށް ވިލާތައް ހުއްޓިފައި ހުއްޓާ ފެނުނެވެ. އެވިލާތައް އެއްވެގެން އެކުރަނީ ކޮން ސައްލާއެއް ބާވައެވެ؟. ވިލާތަކުގެ ފަރުދާ ކަހާލައިގެން އަހަންނާއި ދިމާލަށް ސިއްރުސިއްރުން ބަލަން އެތިބަ ތަރިތައް ހިނިތުންވެލާހެން އަހަންނަށް ހީވަނީ ކީއްވެގެން ހެއްޔެވެ؟ އިޝާން އެ ލަވަ ކިޔައިދެނީ އަހަންނަށޭ ހަނދާއި ތަރިތައްވެސް ބުނާހެން އަހަންނަށް ހީވާންފެށިއެވެ
އަހަރެން ކަނުލާ އަޑު އަހާލީމެވެ. ގޮނޑުދޮށަށް ބީހިލާ މަޑުމައިތިރި ރާޅާއި ލުއިލުއި ރޯޅީގެ އެހީގައި ވަރަށް ކަންނެތްގޮތަކަށް އެ ހެލިލާ ފަންތަކުގެ އަޑުގެ ތެރެއިން ފުރޭނިގެން ބެރެއްގެ އަޑު އިވެންމުންދެއެވެ. އޭނާ ލަވަ ނިންމާލާފައި އަހަރެން ހޯދާނެ ބާވައެވެ. އެހެންހިތަށް އެރުމާއިއެކު އަހަރެން އެނބުރި ދާން ބޭނުންވިއެވެ. ނޫނެކެވެ. އޭނާ އަންނާނެއެވެ. އަހަރެން ހޯދަން އަންނާނެއެވެ. އެވަގުތު އަހަރެންގެ ހިތް ސިއްރުސިއްރުން ބުނެދިނެވެ.
-ނުނިމޭ-
(0) ކޮމެންޓް
ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!